ތަފާތު ލޯތްބެއް (32)

"ތޭންކްސް ކެމް ސިސް. ލަވް ޔޫ...." މާކަސްގެ އެ ޖުމްލައިން ސިހިފައި ކެމީލާއަށް އިދެވުނެވެ. މައުސޫމްކަމާ އެކު ހެޔޮ ނިޔަތެއްގައި ކުރި ކަމެއް މާކަސް އެގޮތަށް ބަލައިގެން ލޯބިވާ ވާހަކަ ބުނެގެން ނުވާނެ އެވެ. ފިރިހެނުންގެ ފާޑެވެ. ތިމާގެ ހަލާލު ފިރިމީހާ ހުއްޓާ އެއްވެސް ނިޔަތެއްގައި އެއްވެސް ފިރިހެނަކާއި ވާހަކަ ދެއްކުން ހެޔޮނުވާނެ އެވެ. އެއީ ދީނީ ކަމެއްގައި ވިނަމަވެސް ހެވެވެ. މާކަސްގެ ނިޔަތް ނުބައިވިޔަސް ހެޔޮ ވިޔަސް ހިލޭ އަންހެންކުއްޖަކަށް ލޯބިވެއޭ ބުނެވިގެން ނުވާނެ އެވެ. އެކަމާ މެދު ވިސްނާފައި އެންމެފަހުން ނިންމީ އޭނަ އެފަދަ މެސެޖެއް ފޮނުވަންޏާ ނާޔަލްގެ ފޯނުން ފޮނުވުމަށެވެ. އެހެންނޫނަސް މާކަސް އޭނައަށް ފޮނުވި މެސެޖް ފެނިއްޖެއްޔާ ނަތާލީ ހަސަދައިން ރޯވެގެން އޭނަގެ ދިރިއުޅުމަށް ދެން ކުރިމަތިކުރުވާނެ އުދަގުލެއް އެނގެނީއެއް ނޫނެވެ.

އިރުއޮއްސުމާ އެކު ކެމީލާ ޖޫލް ގޮވައިގެން ނަމާދުކުރާ ބަޔަށް ގޮސް ދޮޅި ލައްވާދިނެވެ. ސޯފިއާވެސް ޖަމާއަތުގައި ނަމާދުކުރަން އެބަޔަށް އައުމުން ކެމީލާ އިމާމުވެގެން މަޣުރިބު ނަމާދުކޮށްލި އެވެ. ގުރުއާން ކިޔަވަން އިރުކޮޅެއްވާންދެން އިންއިރު ސޯފިއާ ދީނީ ފޮތެއްނަގައިގެން ބަލައިލަން އިނީ ޝައުގުވެރިކަމާއިއެކުގަ އެވެ. ކެމީލާ ޖޫލްއަށް އަކުރުތައް އުގަންނާދީ ދުޢާތައް ކޮންމެވެސް ވަރަކަށް ދަސްކޮށްދިނެވެ. ޖޫލް ބުރުގާ އަޅަން ވެސް އެހާ ބޭނުންވެ އެވެ. ކުޑަކުދިންނަށް ފެންނާނީ ބޮޑެތިމީހުން އުޅޭގޮތެވެ. މާހައުލުގައި އެމީހުން އުޅޭގޮތް ޅަ ސިކުނޑިތަކަށް ވަންނާނެ އެވެ. ކިތަންމެ ގިނައިން ނަމާދުކުރުވާފައި ގުރުއާން ކިޔަވާދިނަސް އެހެންމީހުން ޓީވީ ބަލާ ލަވަ ޖަހަންޏާ އެކުދިންގެ ގައިގާ ނުބައި އާދަތައް ހަރުލާނެއެވެ. މިގޭތެރެއިން ޖޫލްއަށް ފެންނަނީ ރަގަޅުކަންތަކެވެ. ޓީވީއިން އިވޭނީ ގުރުއާނެވެ. ކެމީލާގެ ފޯނުން ވެސް އިވޭނީ ގުރުއާނާއި މަދަހައެވެ. ޖޫލް އެންމެ އަޑުއަހާ ހިތްވާ މަދަހައަކީ "މައުލާ ޔަ ސައްލި ވަސައްލަމް"އެވެ. އެމަދަހަ ވީޑިއޯތައް ޖައްސައިގެން އަޑުއަހާ އެ މަދަހަ ކިޔަން ދަސްކުރިއެވެ. ކުޑަ ކުއްޖަކަށްވިޔަސް ތޫނުފިލި ބަސްއަހާ ކުއްޖެކެވެ. އިޝާކޮށްގެން ނިދަން އެނދަށް އަރުވާފައި ކެމީލާ ކިޔައިދެނީ އިބުރަތްތެރި ކުޑަކުދިންގެ ވާހަކަތަކެވެ. ދުއާތަކެވެ. މޫތަސިމް އަލް ހަމީދީގެ ފުރުގާން ސޫރަތް އަޑުއަހައިގެން އޮވެ ނިދަން ޖޫލް އާދަކުރި އެވެ.

މެންދުރު ކައިގެން ޖޫލް ނިންދަވާލާފައި ކެމީލާ އިސްތަށިގަނޑު ވޫލްކޮޅަކުން އައްސާލައިފި އެވެ. ގެތެރޭގައި ޝޯލް އަޅައިގެން އުޅޭކަށް ކެމީލާ މިހާރު އެވަރުން ނޫޅެ އެވެ. ސްކިނީއަކާ އެކު އަތްދިގު އައިސްބްލޫ ސްވެޓަރުފޮތީގެ ހެދުމެއްލި އެވެ. ސިޓިން ރޫމަށް ނުކުތްއިރު ވެސް ފުރުގާން ސޫރަތުގެ ހިތްގައިމު އަޑު މަޑުމަޑުން ގޭތެރޭގައި ހިފާލާފައިވި އެވެ. ނާޔަލް އޮތީ ސޯފާއެއްގައި އޮށޯވެލައިގެން ދެލޯ މަރާލައިގެންނެވެ. އިރުކޮޅެއްވާންދެން އެމޫނަށް ބަލަން ކެމީލާއަށް އިނދެވުނެވެ. ކުރިން ނާޔަލްއަށް ބަދު ދުޢާތައް ކުރެވި މަރުވުމަށް އެދުނު ދުވަސްތައް ހަނދާންވެ ދެރަވިއެވެ. ނާޔަލްގެ ކުރެހުންތައް ހަލާކުކޮށް އެހާ ބޮޑު ގެއްލުމެއް ދިނުމުން ނާޔަލްގެ ފަރާތުން ބަދަލު ހިފަން އެއްވެސް ކަމެއް ނުކުރި ހަދާންވެސްވި އެވެ. ނާޔަލްގެ ސީރިޔަސް ހަރުކަށިކަމުގެ ތެރެއިން އެހިތް ކަފަކޮޅެއްހާ މަޑުކަން އޭނައަށް ވަނީ އެނގިފަ އެވެ. ނާޔަލް ލައިގެން ހުރި މަޑު ވައިލެޓާއި ކަޅުކުލައިގެ ޓީޝާޓުގެ މަތިން ފެންނަން އޮތް ރިހިފަށަށް ކެމީލާގެ ނަޒަރު ހުއްޓުނެވެ.

"ހާދަ ވަރަކަށް ތިބަލަނީ؟" އެއޮތްގޮތަށް އޮވެ ހިތްގައިމު ނަޒަރަކުން ބަލައިލަމުން ނާޔަލް ހީލި އެވެ.

"ފިރިހެންކުދިން ރިހި އަނގޮޓިއެއްގެ އިތުރުން އެހެން ގަހަނާއެއް ބޭނުންކުރުން ހަރާމެއް ނު......" ކެމީލާ އޭނަ ވިސްނަން އިނީ އެކަމާއިކަމަށް އަންގަން އަވަހަށް ބުނެލި އެވެ.

"އޯ.....ވީމަ މިފަށް ކެމް އަޅާ......." ނާޔަލް ތެދުވެގެން އައިސް ކެމީލާގެ ކައިރީ އިށީދެ އޭނަގެ ކަރުގައި އޮތް ފަށް ނެގި އެވެ.

