ތަފާތު ލޯތްބެއް (30)

އާދައިގެ މަތިން ކެމީލާ މާމަގެއަށް ދިޔުމާއިއެކު މާކަސް ޖޫލް ގޮވައިގެން އައެވެ. ޖޫލްގެ އުޅުން ބަދަލުވާތީ މާކަސް ކެމީލާއަށް ޝުކުރުއަދާކުރިއެވެ. ޖޫލް "އިސްލާމިކް" ގޮތަށް ވާހަކަދައްކާތީ މާކަސް އުފާވާކަމުގައި ބުނެލިއެވެ. ކެމީލާ ދަސްކޮށްދޭ ދުޢާތާއް ޖޫލް ކައިރިން ދަސްކޮށްގެން އޭނަ ކިޔާކަމަށް ބުނީ ހިނިތުންވެލާފައެވެ. ކެމީލާ ހުރީ އުފަލުންނެވެ. ގެއަށް އާދެވުމުން މުޅިން އެހެން ކުއްޖަކަށް އޭނަ ބަދަލުވެއެވެ. ޖޫލްއާއިއެކު ސަކަރާތްޖެހުމާއި ސްނޯބޯޅަ ކުޅެ މަޖާކޮށްލާ އުޅުމުން ތަބީއަތު މުޅިން ހަމެޖެހުނެވެ. ހަތަރެއްޖަހަން އުޅެނިކޮށް ބެލް އެޅުމުން ކެމީލާ ޖޫލް ބޫޓު ލައްވާ ސްކާފް އޮޅާލާފައި ދުވެފައިގޮސް ދޮރު ހުޅުވައިލިއެވެ. އެއާއިއެކު ހިތް ތެޅިގަތްލެއް ބާރުކަމުން މޭ ފަޅާފައި ނުކުމެދާހެން ހީވިއެވެ. ދޮރުމަތީގައި ހުރީ ކައިޒާން ފިޔަވާ ދެވަނަ މީހެއް ނޫނެވެ.

އިރުކޮޅެއްވާންދެން ދެމީހުންނަށް އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެވުނެވެ. ނަމަވެސް ބަހެއް ނުބުނެވިފައެވެ. ހިތާމައާއި ކެކުޅުމުގައި ދެހިތް ގެނބުނުއިރު ކެމީލާގެ ލޮލުން ކަރުނަ ނިރާލައިފިއެވެ.

"އިހަށް ޖޫލް ބަހައްޓަބަލަ. ވީ ނީޑް ޓު ޓޯކް...." ކައިޒާން ހިންދިރުވައިލިއެވެ.

"ހޫމް....." އިތުރަށް އެންމެ ލަފުޒެއް ބުނަންވެސް ނުކުޅެދުނެވެ.

ކައިޒާން ކުރިއަށް ޖެހިލާފައި ކެމީލާގެ އަތުގައި ހިފާ ދަމަމުން ކަހަލަގޮތަކަށް ގޮސް ހުއްޓުނީ ގޭގައި ހުންނަ މީހަކަށް ނުފެންނާނެހެން ގަސްތަކުގެ އަނެއް ފަރާތުގައެވެ. ސްނޯ މަޑުކަމުން އެހިސާބުން އަޅާ ކޮންމެ ފިޔަވަޅަކާއިއެކު ފައިގެ ތަބިކަށްޓާއި ހަމަޔަށް ގެނބެއެވެ. އެތާ ހުރި މާބްލްއިން ހަދާފައިވާ ބެންޗުމަތީވެސް ސްނޯ ހަރުލާފައެވެ. ކެމީލާ ބެންޗުގައި ބޭންދިގޮތަށް ކުޑަކަކޫ ޖައްސާލައިގެން ކައިޒާން ސްނޯގަނޑު މައްޗަށް ތިރިވިއެވެ. ކެމިލާގެ ދެއަތުގައި ހިފަހައްޓައިލިއެވެ. ކެހެރި އަންގިލައްވާފައި ހުރުމުން އަންގި ހުރަހަކަށްވިއެވެ. އޭރު ކައިޒާންގެ މޫނުމަތިން ފެންނަނީ ހިތާމައިގެ ކުލަވަރެވެ. އަޅިފެހި ދެލޯވަނީ ތެތްވެފައެވެ. ކެމިލާ އިނީ ބަސްހުއްޓިފައެވެ. ކައިޒާންގެ އަތް ދުރަށް ލާންވެސް ނޭގިފައެވެ.

"ކެމީ..ބުނެބަލަ އަހަރެންގެ މަތިން އެހާ ފަސޭހައިން ހަދާން ނައްތާލީތަ؟ އަހަންނެއް ހަނދާނެއް ނުނެތޭ. ނާޔަލްއަކީ ބޭބެއަކަށް ވާތީ އަހަރެން ވަރަށް މަސައްކަތްކުރިން ކެމީއާއި ދުރުވާން، ހަނދާން ނައްތާލަން. ނަފުސާނީ މައްސަލައެއް ހުރުމުން ކެމްއަށް ނޭގި އަނިޔާއެއް ދެވިދާނެތީ ބިރުންވެސް ބޭނުންވީ ދުރުވާން. ނާޔަލްއަށްޓަކާވެސް ބޭނުންވީ ވަކިވާން. ނަމަވެސް އަހަންނަށް އެއްގޮތަކަށްވެސް އެކަމެއް ނުކުރެވުނު. އަހަންނަށް ކެމްގެ ހަނދާންތަކާއި ދުރަކަށް ނުދެވުނު. ރެއާއި ދުވާލު ހުރެވެނީ އެ ފިކުރުގައި. އެންމެ ފުރަތަމަ ވެވުނު ލޯބި ކޮންމެވެސް ދުވަހަކުން ލިބޭނެ ކަމަށް އުއްމީދުކޮށްގެން ހުރީ. ނާޔަލްއާއިއެކު ސްލީޕްކުރިޔަސް ކުދިން ލިބުނަސް ހެޔޮ. ކިތަންމެ ދަރިންނެއް ލިބުނަސް ފަރުވާލެއްނެތް. ދުވަހެއްގެ ކޮޅުންވެސް ނާޔަލް ދޫކޮށްލައިފިއްޔާ ކެމް އާއި އިންނަން ކަމަށް ވައުދުކޮށްގެން ހުރީ. އަމިއްލަ ނަފުސަށް ވި ވައުދަކީ އެއީ. އެހެން އެއްވެސް މީހެއްދެކެ ދެނެއް ލޯތްބެއް ނުވެވޭނެ ކެމް. އެހާ ދުވަހަކަށް ދެން ކެތެއްވެސް ނުކުރެވޭނެ. އަހަންނަށް ކެމްގެ ލޮލުންވެސް ފެންނަނީ ހިތާމަ. ނާޔަލް އަހަރެމެންގެ އުފާތައް ފޭރިގަތީ. އިޓްސް ނޮޓް ފެއާ. އަހަރެންގެ ކައިރިއަށް އާދޭ. ޕްލީޒް ލަވް. އައި ކާންޓް ވެއިޓް ނޯ މޯ......" ކައިޒާންގެ އަޅިފެހި ދެލޯ ކަރުނުން ފުރުނެވެ. ކޯތަފަތްމައްޗަށް ކަރުނަ ފައިބަންފެށިއެވެ. އެމަންޒަރުން ކެމީލާގެ ހިތް ހަލާކުވެއްޖެއެވެ. އެއީ ކޮންފަދަ ހިތަށް އުދަގޫވި މަންޒަރެއް ހެއްޔެވެ. ކެމީލާގެ ލޮލުންވެސް ކަރުނަތައް އޮހިގަތީ އިޚުތިޔާރަކާއި ނުލައެވެ.

ކެމީލާއަށް ކައިޒާންގެ ކޯތާފަތުގައިވާ ކަރުނަތައް ފޮހެލަދޭން އުޅެފައި އިނގިލިތަކަށް ހުއްޓުމެއް އައީ އޭނައަކީ ނާޔަލްގެ އަންހެނުންކަން ހަނދާން ވުމުންނެވެ. ދެކޭ މީހަކަށް ހީވާނީ ކެމީލާ ކައިޒާންގެ މޫނުގައި އަތް ޖެއްސިހެންނެވެ. އެދެމީހުންގެ ހިތް އެކަކު އަނެކަކަށްޓަކާ ރޮނީއެވެ.

