ހަލީމުގެ ކަރަށް ތޮޅި ހެރުނީ ތިލަފަޅެއްގައި ފީނަން އޮއްވައި!

ހަލީމުގެ ކަރަށް ތޮޅި ހެރުނީ މިހިސާބުގެ ފަޅެއްގައި ފީނަން އޮއްވައި ---

ލަނޑާ ނަގަން އުޅުނު ދޯންޏެއްގެ މީހެއްގެ ކަރަށް ތޮޅިއެއް ހެރިގެން ނިޔާވި ހަބަރަކީ އިއްޔެ ގިނަ ބަޔަކަށް ޝޮކެއް ލިބުނު ހަބަރެކެވެ. އިއްޔެ އެ ހާދިސާގައި ނިޔާވެފައި ވަނީ ނ. މާޅެންދޫ ކުންނާރުގެ، 29 އަހުމަދު ހަލީމެވެ.

ހަލީމުގެ ކަރަށް ތޮޅިއެއް ހެރިގެން އޭނާ އދ. މަހިބަދޫ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ފުލުހުންގެ ލޯންޗެއްގަ އެވެ.

ހަލީމުގެ ކަރަށް ތޮޅު ހެރުމާއި ހޮސްޕިޓަލަށް ގެންދިޔުމާ ދޭތެރޭ ކަން ހިނގައި ދިޔަ ގޮތް ހަލީމު މަސައްކަތް ކުރި ދޯނީގައި ހުރި މީހަކު 'ސަން' އަށް ވަނީ ކިޔައިދީފަ އެވެ. އޭނާ ބުނި ގޮތުން ތޮޅި ހެރުނު ގަޑީގައި ހަލީމު އޮތީ އދ. ފުށިދިއްގާ ފަޅު ކައިރީ އޮތް ތިލަފަޅެއްގައި ފީނަން ފައިބަ އެވެ.

"ފީނަން ފައިބާ އޮތްއިރު ކައިރީގައި ހަލީމުގެ އެއްބަނޑު އެއްބަފާ ކުއްޖެއްވެއް އޮތް. ދެން ހަލީމު ގޮވާލާފައި ބުނީ ތޮޅިއެއް ޖަހައިފިއޭ. ބުނީމާ އެނގުނީ." އެ ދޯނި މީހާ ބުންޏެވެ.

ކަރަށް ތޮޅި ހެރުނު ކަމަށް ހަލީމު ބުނުމުން ދޯނި މީހުން އޭނާ ޑިންގީއަކަށް ނެގި ކަމަށް ބުންޏެވެ. އަދި އޭރު ތޮޅި ހެރިފައި ހުރީ ކޮލަށް ކަމެއް ކަރަށް ކަމެއް ސާފު ނުވާ ވަރަށް ލޭ އަންނަ ކަމަށް ދޯނިން ވާޙަކަ ދެއްކި މީހާ ބުންޏެވެ.

ޑިންގީއަށް ހަލީމު ނެގުމަށް ފަހު ދޯނި މީހުން އެންމެ ފުރަތަމަ އިސްކަމެއް ދިނީ މަހިބަދޫ އެމްބިއުލެންސްއަށް ގުޅުމަށެވެ. ގުޅުމުން އެމްއެންޑީއެފްއަށް ގުޅުމަށް މަހިބަދޫ ހޮސްޕިޓަލުން ބުނި ކަމަށް ދޯނި މީހާ ބުންޏެވެ.

"ދެން އަޅުގަނޑުމެން ގުޅީ އެމްއެންޑީއެފްއަށް. ގުޅީމަ އެބޭފުޅުން ވިދާޅުވި ސީ އެމްބިއުލެންސް އޮތީ ހަލާކުވެފައި ކަމަށް ދެން ފުލުހުންނަށް ގުޅީ. ފުލުހުން އައިސްފި ގާތްގަނޑަކަށް ހަތަރު މިނިޓް ތެރޭގައި،" އެމީހާ ބުންޏެވެ.

އޭރު ހަލީމް ޑިންގީއިން ދޯންޏަށް އަރުވައި ދޯނިވެސް ދުއްވަމުން ދިޔައީ މަހިބަދޫއާ ދިމާލަށެވެ. ކަނޑު ގަދަ ދުވަހެއް ކަމުން ދޯނިން ލޯންޗަށް ހަލީމު ބަދަލު ކުރުމަށް ދަތިވި ކަމަށް ދޯނި މީހާ ބުންޏެވެ.

"ދޯނީގައި އޮތް އިރު ވެސް ހަލީމު ހޭ ހުރި. ވާހަކަ ވެސް ދެކެވޭ. ދެފަހަރަކަށް ބުނި ވަރަށް އައްސިވެޔޭވެސް. ހިނގާލާފައި ލޯންޗަށް އަރަން ދެވޭނެއޭ ވެސް ބުނި. ދެން ދެމީހުން ދެފަރާތުގައި ތިބެގެން ލޯންޗަށް އެރީވެސް،" ދޯނި މީހާ ކިޔައިދިނެވެ.

ފުލުހުންގެ ލޯންޗު ހަލީމު ނަގަން ދޯނި ކައިރިއަށް ދިޔައީ ވެސް ޑޮކްޓަރަކާއި ނަރުހެއް ގޮވައިގެން ކަމަށް ދޯނި މީހާ ބުންޏެވެ.

މަހިބަދޫ ހޮސްޕިޓަލުން ބުނީ ހަލީމު ހޮސްޕިޓަލަށް ގެނެވުނު އިރު ވެސް ކަރުން ވަރަށް ގަދަޔަށް ލޭ ފައިބާ ކަަމަށެވެ. އަދި ހޮސްޕިޓަލުން ހަލީމުގެ ގަޔަށް ދެ ޕޮއިންޓް ލޭ އެޅިކަމަށްވެ ސް ބުންޏެވެ.

"ހޮސްޕިޓަލަށް ގެނެވުނު އިރު ވެސް ކަރުން ލޭ ފައިބާ. ލޭ މަނާ ކުރުމަށް ކަރުގައި ބާރަށް ފޮތި ގަނޑެއް ވެސް ފިއްތާފައި ބޭއްވީ. މާލެ ފޮނުވާލީ ރޭ 12:10 ހާއިރު ފުލުހުންގެ ލޯންޗުގައި. މާލެ ފޮނުވާލީ ބްލަޑް ޓްރާންސްފިއުޝަނާ ވެސް އެކީ. ހޮސްޕިޓަލުން ދެ ޕިންޓު ލޭ ވެސް އެޅިން،" ހޮސްޕިޓަލުގެ މެނޭޖަރު އިބްރާހިމް އާދަމް ވިދާޅުވި އެވެ.

ހަލީމު މަސައްކަތް ކުރި ދޯނީގެ މީހުން ބުނާ ގޮތުން ހަލީމުގެ ހާލު ބޮޑަށް ގޯސްވީ މާލެ ގެނައުމަށް ލޯންޗުގައި މާލެ އަތޮޅަށް ވަތް ފަހުންނެވެ.

އައިޖީއެމްއެޗުން ބުނީ ހަލީމު ހޮސްޕިޓަލަށް ގެންދެވުނު އިރު ވެސް ނިޔާވެފައިވާ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް