ޒިމްބާބްވޭގައި ބޭއްވި އިންތިހާބް މަނަންގާގުވާ ކާމިޔާބުކުރައްވައިފި

ޒިމްބާބުވޭ ރައީސް އެމާސަން މަނަންގާގުވާ--

ޒިމްބާބުވޭގައި ބޭއްވި އިންތިހާބް އެގައުމުގެ މިހާރުގެ ރައީސް އެމާސަން މަނަންގާގުވާ ކާމިޔާބު ކުރައްވައިފިއެވެ،

ޒިމްބާބުވޭގެ އިލެކްޓޯރަލް ކޮމިޝަނުން ބުނީ މަނަންގާގުވާއަށް 50.8 ޕަސެންޓް ވޯޓް ލިބިފައިވާ ކަމަށާއި އަދި އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އިދިކޮޅު ލީޑަރު ނެލްސަން ކަމީސާއަށް ލިބިވަޑައިގެންފައިވަނީ 44.3 ޕަސެންޓް ވޯޓް ކަމަށެވެ.

އިންތިހާބުގައި މަނަންގާގުވާއާ ދެކޮޅަށް ވާދަކުރެއްވި އެމްޑީސީން ވަނީ އިންތިހާބުގައި މަކަރު ހަދާފައި ކަމަށް ތުހުމަތުކޮށްފައެވެ. އަދި ބުނީ އިންތިހާބުގެ ނަތީޖާ ގަބޫލުނުކުރާނެ ކަމަށެވެ. ފުލުހުން ވަނީ އެ ޕާޓީގެ އޮޕިޝަލުން އިލެކްޓޯރަލް ކޮމިޝަންގެ ސްޓޭޖުންވެސް ފަހުން ނެރެފައެވެ.

އިންތިހާބްގައި މަކަރު ހަދާފައިވާ ކަމަށްބުނެ އިދިކޮޅު ޕާޓީންނާއި އެ ޕަޓީއަށް ސަޕޯޓްކުރާ ފަރާތްތަކުން މަގުތަކަށް ނުކުމެ ވަނީ ވަރުގަދަ މުޒާހަރާތަކެއް ކޮށްފައެވެ. އެ މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކުގައި ހަ މީހުން ވަނީ މަރުވެސް ވެފައެވެ.

އިންތިހާބް ކާމިޔާބްކުރެއްވުމަށް ފަހު މަނަންގާގުވާ ވިދާޅުވީ މިއީ ޒިމްބާބުވޭއަށް އާ ފެށުމެއް ކަމަށެވެ.

ޒިމްބާބުވޭގެ ރައީސް ކަމަށް މަނަންގާގުވާ ވަޑައިގެންނެވީ އެގައުމުގެ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ ވެރިކަން އަސްކަރީ ބަޣާވާތަކުން ވައްޓާލުމާ ގުޅިގެންނެެވެ.

comment ކޮމެންޓް