ތަފާތު ލޯތްބެއް (29)

އަވަސްވެފައިވާ ހިތަކާއިއެކު ނާޔަލް ކެމީލާއަށް ގޮވަމުން އެ ބޯ ސްނޯ ތެރޭ ތަންކޮޅަކަށް ހިނގައިލިތަނާ ފެނުނު މަންޒަރަކުން ހިތަށް ބިރުވެރިކަމެއް ވަނެވެ. ބިރު ކިޔާ އިހުސާސް އޭގެ އެންމެ ފުރިހަމަގޮތުގައި ސިކުނޑިއަށް ވަން އިރެއް މިނޫނީ ހަޔާތުގައި އައިހެނެއް ހިޔެއްނުވެއެވެ. ސްނޯމަތީ ދުވޭނެ އެންމެ ބާރަށް ދުވެލާފައިގޮސް އޭނަ ކެމީލާ ކައިރިއަށް ގުދުވެލިއިރު ކެމީލާގެ ފުރާނަ ހުރިކަމާއިމެދު ޝައްކުވިއެވެ. ދެލޯމެރިފައެވެ. މޫނު ހުދުކަމުން ކަފަކޮޅެކޭ ތަފާތެއް ނެތެވެ. ނާޔަލް ކެމީލާގެ މޫނުގައި ދެއަތުން ހިފެހެއްޓިއެވެ.

"ބޭބީ ކިހިނެއްވެފަ ތިއޮތީ؟ "

ނާޔަލްގެ ޖުމްލައާއިއެކު ކުއްލިއަކަށް ކެމީލާ އެސްފިޔަތައް ތަޅުވާލާފައި ދެލޯ ހުޅުވާލައިފިއެވެ. ކެމީލާ ފިންޏަށް ބަލިވީއެއް ނޫނެވެ. އެންމެ ކުރިން ނާޔަލް ގާތްގަނޑަކަށް ޔަގީންކުރީ ގިނައިރުވާންދެން ފިނީގައި އުޅުމުން ހައިޕޯތާމިއާ ވީކަމުގައެވެ. ނަމަވެސް ލާފައި ހުރި ހެދުންތަކާއި އަތަށް އަރުވާފައިވާ އަންގި ކެމީލާ ފިނިން ސަލާމަތްކޮށްދޭނެއެވެ.

ދާދި ކައިރިން ނާޔަލްގެ މޫނު ފެނުމުން ހާސްވާގޮތްވިއެވެ. ދެލޯ ނުހުޅުވުނަމައޭ ހިތަށްއެރިއެވެ. ގަދަ ބުމައިއާއިއެކު އަޅި ދެލޯ ފެންނަލެއް ޖާދުވީކަމުން އެސްފީނާ ޖެހޭހާވަރުވެއެވެ. މުށި އިސްތަށިގަނޑުގައި ހަރުލާފައިވާ ސްނޯ ކޮޅުތަކުގެ ސަބަބުން އެހާ ހިތްގައިމެވެ. އަގުބޮޑު ފިނިމޫސުމް ހެދުމުގައި މޮޑެލްއެކޭ ތަފާތެއްނެތެވެ. އިޝްތިހާރެއްފަދައެވެ. އެހާ ސްޓައިލިޝްއެވެ. ދެލޯ ގުޅުނު ވަގުތު "ޑެވިލްއަކަސް ހެންޑްސަމް" އޭ ހިތަށް އަރާފައި ކުއްލިއަކަށް ތެދުވާން އުޅުނެވެ. އެއާއިއެކު ކުޑަކޮށް އަރިއަޅާލާކަހަލަ ގޮތެއްވުމުން ނާޔަލް ހިފަހައްޓައިލިއެވެ.

"އޯކޭ ނައު؟ " ނާޔަލް އަހައިލިއެވެ.

"ފެއިންޓް ވާކަހަލަ ގޮތެއް ވީމަ އޮށޯތީ...." ކެމީލާ ތުންފަތް ފިތައިލިއެވެ.

ނާޔަލް އަތުން ދޫކޮށްނުލާ ކެމީލާގެ މޫނަށް ބަލަންހުރީ ހަމްދަރުދީއާއި ލޯބީގެ ނަޒަރަކުންނެވެ. ދެރަވެފައެވެ. ކެމީލާ އޭނަ އަތުގައި ހިފާލަން ނުރުހޭކަމާއި ހުރިހާކަމެއް ކޮށްދެނީ މަޖުބޫރު ހާލަތުގައިކަން ވިސްނި ހިތަށް އުދަގޫގޮތެއްވިއެވެ. އެކަން ބަދަލުކުރާން ހަދާނީވެސް ކިހިނެއްހެއްޔެވެ. ކެމީލާގެ ނަފްރަތާއި ރުޅިވެރިކަން އޭނަގެ ހިތުގެ ހަމަޖެހުން ނަގާލައިފިއެވެ. ފިކުރެއް ޚިޔާލެއްނެތް ޒުވާނެއްގެ ގޮތުގައި އުޅެނިކޮށް ކެމީލާ ހަޔާތަށް އައުމަށްފަހު ހިތަށް މިވަނީ ކޮންފަދަ ގޮތްތަކެއް ހެއްޔެވެ.

"ޔޫ ނީޑް ޓު ރެސްޓް. ހޫނު އެއްޗެއް ބޯލައިގެން އޮށޯވެލަން ހިނގާ..." ނާޔަލް ކެމީލާގެ އަތުގައި ހިފައިގެންގޮސް ގެއަށްވަދެ ދޮރު ލައްޕައިލުމަށްފަހު ކެމީލާގެ ކޯޓު ބާލަދިނެވެ. ގެންގޮސް ސޯފާގައި ބޭންދިއެވެ. ކެމީލާ ކުޑަކޮށް ކުކުރާލިގޮތުން ތަނަކަށް ތަދުވެގެންއުޅޭހެން ހީވިއެވެ.

"ކެމް. ވަޓްސް ރޯންގް. ކޮންތާކަށް ތަދުވަނީ...."

"އައިމް ފަ...ފައިން. އައި ހޭވް....... ދަ ގާލް ފްލޫ........" ކެމީލާ ކުޑަކޮށް އަޅައިގެންފާ ބުނެލިއެވެ. ނާޔަލްއަށް "ގާލް ފްލޫ" އަކީ ކޯންޗެއްކަން އެނގުނުކަމެއް ނޫންކަމެއް ކެމީލާއަކަށް ނޭގުނެވެ. އޭނަ އެއް ބުމަ އަރުވައިލިއެވެ. ކައިޒާންވެސް ދޭތެރެއަކުން އެގޮތަށް ބުމައަށް ހަދާތީ އޭނަމަތިން ހަދާންވީ މާ ބޮޑަށެވެ.

"ކުރިންވެސް އެގޮތަށްވީމަ ފެއިންޓްވާގޮތް ވޭ..." ކެމީލާ ދެފައި ސޯފާއަށް ނެގިއެވެ. ނާޔަލް ބޯ ރަޖާގަނޑު ގައިގާ އަޅާލަދިނުމަށްފަހު ގޭތެރެއަށް ވަނެވެ. އެދިޔައީއެވެ. އޭނަ މަރުވިޔަސް ނާޔަލްގެ ފަރުވާލެއް ނެތްތާއެވެ. އެކަމާއި ހިތުގައި ޝަކުވާ އުފެދުނެވެ. ހާދަ ނުލަފައޭ ހިތަށް އެރިއެވެ. އޭނަ ބަލިވީމަވެސް އަޅާނުލާ ދިޔައީއެވެ. އިރުކޮޅެއްނުވަނީސް އައީ ހޫނު ޗޮކްލެޓްތަށްޓަކާއި ކުޑަ ފޮށިގަނޑެއް ހިފައިގެންނެވެ. އޭގެ ތެރޭ އޮތް ކޮތަޅަކުން ނެގީ އިލެކްޓްރިކް ހީޓިން ޕެޑެކެވެ. ޓެކްނޮލޮޖީ ކުރިއަރަމުންގޮސް މިއޮތީ ހޫނު ފެން އެޅުމުގެ ބަދަލުގައި އެއަށްވުރެ ފަސޭހަގޮތެއް އީޖާދުކޮށްފައެވެ. ނާޔަލް އޭގެ ހޫނުމިން ވަކިވަރަކަށް ބެހެއްޓުމަށްފަހު ކެމީލާގެ ބަނޑުގައި އަޅާލަދިނެވެ. ބެލްޓެއްހެންނެވެ. ބަނޑުގައިވާ ރިހުން ލުއިވެ މުޅި ހަށިގަނޑަށް ތާޒާކަމެއް އިހުސާސްވިއެވެ. ނާޔަލްއަށް "ގާލް ފްލޫ" އެނގޭކަން ސާބިތުކޮށްދިނީއެވެ. ނާޔަލް އިތުރު ވާހަކައެއް ދެއްކުމެއްނެތި ކެމީލާގެ ފައި އުނގަށް ލައިގެން ޓީވީ ޕްރޮގްރާމަކަށް ބަލަން ފެށިއެވެ. އަޑުމަޑުކަމުން ކެމީލާއަށް އެހާ އުދަގުލެއްނުވެއެވެ. ނާޔަލްދެކެ ނަފްރަތުކުރިޔަސް މިފަދަ ހާލެއްގައި އުޅޭއިރު ހަމްދަރުދީއާއި އަޅާލުން ލިބުމުން ވޭން ކުޑަވެ ނާޔަލް ހާދަ ރަގަޅޭހިތަށް އެރިއެވެ. އޭނަ ނާޔަލްދެކެ އެހާ ފޫހިވާއިރުވެސް ބަލިވުމުން އެހީތެރިވެދިނުމުން އެ ހިތުގައި އިންސާނިޔައްތުކަން ލައްވާފައިވާ ކަމުގައި ގަބޫލުކުރެވުނެވެ. ނާޔަލް އެހެން އިންއިރު ފައި މަސާޖުކޮށްދިނެވެ. މަސާޖުކޮށްދިނުމުގައި ދެވަނައެއް ނެތެވެ. ހީލިކެރުވުމަށްވުރެ އެހެންކަހަލަ އިހުސާސްވިއެވެ. ދެލޯ މެރޭފަދަ އަރާމުކަމެއް އެ އިނގިލިތަކުގެ ފިރުމުމުން ލިބޭންފެށިއެވެ. އަރާމުވީވަރުން އެހެން އޮތްވާ ދެލޯ މެރި މާ ގިނައިރުތަކެއް ނުވެ ފުން ނިންޖަކަށް ގެނބުނެވެ.

ނާޔަލް ޓީވީ ނިވާލާފައި އެތައް އިރެއް ވާންދެން ކެމީލާގެ މޫނަށް ބަލަހައްޓައިގެން އިނެވެ. އެ ރީތި ސޫރައަށް އުމުރަށް ބަލަން އިނަސް ފޫހިވާނެކަމެއް ނޭގެއެވެ. މަޑު ފިޔާތޮށިކުލައެއް ވެރިވެފައިވާ މޫނެކެވެ. ތުންފަތުގެ ކުލަ އެއަށްވުރެ ގަދައެވެ. އެހާވަރަށް އޭނަގެ ހިތުގައި ލޯބިވާއިރުވެސް އެކަން ގަބޫލުކުރާކަށް ކެމީލާ ބޭނުމެއްނުވެއެވެ. އިންތިޒާރުކުރަމުންގޮސް ހިތް ކުދިކުދިވާވަރު އެބަވެއެވެ. އޭނަ މިހާ ލޯބިވާކަން އެނގޭއިރުވެސް ކެމީލާ ދުވަހަކު ބަދަލު ނުވާނީހެއްޔެވެ. އުމުރު ނިމިދާއިރުވެސް ކުރާނީ ނަފްރަތުހެއްޔެވެ. ލޯތްބަކީ ހާދަ އެހެން ކަހަލަ އެއްޗެކެވެ. ވޭންވެސް އަޅައެވެ. ޚާއްސަކޮށް އޭނަފަދައިން އެއްފަރާތުން ވެވޭ ލޯބީގެ ހިތިކަމާއި ހިތްދަތިކަން އިހުސާސްކުރެވޭނީ އޭނަފަދަ މީހަކަށެވެ.

ކެމީލާ ހޭލައިގެން ކައްކާކަށް ނުޖެހުނެވެ. ނާޔަލް ހުރީ ކާއެއްޗެހި ގެނުވާފައެވެ. އެހާ ރަގަޅުއިރު ފިރިއެއް ލިބިފައިވާއިރު ނާޔަލްއާއި ދޭތެރޭ ކަންތައްކުރާ ގޮތާއިމެދު ފުރަތަމަ ފަހަރަށް ވިސްނައިލަން މަޖުބޫރުވިއެވެ. އޭނަ ކާން ހަދާއިރު ނާޔަލްއަށް މީރުވާނެ އެއްޗެހި ނަހަދާ އޭނަ ބޭނުންވާގޮތަށް ތައްޔާރުކުރެއެވެ. ނާސްތާ ތައްޔާރުކުރާއިރު ބިސްގަނޑުވެސް އަޅައިލަނީ އާދައިގެކޮށެވެ. ބިސް ތަޅާލާފައި ތަވައަށް ލަނީ ރަހަ މީރުކޮށްލަން އިތުރު އެއްޗެއް ނާޅައެވެ. ފިހެލާފައި ނާޔަލް އަންނައިރަށް ފިނިކޮށް ހުއްޓަސް ނާޔަލް ކައިލަނީއެވެ. ނާޔަލް އެއްވެސް ޝަކުވާއެއް ނެތި ކެއި ނަމަވެސް އޭނަ މަދުން ކާ ކަން ކެމީލާއަށް ފާހަގަކުރެވެއެވެ. ފިރިމީހާގެ ހައްގުތައް އަދާކުރަންޏާ ކުރަންޖެހޭނީ ރަގަޅަށް ނޫންހެއްޔެވެ. ނަމެއްގައި ކުރަންޏާ ނުކުރިޔަސް މަ ރަގަޅުވާނެއެވެ. ހިތާއި ދެކޮޅަށް ނަމަވެސް އޭނަ ދެން ނާޔަލްއަށް ކައްކާފައި ކާންދޭނީ ނާޔަލް ކާ ހިތްވާފަދަ އެއްޗެއްސެވެ.

ނާޔަލްއަށް ކައްކާފައި ކާންދިނަސް އޭނައާއިއެކު ނިދަން ޖެހުނަސް ކޮންމެ ކަމެއް ކޮށްދެނީ ހިތާއި ދެކޮޅަށެވެ. އެ ނަފްރަތުގެ ސަބަބުން ކޮންމެވެސް ދުވަހަކުން ފޫހިވެގެން އޭނަ ދޫކޮށްލާފައި ދާނެ ދުވަހެއް ދެއްކެވުމަށް އެތައް ފަހަރު ދުޢާކުރެވިއްޖެއެވެ. އަދި ނާޔަލްގެ މަންމަ ދީފައިވާ ބޭސްގުޅަތައް ކަނީ ވާޖިބެއްކަމުގައި ދެކެގެންނެވެ. ފުރަތަމަ ފަހަރަށް ދޭތެރެ ދުރުކުރާ ބޭސް ކާ ވާހަކަ ބުނުމުން ނާޔަލް ދެކޮޅުހެދިއެވެ. ހިތަށް ވެރިވެފައިވާ ބިރުވެރިކަމުގެ ސަބަބުން ދެވަނަފަހަރަށް އެކަމަށް އެދުމުން ނާޔަލްވަނީ ހުއްދަދީފައެވެ.

ނާޔަލް ޓީވީ ހުޅުވައިލިތަނާ ކެމީލާ ނުކުތްތަން ފެނުނެވެ. ފިޔާތޮށިކުލައިގެ ހެދުމަކާއިއެކު ސްކިނީއެއް ލައިގެން ހުރި ގުޅޭ ޝޯލެއް އަޅާފައި އޮތެވެ. އޭނަ ފެނުމުން ކުއްލިއަކަށް ކަންބޮޑުވެ އަނބުރައިލަން އުޅުނެވެ.

"ކަމް އެންޑް ސިޓް. އަހަންނަކީ މޮންސްޓާއެއް ނޫނެއްނު ކޮންމެ ފަހަރަކު ތިގޮތަށް ދުވެ ފިލަން......" ނާޔަލްގެ ޖުމްލަ އިވުމުން ވަގުތުން ކެމީލާގެ ފިޔަވަޅުތައް ހުއްޓުނެވެ. ކެމީލާގެ އެންމެ ރަގަޅު ސިފައަކީ ކިޔަމަންތެރިކަމެވެ. ހިތް ނޭދުނަސް ނާޔަލް ބުނާގޮތަށް ހަދަން އެކުއްޖާވަނީ ދަސްކޮށްފައެވެ.

ކެމީލާ އިށީނީ ކުރިމަތީގައި ހުރި ސޯފާގައެވެ. ފިލްމުން ފެނުނީ ދެމަފިރިއަކު ކުޑަ އަންހެންކުއްޖަކާއި އެކު ވަރަށް ލޯބިން އުޅޭ މަންޒަރެވެ. ނާޔަލް އަބަދުވެސް ކުޑަކުދިންދެކެ ލޯބިވެއެވެ. އެއާއިލާގެ ދެބެންގެ ދެދަރިކުދިންނާއި އެހެން އާއިލީ ކުދިންތައް ފެނުމުން އަމިއްލަ ދަރިއަކު ހޯދަން ހިތަށް އަރައެވެ. ނަމަވެސް އެފަދަ ދުވަހަކަށް ތައްޔާރުވެވޭނީ އަންހެނުންވެސް ބޭނުންވެގެންނެވެ. ކެމީލާ އަދިވެސް ތައްޔާރެއް ނޫނެވެ. ޓީވީއަށް އެއްފަހަރާ ދެމީހުންނަށް ބެލުނީ އެކުޑަކުއްޖާ އުފަލުން ހަޅޭއްލަވައިގަތް އަޑަށެވެ.

"ސްޓިލް އޮން ޕިލްސް ދޯ...... " ނާޔަލް ޓީވީ ނިއްވައިލިއެވެ.

ކެމީލާ އާއެކޭ ބުނުމުގެ ގޮތުން ނިތް އަރުވައިލިއެވެ. ކޮންމެހެން ދައްކަން ޖެހޭ ވާހަކައެއް ނޫނީ އޭނަ ނާޔަލްއާއި ދައްކާކަށް ޝައުގެއް ނުހުރެއެވެ. ނާޔަލް ކުރާ ސުވާލަކަށް ޖަވާބު ދިނުން ފިޔަވާ ދެން ކޮންމެހެން ގަންނަން ޖެހޭ އެއްޗެއް ނޫނީ ކަމެއް ދިމާވުމުން ނޫނީ ވާހަކަނުދައްކަން ހުވާކޮށްގެން ހުންނަފަދައެވެ.

"ކިޑެއް ހޯދަން ހިނގާ. އޭރުން ކެމް ފޫހިފިލާނެއްނު. އެކަނިވެރިކަން ފިލާނެ. އެ ފެމިލީ ކިހާ ލޯބިން އުޅުނީ. އަހަންނަށްވެސް އެހާ ލޯބި އާއިލާއެއް ހޯދޭނެނަމަ........" ނާޔަލް އެއް ލޯ މަރައިލިއެވެ.

"ފޫއްސެއްނުވޭ. ކުރާނެ ކަންތައް ގިނަވެފައި ހުންނަނީ......" ކެމީލާ އަވަސް އަވަހަށް ބުނެލިއެވެ. އޭނަ އެހެން ހުރިހާކަމެއް ހަނދާން ނައްތައިލިޔަސް ފޯނު އެލާމްކޮށްގެންވެސް ގަޑިއަށް ބޭސްގުޅަ ކާން ހަދާންކުރެއެވެ. ނާޔަލްގެ ފަރާތުން ކޮންމެވެސް ދުވަހެއްގައި ސަލާމަތްވުމަކީ އޭނަގެ ކޮންމެ ދުވަހެއްގެ ދުޢާއެވެ.

"މަންމަގެ ޚަބަރެއް ނުވޭތަ؟ "

"މަންމަ ގުޅި...." ކެމީލާ އިނީ ހަމަ ބުދެއްފަދައިންނެވެ. މޯޅިވެފައިވާ މަލެއްފަދައެވެ. ކެމީލާ ހިނިތުންވެލިތަން ފެނުނު ހަދާނެއްވެސް އޭނަ ނުވެއެވެ.

"މާލެއަށް ދާން ބޭނުންތަ؟ " ނާޔަލް އެހިއެވެ.

"ދާހިތެއްނެތް..." ކެމީލާ އެރުންކުރު ރާގުގައި ބުނެލިއެވެ. ނާޔަލްއާއި ވާހަކަދައްކަނީވެސް މަޖުބޫރުވެގެންނެވެ. ކިތަންމެ ލޯބިން އުޅުނަސް އަންހެންކުއްޖެއްގެ ހިތް އަތުލައިގަތުމަކީ ފަސޭހަކަމެއްނޫނެވެ. ޚާއްސަކޮށް އެ އަންހެންކުއްޖާގެ ހިތް އެހެން މީހަކަށް ހިބައިން ދީފައިވާނަމައެވެ.

"ސީރިޔަސްލީ ޔޫ އާނޯ ފަން. މިއަށް ވުރެ ރަގަޅު ވާނެ ރޮބޮޓަކާއި ވާހަކަދެއްކިޔަސް. ތުން އޫކޮށްލައިގެން ހުރޭ ޔޫ ހާޓްލެސް ގާލް............." ނާޔަލް ފޫހިވެފައި ދަމުން ކުޝަންއިން ކެމީލާގެ ގައިގާ ކުޑަކޮށްޖެހިއެވެ. ކެމީލާގެ ހިތަށް ކުޑަކޮށް އެގުންވެލިއެވެ. އޭނަ އެހާ ނަފްރަތުކުރާކަން އެނގޭއިރު ނާޔަލް ރުޅިނާންނަނީ ކީއްވެބާވައެވެ. ދެންމެވެސް އެދެލޮލުން ކެމީލާއަށް ފެނުނީ އެހެން ކުލައެކެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވި ފަޅިސިކުންތުކޮޅުވެސް އެ ވިދާ ދެލޮލުން ފެނުނީ ލޯތްބާއި އޯގާތެރިކަމެވެ. ތުންފަތުގައި ވި ފަނޑު ހިނިތުންވުން ކައިޒާންމަތިން ހަދާން އާކުރުވިއެވެ. ނޯޔާވެސް އަބަދު ދައްކާނީ އޭނަގެ ދޮންބެގެ ރަގަޅު ވާހަކައެވެ. ވައިބާއަށް ފޮނުވާނީ މަންމައާއި ނާއީ އަދި އޭނައާއިއެކު ދޮންބެ އުޅޭ މަޖާ ވީޑިއޯތަކެވެ. ނޯޔާ ބުނާގޮތުން މަގުންދާއިރު ބުޅަލެއް ފެނުނަސް ކާރު ހުއްޓާފައި އެއަށް ކާންދޭނެއެވެ. މުސްކުޅިންނަށް އެހީތެރިވެދޭނެއެވެ. އޯގާތެރިކަމުގެ ލާމަސީލު މިސާލެކެވެ. ނަމަވެސް އޭނައާއި ކައިޒާންގެ އިހުސާސްތަކާއި ނާޔަލް ކުޅެލިއިރު އެ އޯގާތެރިކަން ވީ ކޮންތާކުހެއްޔެވެ. ހައްތާވެސް ހިތުގައިވާ ސުވާލުތަކެވެ.

ނާޔަލް ސިޑިން އަރައިގެން ދަމުން އެނބުރި ބަލައިލިއެވެ. އެ ކަތި ނަޒަރުން ކެމީލާއަށް އުދަގޫވިއެވެ. ނާޔަލްދެކެ އެހާ ރުޅިއަންނައިރުވެސް އެދެލޮލުން ބަލައިލާގޮތުން މީހަކު ލަދުން ހަލާކުވާނެއެވެ. އެދެލޮލުގައި ހުންނަނީ އެފަދަ ބާރެކެވެ. ގިނައިރުވަންދެން ބަލަން އިންނާކަށް ފަސޭހައެއް ނޫނެވެ. އެ ނަޒަރުން އުދަގޫވާން ފެށިތާ ދުވަސްކޮޅެކެވެ. އެހާ އިޝްގީ ގޮތްގޮތަށް އޭނައާއި ދިމާލަށް ބަލަން ނާޔަލް އުޅޭނެކަމެއް ނެތެވެ. ޒޯއީއަށް އެ ނަޒަރު ހަދިޔާކުރާށެވެ. އެކަހަލަ އެއްޗެހިތަށް ހިތަށް އެރުމުން ޝައިތާނާ އޭނަގެ ސިކުނޑިއަށް ވަންނަނީކަން އެނގި ވަގުތުން އައޫޒުވެސް ކިޔާލައިފިއެވެ. ފިރިމީހާއާއި ހިލޭ އަންހެންކުއްޖަކާއި އަޅުވާ ކިޔަންޏާ ޝައިތާނާ ނިކަން ހިތްވަރުދޭނެއެވެ. އޭނައަށް ރަގަޅީ ނާޔަލް ޒޯއީއާއި އަވަހަށް ކައިވެނި ކުރިއްޔާއެވެ.

