އިގްތިސާދީ ދުވެލި ހަލުވި ކުރެވޭނީ ޒުވާނުންގެ ހަކަތައިން ފައިދާ ލިބިގަނެގެންް: ހުކުރު ހުތުބާ

އިސްލާމީ މަރުކަޒު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިގްތިސާދީ ދުވެލި ހަލުވިކޮށް، ގައުމުގައި އިޖުތިމާއީ އަދާލަތު ގާއިމުކުރެވޭނީ މިއަދުވެސް އަދި މާދަމާވެސް ޒުވާނުންގެ ހަކަތައިން ފައިދާ ލިބިގެން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުުރު ހުތުބާ ބިނާކޮށްފައިވަނީ ގައުމު ބިނާކުރުމުގައި ޒުވާނުންގެ ދައުރުގެ މައްޗަށެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު އިއްވި ހުކުރު ހުތުބާގައި ބުނީ، ގައުމެއްގެ ކުރިއެރުމާއި ސަލާމަތްކަން އޮތީ ޒުވާނުންނަށް އަޅައިލެވުނު ވަރަކުން ކަމަށާއި އިޖުތިމާއީ އަދާލަތު ގާއިމުކުރެވޭނީ މިއަދުވެސް އަދި މާދަމާވެސް ޒުވާނުންގެ ހަކަތައިން ފައިދާ ލިބިގެން ކަމަށެވެ.

"ޒުވާންކަމުގެ ފިޔަވައްސަކީ ފޯރިއާއި، ޖޯޝާއި، ހަކަތައާއި، އުފެއްދުންތެރިކަމުގެ މަރުހަލާ. އެމީހުންނަށް ލިބިފައިވާ ވިސްނުމައި އިލްމާއި، ނަފްސުގެ ބާރުގެ ސަބަބުން ހަގުރާމައިގެ ވަގުތުތަކުގައި ވަތަން ދިފާއުކުރުމުގެ ދިދަ އުފުލުމުގެ ގާބިލުކަމާއި ލަގާޔަތު އެމީހުންގެ ކިބައިގައިވޭ" ހުތުބާގައި ބުނެއެވެ.

ޒުވާންކަމުގެ ފިޔަވަހީގެ އެންމެ ހާއްސަ ސިފަތަކުގެ ތެރޭގައި ހަރުދަނާ އަޒުމާއި، ސާބިތު ހިތަވަރާއި، ހިންމަތްތެރިކަމާއެކު މަސައްކަތް ކުރުމުގައި ހުންނަ ވިލުންތެރިކަން ހިމެނޭ ކަމަށްވެސް ހުކުރު ހުތުބާގައި ބުނެއެވެ.

ހުކުރު ހުތުބާގައި ބުނެފައިވަނީ މިއަދު ޒުވާނުންގެ ޝިއާރަކީ ޒުވާނުންނަށް އެމީހުންގެ ހިޔާލު މިނިވަންކަމާއެކު ފާޅުކުރެވޭނެ އަމާން މާހައުލެއް ތަނަވަސް ކޮށްދިނުންކަމަށެވެ.

ހުތުބާގައި އިތުރަށް ބުނީ ގައުމު އެދި އެދި އޮތީ ހަރުދާނާ، ވިސްނުން ތޫނު، ގާބިލު ޒުވާނުންނަށް ކަމަށާއި، ގައުމު ބިނާކުރުމުގެ ހަރުދަނާ ޒުވާން ޖީލެއްގެ ޒިންމާ ވަރަށް ބޮޑު ކަމަށެވެ.

ލިބިފައިވާ ހަކަތާއާއި ހުނަރު ބޭނުން ކޮށްގެން ގައުމު ކުރިއެރުވުމަށް މަސައްކަތްކުރުމަށް ހުކުރު ހުތުބާގައި ޒުވާނުންނަށް ވަނީ ނަސޭހަތްތެރި ވެފައެވެ.

comment ކޮމެންޓް