ރެއާލްއިން މޮޑްރިޗަށް 670 މިލިއަން ޕައުންޑްގެ އަގެއް ކިޔައިފި

ކްރޮއޭޝިއާގެ ތަރި ލޫކާ މޮޑްރިޗް --- ފޮޓޯ/ އޭޕީ

ރެއާލް މެޑްރިޑުން އެޓީމުގެ ކްރޮއޭޝިއާގެ ތަރި، ލޫކާ މޮޑްރިޗަށް 670 މިލިއަން ޕައުންޑްގެ އަގެއް ކިޔައިފި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ރެއާލްއިން މޮޑްރިޗަށް އަގު ކިޔައިފައި މިވަނީ އޭނާ ގެންދަން އިޓަލީގެ ގަދަބާރު، އިންޓަ މިލާނުން މަސައްކަތް ކުރާ ކަމަށް ރިޕޯޓުތައް ބުނެފައި ވަނިކޮށެވެ. އިޓަލީގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވަނީ އިންޓަ މިލާނުން މޮޑްރިޗް ހޯދުމަށް ރެއާލްއާ މަޝްވަރާ ކުރި ކަމަށެވެ.

ރެއާލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯވެސް މި ހިނގާ ޓްރާންސްފާ ސީޒަންގައި ރެއާލް ދޫކޮށްލައިފައި ވަނީ އިޓަލީ ލީގުގެ ޔުވެންޓަސްއަށް ދިއުމަށެވެ. ރޮނާލްޑޯ ރެއާލް ދޫކޮށްލުމާއެކު އިންޓަ މިލާނުން މެސީގެ ސޮއި ހޯދުމަށް މަސައްކަތް ކުރި ކަމަށްވެސް ބައެއް މީޑިއާތަކުން ބުނެފައިވެއެވެ.

މޮޑްރިޗްގެ ޓްރާންސްފާއާ ގުޅިގެން ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބުނެފައި ވަނީ މޮޑްރިޗް ދޫކޮށްލާނީ އޭނާ ބޭނުންވާ ވަރުގެ ޓްރާންސްފާ ފީއެއްގައި ކަމަށެވެ.

ވޯލްޑް ކަޕްގެ ފައިނަލަށް ކްރޮއޭޝިއާއެކު ދަތުރުކުރި މޮޑްރިޗަކީ ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ. މިވަގުތު ޗުއްޓީގައި ހުރި މޮޑްރިޗް، ރެއާލްއާއެކު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ 2020 ވަނަ އަހަރުގެ ނިޔަލަށެވެ.

އިންޓައިން އަރުތޫރޯ ވިޑާލް ގެންދަން މަސައްކަތް ކުރަމުންދާ ނަމަވެސް، ރިޕޯޓުތައް ބުނެފައި ވަނީ ބާސެލޯނާއިން އެ ބިޑްވެސް ހައިޖެކްކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް