ކޯލަ އައުނަ ކަޕްގެ ފައިނަލުގެ ޖާގަތައް ގަޓް ސިޓީއާއި އެންވައިޖީއަށް

ނުވަވަނަ ކޯލަ އައުނަ ފުޓްސަލް ކަޕްގެ ތެރެއިން -- ފޮޓޯ: ޑީޒެޑްސީ

ނުވަވަނަ ކޯލަ އައުނު ފުޓްސަލް ކަޕްގެ ފައިނަލުން އެންމެފަހުގެ ޗެމްޕިއަން ގަޓް ސިޓީއާއި އެންވައިިޖީ ޖާގަ ހޯދައިފިއެވެ.

ފ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ދަރަނބޫދޫ ޒުވާނުންގެ ކްލަބު (ޑީޒެޑްސީ) އިން ކުރިއަށްގެންދާ އެ މުބާރާތުގެ ފައިނަލަށް ދަރަނބޫދޫގެ ގަޓް ސިޓީއާއި އެންވައިޖީ ދަތުރުކުރި އިރު، މުބާރާތުގައި އެ ދެޓީމު މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.

މިއަދު ކުޅުނު ސެމީގެ ފުރަތަމަ މެޗުގައި ދަރަނބޫދޫގެ އޭކްސް އަތުން އެންވައިޖީ މޮޅުވީ 4-0ގެ ނަތީޖާއަކުންނެވެ. އަދި ސެމީގެ ދެވަނަ މެޗުގައި ނިލަންދޫގެ އެފްސީ ފަހުލަވާނު އަތުން ގަޓް ސިޓީ މޮޅުވީ 3-1ގެ ނަތީޖާއަކުންނެވެ.

ދަރަނބޫދޫގެ ގަޓް ސިޓީއާއި ނިލަންދޫގެ އެންވައިޖީ ވާދަކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:30 ގައެވެ. މިހާތަނަށް ނިލަންދޫގެ ޓީމަކަށް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދިފައެއް ނުވެއެވެ. މިހާތަނަށް ބޭއްވި އަށް މުބާރާތުގެ ތެރެއިން ހަތް މުބާރާތެއް ދަރަނބޫދޫގެ ޓީމުތައް ކާމިޔާބުކުރި އިރު، 2014 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ ބިލެއްދޫގެ ޓީމެކެވެ.

ނުވަ ޓީމަކާއެކު މިމަހުގެ 19 ވަނަ ދުވަހު ފެށުނު އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 10,000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 4000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި ފެއާ ޕްލޭ ޓީމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއާއި 21 އަހަރުންދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާ ވެސް ހޮވުމަށް ހަމަޖެހިފައިވެއެވެ.

comment ކޮމެންޓް