"ނޫނޭ ކޮންމެހެން ތިޔަ ބޭނުންވެގެނެއް ބުނި އެއްޗެއް ނޫން. އެކަމާ ބެހޭގޮތުން ދީނުގެ ހުކުމް ދައްކަންތަ؟ "ކެމީލާ ގޫގުލް ކުރަން ފެށުމުން ނާޔަލް ބުނީ އޭނަ ކެމީލާގެ ވާހަކައަށް އިތުބާރުކުރާކަމުގަ އެވެ. އޭނަގެ ހުރިހާ އެއްޗެއްގެ މިލްކުވެރިޔަކީ ކެމިލާކަމުގައި ބުނެލަމުން ކެމީލާގެ ކަނދުރާގައި އެފަށް އަޅުވާދިނެވެ. އޭނައަކީ ވެސް އޭނަގެ ހުރިހާ ތަކެއްޗަކީ ވެސް ކެމީލާގެ ކަމުގައި ބުނުމުން ތަފާތު އިހުސާސެއްކުރެވުނެވެ. ނާޔަލްގެ އެ ލޯބި ގަބޫލުކުރަން ފަސްޖެހުނަސް ނާޔަލް އޭނަދެކެ ލޯބިވާވަރު އެއިން ކޮންމެފަހަރަކު ގަބޫލުކުރެވެ އެވެ. ހަމައެކަނި އެއިޝްގީ ނަޒަރު ވެސް އެކަން ސާބިތުކޮށްދެ އެވެ.

"ބިއުޓިފުލް...." ނާޔަލް ކެމީލާގެ ކަންފަތް ކައިރީ މަޑުމަޑުން ބުނެލިގޮތުން ކަންފަތަށް ހީލިކެރުވި އެވެ. ނާޔަލް އެކަހަލަ ކުދި ގޯނާތައް ނިކަން ކުރާނެ އެވެ. އިނގިލީގައި ނޫނީ ކަންފަތް ކަހަލަ ތަނެއްގައި ދަތް އަޅާލަފާނެ އެވެ. ތަދުވާގޮތަކަށް ނޫނެވެ. ނޫނީ ނޭފަތުގައި ކޮލުގައި ނޫނީ ބަނޑު ކަހަލަތަނެއްގައި ހިފާލަފާނެ އެވެ. ނާޔަލްއަށް އޭނައާއި ކައިރީގައި ހުރެވިއްޖެއްޔާ އެއްފަހަރު ވެސް އަތް ދުރަށް ލައިގެން ނުހުރެވެ އެވެ. ނާޔަލް ތެދުވުނީ މީހަކު ބެލް އަޅާލުމުންނެވެ. ހުޅުވައިލި ދޮރުން އެތެރެއަށް ވަނީ ނޯޔާ އެވެ. ނޯޔާ ހުރީ ރޮއިރޮއި ދެލޯ ދުޅަވެފަ އެވެ. ނޭފަތާއި އެއްކޮށް ރަތް އަރާފަ އެވެ.

"ހިތަށް އެރި ސުއިސައިޑްކުރާނީއޭ...." ނޯޔާ ސޯފާއަށް ވެއްޓިގަތެވެ. ޓިޝޫއަކުން ނޭފަތް ފޮޅައިލި އެވެ.

"ހަމަޖެހިބަލަ. ސްވީޓްހާޓް ވަޓްސްރޯންގް. ދޮންބެ ކައިރީ ބުނެބަލަ. ވަޓް އިޒް އިޓް؟" ނާޔަލް ނޯޔާ ގާތު އިށީނެވެ.

"މަންމައާއި މާކަސް ހަވާއީގައި. މަންމަ އިންސްޓަގްރާމްގައި ދެމީހުންގެ ފޮޓޯތައް...." ނޯޔާ ތުން ފިތައިލި އެވެ. ލޮލުން ކަރުނަތައް އޮހެންފެށި އެވެ.

"ލިސެން ނޯ...އެއީ މަންމަގެ ދިރިއުޅުން. މަންމަ ބޭނުމީ އެގޮތް ކަމަށް ވާނަމަ އެކަންތަކާއި ބެހުމުގެ ހައްގެއް އަހަންނަށް އަދި ނާއީ ނޫނީ ނޯއަކަށް ވެސް ނޯންނާނެ. މަންމަގެ އުފާވެރިކަން ނޯ ބޭނުމެއްނުވޭތަ؟ އިޓްސް ހާ ލައިފް. މަންމަ ވެސް އުފަލުގައި އުޅުނަދޭންވީ. މާކަސް މަންމައާއި ގުޅިގެން އުޅެން ބޭނުމިއްޔާ އެކަމާއި އަހަރެމެން ކަންބޮޑުވާނެ ކަމެއްނެތް ދޯ ޕަމްޕްކިން. ދޮންބެއަށް ވެސް އެނގޭ. މަންމައާއި މާކަސްގެ އޭޖް ގެޕް ބޮޑު. މަންމައަކާއި ދަރިއެއްފަދަ ދެމީހުން. އެކަމަކު އެކަމާއި ވިސްނާ ބޯ ގޮއްވިޔަސް މަންމަ ކުރާކަމެއް ހުއްޓައެއްނުލާނެ......." ނާޔަލް ވިސްނައިދޭން މަސައްކަތްކުރި އެވެ.

"މަންމަ އުފަލުން އުޅުނަސް އޯކޭ. މާކަސްއާއި ރައްޓެހިވިޔަސް އެންމެ ރަގަޅު. އެއީ ނޫން އަޕްސެޓް ވާކަމަކީ. ދެރަވަނީ ބައްޕަގެ ހިތާމަތައް ދެކެން ކުޅަދާނަނުވާތީ. މަންމަ ބިޓްރޭއި ކުރީމަ. މަންމައަށް ބައްޕަ ވެދިން އިހުސާންތެރިކަމަކީ ކޮބާކަން ނޭގުނަސް އެކަން މަންމަ ހަދާންނައްތާލާފައި އިންސްޓަގްރާމަށް އެ ފޮޓޯތައް ލީމަ ވަރަށް އުދަގޫވޭ. ދެރަވޭ. މަންމަ އެހެން އުޅެފާ އަދި ހިތާމަކުރާނެ. މާކަސް ގެ ބިޓުން ތިބޭކަން އަހަންނަށް އެނގޭ. މާކަސް އަކީ ރަގަޅު މީހެއްނޫން.............." ނޯޔާ ގަދަޔަށް ރޯންފެށި އެވެ. ކެމީލާ ހަނދާންވީ ކުރީ ދުވަހެއްގައި ވެސް ނޯޔާ އޭނަގެ ބޭބެ ކައިރީ ހިތް ބަންޑުންކޮށްލިގޮތެވެ. ނޯޔާ މަންމައެކެ އެއްފަދައިން ބައްޕަދެކެ އެހާ ލޯބިވެ އެވެ. މައިންބަފައިން ވަކިވުމުން އޭގެ އަސަރުކުރާނީ ހަމައެކަނި ޅަ ދަރިންނަކަށް ނޫނެވެ. ބޮޑެތި ކުދިންނަށް ވެސް ނަފްސާނީ މައްސަލަތައް ޖެހުމުގެ އަސްލަކަށް އެކަން ވެދެ އެވެ. ނޯޔާއަށްވެގެން އުޅެނީ އެގޮތެވެ. އޭނަ ބޭނުމީ މަންމައާއި ބައްޕަ އެކީގައި ދިރިއުޅުމެވެ.

ނާޔަލް އެކިގޮތްގޮތަށް ވާހަކަދައްކައިގެން ނޯޔާ ރުއިން ހުއްޓުވި އެވެ. އޭނަ ގެއަށް ވަދެފައި އައީ އައިސްކްރީމް ދެ ބޯތަށި ހިފައިގެންނެވެ. ދެކުދިންގެ އަތަށް އައިސްކްރީމް ދީފައި ނާޔަލް ފޯނެއްގައި ހުރެ ނުކުތީ ބޭރަށެވެ.