ނާޔަލް އެނދަށް ވެއްޓިގަތްގޮތަށް "ޑޭމިޓް"އޭ ކިޔާލާފައި ކުޑަކޮށް ހަޅޭއްލަވައިގަތެވެ. އޭނަ މޮޔަވެދާނެއެވެ. ކެމީލާ އުޅޭ ވައްތަރުން ބައެއްފަހަރު ހިތް ކުދިކުދިވާވަރުވެއެވެ. އެކަނިވެރިވާގޮތްވެއެވެ. ކިތަންމެ ލޯބިވާ އަންބެއް ނަމަވެސް ޝޯކޭހަކަށް ލާފައިވާ ރީތި މެނެކުއިން އެއްފަދައިން އިނުމުން އޭނައަށް އޮންނާނީ ކޮން އުފަލެއްހެއްޔެވެ. ގަދަކަމުން ހޯދާ އުފަލެއްގެ ހަގީގީ މީރުކަމެއްނެތެވެ. ބައެއްފަހަރު އެދެމީހުން އެކީ ހޭދަކުރާ ކޮންމެ ވަގުތެއް ނާޔަލްއަށް ކުށްވެރި އިހުސާސްކުރުވައެވެ. ކެމީލާ ނޫނެކޭ ނުބުންޏަސް އޭނަގެ ބީހިލުމާއި ކެމީލާގެ ހިތާއި ޖިސްމުވެސް ދެކޮޅުކަން ނާޔަލްއަށް އިހުސާސްނުވާ އެންމެ ފަހަރެއްވެސް ނާދެއެވެ. ނަމަވެސް އޭނަގެ ހުންނަ މިޒާޖަކުން ހަމަ އަނެއްކާވެސް ކައިރިވެވެވީއެވެ. ގޯނާކުރެވެނީއެވެ.

ނާޔަލް ފޯނު ހުޅުވައިލިއިރު ކެމީލާ އިނީ ގުރުއާނުގެ އާޔަތަކާއި އެކު މާނަ ފޮނުވާފައެވެ. "ސޭ އޯ މައި ސާވެންޓްސް ހޫ ހޭވް ޓްރާންސްގްރެސްޑް އެގެއިންސްޓް ދެމްސެލްވެސް ބައި ސިނިން ޑުނޮޓް ޑިސްޕެއާ އޮފް ﷲ. އިންޑީޑް ﷲ ފޮގިވް އޯލް ސިންސް" މާނައަކީ " ބުނާށޭ އޭ ތިމާމެންގެ އަމިއްލަ ނަފުސްތަކުގެ މައްޗަށް ފާފަކޮށް އިސްރާފުކޮށްފައިވާ އަހަރެންގެ އަޅުތަކުންނޭ. ﷲގެ ރަހުމަތާއިމެދު އުއްމީދު ކަނޑާ ނުލާށެވެ. ހަމަކަށަވަރުން ﷲ އަޅުތަކުންގެ ހުރިހާ ފާފައެއް އެކަށް ފުއްސަވާލައްވަތެވެ. ހަމަކަށަވަރުން އެކަލާގެއީ ގިނަގިނައިން ފާފަ ފުއްސަވާ ރަހީމްވަންތަ ރަސްކަލާގެއެވެ. އެއިން ކޮންމެ އާޔަތަކުން ހިތަށް އަސަރުކުރުވާއިރު އުފާވެރިކަމެއްވެސް ލިބުނެވެ. ވީއިރު އިންސާނުން ކޮށްފައިވާ ފާފަތައްވެސް ތައުބާވުމުން ފުއްސަވާނެނޫން ހެއްޔެވެ. މާޒީގެ ކަޅު އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ދޯދިއެއް ފެނުމަކީ ލެއްވި ރަހުމަތެކެވެ. އެތައް ފާފަތަކެއް ކޮށްފައިވިނަމަވެސް އެމީހާ ތައުބާވެ ބަދަލުވެ ހެއްދެވިފަރާތަށް ކުރިމަތިލުމުން އެއޮތީ ނަސީބާއި ރަހުމަތަށް ވާސިލުވާނެ މަގު ފެނިފައެވެ.

ނާޔަލް އެ މެސެޖްވެސް ޚާންދާނުގެ ވައިބާގްރޫޕަށް ލިއެވެ. އެއަށް ރައްދު ނުދިނަސް އެ ޚާންދާނުގެ ޒުވާނުންނަށް އެ އާޔަތުން ކޮންމެވެސް އަސަރެއްކޮށްފިއްޔާ އޭނަގެ މަގުސަދު ހާސިލުވީއެވެ.

ކެމީލާ ކްލޯޒެޓްގައި ހެދުންތައް އަޅުވަން ހުއްޓާ ނާޔަލް ފަހަތުން އައިސް ބައްދާލުމުން ކެމީލާގެ ހަރަކާތްތައް މަޑުޖެހިލިއެވެ. މަޑުމަޑު ހަށިގަނޑަށް ވާންކަމެއްވެރިވިއެވެ. ނާޔަލްގެ ހޫނު ނޭވާތައް ކެމީލާގެ މޫނަށް އެޅުނެވެ. ޖަހާފައި ހުރި ސެންޓާއެކު ނޭވާގެ މީރުވަހުން ކެމީލާގެ ސިކުނޑި ތާޒާވިއެވެ. ރުޅިއަޔަސް ނާޔަލްގެ ގައިން މީރުވަސް ދުވާކަން ގަބޫލުކުރަން ޖެހޭނެއެވެ.

