ވެސްޓިން މޯލްޑިވްސް މިރިއަންދޫ އޮކްޓޫބަރު މަހު ހުޅުވަނީ

މެރިއޮޓް އިންޓަނޭޝަނަލުން ހުޅުވާ ވެސްޓިން މޯލްޑިވްސް މިރިއަންދޫ.

ބ. މިރިއަންދޫގައި ތަރައްގީކުރަމުން އަންނަ މަތީފެންވަރުގެ ރިސޯޓް، ވެސްޓިން މޯލްޑިވްސް މިރިއަންދޫ، އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައި ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ވެސްޓިން މޯލްޑިވްސް މިރިއަންދޫ އަކީ ރާއްޖޭގައި މިހާރު ވެސް މަތީފެންވަރުގެ ގިނަ ރިސޯޓްތަކެއް ހިންގަމުން އަންނަ މެރިއޮޓް އިންޓަނޭޝަނަލުން ހުޅުވާ ރިސޯޓެކެވެ. ނަމަވެސް، މިއީ މެރިއޮޓްގެ ވެސްޓިން ބްރޭންޑްގެ ރިސޯޓެއް ރާއްޖޭގައި ހުޅުވާ ފުރަތަމަ ފަހަރެވެ.

މަޝްހޫރު ޔުނެސްކޯ ބަޔޮސްފިޔާ ރިޒާވެއް ކަމަށްވާ ބ. އަތޮޅުގައި މެރިއޮޓުން ހުޅުވާ ރިސޯޓުގައި 70 ވިލާ ހުންނާނެ އެވެ. އޭގެ ތެރޭގައި 29 ވޯޓާ ވިލާ ވެސް ހިމެނެ އެވެ.

މަތީ ފެންވަރުގެ ރިސޯޓެއްގެ ގޮތުގައި ހުޅުވާ ވެސްޓިން މޯލްޑިވްސް މިރިއަންދޫގައި ތިން ރެސްޓޯރެންޓާއި ރޫފްޓޮޕް ބާ އެއް ހުންނާނެ އެވެ. އެ ރެސްޓޯރެންޓުތަކުން ދިވެހި ކެއުންތަކާއި އިންޑިއާ، ޗައިނާ، ޖަޕާން އަދި އޭޝިއާގެ ރަހަތައް ލިބޭނެ އެވެ.

އޭގެ އިތުރުން، ވެސްޓިން ބްރޭންޑްގެ މަޝްހޫރު "ހެވަންލީ ސްޕާ" އާއި "ވެސްޓިން ވޯކްއައުޓް" ފިޓްނަސް ސެންޓަރެއްގެ އިތުރުން ވެސްޓިން ކިޑްސް ކްލަބެއް އެ ރިސޯޓުގައި ހުންނާނެ އެވެ.

ވެސްޓިން މޯލްޑިވްސް މިރިއަންދޫ ޑިޒައިން ކުރީ، އިޓަލީގެ މަޝްހޫރު ޕީއީއައިއޭ އެސޯސިއޭޓީންނެވެ. އަދި އެ ރިސޯޓް ތަރައްގީ ކުރީ ޖަޕާނުގެ ބެލޫނާ ކޯ ލިމިޓެޑާއި، ސްރީ ލަންކާގެ އޭޝިއާ ކެޕިޓަލް ޕީއެލްސީންނެވެ.

އޮކްޓޫބަރު މަހު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގިނަ ރިސޯޓުތަކެއް ހުޅުވަން ވަނީ ހަމަޖެހިފަ އެވެ. އޭގެތެރޭގައި، ރ. މުރަވަންދޫގައި ތަރައްގީ ކުރަމުން އަންނަ، 73 ކޮޓަރީގެ ޖޯއަލި މޯލްޑިވްސް އާއި ދ. އަލުވިފުށީގައި ތަރައްގީ ކުރަމުން އަންނަ، 125 ކޮޓަރީގެ ސަން އަކުވާ އިރުވެލީގެ އިތުރުން ރ. ފަސްމެންދޫގައި ތަރައްގީ ކުރަމުން އަންނަ، 120 ކޮޓަރީގެ އެމާލެންޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ ހިމެނެ އެވެ. އަދި އެނބޫދޫ ފަޅު ޕްރޮޖެކްޓުގެ ދަށުން ހުޅުވަން ހަމަޖެހިފައިވާ، 178 ކޮޓަރީގެ ހާޑްރޮކް ހޮޓެލް މޯލްޑިވްސް ވެސް އޮކްޓޫބަރުގެ ތެރޭގައި ހުޅުވާނެ ކަމަށް ވަނީ ބުނެފަ އެވެ.

comment ކޮމެންޓް