ނޯޔާއާއި ކެމީލާ އެކަނިވުމުން ނޯޔާ ކޮންމެވެސް ވަރަކަށް މާކަސްއާއި ލީސާގެ ވާހަކަތައް ކިޔައިދިނެވެ. އެދެމީހުން ރައްޓެހިވެގެން އުޅޭކަން އޭނައަށް ޔަގީނެވެ. މާކަސްގެ ސިއްރުތައް ހުންނަކަން އޭނަ ދަނެއެވެ. ބައެއްފަހަރު ކައިޒާންއަށް ވަފާތެރި މީހެއްބާވައޭ ވެސް ހިތަށް އަރައެވެ. ކޮންމެވެސް ކަންތައް ގަނޑެއް ހުންނަކަން ނޯޔާއަށް އެނގެއެވެ. ނޯޔާ ބުނީ ދޮންބެއާއި އެއްއުމުރެއްގެ މީހަކު ދޮންބައްޕައަކަށް ހުރުމުން ވަރަށް ބޮޑު ޖޯކެއް ކަމުގައެވެ. ދޮންބެ ހަމަޖެހިގެން ހުންނަކަމަށް ދެއްކިޔަސް އެކަން ބަލައިގަންނާކަށް ފަސޭހައެއް ނުވާނެއެވެ.

"ސީރިއަސްކޮށް އަހަރެން ހިތަށް އަރާ މަރުވެދާނަމޭ. އޭރުން މަންމައަށް އެއްޗެއް ވިސްނޭނެއްނު....." ނޯޔާ ސަމުސަލުން އައިސްކްރީމް އެތިކޮޅެއް ކާލިއެވެ.

"ތިއީ ވަރަށް ނުބައި ވިސްނުމެއް ނަންނި. ފުރާނައަކީ މާތް ﷲގެ ހައްގަކަށް ވާ ހިނދު އެހައްގަށް އަރައިގަތުމަކީ ކޮންފަދަ ބޮޑު ފާފައެއްކަމާއިމެދު ނަންނި އެންމެ ފަހަރަކުވެސް ވިސްނާލިންތަ؟ އަމިއްލައަށް މަރުވީމަ މަންމަ އެކަމާއި ރިގްރެޓްކޮށް ރޮއިފަ އެހިސާބުން އެނިމުނީ. ދުވަސްކޮޅަކުން އެންމެން ނަންނި މަތިން ހަދާންނެތި ދިރިއުޅުން ކުރިއަށްގެންދާނެ. އެކަމަކު ނަންނިއަށްވާނީ ކިހިނެއްތަ؟ ނަންނިގެ ކްރިއޭޓާއާއި ބައްދަލުކުރަން ނަންނި ބޭނުންވަނީ އެފަދަ ގޮތަކަށްތަ. ކަނޑައެޅިގެން ބޮޑު ފާފައެއްކުރާއިރު ތައުބާވާނެ ވަގުތެއް ވެސް ނުވާނެ. މަރުވީމަ އެހިސާބުން އަހަރެމެންގެ ލައިފް އެންޑްވާ ނަމަ އެކަހަލަ މަގެއް ޚިޔާކުރުން އޯކެ ނަމަވެސް އެހިސާބުން އަދި އަސްލު ލައިފް ފެށެނީ ދޯ. ޕާމަނެންޓް ހޯމްއަށް އެދެވެނީ މަރުވީމަ. މި ލައިފް އިޒް ޝޯޓް. އަހަރެމެން ދުނިޔެއަށް ފޮނުއްވީ ދުނިޔޭގެ ކަންތައްތަކާއި ހިތާމަކޮށް ދުވަސްތައް ބެކާރުކޮށް އައިޑްލް ކޮށް ހޭދަކުރާކަށް ނޫނެއްނު ނަންނި. އަޅުކަން ކުރަން. ޕްލީޒް ނަންނި. ޓްރަސްޓްމީ. ނަންނި ޗޭންޖުވީމަ ނަންނި ސްޕިރިޗުއަލީ ކަނެކްޓްވީމަ ތިހުރިހާ މޮޅިވެރިކަމެއް ފިލާފާނެ. ގިނައިން ނަމާދުކޮށް ދުޢާކުރީމަ ސްޓްރެސްފިލާނެ. ގިނައިން ދުޢާކުރީމަ ހިތްހަމަޖެހުން ލިބޭނެ. ނަންނި. ޓްރައި ޓު ބީ ކްލޯޒް ޓު ގޯޑް. އޭރުން ނަންނިއަށް އިހުސާސްކުރެވެނީ ރޫހާނީ ހިތްހަމަޖެހުމަކީ ކޮބާކަން. އަހަންނަށް އެ އުފާވެރިކަން އެންމެ ލިބެނީ ރަމަޟާންމަހު އަދި ހައްޖު ދުވަސްފަދަ ދުވަހު. ސަބަބަކީ ގިނަގިނައިން އަޅުކަންކޮށް ފާފަ ފުއްސެވުން އެދޭތީ......." ކެމީލާ ފުރަތަމަ ފަހަރަށް އެހާ ފާޅުކަން ބޮޑު ގޮތެއްގައި އޭނަގެ އެކުވެރިޔާއާއި ދީނީ ވާހަކަތައް ދެއްކި އެވެ.

ނޯޔާއަށް އެ ވާހަކަތަކުން އަސަރުކުރިއެވެ. އަމިއްލައަށް މަރުވާން ހިތަށްއެރީތީ ބިރުގަތެވެ.

"ނަންނި. ހިތަށް އަރާފާނެ ޕާޓީކޮށް ބޯއިސްއާ އެކު އުޅެ ރާ ބޮއި އެކީ ސްލީޕްކޮށް ހުރިހާ ފާފަތަކަށް އަރާ ސަކަރާތްޖެހީމައޭ އުފަލަކީ. އެކަމަކު އެކަމުން ލިބޭނެ ގެއްލުމާއި ނުރައްކާތައް ގިނަ. އަބަދު ނަމާދުކޮށް ގުރުއާން ކިޔެވީމަ ދިރިއުޅުން ހާދަ ފޫހިވާނެއޭ ނަންނި ހިތަށް އަރާފާނެ. ނަމަވެސް އަހަންނަށް އެންމެ އުފާލިބެނީ އަޅުކަން ކުރާއިރު. އެންމެ ބޮޑެތި ހިތާމަތައްވެސް ނަމާދުކުރާއިރު ހަނދާންނެތޭ. އެއީ ހެޕިނެސްއަކީ. އަހަރެން ޕާފެކްޓްއޭ ބުނަނީއެއް ނޫން ނަންނި. އައި ހޭވް ފްލޯސް. ނަންނިއަށް އެންމެ ރަގަޅަށް އެނގޭނީ. އަހަރެން ލޯބިވީ އެހެންމީހެއްދެކެ. މަޖުބޫރުވެގެން މެރީކުރީ އެހެން މީހަކާ. އެކަމަކު އަމިއްލަ ނަފުސަށް ވިސްނައިދެމުންގޮސް އަދި ކިރިޔާ ގަބޫލުކުރެވުނީ އަހަންނަށް ދުޢާކުރެވުނީ އެކަމަށް ދުޢާކުރަންވީ ގޮތަށް ނޫންކަން. މިހާރު ބޭނުންވަނީ ނާޔަލްއާއި ވަކިވުން ނޫނީ އެކީ ރަގަޅަށް އުޅުން. އެކީ އުޅެންޏާ ފިރިމީހާގެ ވާޖިބު ފުރިހަމައަށް އަދާކުރަންޖެހޭނެ. ނޫނީ ދެންޖެހޭނީ ވަކިވާން.........."

"ނަންނި އަށް އަހަރެން ފޮނުވާނަން ވީޑިއޯތައް. ލެކްޗަރުތަކާއި ގުރުއާންގެ ތަފްސީރު ބަލަންފަށާ. ލަވަ އަހަން ވެއްޖެއްޔާ މަދަހައެއް އަޑުއަހާ. ނޫނީ ގުރުއާންގެ ހުންނާނެ އެކި ގާރީން އަސަރުގަދަކޮށް ކިޔަވާފައި ހުންނަ ގުރުއާން. އަޑުއަހާ ފޫއްސެއްނުވާނެ. ނަމާދުގެ ވަގުތަށް ބަލަ ބަލާ ނަމާދު ގަޑިން ކުރާމީހުންނަކީ ނަމާދު ގާއިމުކުރާ މީހުން. އެފަދަ މީހުންނަށް މާތް ﷲ ތައުރީފުގެ ބަސްވަހީ ކުރައްވާފައިވޭ. ނަންނިވެސް ގަޑިން ނަމާދުކޮށް އަޅުކަން ކުރަން ފަށައިފިއްޔާ ހިތްހަމަޖެހުމާއި އުފާވެރިކަން ލިބޭނެ. ހެދުން އަޅަންވީގޮތް ވެސް ގުރުއާނުގައިވޭ. ނަންނި ކިހާ ކުރު ހެދުންތައް ލައި އުޅެނީ. ފްރެންޑެއްގެ ގޮތުގައި ދުވަހަކު ނުބުނަން ހެދުން ބަދަލުކުރާށޭ. އެކަމަކު އޭޒް އެ ސިސް އިން ލޯ މިހާރު ބުނެދޭން ބޭނުން. ހިތަށް އަރާ ނަންނި ބުރުގާ އަޅާނެނަމައެ......" ކެމީލާ ވާހަކަދައްކާ ނިމުމުން ނޯޔާ ހީލަމުން ކެމީލާގެ ގައިގާ ބައްދާލިއިރު ދެލޯ ކަރުނުން ފުރިއްޖެ އެވެ.

"ޔޫ އާ ދަ ބެސްޓް ސިސް އިން ލޯ. އެކަމަކު ދޮންބެއާއި ވަކިނުވައްޗޭ. އައި ބެގް ޔޫ. ދޮންބެ ދެރަނުކުރައްޗޭ ހީ ލަވްސް ޔޫ އެލޮޓް....އަހަރެން ރަގަޅުކުއްޖަކަށްވާން މަސައްކަތްކުރާނަން. ކައްމި ފޮނުވާހާ ވީޑިއޯތައް ބަލާނަން. ވަގުތުން ނަމާދުވެސް ކުރާނަން....." ނޯޔާ ޔަގީންކަން ދިނެވެ.

އެވާހަކަތައް އަހަން ދޮރުކައިރީ ލެނގިލައިގެން ހުރި ނާޔަލްގެ ލޯ ވެސް ފެންކަޅިވި އެވެ. ގައިން ހީބިހި ހަލުވާފަދަ ވާހަކަކޮޅެކެވެ. ކެމީލާ އެހާ ޅައިރުވެސް ހާދަ ވިސްނެއޭ ހިތަށް އެރިއެވެ. ޔަގީނުންވެސް ނޯޔާއަށް އެވާހަކައިން ކޮންމެވެސް އަސަރެއްކުރުވާނެ އެވެ. އޭނަގެ ހިތަށްވެސް އަސަރުކޮށްފި އެވެ. ކެމީލާ އަމިއްލައަށް ގަބޫލުކުރަނީ އެހާ ފުރިހަމަ ނޫންކަމުގަ އެވެ. ނަމަވެސް މި ޒަމާނުގައި އެހާވަރުވަންޏާ ވެސް ބުނެވޭނީ ރަނގަޅު ކުއްޖެއްކަމުގަ އެވެ. މިފަދަ ވިޔާނުދާ މުޖުތަމައުގައި އެފަދަ ކުދިން ތިބޭކަމީ ރަހުމަތެކެވެ. ނާޔަލް ދެލޯ މަރާ ބާރުކޮށްލިއެވެ.

ނާޔަލް ދިން ލެވެންޑާކުލައިގެ ޕާރުސަލް އޭނަ ކެނޑީ އެ ދިންތާ އެތައް ދުވަހެއްފަހުންނެވެ. ކްލޯޒެޓަށް އެއްލައިލިގޮތަށް އޭގައި އޮތީ ކޯންޗެއްތޯ ބަލާލާކަށްވެސް އޭނަ ކުރިން ބޭނުމެއްނުވި އެވެ. ނަމަވެސް މިހާރު ޝައުގުވެރިވެއްޖެ އެވެ. ކްލޯޒެޓް ތެރޭގައި ހުރި މަޑު ގޮދަޑިޖަހާފައި ހުރި ތިރި ގޮނޑިމަތީގައި އިށީދެފައި އެ ޕާރުސަލް ހުޅުވާލުމާ އެކު ލޯ ތަރަތަރަޖަހައިގެން ދިޔަ އެވެ. އެ ފޮށި ފުރެންދެން ހުރީ ވިދާ ޖަވާހިރު އަނގޮޓިތަކެވެ. އެކި ޑިޒައިންތަކަށެވެ. ކަނޑު ނީލަމް ޔާގޫތު ޖަވާހިރު އެމެރަލްޑް މުތީފަދަ އެތައް އަގުބޮޑު ސްޓޯންތަކުން ރީތި ޑިޒައިންތަކަށް ހަދާފައިވާ އަނގޮޓިތަކެވެ. ކޮންމެ އަންހެންކުއްޖަކު އެންމެ އެދޭނެ ފަދަ އެއް ހަދިޔާ އެވެ. އޭނަގެ އިނގިލިތަކަށް އެހާ ހެޔޮވަރުކޮށް ނާޔަލް އެ އަނގޮޓިތައް ހެއްދީ ކިހިނެއްކަމެއް ވެސް ނޭގެ އެވެ. އޭނަގެ އިނިގިލިތަކާއި އެ އަނގޮޓިތައް ނިކަން ގުޅެއެވެ. އުނގަށް ލައިގެން މިއިދެވުނީ ކިހާ އަގުބޮޑު އެއްޗެއްކަން ވިސްނުމާ އެކު ކެމީލާގެ ހިތްވެސް ބާރުބާރަށް ތެޅިގަތެވެ.

"ނާޔަލް ކީއްވެ މިހެން ހަދަނީ؟ ގިފްޓްތަކުން ވެސް ލޯތްބެއް ނުގަނެވޭނެ. އަހަންނަށް އެނގޭ ނާޔަލްގެ މުއްސަދިވަރު. އެތައް ގެތަކާއި އަގުބޮޑު ކާރުތަކާއި އެތައް ކުންފުނިތައް ހުރިކަން އެނގޭ. އެކަމަކު އަހަރެންގެ ހިތަކީ މީހެއްގެ އެއްޗެއް..." ކެމީލާ އެ އަނގޮޓިތައް ހުރި ފޮށި ލައްޕާލާފައި ހުރިތަނުގައި ބެހެއްޓިއެވެ. ނާޔަލްގެ ހިތާމަވެރި ހިނިތުންވުން ހިތަށް ސިފަވިއެވެ. ނާޔަލް ދެރަކޮށްލަން ހެޔޮނުވާނެއެވެ. މީހަކާއި އިނދެގެން ހުރެ އެހެން މީހެއްގެ ޚިޔާލު ކުރަންޏާ ފާފަވެރިވާނެކަން ނޭގެ އެވެ. ޔަގީނުން ވެސް މިއީ ރަނގަޅުކަމެއް ކަމަށް އޭނަ ގަބޫލެއްނުކުރެ އެވެ. އަމިއްލައަށް ކުށްވެރި އިހުސާސްތައް ކުރެވެނީ އެހެންވެ އެވެ.

ކެމީލާ ރީތިވާ މޭޒުމަތީ ހުރި ދަބަސް ހުޅުވާލާފައި ބޭސްކާޑް ނެގި އެވެ. ފެންތަށްޓަކާ އެކު އެ ގުޅަ ދިރުވައިލި އެވެ. މޭޒުމަތީ އޮތް ކާޑު ނަގަން އަތް ދިއްކޮށްލިތަނާ ނާޔަލް އެ އަތުގައި ހިފަހައްޓައިލި އެވެ. ނާޔަލް އެބޭސްކާޑަށް ބަލައިލުމާ އެކު މޫނަށް ވެރިވި ކުލަތައް ކިޔަން ނޭގުނަސް ހިތްހަމަނުޖެހުނުކަން ކެމިލާއަށް އެނގުނެވެ. ނާޔަލްގެ އަތުގެ ތެރޭ ހައްޔަރުވެފައި އޮތް އަތް މިނިވަންކުރާކަށް އޭނަ ނޫޅުނެވެ.

"ނާޔަލް މަންމަ........"

"އެނގޭތަ؟ އަހަރެމެންނަށް ނޭގުނަސް މަންމަމެންނަށް އެނގެނީކަން ނޭގޭ އަހަރެމެން ދެމީހުންގެ ކުއްޖެއް ހުރިއްޔާ އެކުއްޖަކަށް ބައްޕައެއްގެ ލޯބި ނުލިބޭނެއޭ. އެގޮތަށް މަންމަމެންނަށް ފަހުން ވާން ހުރިކަންތައް އެނގޭ އެނގުމަށް ކިޔަނީ އިލްހާމްވުން ތަ؟ " ނާޔަލް ހީލީ ހިތާމަވެރިކޮށެވެ. ނާޔަލްގެ ޖުމްލައިގާ އެވީ މާނައެއް ކެމިލާއަކަށް ނޭގުނެވެ. ކެމީލާ ހީކުރީ އެދެމީހުން ވަރިވީމަ އެކުއްޖަކަށް ލޯބި ނުލިބިދާނެތީ ބުނި އެއްޗެއްކަމަށެވެ. ނާޔަލް ކެންސަރު ޖެހިފައިކަން އެނގޭނަމަ އޭނައަށް ޝޮކެއް ލިބުނީހެވެ. ނާޔަލް މިދައްކަނީ ވަކިވުމުގެ ވާހަކަކަން އެނގުނުނަމަ އެވެ.

ކެމީލާ އާއެކޭ ބުނުމުގެ ގޮތުން ނިތްކުރި އަރުވައިލި އެވެ.

"ނާޔަލް ބުނެބަލަ އަހަރެން ބޭސް ނުކާންވީތަ؟" ކެމީލާ ކުއްލިއަކަށް އަހާލައިފި އެވެ. ނާޔަލް ތުންފަތުގައި ދަތް އަޅާލިގޮތާއި އެ ނަޒަރުން ކެމީލާއަށް އެހެންކަހަލަ އަސަރުތަކެއްކުރި އެވެ. އޭނައަށް މިހެދެނީ ގޯހެކޭ އެވަގުތު ހިތަށް އަރަންވީ ސަބަބެއް ނޭގުނެވެ. ނާޔަލްއާއިމެދު މިހެން ވިސްނެނީ ކީއްވެހެއްޔެވެ.

"ކެމް އަމިއްލައަށް ބޭސްކާން ފެށީ. ޕްރެގްވުމުން ހުރިހާ އުނދަގޫތަކާއި ވޭނެއް އުފުލާނީ ކެމްދޯ. އަހަންނެއް ނޫން. ވީމަ ކެމް އެކަމަށް ރެޑީ ވި ދުވަހަކުން ބޭސް ކެއުން ހުއްޓާލާނީ...." ނާޔަލް ކެމީލާގެ ކޯތާފަތުގައި އަތް ބީއްސާލިއެވެ. އެހާ ރީތިކޮށް ބުނުމުން ކެމީލާ ބޭސް ހުއްޓާލަންވެސް ހިތަށް އެރިއެވެ. ނަމަވެސް ބޭސް ހުއްޓާލުމުން ދަރިއަކު ލިބިއްޖެއްޔާ ނާޔަލްއާއި ވަކިވާކަށް ފަސޭހައެއްނުވާނެއެވެ.

އެތަނުން ނުކުމެގެންގޮސް ނާޔަލްގެ ސްޓޫޑިއޯއަށް ވަންގޮތަށް އެތާ އެތެރޭ ހުރި ސްޓޫލެއްގައި އިށީދެގެން މޮޅިވެރިކަމާ އެކު އިރުކޮޅެއްވާންދެން އޭނަ އިނެވެ. އުމުރުގައި އޭނަ ކުރި އެންމެ ނުބައި ކަމަކީ މިއީކަން ނޭގެ އެވެ. މީހުންނަށް ލަނޑު ދިނުމާއި ބަދަލު ނުހިފަންވީ ސަބަބަކީ މިއީއެވެ. އެކަމާއި ފަހުން ހިތާމަކޮށް ކަރުނަ އޮއްސަންޖެހިދާނެ ދުވަހެއް އައިސްދާނެއެވެ. ނާޔަލްއަށް ލަނޑުދޭންވެގެން ކުރިކަމަކުން އޭނަ މިހިރީ އަރައި ނުގަނެވިފަ އެވެ.

"ފޮގިވް މީ ނާޔަލް..." ކެމީލާ ދެލޯ މަރާ ތަގުޅިކޮށްލައިގެން އިންއިރު އެސްފިޔަތައް ތެމުނެވެ. "އަހަންނަށް މި ރޮވެނީ ކީއްވެބާ. ނާޔަލްއަށް ދެރައެއް ދެވުނީމަ ރޯކަށް ނުވެސް ޖެހޭ. ނާޔަލް ދެރަކޮށްލާކަށްނު ބޭނުމީ. އެކަމަކު މިހާވަރުގެ ގެއްލުމެއް........ސުބުހާނަﷲ. ދީނަށް އުޅެން މަސައްކަތްކުރާ އިރު މިކުރެވެނީ ކޮންފަދަ ނުބައި އަމަލުތައް........" ކެމިލާއަށް ރޮވެމުން ދިޔައެވެ. ފާފަތައް ފުއްސަވާދެއްވުމަށް އެދި ދުޢާކުރި އެވެ. އޭނަ ދުވަހަކު ދެން އެއްވެސް އިންސާނެއްގެ ފަރާތުން ބަދަލު ނުހިފާނެއެވެ. އެހެން އިންސާނުންގެ އިހުސާސްތައްވާނެއެވެ. މީހަކަށް ގެއްލުމެއް ދީފި މީހަކަށް އެމީހަކު ކުރިކަމެއްގެ ޖަޒާ ލިބޭނެ ދުވަހެއް އަންނާނެއެވެ. މާތް ﷲ އާއި ވަކީލުކުރުމަށްވުރެ ރަގަޅުގޮތެއް ނެތެވެ. އެތައް އިރެއްވާންދެން އެތަނުގައި އެކަނިމާ އެކަނި އިދެފައި ޖޫލްގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ޖޫލް ހޭލަފާނެކަން ނޭގެ އެވެ. އެކުއްޖާދެކެ ވެސް ހިތުގައި މިވާ ލޯބި ބަޔާން ކޮށެއް ނުދެވޭނެ އެވެ. ކައިޒާންގެ ދަރިއަކަށްވުމުން ބާވަ އެވެ.

ސޯފިއާއަށް ގޮވަމުން އެކޮޓަރިއަށް ވަންއިރު ސޯފިއާ ފެންނާކަށް ނެތެވެ. އެތެރެއަށް ވަދެފައި ދެތިން ފަހަރަކު ގޮވައިލިއެވެ. ކެމީލާގެ ނަޒަރު ހުއްޓުނީ މޭޒުމަތީގައި ބަހައްޓާފައިވާ ފޮޓޯ ފްރޭމްއަކަށެވެ. ޒުވާން އަންހެންކުއްޖަކާއި ކުޑަ ރީތި ފިރިހެންކުއްޖެކެވެ. ދެމީހުންވެސް ހެޔޮވަރަކަށް ހިނިތުންވެލައިގެންނެވެ. ސޯފިއާއާއި ދަރިފުޅުބާވައެވެ. ޔަގީނެވެ. މި ކުޑަކުއްޖާގެ މޫނުމަތިން ދަންނަ ވައްތަރެއް ޖެހިއެވެ. ނަމަވެސް ނޭގުނެވެ. އެކުއްޖާ މަރުވީ ހެއްޔެވެ. ސޯފިއާގެ އެކަނިވެރިކަމުގެ ސިއްރަކީ ކޮބާހެއްޔެވެ. ކޮންމެ އިންސާނެއްގެވެސް ވާހަކައެއް އޮންނާނެއެވެ. ބައެއްވާހަކަތައް ވަރަށް އާދައިގެއެވެ. އަނެއް ބައި ވާހަކަތައް ރީތިވެފައި އަސަރުގަދައެވެ. ބައެއް ވާހަކަތައް އެހާ ސިއްރުން ފުރިފައިވާނެއެވެ. ސޯފިއާގެ މާޒީ އޮޅުން ފިލުވާހިތް ވިނަމަވެސް ސޯފިއާ ދެރަވެދާނެތީ އަހާކަށް ނުވާނެއޭ ވެސް ހިތަށް އެރިއެވެ.

