ހަރަމްފުޅުގެ އެންމެ މަތީބުރިން ފުންމާލި މީހަކު މަރުވެއްޖެ

މާތްވެގެންވާ ގެފުޅުގެ ވަށައިގެން މިއަހަރުގެ ހައްޖު މޫސުމުގައި ގިނަ އަދަދެއްގެ ބަޔަކު ޠަވާފްކުރަނީ-- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

މައްކާ - މައްކާގައި ހުންނަ މަސްޖިދުލްޙަރަމުގެ އެންމެ މަތީ ބުރިން (ރޫފްޓޮޕުން)، ތަވާފްކުރާ ތަނަށް (ސަޙްނުލްމަތާފަށް) ފުންމާލި މީހަކު މަރުވެއްޖެއެވެ.

މާތްވެގެންވާ ގެފުޅުގެ ވަށައިގެން، ތަވާފްކުރަން އޮންނަ ސަރަހައްދަށް ފުންމާލައިގެން މީހަކު މަރުވި ހާދިސާ ހިނގާފައި ވަނީ، ހުކުރު ދުވަހުގެ ހެނދުގެ ވަގުތެއްގައެވެ.

ދެ ޙަރަމްފުޅުގެ ތަރްޖަމާނު އަހްމަދު ބިން މުޙައްމަދު އަލް މަންސޫރީ ވިދާޅުވީ، ހުކުރު ދުވަހު ހެނދުނު 8:10ގައި، ހަރަމްފުޅުގެ އެންމެ މަތީބުރިން، ތަވާފްކުރާ ތަނުގެ މުށިތަކުގެ މައްޗަށް ފުންމާލައިގެން މަރުވީ އަރަބި ގައުމަކަށް ނިސްބަތްވާ މީހެއް ކަމަށެވެ.

ހަރަމްފުޅުގެ އެންމެ މަތީބުރީގައި ހުންނަނީ މިފަދަ ހާދިސާތައް ހިނގާތީ ދަގަނޑު ފެންސް ޖަހައި ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް ވަރަށް ބޮޑަށް އަޅައިފައެވެ. ނަމަވެސް މިދިޔަ ރަމަޟާން މަހުގެ ފަހު ދިހައިގެ ތެރޭގައި ވެސް ވަނީ، ހަމަ މިގޮތަށް މަތާފް ސަރަހައްދަށް ފުންމާލައިގެން މީހަކު އަމިއްލައަށް މަރުވެފައެވެ.

ޙަރަމްފުޅުގެ ތަރްޖަމާން ވިދާޅުވީ، ގިނަ އަދަދެއްގެ ބަޔަކު ގެފުޅުގެ އަރިހުގައި ޠަވާފުކުރަމުން ދަނިކޮށް ހުކުރު ދުވަހު ހެނދުނު ހަރަމްފުޅުގެ ޓެރަސް މަތިން އެމީހާ ފުންމާލި ހާދިސާގައި އިތުރު ދެމީހަކަށް އަނިޔާވެފައިވާ ކަމަށެވެ. ނަމަވެސް އެ ދެމީހުންގެ ހާލު ރަނގަޅުކަމަށް ވިދާޅުވިއެވެ.

ދެ ޙަރަމްފުޅުގެ ތަރްޖަމާނު އަހްމަދު ބިން މުޙައްމަދު އަލް މަންސޫރީއާ ހަވާލާދީ ސައުދީ ޕްރެސް އޭޖެންސީން ބުނީ، ގެފުޅު ކުރިމައްޗަށް ފުންމާލައިގެން މީހަކު މަރުވި ހާދިސާ ސައުދީގެ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން އެ ގައުމުގެ ފުލުހުން މިހާރު ތަހްގީގުކުރަން ފަށާފައިވާ ކަމަށެވެ.

މައްކާގައި ހުންނަ މަސްޖިދުލްޙަރަމާއި މަދީނާގައި ހުންނަ މަސްޖިދުލްނަބަވީއަށް ޒިޔާރަތްކުރާ މީހުންނަށް، ޚާއްސަކޮށް ހައްޖުމޫސުމުގައި އަޅުކަމަށް އަންނަ މީހުންގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސައުދީ ސަރުކާރުން ދަނީ ގިނަ ކަންތައްތަކެއް ކުރަމުންނެވެ.

comment ކޮމެންޓް