ޖެޓް އެއާވޭސްއަށް ގެއްލުން، ދަތުރުތައް ހުއްޓާލަން ޖެހިދާނެ

ޖެޓް އެއާވޭސް: ދެ މަހެއްހާ ދުވަހުގެ ތެރޭގައި ދަތުރުތައް ހުއްޓާލަން ޖެހިދާނެ.

އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާގެ ގެއްލުންތައް ބޮޑުވެ ބަނގުރޫޓުވުމާ ގާތަށް ގޮސްފައިވާ އިރު، އެ ގައުމުގެ ދެ ވަނަ އަށް އެންމެ ބޮޑު އެއާލައިން، ޖެޓް އެއާވޭސްއަށް ވެސް އެ މައްސަލަ ކުރިމަތިވެއްޖެ އެވެ.

ޖެޓް އެއާވޭސްގެ އޮފިޝަލުންނާ ހަވަލާދީ ފައިނޭންޝަލް ޓައިމްސްގައި ބުނެފައި ވަނީ ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެ އެއާލައިންގެ ދަތުރުތައް ހުއްޓާލަން ޖެހިދާނެ ކަމަށެވެ. އަދި ދަތުރުތައް ހުއްޓާނުލާ ކުރިއަށް ގެންދަން ބޭނުން ނަމަ މިހާރުން ފެށިގެން ވަރަށް ބޮޑަށް ހަރަދުތައް ކުޑަކުރަން ޖެހޭ ކަމަށް އޮފިޝަލުން ބުނެ އެވެ.

އެ ކުންފުންޏަށް ދިމާވެފައިވާ މަލީ ގޮންޖެހުންތައް، މި އަހަރުގެ ފުރަތަމަ ކުއާޓާ ރިޕޯޓް ނެރުން ލަސްކުރުމުން ވަނީ އިތުރުވެފަ އެވެ. ވަކި ތަރީހެއް ނެތި ރިޕޯޓް ނެރުން ލަސްކުރުމުން، ބޮމްބޭ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ކުންފުނީގެ ހިއްސާގެ އަގު ވަނީ 8.04 ޕަސެންޓް ވެއްޓިފަ އެވެ.

ޖެޓް އެއާވޭސް އަށް ގެއްލުމާ ކުރިމަތިވީ، އިންޑިއާގެ އެއާލައިން މާކެޓްގެ ވާދަވެރިކަން އިންތިހާ އަށް އިތުރުވެފައިވާތީ އެވެ. އޭގެ އިތުރުން ޖެޓް ފިއުލްގެ އަގު ބޮޑުވުމާއި، ރުޕީގެ އަގު ވެއްޓުމުން ގެއްލުންތައް ވަނީ އިތުރުވެގެން ގޮސްފަ އެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެ ސަބަބުތަކާ ހެދި، ޖެޓް އެއާވޭސް އާއި އެއާ އިންޑިއާގެ އިތުރުން އެ ގައުމުގެ ގިނަ އެއާލައިންތަކަށް ކުރިއަށް އޮތް ތަނުގައި ގެއްލުންތަކާ ކުރިމަތިވާނެ އެވެ.

ގަތަރުގެ އިއްތިހާދު އެއާވޭސްގެ ހިއްސާ އޮންނަ ޖެޓް އެއާވޭސްގެ ދަރަނި 3،000 ކްރޯޑަށް (436 މިލިޔަން ޑޮލަރު) އަރާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި، އެ ކުންފުނިން ނަގާފައިވާ ލޯނުތަކާއި، ވިއްކާފައިވާ ބޮންޑްތަކަށް ފައިސާ ދައްކާ ނިންމަން ޖެހޭނެ އެވެ.

comment ކޮމެންޓް