ސޯފިއާ ނުކުތީ ފާޚާނާއިންނެވެ.

"މިއީ ސޯފިއާގެ ދަރިފުޅުތަ؟ " ކެމީލާ ހިނިތުންވެލިއެވެ.

"ޔަޕް......" ސޯފިއާގެ ދެލޯ ފެންކަޅިވާގޮތް ވި ތަން ކެމީލާއަށް ފެނުނެވެ.

"ހީޒް ބިއުޓިފުލް......." ކެމީލާއަށް ބުނެވުނެވެ.

"އައި ލޮސްޓް ހިމް ފޯ އެވާ...." ސޯފިއާ އެހެން ބުނެފައި އިސްތަށިގަނޑު އޮމާންކުރަންފެށިއެވެ." މަގޭ މާކް.."

ސޯފިއާ މާކްއޭ ބުނުމާއިއެކު އެކުޑަކުއްޖާގެ މޫނުމަތިން ފެނިލި ސިފަތަކަކީ ހަމަ މާކަސްގެ މޫނުގައިވާ ސިފަތަކޭ ހިތަށް އެރިއެވެ. ނަމަވެސް އެއީ ކުށް ހީއަކަށްވެދާނެއެވެ. އެފަދަ ސިފަތައް ހުރި ކިތަންމެ ކުދިންނެއް މި އެމެރިކާގައި އުޅޭނެ ނޫންހެއްޔެވެ. އަބަދަށްޓަކާ ގެއްލުނީއޭ އެބުނީ ދަރިފުޅު މަރުވުމުންކަމަށް ޝައްކުކުރެވި ސޯފިއާ ދެރަވެދާނެތީ އިތުރަށް އަހާކަށް ބޭނުމެއްނުވިއެވެ.

ރިވާއާއި ނާޔަލް ދެއްކި ވާހަކަތައް ކައިޒާންއަށް އިވުނީ އިއްތިފާގުންނެވެ. އެދެމީހުންގެ އެ ސިއްރު އެނގުމުން ލިބުނު ޝޮކްގައި ކައިޒާންއަށް ގަނޑުވެފައިވާ ބުދެއްހެން ހިރިލާންވެސް ނޭގިފައި ހުރެވުނެވެ. ގެއަށް އައުމަށްފަހު އެންމެ ފުރަތަމަވެސް އޭނަ ގޫގުލްކުރީ ގްލިއޯ ބްލާސްޓޯމާއާއި ބެހެގޮތުންނެވެ. އެއީ ނާޔަލްގެ ބައްޕަވެސް އެބަލީގައި ނިޔާވި ކެންސަރެވެ. ނާޔަލް އެމީހުންނާއި އަބަދަށްޓަކާ ވަކިވަނީބާވައެވެ. ކައިޒާންގެ ހިތަށް ކުރީ ބަޔާންނުކުރެވޭފަދަ އަސަރެކެވެ. ކޮންމެ ގޮތެއްވިޔަސް ނާޔަލްއަކީ އޭނަގެ ބޭބެއެކެވެ. ގާތް އެކުވެރިޔެކެވެ. ވީއިރު ނާޔަލްގެ އަންހެނުންނާއި ދެމީހުންވެގެން ނާޔަލްއާއި ދުރަށްދާން ރޭވުން ރޭވުމަކީ ކޮންފަދަ ނުބައިކަމެއްހެއްޔެވެ. ކިރިޔާވެސް އިންސާނިއްޔަތުކަމެއް ހުރިނަމަ ނާޔަލްއަށްޓަކާ ކެމިލާއާއި ވަކިވާނެއެވެ.

ކައިޒާން އެކިގޮތްގޮތަށް ވިސްނިއެވެ. އެންމެފަހުން އޭނަ ނިންމީ ކެމީލާގެ ހިތް ހަލާކުކޮށްލާފައި ނަމަވެސް ދުރަށް ދިޔުމަށެވެ. ބޭވަފާތެރިކަމަށް ދެކެ އޭނަދެކެ ނަފްރަތުކުރިޔަސް އެންމެ ރަގަޅެވެ.

ކައިޒާން ނޯޔާއަށް ގުޅާފައި އޭނައާއިއެކު ރޭގަނޑު ކެއުމަކަށް އަންނާން އެދުނެވެ. އަދި ކެމީލާއާއި ނާޔަލް ގުޅުވަން އޭނައާއި ދެމީހުން ރައްޓެހިވެގެން އުޅޭކަމުގެ އެކްޓްޖައްސަން ރޭވިއެވެ. ދެމީހުން އެކީ ހޭދަކުރާ ވަގުތު ގިނަވާންފެށިއެވެ. ޑޭޓްތަކަށް ދާންފެށިއިރު ކައިޒާންގެ އިންސްޓަގްރާމްއާއި ފޭސްބުކްގައިވެސް އޭނައާއި ނޯޔާއާއިއެކުގަ ނަގާފައިވާ ހިތްގައިމު ސެލްފީތަކެވެ. ދެލޯބިވެރިންފަދައިންނެވެ. ނޯޔާގެ ފޮޓޯއަށް ހިތް ދޭންފެށިއެވެ. ކޮމެންޓްކުރާ މީހުން ބުނަނީ ދެޒުވާނުން ގުޅޭކަމުގައެވެ. ނޯޔާގެ އިނގިލީގައި އޮތް ޖަވާހިރު އަނގޮޓީ ދައްކާލައިގެން ހުރި ފޮޓޯގައި އެންމެން ސުވާލުކުރީ ކައި އަޅުވާދިން އެންގޭޖްމެންޓް އަނގޮޓިދޯ އޭ ކިޔާފައެވެ. ކެމީލާ ކޮންމެ ދުވަހަކުހެން ކައިޒާންގެ އިންސްޓާއާއި އެއްޗެހި ހާވާތީ ފުރަތަމަ ދުވަހުވެސް ފެނުނެވެ. ވަގުތުން ރޮވުނެވެ. ކައިޒާންއަށް ގުޅާފައި ނޯޔާއާއި ދެމީހުން އެކީ ފޮޓޯނަގާފައި ސޯޝަލްމީޑިއާއަށް ލަނީ ކީއްވެހެއްޔޭ އަހަން ބޭނުންވިއެވެ. ނޯޔާދެކެ ހިތްހަމަނުޖެހުނެވެ. އޭނަ ކައިޒާންދެކެ ލޯބިވާކަން އެނގޭއިރު ނޯޔާ އެހެން އުޅެން ލަދެއްވެސް ނުގަންނަނީހެއްޔެވެ. ކައިޒާންއަށް އޭނަގެ މަޖުބޫރީ އެނގޭހިދު އޭނަ ބޭވަފާތެރިވީކަމަށް ނުނިންމޭނެއެވެ. އޭނަ ސަލާމަތްކުރުމުގެ ބަދަލުގައި މިއުޅެގަތީ ކޮންކަމަކާހެއްޔެވެ. އޭނަ ތަޅުވަނީހެއްޔެވެ.

ކެމީލާ އިޝާކޮށްގެން އެނދަށް އެރިގޮތަށް ލޮލުން ކަރުނަ ހުސްވާގޮތެއް ނުވިއެވެ. ރޮމުންގޮސް ގިސްލެވެންފެށިއެވެ. އެހިތާމަތަކަށް ކެތްކުރާނެ ގޮތެއް އޭނައަކަށް ނުވިސްނުނެވެ. ކައިޒާން އެހެން ހަދާފާނެކަމަށް އޭނަ ފަހަރެއްގައިވެސް ހިޔެއްނުކުރެއެވެ. ރޮމުންގޮސް ބޮލުގައި ރިއްސަންފެށިއެވެ.

