"ނިވައިރޯޅީ"ގެ ޝޫޓިންގެ 95 ޕަސެންޓް ނިމިއްޖެ

"ނިވައިރޯޅި"ގެ މަންޒަރެއް: ފޮޓޯ ފޭސްބުކް

ދިވެހި ފިލްމީ ދާއިރާގައި މެދުކެނޑުމެއް ނެތި 20 އަހަރަށް ވުރެ ގިނަ އަހަރުވަންދެން ވަރުބަލިކަމެއްނެތި މަސައްކަތްކޮށްދީފައިވާ ކުޅަދާނަ ފިލްމީ ތަރި ނިއުމާ މުހައްމަދު ބޮޑު ސްކްރީނުން ބެލުންތެރިންނާ އަލްވަދާއު ކިޔާނެ ފިލްމު "ނިވައިރޯޅި" ޝޫޓިންގެ 95 ޕަސެންޓް މަންޒަރު ނަގައި ނިމިއްޖެ ކަމަށް އެ ފިލްމުގެ ޓީމުން ބުނެފި އެވެ.

ފިލްމާ ބެހޭ ގޮތުން "ސަން" އަށް މައުލޫމާތު ދެމުން ނިއުމާ ބުނީ، ފިލްމުގެ ޝޫޓިންގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް ގޮސް ނިމުމަކާ ހަމަޔަށް އައިސްފައިވާ ކަމަށެވެ.

"މިހާރު ފިލްމުގެ 95 އިންސައްތަ ޝޫޓްކޮށް ނިމިފައި އޮތީ، ވަރަށް ހިތް ހަމަޖެހޭ ޝޫޓިން ކުރިޔަށް ދާގޮތާ މެދު، ކުޑަ ދުވަސްކޮޅެއް ތެރޭ ފިލްމު އެއްކޮށް ޝޫޓްކޮށް ނިމޭނެ،" ގައުމީ އެވޯޑް ވެސް ހާސިލް ކޮށްފައިވާ ނިއުމާ ބުންޏެވެ.

"ނިވައިރޯޅި" ގެ މަންޒަރެއް: ފޮޓޯ ފޭސްބުކް

ވޭތުވެދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިއުލާން ކުރި "ނިވައިރޯޅި" ޕްރޮޑއިުސްކުރަނީ ވެސް ނިއުމާ އެވެ. ނިއުމާގެ އެ ފިލްމުގެ ޑައިރެކްޓަރަކީ ދިވެހި ފިލްމުތަކެއް ޑައިރެކްޓް ކޮށްފައިވާ މޫމިން ފުވާދެވެ.

އިތުރަށް ވާހަކަ ދައްކަމުން ނިއުމާ ބުނީ، މިހާރު ފިލްމުގެ އެޑިޓިން ފަށައިގެން ކުރިޔަށްދާ ކަމަށެވެ. އެޑިޓިންގެ ވެސް 50 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށް ނިއުމާ ބުންޏެވެ.

ރ. އިނގުރައިދޫގައި ބޮޑު ބައެއް ޝޫޓް ކޮށްފައިވާ "ނިވައިރޯޅި" އިން މުޅި އަކު ސޯޅަ ވަރަކަށް ފަންނާނުން ފެނިގެންދާނެ އެވެ. ފިލްމީ ދާއިރާގެ ފުންނާބު އުސް ތަރިންތަކެއް ފެނިގެންދާ އެ ފިލްމުގައި ފެނިފެންދާނީ ކުޅަދާނަ މޭކަޕް އާޓިސްޓު ޖަސްޓިންގެ މޮޅު މޭކަޕެވެ.

ފިލްމުގެ ޝޫޓިން ކުރިއަށްދަނިކޮށް--- ފޮޓޯ/ ފޭސްބުކް

"ފާހަގަކޮށްލަން ބޭނުން ކާސްޓުންގެ މަސައްކަތް، ހުރިހާ ތަރިން ވެސް ވަރަށް ކުޅަދާނަ، އެންމެން ވެސް ބޭނުން ވަނީ ބެލުންތެރިންނާ ހަމަޔަށް މޮޅު ފިލްމެއް ގެނެސްދެން،" ނިއުމާ ބުންޏެވެ.

"ނިވައިރޯޅި"ގައި މާ ގިނަ ލަވަތަކެއް ނުހިމެނެ އެވެ. ނަމަ ވެސް ފިލްމުގެ ތީމް ލަވައެއް ހިމެނެ އެވެ. ނިއުމާ ބުނީ އެ ލަވަ ކިޔާނެ ފަރާތެއް ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށެވެ.

ނަން މަޝްހޫރު ތަރިންނާ އެކު ނިއުމާ ލީޑު ރޯލުން ފެނިގެންދާނެ "ނިވައިރޯޅި" ރިލީޒްކުރަން ހަމަޖެހިފައި އޮތީ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު އެވެ.

comment ކޮމެންޓް