"އަހަރެމެން މިތަނުން ދުރަށް ދާނީ ވީހާވެސް ދުރަށް ދާނީ. ނޫނީ އަހަރެމެންގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެ. ކެމް ސަފާ ކުރާއިރު ދެކެން ހުންނާކަށް ހިތަށް ކުޅަދާނައެއްނޫން........."

ކައިޒާން ކެމީލާގެ އުނގުގައި ބޯ އަޅައިލުމުން ކެމީލާ ސިހުނެވެ. ނޫނެކެވެ. މިހެން ވެގެން ނުވާނެއެވެ. ކައިޒާން އެއްވެސް ވަރަކަށް ކައިރިވިޔަދީގެން ނުވާނެއެވެ.

"ބޭނުމެއްނޫން މިގޮތަށް މީޓްކުރަން. ނާޔަލް ވަރިކުރަންދެން އޭނަގެ އަންހެނުންގެ ގޮތުގައި ހުންނަން ޖެހޭ. އެކަން ހަނދާން ނައްތާލައިފިއްޔާ ފާފަވެރިވާނެ......"ކެމީލާ މަޑުމަޑުން ކައިޒާންގެ ބޯ ދުރުކޮށްލާފައި ކޮޅަށް ތެދުވުނެވެ. ޖަޒުބާތުގެ އޮއިވަރުގައި ޖެހިގެން ކައިޒާންގެ މޫނުގައި އަތްނުލެވުނީ ހަމަ ކިރިޔާއެވެ. އެކަމަކު ކައިޒާން އޭނަގެ އުނގުގައި ބޯ އަޅާލަން ދިނުމަކީ އެންމެ ގޯސް އެއް ކަންތަކެވެ. ސިކުންތުކޮޅަކަށް ނަމަވެސް ހެވެވެ. އެފުރުސަތު ދެވޭނީ ކައިޒާން އޭނަގެ މީހަކަށް ވީ ދުވަހަކުންނެވެ. ކައިޒާންއަށްވެސް އެކަން ގަބޫލުކުރެވުނެވެ. ކައިޒާން އެދުނީ ވީހާވެސް އަވަހަކަށް ނާޔަލްގެ ކައިރިން ވަރިވުމަށެވެ. އޭނަވެސް ނާޔަލް ކައިރިން އެދޭނެ ކަމުގައެވެ. ޖޯންދެކެ މިހާރު ކައިޒާން ބިރެއް ނުގަނެއެވެ. އޭނަ އަމިއްލަ ނަފުސް ކޮންޓްރޯލް ކުރަން ދަސްކޮށްފިއްޔާ ޖޯންއަކަށް ވުޖޫދަކަށް ނާދެވޭނެއެވެ. ކެމީލާ އެދުނީ އޭނައަށް ވަގުތު ދިނުމަށެވެ. ފާފައަށް އަރަން ފުރުސަތު ނުދިނުމަށެވެ. ނުގުޅާ މެސެޖްނުކޮށް ހުރުމަށެވެ. މިކަހަލަ ބޭކާރު ކައިވެންޏަކުން ސަލާމަތްވެ ރަގަޅު ދިރިއުޅުމެއް ހޯދަން ކެމީލާވެސް ބޭނުމެވެ. ލޯތްބެއް ނެތް މަޖުބޫރު ކައިވެންޏެއްގައި ހުރުމުން ތިންފަރާތަށްވެސް ހިތާމަ ދެވުން ނޫންކަމެއް އެބަވޭހެއްޔެވެ. އޭނައަކީ ކައިޒާންގެ ލޯތްބެވެ. އޭނަގެ ހިތުގައިވެސް ވަނީ ހަމައެކަނި ކައިޒާންއެވެ.

އެވަގުތު ޖޫލް ކެމީލާއަށް ގޮވަމުން ދުވަމުން އަންނަތަން ފެނިފާ ކެމީލާވެސް އެދިމާލަށް ހިނގައިގަތެވެ. ކައިޒާންވެސް ތެދުވެއްޖެއެވެ. ކައިޒާންއާއި ކެމީލާ ފެނުމުން ޖޫލް އުފަލުން އައިގޮތަށް ދެމީހުންގެ އަތް ގުޅުވައިލިއެވެ.

އެހުރިހާ މަންޒަރުތަކެއް ދެކެން ތަންކޮޅެއް ދުރުގައި ކާރުގައި އިނީ ނާޔަލްއެވެ. އެދެމީހުން ދެއްކި ވާހަކަތައް ނީވުނަސް އެ ހަރަކާތްތައް އޭނައަށް ފެނުނެވެ. ނާޔަލްގެ ހިތްވެސް ހަލާކުވެއްޖެއެވެ. ކެމީލާ މާމަގެ ގެއަށް އަންނަނީ ކައިޒާންއާއި ބައްދަލުކުރަންކަން މިއަދު ނާޔަލްއަށް ޔަގީންވެއްޖެއެވެ. އެދެމީހުންގެ ދޭތެރޭ އޮތް ގުޅުން މިފެނުނީ ލޮލުންނެވެ. ހައިރާންވީ އަމިއްލައަތަށް ކަރުނަ ތިއްކެއް ވެއްޓުމުންނެވެ.

ނާޔަލް ކެމީލާ ބަލަން އާއްމުކޮށް އަންނަ ގަޑިއަށްވުރެ އަވަހަށް އާދެވުމުން މިއޮތީ ބޭޒާރުވެފައެވެ. ނާޔަލް ކާރު ދުއްވާލީ އެ މަންޒަރު ދެކެން ހިތަށް ކެތްނުވެގެންނެވެ. ގެއަށް ދިޔުމަށްފަހު އަނބުރާ ދާނެ ހިތްވަރެއް ނާޔަލްއަކަށް ނުލިބުނެވެ. ގޭތެރޭގައި ހަމަޖެހުމެއްނެތި ހިނގާލަ ހިނގާލާ ހުރެފައި ކްލޯޒެޓްވެސް ހުޅުވާ ބެލިއެވެ. އަދިވެސް އޭނަދިން ޕާރުސަލް ހުރީ ނުކަނޑައެވެ.

"އަހަރެން ހަދަންވީ ކިހިނެއް؟ ކިތަންމެ ވަރަށް ލޯބިވެވުނަސް ކެމްގެ ހިތުގައި އަހަންނަށްޓަކާ އެއްވެސް އެއްޗެއް ނެތިއްޔާ ވަކި ކުރާނީ ކީއްތަ؟ މިހާ ސެލްފިޝް ވާކަށް ނުވާނެ. އަހަންނާއިއެކު ކެމްއަކަށް ފިއުޗާއެއް ނެތް. ކެންސަރ ޕޭޝަންޓަކާއިއެކު އަންހެންކުއްޖަކަށް އޮންނާނީވެސް ކޮން އުއްމީދެއް. ކައިގެ ބަލި ރަގަޅުކޮށްފައި އަހަރެން ކެމްއާއި ކައި ގުޅުވާނީ. އޭރުން ކަން ނޭގޭ އަހަންނަށް ހަމަޖެހުމެއް ލިބޭނީ.....ހޫމް...ލޯބީގެ ދެވަނަ ނަމަކީ ގުރުބާނީ. އަހަންނަށް ކެމްއަށް މުސްތަގުބަލް ހޯދަދެވެން ނެތިއްޖެއްޔާ އެކަން ކުރެވޭވަރުގެ ފަރާތަކާ ހަވާލުކުރަންޖެހޭ. އެމީހަކީ ކައި. އެކަމަކު އަހަންނާއެކު އުޅޭ ދުވަސްކޮޅު އައި ވިލް ޕްރޮޓެކްޓް ހާ. އައި ވިލް ޓޭކް ކެއާ އޮފް ހާ ޓިލް ދަ އެންޑް........." ނާޔަލްގެ ޚިޔާލު އެކިގޮތްގޮތަށް އެނބުރެމުން ދިޔައެވެ. ކެމީލާ ބަލާ ނައިސްގެން ގުޅާ ގުޅާ ފޯނު ނުނަގާ ނާޔަލް އޮތީއެވެ.