ނާޔަލް އެނދުގެ މަގަތުގައި އިށީދެފައި ކެމީލާގެ ބޮލުގައި ފިރުމައިލިއެވެ.

"ވަޓް ހެޕެންޑް ކެމް....." ކެމިލާގެ ރުއިމުގެ އަޑުގަދަވިއެވެ. ނާޔަލްއަކަށްވެސް ވެގެން އުޅޭގޮތެއް ވިސްނާކަށް ނޭގުނެވެ. އޭނައަކަށް ކައިޒާންއާއި ނޯޔާ ރައްޓެހިވެގެން އުޅޭކަމެއް އެނގިފައެއް ނެތެވެ. ކައިޒާންއާއިހެދި މީގެ ކުރިންވެސް މިގޮތަށް ބާރަށް ރުއިތަނެއް ފެނިފައިވަނިއެއްވެސް ނޫނެވެ. "މާމަމެން އޯކޭތަ؟އާއިލާ އެންމެން ރަގަޅުތަ؟ "

ކެމީލާއަށް އޭނަގެ ހިތުގެ ހާލަތު ބަޔާންކުރެވޭނީ ކިހިނެއްހެއްޔެވެ. ކައިޒާންއާއި ނޯޔާ ރައްޓެހިވުމުން އޭނަގެ ހިތް އަނެއްކާވެސް ކުދިކުދިވެއްޖެކަމަށް ބުނެވޭނެހެއްޔެވެ.

"ބޮލުގައި ރިއްސަނީ...." ކެމީލާ ބުނީ ދޮގެއްނޫނެވެ. ބޮލުގައި ރިހޭވަރުން ފަޅައިގެން ގޮސްދާނެހެން ހީވިއެވެ. ނާޔަލް ކެމީލާގެ ކޯތާފަތް ފޮހެލަދިނެވެ.

"ގެނޭ މަސާޖުކޮށްލަދޭނަން....އޭރުން ލުއިވާނެ. ކެމް ވީކް ކަމުން ހިތް ހަލާކުވާވަރު އެބަވޭ. އަހަރެން ކަހަލަ މީހުން ބަލިވިޔަސް އެންމެ ރަގަޅުވާނެ. މިހާ ފްރެޖައިލް ކުއްޖެއް ބަލިނުވުމަށް އެދި އަބަދު ދުޢާކުރަން........." ނާޔަލް ކެމީލާގެ ބޮލުގައި އިނގިލިތަކުން ފިރުމައިލިގޮތުން އެއްފަހަރާ ރިހުން ކެނޑިގެން ދިޔަހެން ހީވިއެވެ. އެހަ އަރާމުވިއެވެ. ނަމަވެސް ހަގީގަތުގައި ބޮލަށްވުރެ ހިތުގައި ރިއްސާލެއް ބޮޑެވެ. އެކަމަށް ނާޔަލްއަށް ޝިފާއެއް ނުދެވޭނެއެވެ.

"ތޭންކްސް. ޔޫ ހޭވް ބީން ސޯ ގުޑް ޓު މީ. އެކަމަކު އަހަރެން.......އަހަންނަށް އެއްވެސް ކަމެއް ކޮށްނުދެވޭ......." ކެމީލާގެ ދެލޯ އޭރުވެސް ބަރާވެފައިވަނީ ކަރުނުންނެވެ.

"ކެމް އަހަންނަށް ފެންނަ ހިސާބުގައި ހުރެދިނުމަކީވެސް ކޮށްދެވޭ ކަމެއް...." ނާޔަލް އެތައް އިރެއްވާންދެން ކެމީލާގެ ބޮލުގައި އެގޮތަށް މަސާޖުކޮށްދިނުމުން ވާންކަން ކެނޑުނެވެ. އޭރު ކެމިލާވެސް ވަރުބަލިވެ ދެލޯ މަރާލައިފިއެވެ. އޭރު ކެމީލާ ވިސްނަމުން ދިޔައީ ނާޔަލްއާއިމެދުގައެވެ. ކައިޒާންގެ އަސްލު ކުލަ އަދި ކިރިޔާ ފެންނަން ފެށީއެވެ. ނާޔަލް މަޖުބޫރުން ކައިވެނިކުރިޔަސް އޭނައަށް ހާދަ ހެވެވެ. ކިރިޔާ ބަލިވިޔަސް އެހާ އޯގާތެރިއެވެ. ނުބަޔަކީ އޭނަގެ ހިތެވެ. ގަދަކަމުންވެސް ހިތް ބަދަލުކޮށްލަންވީއެވެ. މިހާރުވެސް އޭނަ ނާޔަލްއަށް އަންބެއްގެ ގޮތުން ވާޖިބު އަދާކުރެއެވެ. އެއަށްވުރެ އިތުރަށް އަޅާލާންވީއެވެ. އިންސާނާގެ ހިތަކީވެސް ދާދި ފަސޭހައިން ބަދަލުވާ އެއްޗެކެވެ. އޭނަވެސް ކައިޒާން އޭނައާއިމެދު ކަންތައްކުރިފަދައިން ކައިޒާން ދެރަކޮށްލަންވީއެވެ. އެހުރިހާ ވިސްނުމަކަށްފަހު އެއީ ކައިޒާންކަމާއިމެދު ސުވާލު އުފެދުނެވެ. ޖޯންއަށްވެސް ވެދާނެއެވެ. ނަމަވެސް ކައިޒާންގެ އެހުރިހާ ޝަޚުސްތަކާއިއެކު އުޅެން ކެތްވާނީ ކިހިނެއްހެއްޔެވެ. ޖޯން ވަކި ލޯބިވެރިން ހޯދިޔަސް އޭނަ ވީ ހިމޭނުން ހުންނާންހެއްޔެވެ. ދެރަވެގެންގޮސް އަނެއްކާ ރޮވެންފެށިއެވެ.

ފަތިހު ތެދުވެ ހޫނުފެނުން ފެންވަރާލައިގެން އޭނަ ނަމާދުކޮށްގެން އިރުއަރާންދެން ގުރުއާނާއި ދުޢާކިޔަވަން ނަމާދުކޮޓަރީގައި އިނެވެ. ކެމީލާގެ ހިތަށާއި ސިކުނޑިއަށް ތަސައްލީ ލިބެނީ ހެއްދެވިފަރާތަށް އަޅުކަން ކުރުމުންނެވެ. ހިތްތަކަށް ހަމަޖެހުން ލިބޭނީ މާތް ﷲ ހަދުމަކުޅައުމުން ކަމަށް ގުރުއާނުގައިވެސް ވެއެވެ.

"ނާޔަލް އަށް ކޮފީއެއް ގެނެސްދޭންވީ. ކިހާ ސްވީޓް ބޯއިއެއް. އަހަރެން މިހާ ރުޅިއަންނަކަން އެނގޭއިރުވެސް ކިހާ ކެއަރިން. އެކަހަލަ ހަޒްބެންޑެއް ކޮންމެ ކޮންމެ މީހަކަށް ނުލިބޭނެ...." ކެމީލާ ދޮޅި ފަށް ޖަހާލާފައި އަވަސްވެގަތީ ކާކޮޓަރިއަށް ދިޔުމަށެވެ. ކޮފީތައްޔާރުކުރަން ހުރިއިރު އެކި ޚިޔާލުތައް ކުރެވުނެވެ. ނާޔަލްއަށް މީރުކޮށް ކޮފީއެއް ތައްޔާރުކުރާ ހިތުން ތައްޔާރުކުރީ ފުރަތަމަ ފަހަރަށެވެ. ތަބަކަށް ލައިގެން ގޮސް ދޮރު ހުޅުވައިލިއިރު ނާޔަލްއޮތީ ނުތެދުވެއެވެ. ނަމާދުވެސް ނުކުރަނީހެއްޔެވެ. މިހާރު އިރުއަރަން ކައިރިވެއްޖެއެވެ. ކެމީލާއަށް ނޭގުނީ އޭނަ ދިޔުމާއިއެކު ތެދުވެ ނާޔަލް ނަމާދުކުރިކަމެވެ. އެއްވެސް މީހަކަށް އޭނަ ކުރާ އަޅުކަން ނުދައްކަން ނާޔަލް މަސައްކަތްކުރެއެވެ.

"ގުޑްމޯނިން......." ކެމީލާ އަތުގައި މަޑުމަޑުން ކޮށްޓާލުމުން ނާޔަލް ލޯ ހުޅުވާލައިފިއެވެ.

"ބެޑްކޮފީދޯ......ތޭންކްސް ބޭބީ...." ނާޔަލް ތެދުވެ އިށީދެލިއެވެ. އިސްތަށިގަނޑު ހޭވިފައިވާއިރު ދެލޮލުގައި ކޮންމެވެސް ވަރަކަށް ނިދީގެ އަސަރު ހުއްޓެވެ. ކެމީލާ ދޮރުފޮތިތައް ކަހާލައިފިއެވެ. ފުޅާ ދޮރުތަކުން ބޭރުގެ މަންޒަރު ފެންނަލެއް ހާދަ ހިތްގައިމެވެ. ބަހާރު މޫސުމްގެ ހިތްގައިމުކަމުން އާޝޯޚުވާވަރުވެއެވެ.

"އާދޭ އިށީދެލަން...." ނާޔަލް އެދުނެވެ. ކެމީލާ ހުރީ ދައުވަތު ނުލިބިފައިފަދައެވެ. އެނދަށް އަރާ ނާޔަލް ކައިރީ ހެޑްބޯޑަށް ލެނގިލައިގެން އިށީނެވެ. ނާޔަލްގެ ލޯތްބާއި އަޅާލުމުގެ ބަދަލުދޭން ކެމީލާ ބޭނުމެވެ. އޭނައަށް ނާޔަލްއާއި އަނގަ ތަޅަން އިނދެވިދާނެއެވެ.

"ރޭގައި މާ ވަރަށް ރުއީމަ އަދިވެސް ޓަޔަޑްވެފައި. ނަމާދުކޮށްލީމަ ކިރިޔާ ފްރެޝްވެލީ...." ކެމީލާ ފިނިދެއަތް އުގުޅައިލިއެވެ.

"މްމމް ހާދަ މީރޭ...." ނާޔަލް ކޮފީތަށިން އެތިފޮދެއް ބޯލިއެވެ. ކެމިލާ އުފާވިއެވެ. ޝުކުރު އަދާކުރިއެވެ.

"އަހަންނަށް އެނގޭ ރޭ ކެމް ރުއީ ހަމައެކަނި ބޮލުގައި ރިއްސާތީ ނޫންކަން. ތަނަކަށް ތަދުވެގެން އެގޮތަކަށް ނުރޯނެ. ބޭނުންތަ ޝެއާކޮށްލަން. އޭރުން ހިތަށް ލުއިވާނެ..." ނާޔަލް އެހިއެވެ. ކެމީލާ ވިސްނާލިއެވެ. އެންމެ ރަގަޅުވާނީ ހަގީގަތް ބުނުމެވެ. ނާޔަލްއަށް ވިސްނޭނެއެވެ. ދޮގުހަދައިގެން ފާފަވެރިވުމުގެ މާނައެއް ނެތެވެ. ރޭވެސް އޭނަ ހެދި ދޮގެއްނޫނެވެ. ބޮލުގައިވެސް ރިއްސިއެވެ. ނަމަވެސް ހިތުގައި ރިއްސީ ކީއްވެކަން ނުބުނެވުނީއެވެ. މިހާރު ނާޔަލް ކައިރީ ހިތް ހުޅުވައިލާނީއެވެ. ނާޔަލް ރުޅިއަޔަސް އޭނަ ދޫކޮށްލިޔަސް ކުރާނެކަމެއް ނެތެވެ.

"ރޭ ވީގޮތަކީ....." ކެމީލާ ކަރުކެހިލިއެވެ. އެވާހަކަދައްކަން ފަސޭހައެއް ނޫނެވެ. ނަމަވެސް އޭނަ ނާޔަލްއަށް ހަގީގަތްކިޔައިދޭނެއެވެ.

"ކައިޒާން އާއި އަހަރެން ޕްލޭން ކުރީ. ނާޔަލް ކައިރިން ވަރިވެގެން ފިލައިގެންދާން. ފެމިލީއާއި ވަކިވެގެން ދުރަށްދާން....އެކަމަކު...އެކަމަކު ކައިޒާން ހެދީ ދޮގު. ހީ ބިޓްރޭއިޑް މީ. ކައި އުޅެނީ ނޯޔާއާއި ރައްޓެހިވެގެން...ސީ ދަ ޕިކްޗާސް. ހިތަށް އެރި ޖޯންއަށް ވެދާނެއޭ. އެކަމަކު ފަހުން ވިސްނުނީ ޖޯންގެ ގޮތުގައި ހުންނައިރު މޫނުގެ އެ އެކްސްޕެރެޝަނެއް ނޫން ހުންނާނީ. ހިނގާ ގޮތާއި ބަލައިލާގޮތްވެސް ތަފާތު......." ކެމީލާ އިންސްޓަގްރާމް ހުޅުވާލާފައި ފޮޓޯތައް ދެއްކިއިރު ކެމީލާގެ އަރުތެރެ ބެދިފައިވިއެވެ. ކައިޒާންހާދަ ގޯހެވެ. އޭނަގެ ހިތް ހަލާކުކޮށްލައިފިއެވެ. ދެން އޭނަ މާފެއް ނުދޭނެއެވެ. ކިތަންމެ އާދޭހެއްކުރިޔަސް ހެވެވެ.

"މިހާރު އަހަރެންދެކެ މާ ބޮޑަށް ހޭޓްކުރަން ދޯ......އަހަންނަށް އެނގޭ ކެމް ބްލޭމްކުރާނީ މަށަށްކަން..." ނާޔަލް އެކަމާއި ހިތާމަކުރާހެން ހީވިއެވެ.

"ނޫން. ހޭޓް ނުކުރަން..."

"އެކަމަކު ލޯބި ނުވައްޗޭ އިނގޭ...." ނާޔަލް ހެމުން ބުނެލިއެވެ.

"ހިތަކީ މީހެއްގެ ބާރު ފޯރޭ އެއްޗެއް ނޫން. ތިހެން ޔަގީންކޮށް ބުނާކަށް ނޭގޭ....އަހަރެން މިހިރީ ނާޔަލްގެ ކުރެހުންތައް ހަލާކުކޮށްލެވުނީމަވެސް ވަރަށް ދެރަވެ ގިލްޓީވެފައި. މިލިއަން ފަހަރު މާފަށް އެދުނަސް ހިތުން މާފުކުރެވޭނެތަ...ނުކުރެވޭނެ...އައި ވޯޒް ސޯ ސްޓުޕިޑް..." ކެމީލާ ތުންފަތުގައި ދަތްއަޅައިލިއެވެ.

"ހުރިހާ އެއްޗަކަށްވުރެ އަގުބޮޑީ ކެމް....އެހެންވީމަ އެކަމާ ހިތާމައެއް ނުކުރަން. އެހުރިހާ އެއްޗެއް ކަށްވަޅަށް ނުވެސް ގެންދެވޭނެ. މިދުނިޔެއަށް އަހަރެމެން އަންނަނީ ދުވަސްކޮޅަކަށް. ދާއިމީ ތަނެއްނޫން. އެހެން ކަންތައްތަކާއި ވިސްނާކަށް ވަގުތެއްނެތް. އަހަރެންނާއިއެކު އެދުނިޔެއަށް ގެންދަން އެދޭ ހަމައެކަނި ޕާސަންއަކީ ކެމް. ކެމް ހިނިތުންވާތަން ދެކެން އަހަރެން ހުރިހާ އާޓަކާއި މުދަލެއް ދޫކޮށްފާނަން........" ނާޔަލްގެ އެ ޖުމްލައިން ކެމީލާގެ ހިތަށް އުފާވެރިކަން ގެނެސްދިނެވެ. ތަފާތު އަސަރެއްކުރުވިއެވެ. ނާޔަލް އޭނަދެކެ ލޯބިވާވަރު އަންދާޒާކޮށްލެވުނެވެ.

(ނުނިމޭ... )

comment ކޮމެންޓް