ސާފް ޗެމްޕިއަންޝިޕް ކުޅެން ބޭނުންވި، އެކަމަކު ކޯޗުގެ ނިންމުމަށް އިހުތިރާމު ކުރަން: ދަގަނޑޭ

އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ޕްލޭއޯފް ފުރަތަމަ ލެގުގައި ރާއްޖެ އާއި ލާއޯސް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގައުމީ ޓީމާއެކު ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ދިއުމަށް ބޭނުންވި ކަމަށާއި، އެކަމަށް މަސައްކަތް ކުރި ކަމަށްވެސް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ބުނެފިއެވެ.

ދަގަނޑޭ އޭނާގެ ރަސްމީ ޓްވިޓާ އެކައުންޓުގައި ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ގައުމީ ޓީމާއެކު ސާފް ޗެމްޕިއަންޝިޕަށް ދާން ބޭނުންވި ކަމަށެވެ. އެހެން ނަމަވެސް އޭނާއަށް ކުޅެން އޮތް ގޮތަކީ ކޯޗު އޭނާ ޓީމަށް ނެގުން ކަމަށާއި، ކޯޗު އެނާ ޓީމަށް ނުނަގަން ނިންމި ނިންމުމަށް އިހުތިރާމު ކުރާ ކަމަށްވެސް ދަގަނޑޭ ބުންޏެވެ.

ރާއްޖެއިން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިއަކީ އޭރު އުމުރުން 23 އަހަރުގެ އަލީ އަޝްފާގު (ދަގަނޑޭ)އެވެ.

އިންޑިއާގައި 2015 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕަށްފަހު ދަގަނޑޭ ބުނެފައި ވަނީ ދެން އޭނާ ސާފް ޗެމްޕިއަންޝިޕް ނުކުޅޭނެ ކަމަށެވެ. އެހެން ނަމަވެސް އޭނާ މިހާރުވެސް ލީގުގައި ރަނގަޅު ފޯމެއްގައި ކުޅެމުންދާތީ ގިނަ ދިވެހިންގެ އެދުމަކީ އަނެއްކާވެސް އޭނާއާއެކު ރާއްޖޭގެ ޓީމު ސާފް ޗެމްޕިއަންޝިޕަށް ދިއުމަށެވެ.

އިއްޔެ އިއުލާން ކުރި ސްކޮޑުގައި ދަގަނޑޭ ހިމެނިފައިނުވާ އިރު، ކޯޗު ބުނީ ދަގަނޑޭއާ ދޭތެރޭ އެއްވެސް މައްސަލައެއް ނެތް ކަމަށާއި، ދަގަނޑޭ ނުނެގި އެއް ސަބަބަކީ ދަގަނޑޭގެ އުމުރު ކަމަށެވެ. ދަގަނޑޭގެ މިހާރު އުމުރަކީ 32 އެކެވެ. އެހެން ނަމަވެސް އަންނަ މަހު ހަ ވަނަ ދުވަހު އޭނާއަށް 33 އަހަރު ފުރޭނެއެވެ.

"އަހަރެން އަޝްފާގާ ދޭތެރޭ އެއްވެސް ހިތް ބުރަކަމެއް ނެތް. އޭނާ އަކީ އަހަރެން ވަރަށް ގަޔާވާ ކުޅުންތެރިއެއް. އޭނާގެ ހުނަރާ މެދުވެސް ސުވާލެއް ނެތް. އެކަމަކު ބައެއް ފަހަރު އުމުރާއެކު ކުޅުންތެރިން ބަދަލުކުރަންޖެހޭނެ. މުސްތަގުބަލަށް ބެލުން ވަރަށް މުހިންމު. އަޝްފާގާ އަހަރެން ދެ ފަހަރަށް ބައްދަލުކުރިން. ސާފް ޗެމްޕިއަންޝިޕަށް އަލުން ދާން އޭނާ ނުނިންމާ. އެ ނިންމުމަކީ އެފްއޭއެމްއާއި އަހަރެން އަދި އަޝްފާގުގެވެސް ނިންމުން،" ސެގަޓް ބުންޏެވެ.

ސެގަޓް އިތުރަށް ބުނީ މިއީ އާ ކުޅުންތެރިންނަށް ފުރުސަތު ދޭންވި ވަގުތު ކަމަށާއި، ދަގަނޑޭއާ އޭނާ ދެފަހަރު ބައްދަލުކޮށް މަޝްވަރާ ކުރި ކަމަށެވެ. އަދި ދަގަނޑޭ، އޭނާގެ ނިންމުން ބަދަލު ނުކުރާކަމަށްވެސް، ކޯޗުގެ އިތުރުން އެފްއޭއެމްގެ ޖެނެރަލް ސެކްރަޓަރީ ހުސައިން ޖަވާޒް (ޖަވާ)ވެސް ވިދާޅުވިއެވެ.

"ކޯޗު ބައްދަލުކުރި ދަގަނޑޭއާ. އަޅުގަނޑުވެސް އިނިން އެ މީޓިންގައި. އޭނާ ނުބުނޭ ކުޅޭނެ ވާހަކައެއް. އަޅުގަނޑުމެން މީޓިންއެއް ރޭވިން. އަޝްފާގު ކުރިން ނުކުޅެން ނިންމާފައި އޮތީ. ފަހުން ކުޅެން ނުނިންމާ،" ޖަވާ ވިދާޅުވިއެވެ.

ސާފް ޗެމްޕިއަންޝިޕަށް ދާ 30 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑު އިއްޔެ އިއުލާން ކޮށްފައިވާ އިރު، ދަގަނޑޭ ސްކޮޑުގައި ނުހިމެނެއެވެ. އެހެން ނަމަވެސް އޭނާ ވަނީ އަނެއްކާވެސް ތަށި ގެނެސްދިނުމަށް ޓީމު ކުރެން އެދިފައެވެ.

ދަގަނޑޭގެ މީސްމީޑިއާގައި އޭނާ ބުނެފައި ވަނީ ޓީމަށް ރަނގަޅު ކާމިޔާބީއަކަށް އެދޭ ކަމަށާއި، ސާފް ޗެމްޕިއަންޝިޕްގެ ތަށި އަލުން ރާއްޖެ ގެނެސްދިނުމަށެވެ.

ދަގަނޑޭގެ އިތުރުން ރާއްޖޭގެ ގައުމީ ޓީމުގެ ގޯލްކީޕަރެއްގެ ގޮތުގައި 17 އަހަރު ހޭދަކޮށް، ރިޓަޔާ ކޮށްފައިވާ އިމްރާން މުހައްމަދު (އިންމަ)ވެސް ވަނީ އޭނާގެ ފޭސްބުކް ޕޭޖުގައި ގައުމީ ޓީމަށް ހިތްވަރު ދީފައެވެ.

comment ކޮމެންޓް