ރާއްޖޭގައި ފޭސްބުކް މެދުވެރިކޮށް ހިލޭ ލަލީގާ ބެލޭނެ ގޮތް ހަދައިފި

ބާސެލޯނާގެ ތަރި ލިއޮނަލް މެސީ--

ދެކުނު އޭޝިއާގެ ހުރިހާ ގައުމުތަކަށް ލަލީގާގެ ހުރިހާ މެޗެއް ބްރޯޑުކާސްޓުކުރުމުގެ ހުއްދަ މަޝްހޫރު ސޯޝަލް މީޑިއާ ކުންފުނި ފޭސްބުކަށް، ލަލީގާއިން ދީފިއެވެ.

ފޭސްބުކާއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް ފަހު މިއަދު ލަލީގާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނ،ީ ހުކުރު ދުވަހު ފެށޭ މި ސީޒަންގެ ލަލީގާގެ ހުރިހާ މެޗެއް، އިންޑިއާ، އަފްގާނިސްތާން ބަންގްލަދޭޝް، ބޫޓާން، ނޭޕާލް ސްރީލަންކާ، ޕާކިސްތާން އަދި ރާއްޖޭގައި ފޭސްބުކް މެދުވެރިކޮށް ހިލޭ ފެންނާނެ ކަމަށެވެ. މި ސީޒަނުގެ ލަލީގާގައި 380 މެޗު ކުޅޭނެއެވެ.

މީގެ ކުރިން މި ސަރަހައްދުގައި ލަލީގާ ބްރޯޑުކާސްޓުކުރުމުގެ ރައިޓްސް އޮތީ ސޮނީ ޕިކްޗާސް ނެޓްވޯކް އަތުގައެވެ. މިހާރު އެ ރައިޓްސް ފޭސްބުކަށް ލިބިފައިވީ ނަމަވެސް ރައިޓްސް ފޭސްބުކަށް ވިއްކި އަގު، ލަލީގާއިން ހާމަކޮށްފައި ނުވެއެވެ.

2014 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ލަލީގާ ބްރޯޑްކާސްޓުކުރުގެ ރައިޓްސް ސޮނީއިން މީގެ ކުރިން ގަތީ 32 މިލިއަން ޑޮލަރަށެވެ.

"ފާއިތުވި ދެ އަހަރު އަޅުގަނޑުމެންގެ ލަނޑުދަނޑިއަކަށްވީ ވިހާވެސް ބޮޑު އޯޑިއެންސަކަށް ކޮންޓެންޓު ފޯރުކޮށްދިނުމަށް. އެހެންކަމުން އިންޑިއާގެ 270 މިލިއަން މީހުން ފޭސްބުކް ބޭނުން ކުރާތީ މި ހިދުމަތް ފޯރުކޮށްދިނުން ވަރަށް މުހިންމު،" ލަލީގާގެ ހެޑް އޮފް ޑިޖިޓަލް ސްޓްރެޓަޖީ އަލްފްރެޑޯ ބާމެހޯ ރޮއިޓާސްއަށް ވިދާޅުވިއެވެ.

2016 ވަނަ އަހަރު ލަލީގާއިން ވަނީ އިންޑިއާ ސަރަހައްދުގައި ބޮޑު އޯޑިއަންސެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފައެވެ. އެގޮތުން އެ ކުންފުނީގެ އޮފީހެއް އެ އަހަރު ނިއުދިއްލީގައި ގާއިމުކުރިއެވެ.

އިންޑިއާ، އަފްގާނިސްތާން ބަންގްލަދޭޝް، ބޫޓާން، ނޭޕާލް ސްރީލަންކާ، ޕާކިސްތާން އަދި ރާއްޖޭގައި ޖުމްލަކޮށް ފޭސްބުކް ބޭނުންކުރާ މީހުންގެ އަދަދު 348 މިލިއަނަށް އަރާ ކަމަށް ފޭސްބުކްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް