ޒައިނަބުގެ ގާތިލަށް އިތުރު ތިން މައްސަލައެއްގައި މަރުގެ ހުކުމް އިއްވައިފި

ޒައިނަބުގެ ގާތިލު އިމްރާން އަލީ: އޭނާ މަރަން ވަނީ ހުކުމް ކޮށްފައި ---

އިސްލާމްއާބާދު (އޮގަސްޓު 5): ޕާކިސްތާނުގައި ހަތް އަހަރުގެ ޒައިނަބު އަންސާރީ ރޭޕްކޮށް މަރާލި މައްސަލާގައި މަރަން ހުކުމްކޮށްފައިވާ އިމްރާން އަލީގެ މައްޗަށް އަނެއްކާވެސް މަރުގެ ހުކުމެއްކޮށްފި އެވެ.

އަލީގެ މައްޗަށް އެހުކުމް ކުރީ އިތުރު ތިން ކުއްޖަކު ރަހީނުކޮށް، ރޭޕްކޮށް، މަރާލި ކަމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވުމުންނެވެ. އޭނާ މަރާލި ތިން ކުދިންނަކީ އުމުރުން ފަސް އަހަރާއި ހަތް އަހަރާއި އަށް އަހަރުގެ ކުދިން ކަމަށް ޕާކިސްތާނުގެ ނޫސްތަކުގައިވެއެވެ.

މިދިޔަ ޖެނުއަރީ މަހުގެ ހަތަރެއްގައި ގެއްލިގެން ހޯދަމުން ދަނިކޮށް ރޭޕްކޮށް މަރާލާފައި އޮއްވާ ފެނުނު ޒައިނަބުގެ މަރާ ގުޅިގެން ޕާކިސްތާނުގައި ގިނަ އަދަދެއްގެ މީހުން ވަނީ ނުރުހުން ފާޅުކޮށް މުޒާހަރާކޮށްފައެވެ. އެމުޒާހަރާތަކުގައި ދެ މީހަކު މަރުވިއެވެ.

އެމައްސަލައިގައި އަލީ ހައްޔަރު ކުރި ޖެނުއަރީ 23ގައެވެ. އޭނާއަކީ ޒައިނަބުގެ އާއިލާގެ ގާތްތިމާގެ މީހެއްގެ އިތުރުން އެމީހުންގެ އަވަށްޓެރިއެކެވެ.

ޕާކިސްތާނުގެ ފުލުހުން ބުނާ ގޮތުގައި އޭނާ ވަނީ އިތުރު އަށް ކުޑަކުއްޖަކު ރޭޕްކޮށް މަރާލި ކަމަށް އިއުތިރާފުވެފައެވެ.

އަލީއަށް އިއްވި މަރުގެ ހުކުމް އިސްތިއުނާފަށް ހުށަހެޅި ނަމަވެސް މިދިޔަ މަހު ސުޕްރީމް ކޯޓުން ވަނީ އެހުކުމް ދަމަހައްޓައިފައެވެ.

comment ކޮމެންޓް