އެރޭ ކެމީލާ ނިދަން ޖެހުނީ މާމައާއި އުލާ ކައިރީ އެކޮޓަރީގައެވެ. ނާޔަލް އޭނަ ބަލާ ނައީ ކީއްވެކަމާއިމެދު ސުވާލު އުފެދުނެވެ. ޒޯއީ އެގެއަށް އައުމުން އޭނަ މަތިން ހަދާން ނައްތާލީކަން ޔަގީނެވެ. ކެމީލާ އޮތީ ނުނިދިފައެވެ. ކައިޒާން ދެއްކި ވާހަކަތަކާއިމެދު ވެސް ވިސްނުނެވެ. ނާޔަލް ކައިރިން ވަރިއަށް އެދެންވީ ހެއްޔެވެ؟ ނާޔަލްގެ މަންމަވެސް އެދެނީ އެގޮތަށް ކަންތައް ވުމެވެ. ކައިޒާންވެސް ބޭނުމީ އޭނަ ނާޔަލްއާއި ވަކިވުމަށެވެ. ކައިޒާން އެހެރީ އާއިލާ ދޫކޮށް ފިލައިގެން ދާން ތައްޔާރަށެވެ. އެކިގޮތްގޮތަށް ވިސްނާފައި ކެމީލާ ނިންމީ ނާޔަލްއާއި ވާހަކަދެއްކުމަށެވެ. ނާޔަލް ހިތުން ރުހުމުން އޭނަ ދޫކޮށްލަދޭން އޭނަ އެދޭނެއެވެ. ދެމީހުންނަށްވެސް އެންމެ ރަގަޅުގޮތަކީ ވަކިވުމެވެ. އޭނަބޭނުމީ ރާއްޖެއަށް ގޮސް ރާއްޖޭގައި ވަޒަންވެރިވުމެވެ. އެހެން ހިތަށް އަރާއިރަށް އަރީންގެ ސަބަބުންޖެހުނު އުދަގޫތައް ހަދާންވިއެވެ. އަރީންއަށް ބިރުންނޭ ކިޔާފައި އަމިއްލަ ވަޒަން ދޫކޮށްލާކަށް ނުޖެހޭނެއެވެ. ގާނޫނު އޮންނަނީ ރައްޔިތުން ގެ ރައްކާތެރިކަމަށްޓަކައެވެ. އޭނަ އުދަގޫކުރަންޏާ ފިޔަވަޅު އެޅޭނެއެވެ. ލޮލު ފިޔަޖަހާނުލާ އޮތްއިރު ފިނިވާގޮތްވެސްވިއެވެ. އޭނަ ނިދާއިރު ނާޔަލް ބައްދާލައިގެން އޮތުމުން ހީފިލައެވެ. އެހެން ތާކު ނިދަން އޮންނަން ޖެހުމުން އޭނަ ނިދާ އެނދުމަތިން ހަދާންވިއެވެ. ނޫނެކެވެ. މިއަދު ކައިޒާންއާއި ދިމާވީމަ ވެގެން އުޅޭގޮތެއް ކަމަށްވެސް ވެދާނެއެވެ.

ހެނދުނު ތެދުވެގެން ކެމީލާ ނާސްތާ ތައްޔާރުކުރިއިރު އޮޅިގެން ނާޔަލް އާއްމުކޮށް ކާ އެއްޗެހި ތައްޔާރުކުރަން އުޅެވުނެވެ. އަބަދާއަބަދު އެގޭގައި ނާޔަލްއާއިއެކު އުޅުމުން ހަނދާންވަނީހެއްޔެވެ؟ އަޖައިބެކެވެ. ނާސްތާ ތައްޔާރުކޮށްފައި މާމައަށް ސައި ދިނެވެ. ބޭސްކާންދިނެވެ. އުލާ ދޮންތަ ތައްޔާކުރި އެއްޗިއްސަށް ތައުރީފުކުރިއެވެ. ކައްކާފައި ނުފޮނުވާތީ މައްސަލަޖެއްސިއެވެ. ކެމީލާ މާމަ ގޮވައިގެން ފެންޑާއަށް ނުކުމެ އިރުކޮޅެއްވާންދެން ސްނޯ ވެހޭ މަންޒަރު ބަލަން އިނެވެ. ޖޫލް ބަލާ އެގެއަށް ދިޔުމުގެ ކުރިން ނޯޔާއާއި ބައްދަލުކޮށްލަންވެސް އެބަޖެހެއެވެ. ދުންފިނީގެ ސަބަބުން މަގުތައް ފެންނަނީ ތަންކޮޅެއް ފުސްކޮށެވެ. ފިނި އެހާ ގަދައެވެ. ސްނޯ ކަހާލާފައިވާ މަގުން ހިގާލާފައިގޮސް އެގޭގެ ފެންޑާއަށް އެރިތަނާ ނަތާލީ ނުކުތްތަން ފެނި ކެމީލާގެ ހިތަށް ބިރުވެރިކަން ވަނެވެ.

"ގުޑް މޯނިން ކެމީލާ....."ނަތާލީގެ ތުންފަތުގައި ވީ މަލާމާތުގެ ހިނިތުންވުމެވެ.

"ނޯޔާ އެބައުޅޭތަ؟ "

"ނޯޔާ ގެއަކު ނޫޅޭ. އާދޭ ކޮފީއެއް ބޯލަން. ކެމީލާގެ ސަބަބުން އަހަރެމެންވެސް މިގެ ދޫކޮށް ސިޓީއަށް ބަދަލުވާން މިއުޅެނީ. ކީއްވެކަން ކިޔާދޭނަން..." ނަތާލީ އެތެރެއަށް ވަންނަން ދައުވަތުދިނެވެ. ދުޝްމިނެއް ނަމަވެސް ބައެއްފަހަރު ނަތާލީ މިކުރަން އުޅެނީ ރަގަޅުކަމެކޭވެސް ކެމީލާ ހިތަށް އެރިއެވެ. ނާޔަލްއާއި ދުރުކުރަން ނަތާލީ ކުރާ މަސައްކަތް ހަމަ އެންމެ ރަގަޅެވެ. އޭނަ ނަތާލީއާއި މަޝްވަރާ ކޮށް ހައްލެއް ހޯދަން ބޭނުމެވެ. ނަތާލީ ހޫނު ޗޮކްލެޓް ތަށްޓެއް ތައްޔާރުކޮށްގެން ގެނެސް ކުރިމަތީގައި ހުރި މޭޒުމަތީ ބެހެއްޓިއެވެ.

"އަހަންނާއި ނާޔަލްގެ އެއްވެސް ގުޅުމެއްނެތް. ނާޔަލް ޗޫޒްކުރީ ކެމީލާ. އެހެންވެ އަހަރެން އަންގާފައި އޮންނާނީ އަހަރެން ނާޔަލްއާއި ވާހަކަދައްކާނީ ކެމީލާ ވަރިކޮށްފައި އައި ދުވަހަކުންކަން. ވީމަ ކެމީލާ ރަގަޅަށް ވިސްނާ. އަންހެނެއްގެ ހައިސިއްޔަތުން މިކަމާ ވިސްނާލާ. މަޔަކާއި ދަރިއެއްގެ ދޭތެރެއަށް ވަނުމުން ބަރަކާތް ލައްވާނެތަ؟ ނާޔަލް ބަލާ ބޮޑުކުރިކަމުގެ އަގު އަހަންނަށް މިލިބުނީ ކިހިނެއް؟ ކުށްވެރިއަކީ ތިއީ. ކެމީލާ. އަހަރެންގެ ނާޔަލްދެކެ އަހަރެން ލޯބިވާ ވަރަށް ލޯބިވާނެ އިންސާނެއް މިދުނިޔެއަކު ނެތް. ނާޔަލްގެ އުމުރުން ހަތް އަހަރުގައި ހިނގި އެކްސިޑެންޓެއްގައި ހޮސްޕިޓަލުގައި ބަލިވެ އެތައް ދުވަހެއް ވާންދެން އޮންނާން ޖެހުނު. މިއޮތީ އަލްބަމް. ބަލާލަބަލަ. ނާޔަލް އެނދުގައި އޮތް ފޮޓޯތަކާއި ރިކަވާ ވަމުން އައި ދުވަސްކޮޅު ނެގި ފޮޓޯތައް މިހިރީ. އަހަރެން އެންމެފަހަރަކުވެސް ފިޔަޖަހާނުލާ ނާޔަލް ކައިރީ އިނީ. މިއޮތީ ނާޔަލް ވަރަށް ބޮޑުވާންދެން ގެންގުޅުނު ބަނީ...." ނަތާލީ ނާޔަލް ގެންގުޅުނު ބަނީ އާއި އަލްބަމް ގެނެސް މޭޒުމަތީ ބޭއްވިއެވެ. އަލްބަމެއް ހުޅުވާފައި ނާޔަލް ކުޑައިރުގެ ފޮޓޯތައް ދެއްކިއެވެ. ނާޔަލްގެ މަންމަ އެއިން ކޮންމެ ފޮޓޯއެއްގައި އިނެވެ. މޫނުމަތިން ވަރުބަލިކަން ފެންނާން ހުއްޓެވެ. ނާޔަލް ޅައިރުވެސް ހާދަ ރީއްޗެވެ. އަޅި ދެލޮލާއި ވަރުގަދަ އިސްތަށިގަނޑެކެވެ. ގަދަ ބުމައެވެ. ރަތް ކުލަ އަރާ ތުންފަތެވެ. އެހާ ބޮޑު ފިރިހެން ކުއްޖެއް ބަނީ ހިފާލައިގެން ހުރުމުން އަދި ވަރަށް ލޯތްބެވެ.