"ގިފްޓެއް މިއޮތީ......ބޭނުންތަ؟ " ނާޔަލް ކެމީލާގެ ގައިން ދޫކޮށްލަމުން ދިއްކޮށްލީ ލެވެންޑާކުލައިގެ ނިކަންރީތި ފޮށްޓެކެވެ. އެކިދުވަސްމަތިން މަލެއް ނޫނީ ކުދި ހަދިޔާއެއް ގެނެސްދިނަސް އަދި މިހާ ރީތިކޮށް ޕާރުސަލްކޮށްގެން މިގެނެއީ އަލަށެވެ. ކެމީލާ ހަދިޔާ ބޭނުމެއްނޫނެވެ. ނަމަވެސް އޭގައި ހިފިއެވެ. ހެދުން އަޅުވާފައި ހުރި އަލަމާރީގެ ބަޔަކަށް އެއްލާލައިފިއެވެ. ކެމީލާ އެ ހަދިޔާ ބަލާކަށްވެސް ބޭނުމެއްނުވިއެވެ. ނާޔަލް ހައިރާންކުރުވާފައެވެ. ޕާރުސަލެއް ގެނެސްދިނުމުން އޭގައިވާ އެއްޗެއް ބަލައިލާ ހިތުން ކަނޑާވެސް ނުލުމުން އޭނައަށްޓަކާ ކެމީލާގެ ހިތުގައިވާ ނަފްރަތު އިހުސާސްކުރެވުނެވެ. އޭނަދިން ހަދިޔާއެއް ބަލައިލާކަށްވެސް ކެމީލާ ނޭދެއެވެ. ގިންކޯ ފަތާއި އޭނަ ކާނިވަލުން ގެނައި މަޑު ޓެޑީސްތައްވެސް އެއްލާލާފައި ހުރިގޮތަށް އަދިވެސް އެތަނުގައެވެ. ނާޔަލްގެ ހަދިޔާއަކަށް ކެމީލާ ގަދަރުނުކުރާ ސަބަބަކީ އެހިތުގައިވާ ނަފްރަތެވެ.

"ތޭންކްސްއޭވެސް ނުބުނާނަންތަ؟ " ނާޔަލް ހިނިތުންވެލިއެވެ.

"ތޭންކްސް..." ކެމީލާ އަނެއް ފަރާތަށް އެނބުރުނެވެ.

"ތިގޮތަށް ޝުކުރު އަދާކުރާނީ ބީރައްޓެހިންކަމެއް ޕްރިންސެސްއަކަށް ނޭގުނެއްނު. ޔޫ އާ މައި ވައިފް. އަހަރެން ބޭނުންވަނީ ތިގޮތަކަށްނޫން. ލޯބިން ހަގްކޮށްލާފައި...." ނާޔަލް އޭނައާއި ދިމާލަށް އަނބުރުވައިލިއެވެ. ނަމަވެސް ކެމީލާގެ ފަރާތުން އެފަދަ ކަމަކަށް އުއްމީދުކުރުމަކީ ކުށްހީއެކެވެ. ފާރާއި ވާހަކަދެއްކިޔަސް އެއަށްވުރެ ރަގަޅުވީސްކަން ނޭގެއެވެ. ކެމީލާ ހުރިގޮތަށް ހުރީއެވެ. ނާޔަލްއަށް މަޖާވިއެވެ. ދެކޮލުގައި ހިފާ ދަމައިލިއެވެ. ނިތްކުރީގައި ބޮސްދިނެވެ. އެވަގުތު ނާޔަލްގެ ފޯނު ރިންގުވާންފެށުމުން އޭނަ އެއްފަރާތަކަށް ޖެހުނެވެ.

ހެނދުނު ނާޔަލް ހޭލިއިރު ގަދަޔަށް ރިއްސާފައި މޭނުބައިކުރާ ގޮތެއްވިއެވެ. ކެމީލާ ހެދުނު ނާސްތާ ގެނެސްދިނުމުން ކެވުނީ ކުޑަކޮށެވެ. ކެމީލާ އެދުނީ އޭނަ މާމަގެއަށް ލާދިނުމަށެވެ. ބަންދު ދުވަސްކަމުން އޭނަ ބޭނުންވީ މާމައާއިއެކު ވަގުތު ހޭދަކުރާށެވެ. ގަދަޔަށް ބޮލުގައި ރިއްސިޔަސް ކެމީލާއަށްޓަކާ ހިތްވަރުކޮށްފައި ތެދުވުނެވެ. ކެމީލާ ކާރުން ފޭބުމުން މަޑުކޮށްނުލާ އޭނަ އަވަސްވެގަތީ ގެއަށް އައުމަށެވެ.

ކުރީދުވަހު އެމްއާރުއައި ހަދާފައި ރިޕޯޓްބަލާ އަންނަން ރިވާއު ބުނީމަ އަދިވެސް އޭނަ މިހިރީ ނުގޮހެވެ. ފަރުވާކުޑަކޮށްލާފައި ހުއްޓާ ރިވާއު ރިޕޯޓްހިފައިގެން ނާޔަލްއާއި ބައްދަލުކޮށްލަން އެގެއަށް އައީ ކެމީލާވެސް ނޫޅޭކަން ނާޔަލްގެ ފަރާތުން އެނގުމުންނެވެ. ރިވާއު ފެނުމުން ހިތުގައި އިންޒާރުގެ ރަގަބީލުޖެހިއެވެ. އެކުވެރިޔާ އަދި ޑޮކްޓަރ ރިވާއުގެ މޫނުމަތިން ފެންނަން ހުރީ އުއްމީދުގެ ކުލަވަރެއް ނޫނެވެ. ނާޔަލް ތެދުވެ ރިވާއު ގައިގާ ބައްދާލާފައި ސަލާމްކުރިއެވެ. ރިވާއު ރިޕޯޓް އެތާހުރި ކްރިސްޓަލް މޭޒުމަތީ ބާއްވާފައި އިށީނެވެ.

"ވައި އާ ޔޫ ގިވިން މީ ދެޓް ލުކް؟ އައިމް ނޮޓް ރެޑީ ޓު ހެއާ އެނީ މޯ ބޭޑް ނިއުސް..." ނާޔަލް ބުނެލީ ހަމަޖެހިލާފައެވެ." މައި ވޯލްޑް އިޒް އޯލްރެޑީ އޮންދަ ވާޖް އޮފް ކޮލޭޕްސިން...."

"އޯކޭ.......މީހާ ހަމަޖެހިލައިގެން މި ރިޕޯޓް ބަލާ......" ރިވާއު ނާޔަލްގެ އަތުގައި ހިފާ ތެދުކޮށްލިއެވެ. "އައިމް ސްޓާވިން ހިނގާ އެއްޗެއް ކާލަން..."

