ލަނޑާ ނަގަން އުޅުނު މީހެއްގެ ކަރަށް ތޮޅިއެއް ހެރިގެން މަރުވެއްޖެ

އައިޖީއެމްއެޗު ހޮސްޕިޓަލް --- ސަން ފައިލް ފޮޓޯ

ލަނޑާ ނަގަން މޫދަށް ފައިބައި އުޅެނިކޮށް ކަރަށް ތޮޅިއެއް ހެރުނު މީހަކު މަރުވެއްޖެ އެވެ.

މަރުވެފައި ވަނީ ނ. މާޅަންދޫ ކުންނާރުގެ، 29 އަހުމަދު ހަލީމެވެ. އޭނާ މަރުވީ އައިޖީއެމްއެޗަށް ގެނައި މަގުމަތީގަ އެވެ.

ތޮޅި ހެރުނީ ހަލީމްގެ ކަރުގެ ކަނާތްފަރާތަކަށް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އެ ހޮސްޕިޓަލުން ބުނީ އިތުރު ފަރުވާއަށް ހަލީމް މާލެ ގެނައީ ރޭ މެންދަމު 2:38 ހާއިރު ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޭނާ މަރުވެފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

މާޅެންދޫ ކައުންސިލުގެ ރައީސް މުހައްމަދު ޝާހު މޫސާ "ސަން"އަށް ވިދާޅުވީ އަހުމަދު ހަލީމަކީ ލަނޑާ ނެގުމުގެ މަސައްކަތް ކުރާ މީހެއް ކަމަށާއި އޭނާ އެ މަސައްކަތް ކުރަނީ ރަށުގެ އެހެން ބަޔަކާ އެކު ކަމަށެވެ.

"އެއީ ލަނޑާ ނެގުމުގެ މަސައްކަތް ކުރާ ގްރޫޕެއް. ހާދިސާ ހިނގި އިރު އެމީހުން ތިބީ އދ. އަތޮޅުގެ ރަށެއްގެ ކައިރީ ކަމަށް އަޅުގަނޑަށް އެނގިފައިވަނީ،" ޝާހު ވިދާޅުވިއެވެ.

ހަލީމްގެ ކަރަށް ތޮޅިއެއް ހެރުނީ އިއްޔެ އިރު އޮއްސުނު ވަގުތުއެވެ. ހާދިސާ ހިނގުމުން ފުލުހުންގެ ލޯންޗެއްގައި އޭނާ އދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ކަރުން ލޭ އަންނަމުން ދިޔަ ކަމަށް އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު އިބްރާހިމް އާދަމް "ސަން"އަށް ވިދާޅުވިއެވެ.

"ހޮސްޕިޓަލަށް ގެނެވުނު އިރުވެސް ކަރުން ލޭ ފައިބާ. ލޭ މަނާ ކުރުމަށް ކަރުގައި ބާރަށް ފޮތި ގަނޑެއްވެސް ފިއްތާފައި ބޭއްވީ. މާލެ ފޮނުވާލީ ރޭ 12:10 ހާއިރު ފުލުހުންގެ ލޯންޗުގައި. މާލެ ފޮނުވާލީ ބްލަޑް ޓްރާންސްފިއުޝަނާ ވެސް އެކީ. ހޮސްޕިޓަލުން ދެ ޕިންޓު ލޭ ވެސް އެޅިން،" އިބްރާހިމް އާދަމް ވިދާޅުވިއެވެ.

ހަލީމްގެ މައްޗަށް ކުރެވޭ ކަށުނަމާދު މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާ ގައި އޮންނާނެއެވެ.

comment ކޮމެންޓް