"އަހަންނަށް ނާޔަލް ދީ. އަހަރެންގެ ދަރިފުޅު އަހަންނަށް ދީ. އާދޭސްކޮށްފައި މިބުނަނީ..." ނަތާލީ ކުއްލިއަކަށް ލޮލަށް ކަރުނަ ގެނެސްފައި ރޯ ވައްތަރު ދައްކާލައިފިއެވެ. ފައިސާއިން ކެމީލާ ގަނެނުލެވޭނެކަން އެނގުމުން ޖަޒުބާތުގައި ޖައްސައިގެންވެސް ކާމިޔާބުކުރާނެއެވެ.

"ދުވަސްކޮޅަކުން އިވޭނީ ތި އުފާވެރި ޚަބަރު. އަޅުގަނޑާއި ނާޔަލްގެ ގުޅުން ރަގަޅެއްނޫން. ވީ ވިލް ސެޕެރޭޓް ސޫން.." ކެމީލާ ޔަގީންކަން ދިނެވެ.

"ވަން މޯ ތިންގް. ނާޔަލްގެ މަންމަ އެދިލެއްވީތީ އަޅުގަނޑު ގަވާއިދުން މި ބޭސްކާން ފެށީ. މާމަ ކިޔާނެ ދަރިއަކު އިރާދަކުރެއްވިއްޔާ ނުލިބޭނެ......" ކެމީލާ އޭނަގެ ދަބަސް ހުޅުވާލާފައި ކާޑުދެއްކިއެވެ. ނަތާލީ ގެ މޫނުން އުފާވެރިކަން ފައުޅުވިއެވެ. ދެލޮލުގައިވާ ކަރުނަތައް ވަގުތުން ހިނދުނެވެ. ތެދުވެ ކެމީލާގެ ގައިގާ ކުޑަކޮށް ބައްދާލެވުނީވެސް ކެމީލާއަށް އޭނަގެ ހާލު އޮޅުންފިލާ ނާޔަލްއާއި ވަކިވުމަށް ނިންމުމުން ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ. ނާޔަލްއަށްޓަކާ އޭނަ ހޯދާނީ އެކަށީގެންވާ އަންބެކެވެ. އޭނަވެސް ފަޚުރުވެރިވާފަދަ ޅީ ދަރިއެކެވެ. ޗޮކްލެޓްތަށި ދަމާލާފައި އަވަހަށް އެތަނުން ދާންޖެހިއްޖެ ކަމުގެ ބަހަނާ ދައްކާފައި ކެމީލާ ނުކުތެވެ. ބޭރަށް ނުކެމެފާ ކެމީލާވެސް ހިނިތުންވެލިއެވެ. އިރާދަކުރެއްވިއްޔާ އޭނަގެ ނިންމުމުން ހުރިހާ ހިތްތަކަށް ހަމަޖެހުން ލިބޭނެއެވެ. ނާޔަލްއާއި ވަކިވުމަށްފަހު އެމެރިކާއަށް އަލްވަދާއު ކިޔަންޖެހޭނެއެވެ. އެއީ މައްސަލައެއް ނޫނެވެ.

އެދުވަހުވެސް ޖޫލް ކެމީލާއާއިއެކު ވަގުތު ހޭދަކުރިއެވެ. ޖޫލް ބަލާ އައީ މާކަސްއެވެ. މާކަސް އައުމުން ޖޫލް ނުދާން ގަދަހެދިއެވެ. އެހެންވާންވީ ސަބަބެއް ކެމީލާއަކަށް ނޭގުނެވެ.

"އައި ހޭޓް ހިމް. ހީ ހާޓް މަންމީ...." ޖޫލްގެ ޖުމްލަތަކުން ކެމީލާއަށް ސިހުމެއް ލިބުނެވެ. ޖޫލް އެހެން ބުނާނީ ކޮންމެވެސް ކަމެއް އެދެމީހުން ދޭތެރޭ ހިގީމަ ނޫންހެއްޔެވެ. މާކަސްއާއި ލީސާގެ އެއޮންނަ ގުޅުމާއިމެދު ކެމީލާގެ ހިތުގައި ސުވާލުތަކެއް އުފެދިފައިވެއެވެ. އިތުރު ސުވާލެއް ނުކުރެވެނީސް މާކަސް ޖޫލް އުރާލައިގެން ދާން އުޅުމުން ކެމީލާ ކަންބޮޑުވިއެވެ. އެންމެފަހުން ކެމީލާ ގަސްތުކުރީ ޖޫލްއާއިއެކު އެގެއަށް ދާށެވެ. ކައިޒާންވެސް ހާދަ ނުވިސްނެއެވެ. އަންހެންދަރިއަކު އެންމެ ގާތް އެކުވެރިޔާގެ ހަވާލުގައި ފޮނުވިގެން ނުވާނެއެވެ. ޖޫލް ހުންނަންވާނީ މަންމަ ކައިރީގައެވެ. ލީސާގެ ފަރުވާކުޑަކަމާއިމެދުވެސް ހައިރާންވާ ވަރުވިއެވެ. އެގެއަށް ގޮސްފާ ކައިޒާން ފެނުމުން ކެމީލާ ކުޑަކޮށް ހީލިއެވެ. ޖޫލް ގެ ގައިގާ ބައްދާލާފައި ފަހުން އަންނާނެކަމުގައި ބުނެ ކޮލަށް ބޮސްދިނެވެ. މާކަސް މާނަވީ ގޮތަކަށް ހީލައިފިއެވެ. ކެމީލާ ޖޫލްއާއިއެކީ އައީ މާކަސްއާއިމެދު ޝައްކުކުރެވިގެންކަން އެނގުމުން އުފާވެސްވިއެވެ.

"ޝީޒް ސޯ ޕްރޮޓެކްޓިވް އޮފް ޖޫލް. ދެން ކައި ޖޫލް ބަލާ ދައްޗޭ. އަހަންނާއި ކައި އާއި ދެމީހުންނަށް ޖޫލްއަށް ކެއާ ކޮށް ލޯބިވެވޭނީ އެއްވަރަކަށް ކަން ނޭގޭ. އެކަމަކު ކެމީލާ އެބަ ޝައްކުކުރޭ..." މާކަސް ހިނިގަނޑެއް ޖަހައިލިއެވެ.

ކެމީލާ ގެއަށް ލާދިނީ ނޯޔާއެވެ. ކާރުގައި ދިޔައިރު ނޯޔާ ވަރަށް ވާހަކަދެއްކިއެވެ. ދޮންބެހާ އޯގާތެރި ރަގަޅު ފިރިޔަކު ނުލިބޭނެކަމަށާއި ލޯބިން އެކީ އުޅެން އެދުނެވެ. އަވަހަށް ދަރިއަކު ހޯދަންވެސް ބުނެލިއެވެ. އޭނަގެ ބައްޕަ ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރުމުން ނާއީއާއި ދެކުދިން މާލެ ދާން އުޅޭކަމަށް ބުނެ ނާޔަލްއާއި ކެމީލާވެސް ދާން އެދުނެވެ. ކެމީލާ ބުނީ އެކަމާއި ވިސްނާނެކަމުގައެވެ. ކެމީލާއާއިއެކު ނޯޔާވެސް އެގެއަށް ވަނެވެ. ނާޔަލް ދޮރު ހުޅުވާލުމުން ނޯޔާ ނާޔަލްގެ ގައިގާ ހިފައިގަތެވެ.

"ދޮންބެ. ވަޓްސް ރޯންގް ވިތު މަމް..މަމް ކީއްވެ އެގެއިން ދިޔައީ؟ "

"ނޯ އަހާ ބަލަ މަންމަ ކައިރިން..." ނާޔަލް ބުނެލިއެވެ.

"މަންމަ ނުބުނާނެ. މަންމަ އުޅޭގޮތަކުން.........އައި ޑޯނޯ. މާކްއާއިއެކު އަބަދު ފެނޭ. އެކަމާއި ބޯ ގޮވާފައި ހުއްޓާ އާންޓެއް ގުޅާފައި ބުނީ ބައްޕަ ބަލިވެގެން އައިސީޔޫގަޔޯ އޮތީ. ޑެންގީ ހުން ޖެހުނީ. އެހެންވެ ނާއީއާއިއެކު ރާއްޖެ ދާން މިއުޅެނީ..........." ނޯޔާ ދެލޯ މަރާލިއެވެ. ކަރުނަތައް ހިފަހައްޓަން އުޅޭފަދަ ގޮތަކަށެވެ.

"ދޮންބެއަށް އެނގޭތަ؟ މަންމަ ބައްޕަ ކައިރިން ޑިވޯސްވެއްޖެ. ދެން ބައްޕަ ކިހާ ދެރަވާނެ. އިޓް ވިލް ބްރޭކް ހިމް. ކީއްވެ މެރީކުރީ މަންމަ ލޯބި ނުވަންޏާ؟ " ނޯޔާއަށް ނުހިފެހެއްޓިގެން ރޮވިއްޖެއެވެ.

"އޯ.......އައިމް ސޮރީ ސްވީޓްހާޓް......." ނާޔަލް ނޯޔާ ގެނެސް މޭގައި ޖައްސައިލުމުން މާ ބާރަށް ރޮވިއްޖެއެވެ. ދެރަވެ ހިތުގައި ޖެހިފައި ހުއްޓާ ލޯބިވާ މީހަކު ކިރިޔާ ހިތްވަރުދިނަސް އެނިމުނީއެވެ. ނާޔަލް ނޯޔާގެ އިސްތަށިގަނޑުގައި ފިރުމައިލިއެވެ. ރުއިން ހުއްޓުވާކަށް މަސައްކަތެއް ނުވެސްކުރެއެވެ. ނޯޔާ ހުރީ ހިތުގައި އެހުރިހާ އެއްޗެއް ފޮރުވައިގެންނެވެ. މަންމައާއި ބައްޕަ ވަކިވިކަން އެނގުމުން އޭނަގެ ބޯ ހަލާކުވާވަރުވިއެވެ. ނަމަވެސް ރޮވުނީ ބޭބެއާއި ދިމާވެފައެވެ. ކެމީލާ އެތެރެއަށް ވަދެގެން ދިޔައީ އޭނައަށްވެސް ރޮވިދާނެހެން ހީވެފައެވެ. ނޯޔާ ރުއީ އެހާ ހިތަށް ތަދުވާފަދަ ގޮތަކަށެވެ. އެހާ ހިތުގައި ޖެހިފައެވެ. އޭނަ އެންމެ ލޯބިވާ ބޭބެ ކައިރީ ހިތް ބަންޑުންކޮށްލީއެވެ. ނޯޔާ އެތައް އިރެއް ފަހުން ހުއްޓާލިއިރު މޫނުކޮޅު އެއްކޮށް ރަތްވެފައެވެ. ނާޔަލް ޗޮކްލެޓް ތަށްޓެއް ހިފައިގެން އައިސް ނޯޔާގެ އަތަށް ދިނެވެ. ކެމީލާ ގެއަށް ވަންނާން ހިނގައިގަތީ ދެކުދިންނަށް ފުރުސަތު ދިނުމަށެވެ. ނާޔަލް ކޮންމެވެސް ޖޯކެއް ޖެހުމުން ނޯޔާ ހޭ އަޑުއިވިފާ ކެމީލާގެ ހިތް ހަމަޖެހިއްޖެއެވެ. ކޮއްކޮދެކެ ލޯބިވާ ބޭބެއެކެވެ. އޭނަގެވެސް އެހާ ލޯބިވާނެ ބޭބެއެއް ހުރިނަމައެވެ. ހުރި އެންމެ ބޭބެ މެލޭޝިއާއަށް ކިޔަވަން ދިޔަގޮތަށް ޚަބަރެއްވީއެއް ނޫނެވެ. އެކީ ހުރިއިރުވެސް އުޅުނީ އެހާ ދުރުންނެވެ. އަމިއްލަ ބޭބެއެއްކަމުގެ އިހުސާސްވެސް ނުކުރެވެއެވެ.

ނޯޔާއާއި ނާއީ ފުރުމުން އެގޭގައި އުޅުނީ މެގީ އެކަނިއެވެ. މާމަގެ ގެއަށް ދާ ފަހަރެއްވެއްޖެއްޔާ ކެމީލާ މެގީއަށް ޒިޔާރަތްކޮށް ވާހަކަދައްކާ ހަދައެވެ. ނަތާލީ އެގެއަށް ނާންނަކަން އެނގުނެވެ. މިއޮތް ރީތި ބޮޑުގެތައް ކަމަކާ ނުލާ ފަޅަށް ބަހައްޓާފައި ނަތާލީމެން އެހެން އެޕާޓްމެންޓްތަކުގައެވެ. މިއީ އިސްރާފު ނޫން ކޮންކަމެއް ހެއްޔެވެ. ވަންނާނެ ހިޔާވައްސެއްނެތި އުޅޭ ފަގީރުންނަށް މިތަންތަން ބޯ ހިޔާވަހިކަމެއް ދިނަސް މާރަގަޅުވާނެއެވެ. ނަމަވެސް އިންސާނުންގެ ތަބީއަތުގައި ހުންނަގޮތުން މުއްސަދިވުމަށްފަހު އެމީހުންނަށް ފަގީރުންގެ ނިކަމެތިކަން އިހުސާސެއް ނުކުރެވޭނެއެވެ. ޒަކާތްދިނުންފަދަ ކަމެއް މި މުއްސަދިން ކުރާކަމެއްވެސް އޭނައަކަށް ނޭގެއެވެ.

ކެމީލާ ހުންނަނީ ނާޔަލް ކައިރީ ވާހަކަދައްކާލާނެ ރަގަޅު ފުރުސަތެއް ނުލިބިފައެވެ. މިހާރަކަށް އައިސް ނާޔަލް އޭނައާއި ދުރުން އުޅެން މަސައްކަތްކުރާހެން ހީވެއެވެ. އިރާދަކުރެއްވިއްޔާ ނާޔަލްގެ ހިތް ބަދަލުވާނެއެވެ.

ސްނޯގެ ތޫފާނެއް އައުމުން މިއަދު ކޮލެޖް ބަންދުވެފައިވާތީ ފޫހި ދުވަހެކެވެ. އަނެއްކޮޅުން ގޭގައި ހައްޔަރުވީއެވެ. ކެމީލާ ފަތިހު ތެދުވެ ނަމާދުކޮށްގެން އާދައިގެ މަތިން ގުރުއާން ކިޔަވަން އިނދެފައި ބަދިގެއަށް ވަނެވެ. ހެނދުނު ނާސްތާއަށް މީރު އެއްޗެއް ހަދާލާހިތްވިއެވެ. ރެސިޕީ ފޮތެއް ހުޅުވާލުމަށްފަހު އޭނަ ތައްޔާރުކުރީ އޯޓްމީލް ޕޭންކޭކާއި އެގްސް ބެނެޑިކްޓް ފްރެންޗް ޓޯސްޓް އެމެންޑައިން އަދި ކިމްޗީ އޮމްލެޓެވެ. ނާސްތާ ތައްޔާރުކޮށްލާފައި މޭވާކޮށަން ފިޔޮހި ނެގިތަނާ ނާޔަލް ފަހަތުން އައިސް ކެމީލާގެ ގައިގާ ކުޑަކޮށް ބައްދާލިއެވެ. ހިތްހަމަނުޖެހިފައި ކުއްލިއަކަށް އެނބުރުނުއިރު އަތުގައި މިޔަތޫނު ފިޔޮއްސެއް އޮތް ހަނދާނެއްނުވިއެވެ. ފިޔޮހިން ނާޔަލްގެ އަތުގައި ޖެހި ތަނެއް ކަފައިގެން ދިޔުމުން ކެމީލާވެސް ސިހުނެވެ. އަތުން ލޭގަނޑު އޮހިގެން މާބްލް މައްޗަށް ތިކިތަޅަންފެށިއެވެ.

"އޫ އައިމް ސޮރީ..އައި ޑިޑްންޓް މީން ޓު....." ކެމީލާ ކުޑަކޮށް ހާސްވިއެވެ.

"އިޓްސް އޯކޭ...." ނާޔަލް އަމިއްލައަށް ތަޅުންމަތި ސާފުކުރަން އުޅެގަތެވެ. ކެމީލާ ދެވަނަފަހަރަށްވެސް މާފަށް އެދުނެވެ. އެއްވެސް މީހަކަށް އޭނަގެ ފަރާތުން އަނިޔާއެއް ލިބޭކަށް ނޭދެއެވެ. ނާޔަލް ވެސް ދެން އޭނަ ފިޔޮހި ހިފައިގެން ހުއްޓާ އުދަގޫކުރާކަށް ނުވެސް ޖެހޭނެއެވެ. އެހާ ބޮޑަށް ކަފައިގެން ދިޔުމުން ބެންޑޭޖްކުރަން ނޫޅެ ނާޔަލް ނާސްތާ ކުރަން އިށީނެވެ. އޭރު ފަރުދާތައް ކަހާލެވިފައިވާ ބިއްލޫރި ދޮރުތަކުން ސްނޯ ބޯކޮށް ވެހޭތަން ފެންނަނީ ނިކަން ޗާލުކޮށެވެ. ކިތަންމެ ގިނައިރެއްވާންދެން އެ މަންޒަރަށް ބަލައިގެންވެސް ފޫހިވާގޮތެއް ނުވެއެވެ. ނާޔަލް ކޮންމެވެސް ވަރަކަށް ވާހަކަދެއްކިއެވެ. އާދައިގެ މަތިން ކެމީލާ ބަސް މަދެވެ. ކައިގެން ނާޔަލް ބޭރަށް ނިކުތްތާ އިރުކޮޅެއްނުވަނީސް ކެމީލާ ބަލައިލިއިރު ސޯފާގައި ގަދަ ނިދީގައެވެ. އަތުގައި ހުރި ޒަޚަމްފެނި ކުށްވެރިކަމުގެ އިހުސާސްކުރެވުނެވެ. ނާޔަލް ބޭސް ނާޅާ އޮތީ ކީއްވެހެއްޔެވެ. ކެމީލާ ފަސްޓްއެއިޑް ފޮށި ގެނެސް މާބްލްމަތީ ބެހެއްޓުމަށްފަހު ނާޔަލްގެ ޒަޚަމް މަޑުމަޑުން ސާފުކުރިއެވެ. ބޭސްއަޅާލަދިނެވެ. ބެންޑޭޖްކުރުމަށްފަހު ނާޔަލްގެ މޫނަށް ބަލަހައްޓައިގެން އިނދެވުނެވެ. އޭނައަށް ނާޔަލްދެކެ މިހާ ނަފްރަތު ކުރެވެނީ ކީއްވެބާވައޭ ހިތަށް އެރިއެވެ.

"ނިދާފައި އޮންނައިރު ކިހާ އިނަސެންޓް. ކައިންޑްހަޓެޑް ހެން ހީވަނީ. އެހާ އީވިލްކޮށް އަހަންނާއި ކައި ދުރުކޮށްލާނެއޭ ހީވެސްނުވޭ. ނަމަވެސް ނާޔަލް އެހެން ހަދައިފި. ވަރަށް ދެރަކޮށް ދެލޯބިވެރިން ދުރުކުރީމަ އެކަމުގެ ސަޒާ ލިބެންޖެހޭނެ. މިދުނިޔޭގައި ނޫނީ އެހެން ދުވަހަކު މީހުން ކުރާ ނުބައި ކަންތައްތަކުގެ ސަޒާ ލިބޭނެއެއްނު. ނާޔަލްގެ މަންމަވެސް ބޭނުމެއްނުވޭ އަހަރެމެން އެކީ އުޅެން. އައިމް ސޮރީ އެކަމަކު އަހަރެން ބޭނުން ވަކިވާން..." ކެމީލާ ހިތާހިތުން ވާހަކަދެއްކިއެވެ. ނާޔަލް އެހުރިހާ އިރުވަންދެން އޮތީ ހޭލައެވެ. ކެމީލާ ބޭސްއަޅާދިނީ އޭނައަތުން ކުރެވުނު ކަމަކަށް ވީމަ ހެއްޔެވެ.

އެދުވަހު ހަވީރު ނާޔަލްގެ ބައްޕަގެ ފަރާތު ތިމާގެ ދެމަފިރިއަކު އެގެއަށް ޒިޔާރަތްކުރިއެވެ. އެދެމަފިރިންގެ ތިންއަހަރަށްދާ ފިރިހެންދަރިފުޅު ލިއަމް އާއި ގެން ނާޔަލް އުޅުނީ ވަރަށް ލޯބިންނެވެ. އެކުއްޖާ އަބަދުހެން އުރާލައިގެން އުޅެފައި އެންމެފަހުން ކޮނޑުމަތީ ބާއްވައިގެން ނިންދެވިއެވެ. ހަގީގަތުގައި ނާޔަލް އަބަދުވެސް ކުޑަކުދިން ދެކެ އިންތިހާއަށް ލޯބިވެއެވެ. އަބަދުވެސް ކުއްޖަކު ހޯދަން ޝައުގުހުރެއެވެ. ދުވަހަކު ދެން އެފަދަ އުފަލެއް ނުލިބި މަރުވެދާނެއޭވެސް ނާޔަލްގެ ހިތަށް އެރިއެވެ. ލިއަމްއާއި ގެން އެހާވަރުން އުޅެވުނީ އެހެންވެއެވެ.

ނާޔަލް ލިއަމްއާއިގެން އުޅުނުވަރު ފެނިފާ ކެމީލާވެސް ހައިރާންވިއެވެ. އެއްފަހަރު ނާޔަލް ކަރުން ފޮހެލިތަން ފެނުމުން ޔަގީންކުރީ ނާޔަލް ކުއްޖަކު ބޭނުންވާވަރުން ކަމަށެވެ.

އެރޭ އިޝާ ކޮށްލައިގެން ކެމީލާ މުސައްލަމަތީ އިނދެފައި ނާޔަލްއަށް ވައިބާ މެސެޖެއްކޮށްލިއެވެ. އެ އާޔަތުގައިވަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި ބެހޭގޮތުންނެވެ. ކެމީލާ މެސެޖްގައި ލިޔުނީ ނާޔަލްގެ މަންމަ އެހާ ބޭނުންނުވާއިރު އެދެމީހުން އެކީ އުޅުމުން ބަރަކާތް ނުލައްވާނެކަމުގައެވެ. ނާޔަލް އަށް އޭނައަށްވުރެ މާ ރަގަޅު އަންހެންކުއްޖަކު ލިބިދާނެކަމަށާއި މަންމައާއި ގުޅުން ކަނޑާނުލުމަށެވެ. އޭނަވެސް ބޭނުންވަނީ ވަކިވާން ކަމަށެވެ. ރަގަޅު ދިރިއުޅުމެއް ބިނާކުރެވޭނީ ދެމީހުން ލޯބިވެގެން ކަމަށާއި އޭނަގެ ހިތް ނާޔަލްއަށް ރަގަޅަށް އެނގިހުރެ ކައިވެނިކުރީ ކީއްވެހެއްޔޭ ސުވާލުކުރިއެވެ. ނާޔަލްގެ ޖަވާބެއް ނުލިބުނެވެ.

"ރިޕްލައި ނުކުރިޔަސް އައިމް ލީވިން ޔޫ..." ކެމީލާ ރުޅިއަންނަގޮތްވިއެވެ.

ކޮޓަރިއަށް ވަންއިރު ނާޔަލް އިނީ ސޯފާގައި ލެޕް ހުޅުވާލައިގެން ކޮންމެވެސް މަސައްކަތެއްގައެވެ. ކެމީލާ ވަނުމުން ލެޕް ލައްޕާލާފައި ތެދުވެގެން އައެވެ. އަލިފާންގެ ރަތްއަލި ނާޔަލްގެ މޫނަށް އެޅި އިސްތަށިގަނޑު ހޭވިފައިވާއިރު ހިތް ދަމައިގަންނަފަދަ ގޮތެއް އޭނަގެ ހުރިކަމުގައި ކެމީލާ ގަބޫލުކުރިއެވެ. އޭރު ފްރެންޗް ދޮރުތަކުން ސްނޯވެހޭ މަންޒަރު ފެންނަނީ އާޝޯޚުވާހާ ރީތިކޮށެވެ. ރޭގަނޑުގެ އަނދިރީގެ ތެރޭ ހުދުހުދު ސްނޯކޮޅުތައް ވަޔާއިއެކު އެގޮތް މިގޮތަށް އުދުހޭއިރު ބަލާ ބަލާ ފޫހިވުމެއްނެތެވެ. ނާޔަލް ގެ މޫނުމަތިން ފެނުނީ ސީރިޔަސްކަމެވެ. ހިތާމައެވެ. ނާޔަލް ކެމީލާ ގެ ކޮނޑުގައި އަތް ބޭއްވިއެވެ.

"ކެމް ހިފަހައްޓާކަށް ނޫޅެން. އަހަންނަށްވެސް ގަބޫލުކުރެވިއްޖެ ޑެސްޓިނީގައި ދެމީހުންނަށް އެއްކޮށް އުޅެން ލިޔެވިފައި ނުވާކަން. ނަމަވެސް ދުވަސްކޮޅަކަށް މަޑުކޮށްލަދީފާނަންތަ؟ " ނާޔަލް މަޑުމަޑުން އަހައިލިއެވެ. އެއަޑުގައިވީ ހިތަށް އަސަރުކުރުވާފަދަ ހިތާމަވެރި ގޮތެކެވެ. ކެމީލާ ހައިރާންވިއެވެ. އޭނަ ހީކުރީ ނާޔަލް ބޮޑު ހަގުރާމައަކަށް ދާނެކަމަށެވެ. ދޫނުކުރާނަމޭ ކިޔާފައި މައްސަލަ ޖައްސާނެކަމުގައެވެ. ނަމަވެސް ނާޔަލް އެހާ ފަސޭހައިން އެއްބަސްވުމުން ޝޮކެއް ލިބުނެވެ.

"ވެލް.......ނާޔަލްގެ މަންމަ ބޭނުމެއްނުވޭ ހިދުކޮޅަކަށްވެސް އަހަރެން މިގޭގައި ހުންނަން.." ކެމީލާ އަވަހަށް ބުނެލިއެވެ.

"އަހަރެން މިއުޅެނީ ފުރަން. އަންނާންދެން މިގޭގައި ހުރެވޭނެއްނު. އިޓް މައިޓް ޓޭކް އެ ކަޕްލް އޮފް ވީކްސް........" ނާޔަލް ބުނެލިއެވެ.

"ކޮންތާކަށް؟ " ކެމީލާގެ ހިތުގައި ޝައްކުތަކެއް ހިނގައިލިއެވެ.

"އަހަރެން އެހެން ޕްލެނެޓަކަށް ދިޔަސް ކެމްއަށް މުހިއްމުވާނެތަ؟ ނުވާނެކަން ޔަގީން. ދުވަސްކޮޅެއްވާންދެން ކެމްއަށް މާމައާއި އުލާ ގެނެސް މިގޭގައި އުޅެވިދާނެ. އެންމެ ފަހު ދުވަސްކޮޅުވީމަ ލެޓްސް މޭކް ސަމް މެމަރީސް. ކެމް ދިޔަސް އަހަންނަށް އެ ހަނދާންތަކުގެ އެހީގައި އުޅެވިދާނެކަން ނޭގޭ..." ނާޔަލް އެއް ލޯ މަރާލިއެވެ. ހީލީ ހިތާމަތައް ފޮރުވުމަށެވެ. ހުރިހާ ހިތާމަތަކެއް ފޮރުވައިގެން ހީހީ ހުއްޓަސް ނާޔަލްގެ ހިތްވަނީ ހަލާކުވެފައެވެ. ހަޔާތުގެ އެންމެ ފަހު ދުވަސްތަކުގައި އޭނަ އެކަނިވެރިވަނީ ހެއްޔެވެ.

ނާޔަލްގެ ޖުމްލަތަކުން ވިސްނާލަން މަޖުބޫރުވިއެވެ. ނާޔަލް އެހާ ފަސޭހައިން ދޫކޮށްލަން އެއްބަސްވީ އޭނަ މަތިން ފޫހިވީމަހެއްޔެވެ. ފޫހިވީމަ ރަގަޅީ ނޫންހެއްޔެވެ. ހިތްހަމަޖައްސާލަން ކެމީލާ އެގޮތަށް ވިސްނިޔަސް ހިތަށް އުދަގޫތަކެއްވިއެވެ. ނާޔަލްގެ ބޭނުމަކީ ކޮބާހެއްޔެވެ. ޒޯއީއާއި މާ ބޮޑަށް ރުހެނީކަމަށް ވެދާނެއެވެ. ޒޯއީ މާ ރަގަޅީހެއްޔެވެ. ހިތުގައި އެހެން ކަހަލަ އިހުސާސްތަކެއް ޒޯއީއާއިމެދު އުފެދުނެވެ. އޭނަ ޒޯއީއާއިމެދު ހަސަދަވެރިވާކަށް ބޭނުމެއްނޫނެވެ. ނާޔަލްއާއި ޒޯއީ އިނީމަ ފައިދާ ވާނީ އޭނައަށެވެ. ނަމަވެސް ޒޯއީ ނޫން އަންހެންކުއްޖަކު ނާޔަލްއަށް ނުވާނީހެއްޔެވެ.

ނާޔަލް ފުރަންވެގެން މަންމައާއި ބައްދަލުކުރަން އެޕާޓްމެންޓަށް ދިޔައެވެ. ބެލް އެޅުމުން ކާކުކަން އެނގުމުން ނަތާލީ ދޮރު ނުހުޅުވީއެވެ. މަންމަ ގޭތެރޭގައި އުޅޭކަން ނާޔަލްއަށް އެނގުނެވެ. ކުރާނެކަމެއް ނެތްތާއެވެ. ނާޔަލް އިރުކޮޅެއްވާންދެން ދޮރުމަތީ ހުރެފައި އަނބުރާލާފައި ދިޔައީއެވެ.

ނާޔަލް އޮޕަރޭޝަންކުރެވުނީ ރޯޗެސްޓާގައެވެ. އޮޕަރޭޝަން ކާމިޔާބުވިއެވެ. ސިކުނޑިއަށް ގެއްލުމެއް ނުދީ ޓިއުމާ ނެގުމުގައި ކާމިޔާބުކުރި ނަމަވެސް ފެތުރިފައިވާތީ މުޅިން ނެގުމަކީ ކުރެވޭނެކަމަކަށް ނުވިއެވެ. ގްލިއޯބްލާސްޓޯމާ ފަދަ ނުރައްކާތެރި ކެންސަރަކަށްވިޔަސް ނަސީބަކުން ނާޔަލްއަށް އެހާ ބޮޑު އުދަގޫތަކެއް ނުޖެހުނެވެ. ސިއްހަތު ރަގަޅުކަމުން ނާޔަލްއަށް ހުރިހާ އަލާމާތްތަކެއް ނުފެނުނީއެވެ. ނާޔަލް ކީމޯ ނަގަން ދެކޮޅުހެދިއެވެ. އެއްބަސްވީ ހަމައެކަނި ޕްރޮޓޯން ތެރަޕީއަށެވެ. ޕްރޮޓޯން ތެރަޕީ ހަދަން ނިއުޔޯކްސިޓީއަށް ދާން ނިންމިއެވެ. މައުންޓްސިނާއީ ކަހަލަ ހޮސްޕިޓަލުންވެސް އެ ޚިދުމަތް ލިބޭނެއެވެ. ރިވާއު ވިސްނައިދިނަސް ނާޔާލްއަށްވެސް އޭނަ ބޭނުންވާ ފަރުވާ ޚިޔާރުކުރުމުގެ ފުރުސަތު ދޭންޖެހޭނެއެވެ. ކޮންމެގޮތެއްވިޔަސް އެއީ ސިކުނޑިއަށް ޖެހޭ އެންމެ ނުރައްކާތެރި ކެންސަރަށްވެފައި މުޅިން ރަގަޅު ނުކުރެވޭނެތީއެވެ. ޑޮކްޓަރުން ބަލާނީ ބަލިމީހާއަށް އަޅާ ވޭން ލުއިކޮށްދިނުމަށެވެ.

