މާ ގިނަ ދުވަސްތަކެއް ނުވެ މިފްކޯ އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ: ޝަހީރު

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު.-- ސަން ފައިލް ފޮޓޯ

މާ ގިނަ ދުވަސްތަކެއް ނުވެ މިފްކޯއަށް އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ކަމަށް، އެ ކުންފުނި ހިންގާ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވެއްޖެއެވެ.

ގއ. ކޫއްޑޫ މަސްވެރިންގެ މެރީނާ ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝަހީރު ވިދާޅުވީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިފްކޯއަކީ ރާއްޖޭގެ އިގްތިސާދަށް އެންމެ މުހިންމު އެއް ކުންފުންޏަށް ވެގެންދާނެ ކަމަށެވެ.

މަސްވެރިންނަށް ހަމަޖައްސައިދޭނެކަމަށް ވިދާޅުވި 100 މިލިޔަން ރުފިޔާގެ ފަންޑާއެކު، މިފްކޯއިން ގަންނަ މަހަށް ދުވަހުން ދުވަހަށް ނުވަތަ މަސް ގަންނަ ދުވަހުގެ އެއް ދުވަސް ފަހުން ފައިދާ ދޫކުރެވޭނެ ކަމަށް ވެސް ޝަހީރު ވިދާޅުވިއެވެ.

ޝަހީރު ވިދާޅުވީ މީގެ ދެ އަހަރު ކުރިން ސަރުކާރުން، އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލުކުރި އިރު އެ ކުންފުނި އޮތީ ވަރަށް ބޮޑަށް "އަނަރޫފަ"ވެފައި ކަމަށެވެ. ކުންފުންޏަށް ބޮޑެތި ގެއްލުންތައްވީ 2008 ވަނަ އަހަރު، އޭރުގެ ސަރުކާރުން މިފްކޯ ތިން ބަޔަކަށް ބަހާލުމުން ކަމަށް ޝަހީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޭގެ ސަބަބުން މިފްކޯގެ މަސައްކަތްތައް ހުއްޓިގެން ދިޔަ ކަމަށެވެ.

މިފްކޯ ތިން ބަޔަށް ބަހާލުމުގެ ކުރިން 2007 ވަނަ އަހަރު، އެ ކުންފުނިން ހިންގަމުން ދިޔަ ފެލިވަރުގައި 700 މެޓްރިކް ޓަނުގެ މަސް ބަންދުކުރެވުނު ކަމަށް ޝަހީރު ވިދާޅުވިއެވެ.

"އެހެން ނަމަވެސް އަޅުގަނޑު މި ދެންނެވި ބަދަލުތަކާ ގުޅިގެން 2013 ވަނަ އަހަރު އައި އިރު ކުންފުނީގެ ފެލިވަރުގެ ޕްރޮޑަކްޝަން ކެޕޭސިޓީ ވަނީ ގާތްގަނޑަކަށް 13 ޓަނަށް ތިރިވެފައި،" ޝަހީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ގެއްލުންތަކުގެ އެންމެ ބޮޑު އަސަރެއް ކުރީ މަސްވެރިންނަށް ކަމަށެވެ.

"އަނެއްހެން ދަންނަވާނަމަ [އެ ބަދަލުތަކާ އެކު] ކުންފުނީގެ ހާލަތު ގާތްގަނޑަކަށް 30 އަހަރު ފަހަތަށް ޖެހުނޭ ބުންޏަސް ކުށަކަށް ނުވާނެ،" ޝަހީރު ވިދާޅުވިއެވެ.

އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލުކޮށް، ކުރިން ތިން ބަޔަށް ބަހާލި ކުންފުނި އެއްކޮށްލުމުން، ފެލިވަރުގެ ކޭނަރީ 10 ޓަނުން 65 ޓަނު ބަންދުކުރެވޭ ވަރަށް ކެޕޭސިޓީ އިތުރު ކުރެވިފައިވާ ކަމަށް ޝަހީރު ވިދާޅުވިއެވެ. އަދި ފެލިވަރުގައި ޕައުޗް ޕްލަންޓެއް ގާއިމުކޮށް، މިފްކޯއަށް ގެއްލުނު މާކެޓުތައް ހޯދައި، އާ މާކެޓުތަކަށް މަސް ބޭރުކުރަން ފެށި، ކަސްޓަމަރުންގެ އިތުބާރު އަލުން ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފެލިވަރުގައި މި ދެންނެވި ކެޕޭސިޓީއަކީ އަޅުގަނޑުމެންނަށް ކިރޭ މަހުގެ 54 ޕަސެންޓް. އަމާޒަކީ 100 ޕަސެންޓް ވެލިއު އެޑްކުރުން، އެއީ ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން ކުރާނެ ކަމެއް،" ޝަހީރު ވިދާޅުވިއެވެ.

އޭނާ ވިދަޅުވީ މިހާރު ހެދިފައި ހުރި ޕްލޭންތަކުގެ ދަށުން މާ ގިނަ ދުވަހެއް ނުވެ، މިފްކޯއިން ގަންނަ ހުރިހާ މަހެއް ވެލިއު އެޑް ކުރެވޭނެ ފެސިލިޓީތައް ގާއިމުކުރެވޭނެ ކަމަށެވެ.

ސަރުކާރުގެ އެއްބާރުލުމާއެކު މިފްކޯ އަލުން ކޮޅަށް ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އެ ކުންފުނިން އޮޕަރޭޓުކުރާ މަސް ބޯޓުތަކުގެ 90 ޕަސެންޓް ޑޮކްކޮށް، ބޭނުންވާ މަރާމާތުތައް ކުރެވިފައިވާ ކަމަށްވެސް ޝަހީރު ވިދަޅުވިއެވެ.

"މިހާރު އަޅުގަނޑުމެން މިއުޅެނީ އިންޑަސްޓްރީއަށް ވަނުމަށް ކުރިން ހުރި ލެވަލަށް ނުވަތަ އެއަށްވުރެ އިތުރު ލެވަލަކަށް ދިއުމަށް،" ޝަހީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރިން އެ ކުންފުނިން އޮޕަރޭޓުކުރީ ނުވަ އައިސް ޕްލާންޓް ކަމަށެވެ. ނަމަވެސް، އެ އަދަދު މިހާރު 14 އަށް އިތުރު ކުރެވިފައިވާ ކަމަށް ޝަހީރު ވިދާޅުވިއެވެ. އަދި އިތުރު ތިން އައިސްޕްލާންޓްގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފްކޯއާއި ކޫއްޑޫ އަދި ފެލިވަރު ވަކިކޮށްލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެ ތިން ތަން އެއްކޮށްލި އިރު 338 މިލިޔަން ރުފިޔާގެ ބޮޑު ދަރަންޏެއް އޮތެވެ.

ބޮޑު ދަރަންޏާއެކު މިފްކޯ އެސްޓީއޯގެ ދަށަށް ބަދަލު ކުރުމަށް ފަހު، އެ ކުންފުނިން އެސްޓީއޯއިން ކްރެޑިޓަށް ނެގި ތެލަށް އަރާފައި އޮތް 100 މިލިޔަން ރުފިޔާ ސަރުކާރުން ދައްކައިދިނެވެ. އެއާއެކު ދަރަނި 238 މިލިޔަން ޔުރިޔާއަށް ކުޑަވެގެން ދިޔައެވެ.

އެސްޓީއޯއިން މިފްކޯ ހިންގަން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ކުންފުނިން މަސްވެރިންނަށް ދޫކުރަން ޖެހިފައި އޮތް 38 މިލިޔަން ރުފިޔާ ދޫކޮށް، ދަރަނި ވަނީ 200 މިލިޔަނަށް ތިރިކޮށްފައެވެ.

comment ކޮމެންޓް