އެލިއާ އާއި އެމްއައިޓީ ގުޅިގެން ބޯޓް އޮޕަރޭޓަރުން ތަމްރީން ކުރަން ފަށައިފި

އެލިއާ އާއި އެމްއައިޓީން ބާއްވާ ޓްރެއިނިން ޕްރޮގްރާމްގެ ބައިވެރިން.-- ފޮޓޯ: އެލިއާ

އެލިއާ އިންވެސްޓްމަންޓްސް އާއި މޯލްޑިވްސް އިންސްޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ބޯޓް އޮޕަރޭޓަރުން ތަންރީނު ކުރަން، ޓްރެއިނިން ޕްރޮމޯޝަނެއް ފަށައިފި އެވެ.

ލޯންޗުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިންނަށް އަމާޒު ކޮށްގެން ބާއްވާ ޓްރެއިނިން ޕްރޮގްރާމުގެ ބައިވެރިންނަށް ފަސްޓް އެއިޑް، ފަޔާ ފައިޓިންގެ އިތުރުން އައުޓްބޯޑް އިންޖީނާ ބެހޭ އާއްމު މައުލޫމާތުތައް ދޭނެ ކަމަށް އެލިއާ އިން ބުންޏެވެ. އަދި ކަނޑުމަތީ ދިމާވެދާނެ ނުރައްކާތަކާއި ދިމާވާ ކުއްލި ހާލަތްތަކުގައި އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތަށް ކިޔާދޭނެ ކަމަށް ވެސް ބުންޏެވެ.

ތިން ދުވަހަށް ދެމިގެންދާ ޓްރެއިނިންގް ޕްރޮގްރާމް ފައްޓައި ދެއްވީ، މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމާންޑާ ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު އެވެ. އޭނާ ވިދާޅުވީ، ސަލާމަތީ ކަންތައްތަކަށް އިސްކަންދީ، ރައްކާތެރިވެ ދަތުރު ކުރުމަށް ކެޕްޓަނުންނަށް އިލްތިމާސް ކުރައްވައިފަ އެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމާންޑާ ބްރިގޭޑިއާ ޖެނެރަލް ޒުހައިރު.-- ފޮޓޯ: އެލިއާ

ޓްރެއިނިން ޕްރޮގްރާމުގައި ބައިވެރިވުމަށް ޔަމަހާގެ އޯވަސީސް މާކެޓް ޑިވެލޮޕްމަންޓް އޮޕަރޭޝަންސް ގްރޫޕް މެނޭޖަރު އޮޓްސޫކީ ކެންޖީ ވަނީ ރާއްޖެ އަށް ވަޑައިގެންފަ އެވެ.

އެލިއާގެ މެނޭޖިން ޑިރެކްޓަރު އަލާއު އަލީ ވަނީ، ޓްރެއިނިން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ސާފު ވެށްޓެއް ގޮތުގައި ބޭއެވުމަށް ހުރިހާ ބައިވެރީންނަށް އިލްތިމާޒް ކޮށްފަ އެވެ.

ޔަމަހާގެ އޯވަސީސް މާކެޓް ޑިވެލޮޕްމަންޓް އޮޕަރޭޝަންސް ގްރޫޕް މެނޭޖަރު އޮޓްސޫކީ (ކ) އަދި އެލިއާގެ މެނޭޖިން ޑިރެކްޓަރު އަލާއު.-- ފޮޓޯ: އެލިއާ

ޓްރެއިނިން ޕްރޮގްރާމް ހުޅުވުމުގެ ރަސްމިއްޔާތުގައި އެލިއާގެ ޖެނެރަލް މެނޭޖަރު އަހްމަދު ސައީދު ވިދާޅުވީ، އެ ކުންފުނިން ދަނީ ޔަމަހާގެ އެންމެ ފަހުގެ އުފެއްދުންތައް ރާއްޖޭގެ ބަޒާރަށް ނެރެމުން ކަމަށެވެ. އަދި އެލިޔާ އިން ޔަމަހާއާ ގުޅިގެން މި އަހަރުގެ ތެރޭގައި ދިރާސާތަކެއް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުން ފެށިގެން ތިން ދުވަހުގެ ނިޔަލަށް ކުރިއަށްދާ ޓްރެއިނިން ޕްރޮގްރާމުގައި ރިސޯޓްތަކާއި، ކަނޑު އުޅަނދުފަހަރު ގެންގުޅޭ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ ބައެއް އިދާރާތައް ބައިވެރިވެ އެވެ.

މިއީ އެލިއާއިން މި ޓްރެއިންގް ބާއްވާ ފަސް ވަނަ އަހަރެވެ. އަދި އެ ކުންފުނިން ޔަމަހާ އައުޓްބޯޑް އިންޖީނު ރާއްޖޭގައި ވިއްކަން ފެށިތާ މިއީ 44 ވަނަ އަހަރެވެ.

comment ކޮމެންޓް