އިސްލާމްދީނުގައި ދިރިހުރުމާއި މިލްކުވެރިކަމުގެ ހައްގު އެންމެންނަށް ކަށަވަރުކޮށްދޭ: ޙުތުބާ

އިސްލާމީ މަރުކަޒު: ސަން ފޮޓޯ/ ފަޔާޒު މުސަ

އިސްލާމްދީނުގައި ދިރިހުރުމާއި މިލްކުވެރިކަމުގެ ހައްގުލިބިގެންވަނީ ހަމަ އެކަނި މުސްލިމުންނަށް ނޫންކަމަށާއި ކޮންމެ އިންސާނަކަށް ވެސް އެ ހައްގުތައް ލިބިގެންވާކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުތުބާ ބިނާކުރެވިފައިވަނީ ހައްޖަތުލް ވަދާއުގައި ކީރިތި ރަސޫލާ އިއްވެވި ހުތުބާގެ ފިލާވަޅުތަކުގެ މައްޗަށެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު ދެއްވި ހުތުބާގައި ބުނީ، އިންސާނީ ހައްގުތަކަށް ގޮވާލާ މީހުންގެ މާ ކުރިން، އިސްލާމްދީނުގައި އެ ހައްގުތައް ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

އެގޮތުން، މީސްތަކުންގެ ފުރާނައާއި މުދަލުގެ ހުރުމަތްތެރިކަމަށް ހައްޖަތުލް ވަދާއުގެ ހުތުބާގައި ރަސޫލާ އަލިއަޅުއްވާލެއްވިކަން މިއަދުގެ ހުތުބާގައި ފާހަގަކުރިއެވެ.

"ހަމަކަށަވަރުން ތިޔަބައިމީހުންގެ މި ދުވަހާއި، މި މަހާއި މި ރަށް ހުރުމަތްތެރިކުރައްވާފައިވާ ފަދައިން، ތިޔަބައިމީހުންގެ ލެޔާއި މުދާތައް ތިޔަބައިމީހުންގެ މައްޗަށް ހުރުމަތްތެރިވެގެން ވެއެވެ،" ހުތުބަތުލް ވަދާއުގައި ކީރިތި ރަސޫލާ ހަދީޘްކުރެއްވިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ، އިސްލާމްދީނުގައި މި ދެ ހައްގު ހޯދަވައިދެއްވާފައިވަނީ ހަމައެކަނި މުސްލިމުންނަށް ނޫން ކަމަށެވެ.

"މި ދެ ހައްގު ހޯދަވާދެއްވާފައިވަނީ ހަމައެކަނި މުސްލިމުންނަކަށް ނޫން. ކޮންމެ އިންސާނަކަށްވެސް މި ދެ ހައްގު ލިބިފައިވާކަން މިވަނީ ކަށަވަރުކޮށްދެއްވާފައި،" ހުތުބާގައި ބުންޏެވެ.

ހުކުރު ހުތުބާގައި ބުނެފައިވަނީ ހުރިހާ އެންމެނަކީ ވެސް ހަމަހަމަ ބަޔަކަށް ވާންޖެހޭ ކަމަށާއި ތަފާތު ވަނީ އެމީހެއްގެ ތަގުވާވެރިކަން ކަމުގެ ފިލާވަޅު، ހައްޖަތުލް ވަދާއުގެ ހުތުބާއިން ލިބޭ ކަމަށެވެ. އެގޮތުން ކުލައިގެ ސަބަބުން ނުވަތަ ޖިންސުގެ ސަބަބުން ނުވަތަ ގަބީލާގެ ސަބަބުން އެއްވެސް މީހަކަށް މޮޅުކަމެއް ނެތް ކަމަށާއި އެކަކު އަނެކަކަށް ވުރެ މޮޅު ވެވޭނީ ތަގުވާވެރިކަމުގެ ސަބަބުންކަން މިއަދުގެ ހުތުބާގައި ފާހަގަކުރިއެވެ.

މީގެ އިތުރުން ހުތުބަތުލް ވަދާއުން ލިބޭ، ދެމަފިރިންގެ ހައްގުތަކާއި އަންހެނުންގެ ހައްގުތަކުގެ ފިލާވަޅުތަކަށްވެސް މިއަދުގެ ހުތުބާގައި އަލިއަޅުވާލިއެވެ.

އެގޮތުން، އަނބީންނަކީ އަމާނާތެއް ކަމަށާއި ހެޔޮލަފާ މުޖުތަމައެއް ބިނާކުރެވޭނީ ދެމަފިރިން ގުޅިގެން މަސައްކަތްކޮށްގެންކަން ހުތުބާގައި ފާހަގަކުރިއެވެ.

މީގެ އިތުރުން އަންހެނުންނަކީ ބާރުވެރި ބައެއްކަން ހުތުބާގައި ބުންޏެވެ. އަދި އަންހެނުންނަށް ގޯނާކުރުމާއި އަނިޔާވެރިވުމާއި، އެކަނބަލުންގެ ގަދަރު ވައްޓާލުމަކީ އިސްލާމްދީން މަނާކުރާ ކަންތައްތަކެއްކަން ހުތުބާގައި ފާހަގަކުރިއެވެ.

comment ކޮމެންޓް