"ނާދާން ފަހަރި ކާންވެސް ނުދެނީތަ؟ " ނާޔަލް ހިނިގަނޑެއް ޖަހައިލިއެވެ. އެހެން ބުންޏަސް ނާދާން ރިވާދެކެ ލޯބިވާ ވަރާއި ރިވާއުއަށްޓަކާ ކޮށްދޭ ޚިދުމަތް ނާޔަލްވަނީ ދެކެފައެވެ. އެއީ ލޯބީގެ މިސާލެކެވެ. އެދެމަފިރިންނާއި ކުދިންގެ އޮންނަ ގުޅުމާއި ލޯބި ފެނުމުން އެފަދަ އުފާވެރި އާއިލާއެއް ހޯދަން ނާޔަލްވެސް ބޭނުންވެއެވެ. ހަމައެކަނި ރިވާއެއް ނޫނެވެ. ޒެވިޔަންއާއި އެލީނާ އަދި ދާނިޝްއާއި އެލީޒާފަދަ ޖޯޑުތައްވެސް އުޅެނީ އެހާ ލޯބިންނެވެ. ކުދިންތައް ލިބި އެންމެންނަށް އުފާވެރި ދުނިޔެއެއް ލިބިފައިވާއިރު އޭނަގެ ދިރިއުޅުން މިދަނީ އެހެން ދިމާލަކަށެވެ. ހޫނު ބުއިމެއް ތައްޔާރުކޮށްލުމަށްފަހު ޕިއްޒާކާން ޖައްސައިލިއެވެ. ރިވާއު އާއި ނާޔަލް އެކި ވާހަކަތަކުގައި ތިބިއިރު ރިވާ ދޭތެރެއަކުން ހިމޭންވެއެވެ. ނާޔަލްއާއިމެދު ވިސްނަން މަޖުބޫރުވަނީއެވެ.

ކައިގެން ނިކުމެފާ ނާޔަލް ރިޕޯޓްބަލަން ފެށިއެވެ. އޭނަގެ ސިކުނޑިއަށް ކުޑަވަރެއްގެ ޒަލްޒަލާއެއް އައިހެން ހީވިއެވެ. ބުނާނެ އެއްޗެއްވެސް ނޭގުނެވެ. އެމްއާރުއައިއިން ދައްކަނީ އޭނަގެ ބޮލުގައި ޓިއުމަރެއް ހުރިކަމެވެ. ހުރިހާ ހޯދުންތަކުން ދައްކަނީ ކެންސަރުކަމުގައެވެ. ޔަގީންވާނީ ބައޮޕްސީ ހަދައިގެންނެވެ. ރިވާއުގެ ބޮލުގައި ހުރީ ބެނައިން ޓިއުމަރެއްކަމުން އެ ނެގުމަށްފަހު ރިވާ އެއްކޮށް ރަގަޅުވީއެވެ. ނަމަވެސް އޭނަގެ ނަސީބު އެހާ ރަގަޅުވާނެހެއްޔެވެ.

"ވޯހް.....އިޓްސް ލައިކް އެ ޑެތް ސެންޓެންސް ދޯ...." ނާޔަލް ހީލިއެވެ. އެ ރިޕޯޓްވެސް މޭޒާއި ދިމާލަށް އެއްލާލުމުން ޖެހުނީ މާބްލްމަތީގައެވެ.

"އިރާދަކުރެއްވިއްޔާ ރަގަޅުވާނެ. އައިމް ރެޑީ ޓު ފައިޓް ވިތް ޔޫ ޓިލް ދަ އެންޑް..... ބީ ސްޓްރޯންގް ބްރޯ.........." ރިވާއު ނާޔަލްގެ ކޮނޑުގައި އަތް ބޭއްވިއެވެ.

ނާޔަލްގެ ބައްޕަ ކެންސަރުޖެހި ނިޔާވީ ޒުވާން އުމުރުގައެވެ. ސިކުނޑީގައި އުފެދުނު ޓިއުމަރެއްގެ ސަބަބުން ބައްޕަވެސް ދުނިޔެއައި ވަކިވެގެން ދިޔައީއެވެ. ބައްޕަ ބޮލުގައި ރިއްސައިގަންނައިރު ވާނުވާ ނޭގޭ ހިސާބަށް ދިޔައެވެ. ވާކަމަށާއި ކީމޯއާއި ރޭޑިއޭޝަން ދޭންފެށުމުން ހާލު މާ ބޮޑުވިއެވެ. އެއީ ހަޔާތުގައި އައި އެންމެ ހިތްދަތި ދުވަސްކޮޅުކަމަށް މަންމަވަނީ ބުނެފައެވެ. ކެންސަރާއި ހަނގުރާމަކުރުމަކީ ކިހާ ވޭންގަދަ ދަތިކަމެއްކަން އެނގޭނީ އެ ނުރައްކާތެރި ބަލި ޖެހި ތަޖުރިބާކުރި މީހުންނަށެވެ. ނަތާލީ އެންމެ ލޯބިވި ފަރާތް ދުނިޔެއިން ނިމިގެން ދިޔައިރު މައިކަލްއާއި އެއްވަރަށް ނަތާލީގެ ހަށިގަނޑުގައި ވޭންއެޅިއެވެ. ބައްޕައަށް ކެންސަރު ޖެހުނަސް އޭނައަށް އެކަން ވާރުތަކޮށްފާނެކަމަކަށް ނާޔަލް ގަބޫލެއްނުކުރެއެވެ. "ޕޮޒިޓިވް" ކޮށް ވިސްނާ މީހަކަށްވާތީ އޭނަ ކޮންމެ ކަމެއް ނަގަނީ އާދައިގެކޮށެވެ. ނަމަވެސް މިހާރު މިވަނީ ބިރުވެރި ހަގީގަތާއި ކުރިމަތިލާންޖެހިފައެވެ. ނުވެސް ދެނެހުއްޓާ ކެންސަރާއި ހަގުރާމަކުރަން ޖެހިއްޖެއެވެ. މި ޚަބަރުން އާއިލާއާއި އެކުވެރިންނަށް ކުރާނެ އަސަރާއި ހަމްދަރުދީވާނެ ވަރު އެނގުނަސް އޭނަ ބޭނުންވަނީ ސިއްރުކުރާށެވެ. އެއްވެސް މީހަކަށް މިކަން އެނގިގެން ނުވާނެއެވެ.

ނާޔަލްއަށް ލިބުނު ބިރުވެރި ޚަބަރާއިއެކު އޭނަ ހަނދާންވީ މަންމައާއި އާއިލާގެ މަތިންނެވެ. މަންމައަށް އެކަން އެނގިއްޖެއްޔާ ހިތް ހަލާކުވެދާނެއެވެ. އެހާ ބޮޑު ހިތާމައެއްގެ ތެރެއަށް މަންމަ ވައްޓާލާކަށް އޭނައަށް ނުކެރޭނެއެވެ. ނޯޔާއާއި ނާއީއަށްވެސް ކުރާނެ އަސަރު އޭނައަށް އެނގެއެވެ. މިހާ ބޮޑު ކަމެއް ދިމާވެގެން އުޅޭއިރު މަންމައާއި ކޮންމެހެންވެސް ވާހަކަދައްކާލަން ޖެހޭނެއެވެ. ނާޔަލް އޭނަގެ މަންމައަށް ގުޅިއެވެ.

"މަންމާ. ކެން ވީ ޓޯކް؟ " ނާޔަލް އެހިއެވެ.

"އަހަރެން އޮތީ ވާހަކަދައްކާނެ ޝަރުތު ކަނޑައަޅާފައި. ނާޔަލްގެ ފަހަތުން އުޅޭ ހަންޑިއާއި ވަކިވެގެން އައިމަ ވާހަކަދައްކާނަން........."

"މަންމާ. އަޅުގަނޑަށް މާފު......."

"ބުނެފީމެއްނު އަހަންނަށް މަންމަވެސް ނުކިޔާށޭ. ނާޔަލް މަންމަ ކިޔަން ބޭނުމިއްޔާ ވަރިވެގެން އާދޭ. ނޫނީ މާފެއް ނުކުރާނަން.........." ނަތާލީ ހައްތަހާ ހަރުކަށި އަޑަކުން ބުނެލިއެވެ. ނާޔަލްގެ ހިތް ހަލާކުކޮށްލައިގެންވެސް އަނބުރާ ގެންނަން ނަތާލީ ބޭނުމެވެ. ނާޔަލްގެ މުސްތަގުބަލަކީ ކެމީލާއެއް ނޫނެވެ. ނަތާލީ ފައި ވިއްދާލާފައިވަނީ ކެމީލާ ނާޔަލްގެ ހަޔާތުން ބޭރުކޮށްލުމަށެވެ. އެކްސިޑެންޓެއްފަދަ އެއްޗެއް ކުރުވަން އުޅެފައިވެސް އޭނަވަނީ އެ ޚިޔާލުދޫކޮށްލާފައެވެ. މީހުންގެ ފުރާނައާއި ކުޅެލާވަރަށް އޭނަގެ ހިތް ހަރު ނޫނީކަން ނޭގެއެވެ. ނަމަވެސް ނަތާލީ ގަބޫލުކުރާގޮތުން އޭނަގެ ފުރިހަމަ ފިރިހެންދަރިފުޅުގެ ފައިފުއްސަށްވާންވެސް ކެމީލާ އެކަށީގެނެއްނުވެއެވެ.

"އަބަދަށްޓަކާ އުޅޭކަށް ނޫން އައި ވިލް ލީވް ހާ ވަންޑޭ......އެކަމަކު މިވަގުތު........."

"އިނަފް ނާޔަލް...." ނަތާލީ ފޯނު ކަނޑާލައިފިއެވެ.

ނާޔަލް ރެއިލިންގައި ބޯ ޖައްސައިލިގޮތަށް އެތައް އިރެއްވާންދެން ހިމޭނުން ހުރިއިރު އެހިތް ހަލާކުވާވަރުވިއެވެ. އޭނަގެ ހަޔާތަށް އެންމެ ޚާއްސަ އަންހެނަކީ ޔަގީނުންވެސް މަންމައެވެ. އެފަދަ މަގާމެއް އެހެން އަންހެނަކަށް ނުދެވޭނެ ނޫންހެއްޔެވެ. މަންމަވަނީ އޭނައާއި ނުރުހިފައެވެ. ދެން ހުރީ އޭނަގެ އަންހެނުންނެވެ. އޭނަވެސް ކުރަނީ ނަފްރަތެވެ. ނަމަވެސް ދެރައީ މަންމައަށްޓަކާ ކެމީލާ ދޫކޮށްލަން ފަސްޖެހޭތީއެވެ. އޭނަ މަގުފުރެދި ނުބައި ގޯޅި އަޅާފައިވަނިކޮށް ސީދާ މަގު ދައްކާ އޭނައަށް ހިދާޔަތް ލިބުނީ ކެމީލާގެ ސަބަބުންނެވެ. އޭނައަށް އެ އަންހެންކުއްޖާދެކެ އިންތިހާއަށް ލޯބިވެވިއްޖެއެވެ. ކެމީލާއާއި ވަކިން އުޅުމަކީ ފަސޭހަކަމެއް ނޫނެވެ. އަދި މަންމަގެ ރުހުން ނުލިބި އުޅޭކަށްވެސް ނުކެރޭނެއެވެ. މަންމައަށް އާދޭސްކޮށްގެންވެސް މަންމަ ހިތްހެޔޮކުރުވަން ބޭނުމެވެ.

އާދައިގެ މަތިން ކެމީލާ މާމަގެއަށް ދިޔުމާއިއެކު މާކަސް ޖޫލް ގޮވައިގެން އައެވެ. ޖޫލްގެ އުޅުން ބަދަލުވާތީ މާކަސް ކެމީލާއަށް ޝުކުރުއަދާކުރިއެވެ. ޖޫލް "އިސްލާމިކް" ގޮތަށް ވާހަކަދައްކާތީ މާކަސް އުފާވާކަމުގައި ބުނެލިއެވެ. ކެމީލާ ދަސްކޮށްދޭ ދުޢާތާއް ޖޫލް ކައިރިން ދަސްކޮށްގެން އޭނަ ކިޔާކަމަށް ބުނީ ހިނިތުންވެލާފައެވެ. ކެމީލާ ހުރީ އުފަލުންނެވެ. ގެއަށް އާދެވުމުން މުޅިން އެހެން ކުއްޖަކަށް އޭނަ ބަދަލުވެއެވެ. ޖޫލްއާއިއެކު ސަކަރާތްޖެހުމާއި ސްނޯބޯޅަ ކުޅެ މަޖާކޮށްލާ އުޅުމުން ތަބީއަތު މުޅިން ހަމެޖެހުނެވެ. ހަތަރެއްޖަހަން އުޅެނިކޮށް ބެލް އެޅުމުން ކެމީލާ ޖޫލް ބޫޓު ލައްވާ ސްކާފް އޮޅާލާފައި ދުވެފައިގޮސް ދޮރު ހުޅުވައިލިއެވެ. އެއާއިއެކު ހިތް ތެޅިގަތްލެއް ބާރުކަމުން މޭ ފަޅާފައި ނުކުމެދާހެން ހީވިއެވެ. ދޮރުމަތީގައި ހުރީ ކައިޒާން ފިޔަވާ ދެވަނަ މީހެއް ނޫނެވެ.

comment ކޮމެންޓް