ކުޅުންތެރިން ކުރަމުން އަންނަ ބުރަ މަސައްކަތަށް ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ: ސެގަޓް

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުން މާލޭގައި ކުރިއަށް ގެންދިޔަ ފަރިތަކުރުން ތަކުގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަންނަ މަހު ބަންގްލަދޭޝްގައި އޮންނަ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުން ވަމުންދާ ތައްޔާރީތަކަށް ހިތްހަމަ ޖެހޭ ކަމަށާއި ކުޅުންތެރިން ކުރަމުން އަންނަ ބުރަ މަސައްކަތް ހާއްސަކޮށް ފާހަގަކޮށްލާ ކަމަށް ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގަޓް ބުނެފި އެވެ.

ކްރޮއޭޝިއާގެ ކޯޗު ޕީޓާ ސެގަޓް ބުނީ ގަތަރުގައި ޓީމުން ކުރަމުންދާ ކޭމްޕްގެ ހުރިހާ ކަމެއް ވެސް ދަނީ ރަނގަޅަށް ކަމަށާއި ހުރިހާ ކުޅުންތެރިން ވެސް ފުރިހަމައަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ކުޅުންތެރިންނާއި ކޯޗިން ސްޓާފުންނާ ދޭތެރޭ ވެސް ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި މިހުރީ. ހޮޓެލްގެ ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅު. ފަރިތަކުރަން ލިބުނީ ވެސް ވަރަށް ރަނގަޅު ދަނޑެއް. އެންމެ މުހިއްމު އެއް ކަމަކީ ކެއުން. އެކަންވެސް ވަރަށް ރަނގަޅު. ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން މިދަނީ. އާއްމުކޮށް ދުވާލަކު ދެ ފަރިތަކުރުން މި ބާއްވަނީ. އެއީ ފަތިހު އެއް ފަރިތަކުރުން ބާއްވާފައި، ދެން ރޭގަނޑު މި ފަރިތަކުރަނީ. ކުޅުންތެރިންގެ ބުރަ މަސައްކަތަށް ވަރަށް ހިތްހަމަ ޖެހޭ،" ކުރިން އަފްގާނިސްތާނާއެކު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައިވާ ކޯޗު، ސެގަޓް ބުންޏެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުގެ މާލޭގައި ކުރިއަށް ގެންދިޔަ ފަރިތަކުރުން ތަކުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކޯޗު ސެގަޓް ބުނެފައި ވަނީ ޓީމަށް ފަހުން ގެނައި މޮންޓެނީގްރޯގެ ފިޓްނަސް ކޯޗު، ކްރުނިޗް ލަޑިމިއާ ކުޅުންތެރިންގެ ފިޓްނަސް ވަރަށް ރަނގަޅަށް ބަލަމުންދާ ކަމަށާއި ހުރިހާ ކަމެއްވެސް ދަނީ ރަނގަޅަށް ކަމަށެވެ.

"ގަތަރުގެ އެފްއޭއާއި އެފްއޭއެމްއަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ކުޅުންތެރިންގެ މަސައްކަތާ އެކު، ކޯޗިން ޓީމުގެ މަސައްކަތް ވެސް ދަނީ ރަނގަޅަށް. ފަހުން ގެނައި ފިޓްނަސް ކޯޗާ އެކު ކުޅުންތެރިން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން މިދަނީ. އަހަންނާ އެކު ޝާކިއްޓޭއާއި ބެލްޖިއަމްގެ އެސިސްޓެންޓް ކޯޗު މި ހަރަކާތްތެރި ވަނީ. ހަމައެއާ އެކު ކީޕަރުން ވެސް އަސްލަމްގެ އިރުޝާދާ އެކު ވަރަށް ރަނގަޅަށް ތައްޔާރުވަމުން ދަނީ،" ސެގަޓް ބުންޏެވެ.

ރާއްޖޭގައި ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިޔަ އިރު އަނިޔާގައި ތިބި ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ)އާއި އަހުމަދު މުޖުތަބާ (މުޖޭ) ވެސް ކިޙާރު ފިޓްވަމުންދާ ކަމަށް ކޯޗު ސެގަޓް ބުނެފައިވެ އެވެ.

"އަކޫއާއި މުޖޭ ވެސް އަންނަނީ މަޑުމަޑުން ފިޓްވަމުން. އިންޖަރީއާއެކު މިކޮޅަށް އައީ. އެކަމަކު ފިޓްނަސް ކޯޗު، އެ ދެ ކުޅުންތެރިންނަށް ހާއްސަ ވަރަށް ރަނގަޅު ސެޝަންތަކެއް ނަގައިދީގެން، މިހާރު ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުން ދަނީ. މިވަގުތު ކުޑަކުޑަ އަނިޔާއެއްގައި ހުރީ ކީޕަރު ތޮލާ. އެކަމަކު އޭނާ ވެސް ދެތިން ދުވަހުގެ ރެސްޓަށް ފަހު އެއްކޮށް ފިޓްވާނެ،" ސެގަޓް ބުންޏެވެ.

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުން މާލޭގައި ކުރިއަށް ގެންދިޔަ ފަރިތަކުރުން ތަކުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސާފް ޗެމްޕިއަންޝިޕްގެ އެންމެފަހުގެ ތައްޔާރީތަކަށް ޓީމު ގަތަރުގައި ކޭމްޕް ކޮށްފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ. އެފްއޭއެމް އިން ކުރިން ބުނެފައި ވަނީ ޓީމު ބަންގްލަދޭޝްއަށް ދާނީ ސީދާ ގަތަރުން ކަމަށެވެ. އަދި މުބާރާތުގެ ކުރިން އެކުވެރިކަމުގެ މެޗުތަކެއް ކުޅޭނެ ކަމުގެ އިޝާރާތެއް ވެސް އެފްއޭއެމް އިން ދީފައިވެ އެވެ. އެހެން ނަމަވެސް އެކަމުގެ ތަފްސީލު އަދި ހާމަކޮށްފައެއް ނުވެ އެވެ.

ސާފް ސުޒުކީ ކަޕްގެ ނަމުގައި ސެޕްޓެމްބަރު 4-15 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް އޮންނާނީ ބަންގާޅުގަ އެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ހިމެނެނީ ޖުމްލަ ހަތް ޓީމެވެ. ހަތް ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، ރާއްޖެ ހިމެނެނީ މުބާރާތުގެ ގްރޫޕް ބީގަ އެވެ.

ރާއްޖެއާ އެކު ދެން ގްރޫޕްގައި ހިމެނެނީ ލަންކާ އަދި އިންޑިއާ އެވެ. އޭގެ ތެރެއިން އިންޑިއާއަކީ ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް އެންމެ ކާމިޔާބު ޓީމެވެ. އެޓީމު ވަނީ ހަތް ފަހަރެއްގެ މަތިން މުބާރާތުގެ ތަށި އުފުލާލައިފަ އެވެ.

ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު، ބަންގްލަދޭޝާއި ނޭޕާލްގެ އިތުރުން ބޫޓާން އަދި ޕާކިސްތާނެވެ.

comment ކޮމެންޓް