ނާޔަލް އެދުނުހެން މާމަމެން އެގެއަށް ގެނައުމުގެ ބަދަލުގައި ކެމީލާ އައީ މާމަމެންގެ ގެއަށެވެ. ކޮލެޖަށްދާންވެސް ފަސޭހަވާނީ މާމަގެ ގޭގައި ތިބީމައެވެ. ނާޔަލްގެ ގެ މާ ދުރުގައި ހުރުމުން ދަތުރުކުރަން އެހާ ފަސޭހައެއްނުވާނެއެވެ. އެދުވަސްކޮޅު ކެމީލާއަށް ކޮންމެ ދުވަހަކުހެން ކައިޒާން ފެނެއެވެ. ނަމަވެސް ކައިޒާންވެސް ކެތްތެރިވެލައިގެން ހުންނަނީ ކޮންމެވެސް ދުވަހަކުން ކެމިލާ ހާސިލްކުރުމުގެ އުއްމީދުގައެވެ. ދެތިންފަހަރު ޖޯންއަށް ބަދަލުވުމުން ކެމީލާއަށް ތަންކޮޅެއް އުދަގޫކޮށް ގޯނާކުރިއެވެ. ކިތަންމެ ބޭނުންނުވިޔަސް ކޮންމެ ދުވަހަކުހެން ނާޔަލްގެ މަތިން ހަދާންވެއެވެ. ނާޔަލް އުޅެނީ ކޮންތާކުބާވައޭ ހިތަށް އެރިއެވެ. އޭނަ ނިދަން އަރާފައި ނާޔަލްއަށް ގުރުއާން ނޫނީ ހަދީސެއް ފޮނުވައިލައެވެ. ދީނީ ވީޑިއޯއެއް ފޮނުވައިލައެވެ. ނަމަވެސް ނާޔަލްގެ ފަރާތުން އެއްވެސް ޖަވާބެއްނުލިބޭތީ ކެމީލާ ރުޅިއާދެއެވެ. ހާދަ ފޮންޏެވެ. މިހާވަރަށް އޭނަ މެސެޖްކުރާއިރު ޝުކުރުވެރިވުމުގެ ގޮތުން އިމޯއެއް ފޮނުވައިލިޔަސް ފާފައެއްނުވާނެއެވެ.

ނާޔަލް އެނބުރި އައީ މާރިޗް މަހުގެ މެދު ތެރޭގައެވެ.

ރިވާގެ ދެމަފިރިން ކެމީލާ ބަލާ އައުމުން ދިޔައިރު ގެންދަނީ ކޮންތާކަށް ކަމެއްވެސް ނޭގުނެވެ. ނާދާންގެ ލާނެތްކަމާއި ސަކަރާތްޖެހުމުން ކެމީލާ އެކުއްޖާއާއި ވަރަށް ގަޔާވިއެވެ. އަދި ކުދިންކޮޅު ލޯބިކަމުން ހަމަ މޮޔަވާހާވިއެވެ. ނާދާންއާއި ރިވާއާއިއެކު ހޭދަކުރެވުނު ކުޑަވަގުތުކޮޅުވެސް އެދެ ޒުވާނުންގެ އަމަލުހުރިގޮތުން ލޯބިވަވަރު އެނގުނެވެ. ނާދާންއާއި ދިމާލަށް ރިވާއު ބަލާލާ އިޝްގީ ނަޒަރާއި އަތުގައި ހިފާލާގޮތާއި ހިނގާއިރުވެސް އަތު ގުޅުވާލައިގެން ދާގޮތުން ދެކޭ މީހަކު ހަސަދަވެރިވާނެއެވެ. ލޯބިވާ މީހަކު ލިބުމަކީ ނަސީބެކެވެ. ރަހުމަތެކެވެ. އިރާދަކުރެއްވިޔާ އަދި އޭނައަށްވެސް އެދުވަސް އަންނާނެއެވެ. ރިވާއު ކާރު މަޑުކޮށްލީ ނާޔަލްގެ ކައިރިއަށެވެ.

ކެމީލާ ކާރުން ފޭބިއެވެ. ފިނިމޫސުމް ނިމި ބަހާރުގެ ކުލަތައް ކޮންމެވެސް ވަރަކަށް ފެންނާން ފެށިއެވެ. ބައެއް ދިމާލުގައި ހަރުލާފައިވާ ސްނޯތަކުގެ ތެރެއިން ބޯ ދިއްކޮށްލާފައިވާ ރީދޫކުލައިގެ ޑެފޮޑިލްތައް ރީތިކަމުން ކެމީލާއަށް ބަލަން ހުރެވުނެވެ. ވައިލެޓާއި ހުދު އަދި ނޫކުލައިގެ މާތަކެއްވެސް ބައެއް ދިމާލުން ފެންނާން ހުއްޓެވެ. ގަސްތަކުގައި އާ ކުރި ލައިފިއެވެ. ބަހާރު މޫސުމް ފެށުނީއެވެ. ކެމީލާ ފޮޓޯ ނެގިއެވެ. މުޅި މިހިސާބުގައި ގަސްތައް އިންދާލުމުން ހާދަ ރީތިވާނެއެވެ. އަދިވެސް ފިނިގަދައެވެ. ނަމަވެސް ފިނިމޫސުމާއި ބަލާއިރު ކިތަންމެހާވެސް އަރާމެވެ. ބޯ ކެހެރި ޖެކެޓާއިނުލާ އުޅެވޭވަރުވެއެވެ. ކެމީލާ ރިވާއު މެން ފަހަތުން އަންނާނެކަމަށް ހީކޮށް ބަލައިލިއިރު އެމީހުން ފެންނާކަށް ނެތެވެ. އޭނަ އެކަނިކޮށްލާފައި ދިޔައީހެއްޔެވެ. ކެމީލާގެ ނަޒަރު އަނެއްކާވެސް ހުއްޓުނީ މާތަކަށެވެ. ސްނޯ ފުނިތަކަށެވެ. އުޑަފައިން އިށީދެފައި ސްނޯ ބޯޅައެއް ހެދިތަނާ ފެންޑާއާއި ދިމާލުން އުދުހިފައި ދިޔަ ދިރޭ އެއްޗެއް ފެނުނުހެން ހީވިއެވެ. ސްނޯ ބޯޅަ އެދިމާލަށް އަމާޒުކޮށް ފޮނުވައިލީ މަޖަލަކަށެވެ.

ކެމީލާ ސްނޯ ބޯޅަ އެއްލައިލި ވަގުތާއިއެކު ދޮރު ހުޅުވައިލި ނާޔަލްގެ މޫނުމައްޗަށް އެހަމަލާ އެރިއެވެ. އަތުގައި ހުރި ހޫނު ކޮފީތަށި ހުޝިޔާރުކަމާއިއެކު ސަލާމަތް ކުރަމުން ބަލައިލީ އޭނައަށް ހަމަލާދިން މީހާއަށެވެ. ކެމީލާކަން އެނގުމުން ކުއްލި ހައިރާންކަމެއް ލިބުމާއިއެކު އެހެން މަސްހުނި އިހުސާސްތަކުން ހިތް ގެނބުނެވެ. އެތައް ދުވަހެއްކޮށްލާފައި އެންމެ ލޯބިވާ އަންހެންކުއްޖާ ފެނުމުން ތުންފަތްމައްޗަށް ފަނޑު ހިނިތުންވުމެއްވެރިވިއެވެ.

"ވޯ ދެޓްސް ކޯލްޑް. ފެންނައިރަށް އެޓޭކްވިއްޔަ ތިކުރީ. އެހާވެސް ރުޅިއާދޭތަ " ނާޔަލް ހީލާފައި ހުއްޓުނީ ފާރަށް ލެނގިލައިގެންނެވެ. އަތްދިގު ޓީޝާޓަކާއި ގުޅޭ ޖިންސެކެވެ. ބޮލުގައި ބީނީ ތޮތްޕެއް އަޅާފައެވެ. އަޅި ދެލޮލާއި ގުޅޭކަހަލަ ގޮތަކަށް ހެދުން އަޅައިގެން ހުރުމުން ހިތްގައިމެވެ. އެތޫނު ނަޒަރު ކެމީލާގެ މޫނަށް ހުއްޓުނުގޮތަށް އެހެން ތަނަކަށް ނުބެލުނެވެ. އެވަރަށް ބަލަންޏާ މީހަކު ލަދުން ހަލާކުވާނެ ނޫންހެއްޔެވެ.

ކެމީލާއަށް އަނގަމަތީ އަތް އަޅާލައިގެން ފަހަތަށް ޖެހިލެވުނެވެ. ހައިރާންވިވަރުން މިފެންނަނީ ހަގީގީ މަންޒަރެއް ބާވައޭ ހިތަށް އެރިއެވެ. ހޭލާ ހުއްޓާ ހުވަފެނެއް ފެންނަނީ ބާވައެވެ. ގަބޫލުކުރިޔަސް ނުކުރިޔަސް ކުރިމަތީ މިހިރީ ނާޔަލްއެވެ.

(ނުނިމޭ...)

comment ކޮމެންޓް