ފިޔާ، އަލުވި އަދި ބިހުގެ އަގުތައް އަތް ނުފޯރާ ފަށުގައި!

ފިޔާ ބަސްތާތަކެއް ފިހާރަ އަކަށް ބާލަނީ.--- ސަން ފޮޓޯ/ފަޔާޒު މޫސާ

ބޭނުންވާ ވަރަށް ބާޒާރަށް ފިޔާ، އަލުވި އަދި ކުކުޅު ބިސް ނުނެރެވުމާ ގުޅިގެން އެ ތަކެތީގެ އަގުތައް ވަރަށް ބޮޑަށް އުފުލިއްޖެއެވެ.

ފިޔާ ބަސްތާއެއްގެ އަގު ގާތްގަނޑަކަށް ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވަނީ 660ރ. ބޮޑުވެފައެވެ. މިހާރު ބާޒާރުގައި ފިޔާ ބަސްތާއެއްގެ އަގު އުޅެނީ 900ރ. އިން ފެށިގެންނެވެ.

އަލުވި ބަސްތާއެއްގެ އަގު ދެ ގުނަ އަށް ވުރެ ބޮޑުވެ، 450ރ. އަށް ވަނީ އުފުލިފައެވެ. އަދި ބިސް ކޭހެއްގެ އަގުން 140ރ. ބޮޑުވެ، 500 ރުފިޔާއަށް ވަނީ އުފުލިފައެވެ.

ރީޓެއިލް ފިހާރަތަކުން ފިޔާ ކިލޯއެއް ވިއްކަނީ 40ރ. އަށް ވުރެ ބޮޑުކޮށެވެ. އަދި އަލުވި ކިލޯއެއްގެ އަގު 30ރ. އަށް ވުރެ މަތީގައި އުޅޭއިރު، ބިހުގެ އަގު ވެސް ވަނީ 2.50ރ. އަށް ވުރެ ބޮޑުވެފައެވެ. މިއީ ކުރިން އެ ތަކެތި ވިއްކި އަގުތަކަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ ބޮޑު އަގުތަކެކެވެ.

ފުޅާ ދާއިރާއެއްގައި އެ ތަކެތި ރާއްޖެއަށް އެތެރެކޮށް ވިއްކަމުން އަންނަ ކުންފުންޏެއްގެ އިސް އޮފިޝަލަކު ވިދާޅުވީ، ބާޒާރުގައި އެ ބާވަތްތައް ދަތިވެގެން އުޅެނީ އިންޑިއާއިން އެ ތަކެތި ގެނައުމަށް ދިމާވި ދަތިތަކާ ހެދި ކަމަށެވެ.

"އިންޑިއާގެ ލޮރީ ޑްރައިވަރުން އެ ގައުމުގައި ކުރި ހަޅުތަލާ ހެދި އެ އެއްޗެހި ލިބުން ދަތިވެގެން ދިޔައީ. މިހާރު ހަމަ ކުރިއެކޭ އެއްގޮތަށް އެބަ އާދޭ ޝިޕްމަންޓްތައް،" އޮފިޝަލް ވިދާޅުވިއެވެ.

ފިޔާ، އަލުވި އަދި ބިހުގެ އަގުތައް ވަނީ ދެ ގުނަ ބޮޑުވެފައި.

އޭނާ ވިދާޅުވީ، މިދިޔަ މަހުގެ ތެރޭގައި ކުރި ހަޅުތާލުގެ ސަބަބުން ރާއްޖޭގެ ބާޒަރުން ފިޔާ، އަލުވި އަދި ބިސް ގާތްގަނޑަކަށް އެއްކޮށް ހުސްވިއެވެ. މިހާރު އެ ސާމާނު އަގު ބޮޑުވެގެން އުޅެނީ، އެ ތަކެތި އެއްކޮށް ހުސްވުމުން ބާޒާރުމަތި ހަމައަކަށް ނޭޅޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބާޒާރުމަތިން އެ އެއްޗެހި އެއްކޮށް ހުސްވީމަ އުފެދުނު ޑިމާންޑާއި އަނެއްކާ ހަމަ އާންމުކޮށް އޮންނަ ޑިމާންޑާ އެއްވީމަ މިހާރު މި މައްސަލަ ދިމާވީ. ކުރިއެކޭ އެއްގޮތަށް މިހާރު އެބަ ގެނޭ ހުރިހާ އެއްޗެއް ވެސް،" އޭނާ ކިޔައިދިނެވެ.

އޮފިޝަލު ވިދާޅުވީ ބާޒާރުމަތި ހަމައަކަށް އެޅެން އަދި ކުޑަ ދުވަސްކޮޅެއް ނަގާނެ ކަމަށެވެ. އޭނާ ލަފާކުރި ގޮތުގައި އީދު ބަންދު ނިމެންވާއިރު، އެ ތަކެތީގެ އަގުތައް ހުންނާނީ މަޑުމަޑުން ހަމައަކަށް އެޅެން ފަށައިފައެވެ.

comment ކޮމެންޓް