ވަޒީފާ އާ ބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުން މުނާ ވަކިކޮށްފި

ވަޒީފާ އާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަގާމުން ވަކިކުރެއްވި މުނާ ---- ފޮޓޯ: ރައީސް އޮފީސް

ވަޒީފާ އާ ބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުން މަރިޔަމް މުނާ ވަކިކޮށްފިއެވެ.

މުނާ މަގާމުން ވަކިކުރީ ކީއްވެ ކަމެއް ނޭނގެއެވެ. ނަަމަވެސް "ސަން" އަށް އެނގިފައިވާ ގޮތުގައި ޓްރައިބިއުނަލްގެ މެންބަރު ކަމުން މުނާ ވަކިކޮށްފައިވަނީ އިއްޔެ އެވެ.

ޓްރައިބިއުނަލް އަށް މުނާ އައްޔަނު ކުރެއްވީ 2014 ވަނަ އަހަރުއެވެ. އޭގެ ކުރިން މުނާ ވަނީ ސަރުކާރުގެ ގިނަ މަގާމުތަކެއް އަދާ ކުރައްވައިފައެވެ. އެގޮތުން 1997 ވަނަ އަހަރުން ފެށިގެން 2012 ޖުލައި ގެނިޔަލަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގައި މަސައްކަތްކުރައްވާފައިވެއެވެ. މީގެ އިތުރުން ޑިފެންސް އެންޑް ނެޝެނަލް ސެކިއުރިޓީގެ އެކްޓިންގ ޕަރމަނަންޓް ސެކްރެޓަރީ ގެ މަގާމާއު އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމާއި، ހަމަ އެމިނިސްޓްރީގެ ސީނިއަރ ސެކްރެޓްރީ އަދި ސެކްރެޓްރީގެ މަޤާމު ވެސް މުނާ ވަނީ އަދާ ކުރައްވައިފައެވެ.

މީގެ އިތުރުން 2012 އޯގަސްޓް އިން 2014 އޮގަސްޓް 26 އާއި ހަމައަށް ޕޮލިސް އިންޓްގްރިޓީ ކޮމިޝަންގެ ޑިރެކްޓަރ އޮޕަރޭޝަންސްގެ މުނާ ވަނީ އަދާކުރައްވައިފައެވެ.

މުނާއަކީ، އޮސްޓްރޭލިއާގެ އެޑިތް ކޮވާން ޔުނިވަރސިޓީގެ މާސްޓަރސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވާފައިވާ ކަނބަލެކެވެ. މީގެ އިތުރުން މުނާ ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީން ޑިޕްލޮމާ އިން މެނޭޖްމެންޓް ވެސް ހާސިލް ކުރައްވައިފައެވެ.

މުނާއަކީ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓްޓިއުޓްގެ ޓްރެއިނަރެއްގެ ގޮތުން ސިވިލް ސަރވިސްގެ މުވައްޒަފުން ތަމްރީނުކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރައްފައިވާ ކަނަބލެކެވެ.

ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލްގައި ޖުމްލަ ތިއްބަވަނީ ފަސް މެންބަރުންނެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަށް މެންބަރުން އައްޔަނު ކުރެއްވުމާއި ވަކި ކުރުމުގެ ބާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

comment ކޮމެންޓް