ތަފާތު ލޯތްބެއް (23)

ނާޔަލް އެގޮތަށް ދޮރު ލެއްޕުމުން ކައިޒާން އިރުކޮޅެއްވާންދެން ދޮރުގައި ބޯ ޖައްސާލައިގެން ހުރެލާފައި އަނބުރާލާފައި ދާން ހިނގައިގަތެވެ. ނަމަވެސް ވަކި ހިސާބަކުން ކެތްތެރިކަން ކޮޅުންލައިފިއެވެ. އެދެލޮލުން ފެންނަން ހުރީ ރުޅީގެ ބަދަލުގައި އިންތިހާ ދަރަޖައިގެ ހިތާމައާއި ވޭނެވެ. ވޭނުން ކަޅިވެފައިވާ ދެލޮލުން އެނގުމަކާއި ނުލާ އޮހިގަތް ކަރުނަތައް ކޯތާފަތް ތެންމާލައިފިއެވެ. އޭނަ ދެރަވިޔަސް ރުޅިއަޔަސް މިގޮތަށް ކަރުނަ އޮއްސާފައެއް ނުވެއެވެ. ނަމަވެސް އޭނަގެ ހިތަށް އަސަރުކުރީ މާ ބޮޑަށެވެ. ކަރުނަތިއްކަކަށްފަހު ތިއްކެއް ކޯތާފަތް މައްޗަށް ފައިބަމުން ދިޔައިރު ދެކޭ މީހަކަށްވެސް އަސަރުކުރާނެއެވެ.

"ކީއްވެ؟ ކީއްވެ މިހެންވާން ޖެހުނީ؟ އަހަންނަށް އުފަލެއް ލިބުން ހައްގު ނޫނީތަ؟ " ކައިޒާން ކަކޫމައްޗަށް ތިރިވިއެވެ. ކެމީލާ އަބަދަށްޓަކާ އޭނަ ދޫކޮށްލާ ހިގައްޖެކަން ހިތަށް ނަގައިގަނެވުމާއިއެކު ހިތުގައި ރިއްސަންފެށީ ކެތްނުވާވަރަށެވެ. އޭނަގެ ދުނިޔެ ނިމުނީއެވެ. ހުސްކަމެއް ހިތަށް އިހުސާސްކުރެވުނެވެ. ދުވަހަކުވެސް ކަމަކާއި ދެރަވެގެން މިހާ ގަދަޔަށް އޭނައެއް ނުރޮއެވެ. ނަމަވެސް ކައިޒާން ރޮމުން ދިޔައީ ހިތްކުދިކުދިވާ ފަދަ ގޮތަކަށެވެ. ބޯކޮށް ވެހެންފެށި ސްނޯތައްވެސް ރަހުމެއްނެތި އެކި ފަރާތްފަރާތުން އޭނައަށް ހަމަލާދޭންފެށިއެވެ.

ފަނަރަވަރަކަށް މިނިޓްވާންދެން ސިޑީގެ ފަތްތަރުމަތީ ބޯ ޖައްސާލައިގެން ކަރުނަ އޮއްސާން އޮވެފައި ކެމީލާ ތެދުވެ މޫނުމަތި ފޮހެލިއެވެ. ކައިޒާންގެ މަތިން ޚިޔާލުކުރެވުމާއިއެކު ތެދުވެގެން ދުއްވައިގަނެވުނީ ބޭ އިޚުތިޔާރުގައެވެ. މައި ދޮރު އަތުކޮޅަށް ހުޅުވާލާފައި ބަލައިލިއިރު ފެނުނު މަންޒަރުން ހިތް ނުހުއްޓުނީ ކިރިޔާއެވެ. ކައިޒާން ސްނޯމަތީގައި ރޯން އިނީ ކޮންފަދަ ހިތް ހަލާކުވާފަދަ ގޮތަކަށް ހެއްޔެވެ. ކެމީލާގެ ހިތް އޮއްސުނެވެ. ދުވަހަކު ހިތަށް އެހާ ނުބައި އަސަރުތަކެއް ކުރި ހަނދާނެއް ނުވެއެވެ.

"ކައި. ޕްލީޒް ސްޓޮޕް ކްރައިން. އިޓް ހާޓްސް އޭ....." ކެމީލާ ދުވަމުން އައިގޮތަށް ކައިޒާން ސްނޯމަތިން ނަގަން އުޅުނުއިރު ކޮށްފައިވާ އަސަރު މޫނުމަތިން ފާޅުވާން ހުއްޓެވެ.

"ކައި.....އައިމް ހިއަ......ލުކް އެޓް މީ ޕްލީޒް....އައިމް ހިއަ ފޯ ޔޫ...ކައި އައި ލަވް ޔޫ އޮންލީ. ނޯ ވަން އެލްސް. ނާޔަލްއައިއެކު މިއުޅެނީ ބޭނުންވެގެނެއް ނޫން. މަޖުބޫރުވެގެން...." ކެމީލާގެ އަޑު އިވިފައި ކައިޒާން މަޑުމަޑުން ހަށިގަނޑު ތެދުކޮށްލިއެވެ. އެއްފައި ދަމާލައިގެން އިށީންދެލާފައި ގާތުގައި އިން ކެމީލާގެ މޫނަށް ބަލައިލިއިރު އެމޫނުމަތިން ފެންނަނީ ކޮންފަދަ މައުސޫމް އަދި ހިތާމަވެރިކަމެއް ހެއްޔެވެ. ހިތް ފަޅައިގެންދާވަރުވުމާއިއެކު ކެމީލާއަށް ކައިޒާންގެ ހަށިގަނޑުގައި އަތް ވަށައިލެވުނެވެ. އިރުކޮޅެއްވާންދެން ކެމީލާ ބަހަކުން ކުރެ ބަހެއް ނުބުނެ ލޯބިވާ ކައިޒާންގެ މޫނަށް ބަލަން އިނީއެވެ.

"އައިމް ސޮރީ އައި ހާޓް ޔޫ ކައި.....ކައި ހީކުރި ނުބައިކޮށް. ކައިއަށް ފެނުނީ ރަގަޅު މަންޒަރެއްނޫން. އެފެނުނީ ނާޔަލް ދައްކަން ބޭނުންވި މަންޒަރުކަމަށް ގަބޫލުކުރޭ. ކައި އަމިއްލައަށް މަރުވާން އުޅޭކަމަށް ބިރުދައްކައިގެން ބްލެކްމެއިލްކޮށްގެން އޭނަ އަހަންނާއި ކައިވެނިކުރަން މަޖުބޫރުކުރީ. އޭނަދެކެ ނަފްރަތުކުރާވަރު ދެނެވޮޑިގެންވަނީ ހަމައެކަނި މާތް ﷲ. އޭނަ މަޖުބޫރުން ކައިވެނިކުރިޔަސް ދުރުން އުޅެނީ ކީއްވެކަމެއް އެއްގޮތަކަށްވެސް ނޭގޭ. ކައި. އޭނަ އެއްވެސް ކަމެއްކުރާކަށް މަޖުބޫރެއްނުކުރޭ. އެއްވެސް ރިލޭޝަނެއް ނުބާއްވާ. ހަމަ ބީރައްޓެހިންފަދައިން މިގޭގައި މިއުޅެނީ. އޭނަ އުޅެނީ އޭނަގެ މުއްސަދިކަން ދައްކަންވެގެންނޭ ހީވާ ކިތަންމެ ފަހަރެއް އާދޭ. ނޯޔާވެސް އޭނަގެ ބޭބެއަށް އެހާ ތައުރީފުކުރޭ. ކައި. ނާޔަލްގެ ކައިވެނީގެ މަގުސަދެއް ނޭނގޭ. ބޭނުން މި ކައިވެނިން ސަލާމަތްވާން. ޕްލީޒް ސޭވް މީ. ބޭނުމީ މާލޭގައި އާދައިގެ ދިރިއުޅުމެއް އުޅެން. ދިސް އިޒްންޓް ދަ ޕްލޭސް ފޯ މީ. މިސިޓީއަށް އައުމުން މި ފާސްޓް ދިރިއުޅުމުގެ ސަބަބުން ދީނާއި ދުރުވާން ފަށައިފި. ހަޔާތުގެ ބައިވެރިޔާއާއިއެކު ދެދުނިޔޭގެ ނަސީބު ހޯދޭނީ ދީނަށް އުޅެގެން. ސިމްޕަލް ދިރިއުޅުމެއް ހޯދިގެން ކައި. ހިނގާ މިތަނުން ދާން. އެންމެނަށް ފިލައިގެންގޮސް ވަކިން ދިރިއުޅޭނީ....." ކެމީލާ ރޮމުން ރޮމުން ހުއްޓަ ހުއްޓާފާއި ވާހަކަދެއްކިއެވެ.

ކައިޒާން އިނީ ހައިރާންކަމާއިއެކު ބަލަހައްޓައިގެންނެވެ. އެލޮލުގައިވާ ކަރުނަތައްވެސް ގަނޑުވެފައިވާފަދައެވެ. އެސްފިޔަތަކުގައި ހަރުލާފައިވާ މުތީތައް އެލޮލުގެ އަޅިފެހިކުލަ ވަކިން ރީތިކޮށް ދައްކައިދިނެވެ. އިސްތަށިގަނޑުގައި ބީހެމުން ދިޔަ ސްނޯ ކޮޅުތައް ކެމިލާ ފޮޅާލަދިނެވެ. މަޑުމަޑުން މޫނުގައި ހިފެހެއްޓިއެވެ.

"ކައި ހިތަށް އަރާފާނެ ބޭވަތާރިވީއޭ. ކެހިދިނީއޭ. ދޫކޮށްލާފައި ދިޔައީއޭ. ނޫން އަބަދުވެސް ވާނީ އަހަރެންގެ ކައިއާއިއެކީ. މުޅި އުމުރަށްވެސް. އަބަދަށްޓަކާ އެކީގައި ވާނަން އިންޝާﷲ. މިދުނިޔެއިން ލޯބިވެވުނީ ހަމަ އެންމެ އިންސާނެއްދެކެ. އެމީހަކީ ތިއީ. ހިތްދެވުނީ ހަމައެކަނި ކައި އަށް. އިތުރު އެއްވެސް މީހަކަށް މި ހިތުން ޖާގައެއް ނުލިބޭނެ. "

"މީހަކާއި އިނދެގެން ހުރެ އެހެން މީހެއްގެ ކައިރިއަށް އަންނަކަމަށް އިހުސާސްކުރެވޭނީ މި ކައިވެންޏަކީ ހުއްދަ ކަމެއްކަމަށް ގަބޫލުކުރެވޭނަމަ. އެއްގޮތަކަށްވެސް މިއީ ހުއްދަ ކައިވެންޏެއްކަމަށް ގަބޫލެއްނުކުރެވޭ. އެކަމާއި ބެހޭގޮތުން ޝޭޚަކަށް މެސެޖް ފޮނުވައިގެން ޖަވާބެއް ނުލިބޭ....." ކެމީލާ ކިޔައިދިނީ އޭނައާއި ނާޔަލްއާއި ދޭތެރޭ މިހުރިހާ ދުވަހު ހިނގި ހުރިހާ ކަމެކެވެ. އޭނަގެ ތަސްވީރެއް ކުރަހަން ނާޔަލް ޝޯލް ނެގިއެވެ. އެނޫނީ އޭނަގެ ވަނާތައް ފާޅުވާފަދަ ހެދުމެއްގައިވެސް ނާޔަލްއަށް ފެނިފައެއް ނުވާނެއެވެ. ކައިވެންޏަށްފަހު އިތުރު އެއްވެސް ގުޅުމެއް ނުބާއްވާކަމުގައި ހުވާކޮށްފައި އޭނަ ބުނެލިއެވެ. މިއަދު އޭނަގެ އުނގަށް ފައި ލައިގެން އިނަސް އިތުރު އެއްވެސް ކަމެއް ނާޔަލް ނުކުރާކަމަށާއި ހުރިހާ ކަމަކަށް އޭނައަށް މާފުކޮށްދީފައި އޭނަ ސަލާމަތްކޮށްދިނުމަށް އެދި އާދޭސްކުރިއެވެ. ދެމީހުންނަށް އުފާވެރި ހަޔާތެއް ލިބުމަށް އެދި އޭނަ އަބަދުވެސް ދުޢާކުރާކަމަށާއި ނާޔަލްއާއިއެކު ހޭދަކުރާ ދުވަސްތަކަކީ ބިރުވެރިކަމާއި ހިތާމައިން ފުރިގެންވާ ދުވަސްތަކެއްކަމުގައި ބުންޏެވެ. އެހުރިހާ ވާހަކަތަކެއް ދެއްކިއިރުވެސް ކައިޒާން އަނގައިން ނުބުނެ ހިމޭނުން އަޑުއަހަން އިނެވެ. އެފަދަ ހިތާމައިގެ ތަސްވީރެއް ކެމީލާއަށް އެއްވެސް ތާކުން ފެނިފައެއްނުވެއެވެ. ގޫގުލްއިން ހިތާމަ އެ ލަފުޒު ދައްކުވާދޭ ތަސްވީރުތަކުންވެސް ކެމީލާ މިފަދަ އަސަރެއް ނުދެކެއެވެ. ކޮންމެ ފަހަރަކު ކެމީލާގެ ލޮލުގައި ތާޒާ ކަރުނަތައް ގިނަވެގަންނަނީ ކައިޒާންގެ ހިތާމަވެރި މޫނުގެ ސަބަބުންނެވެ. ހިތަށް އެތައް ހާސް ކަށިތައް ހެރި ލޭ އޮހޭފަދައެވެ. ކައިޒާންގެ އެ ރީތި ހިތްހަލާކުކުރުވާފަދަ ހިނިތުންވުމަށްޓަކައި އޭނަ ގުރުބާންވެދާނެއެވެ. އެ ރީތި ދެލޮލުން ކަރުނަ ތިއްކެއް ފައިބާތަން ދެކެންވެސް ހިތަށް ކުޅަދާނައެއްނޫނެވެ.

މާކަސް ކާރުން ފައިބައިގެން އަންނަތަން ފެނިފާ ކެމީލާ ކައިޒާންގެ އަތަށް ބާރުކޮށްލާފައި ކުޑަކޮށް ދުރަށް ޖެހުނެވެ.

"މާކަސް އެ އަންނަނީ ކައި ހޯދަން. ކައި. އިންތިޒާރުކުރާނަން. ސޭވް މީ ފްރޮމް ދިސް ހެލް .......ލަސްވުމުގެ ކުރިން. ދުޝްމިނަކާއިއެކު މި ޖަލުގައި ކަޅު ދުވަސްތައް އިތުރަށް ހޭދަކުރާކަށް ބޭނުމެއްނޫން. ކައިގެ ހިތަށް އަނިޔާދީގެން މިހިތަށް ލިބޭ އަނިޔާ މާބޮޑު. ޕްލީޒް ސޭވް މީ ކައި......"

މާކަސްއަށް އެހިސާބަށް ފޯރުމުގެ ކުރިން ކެމީލާ ބާރު ބާރަށް ހިނގާލާފައިގޮސް ގެއަށްވަދެ ދޮރު ލައްޕާލައިފިއެވެ.

ކެމިލާއަށް ނޭގުނީ އޭނަ އެހުރިހާ ވާހަކަތަކެއް ދެއްކީ ކައިޒާންގެ ބަދަލުގައި "ލުއީ" އާ ކަމުގައެވެ. އެވެސް ކައިޒާންގެ ހިތަށް ކެތްނުކުރެވޭވަރެއްގެ އަނިޔާއެއް ލިބުމުން އޭނަ ބަދަލުވާ ޝަޚުސެކެވެ. ލުއީ އަށް ބަދަލުވީވަގުތު ކެމީލާ ކައިޒާންއާއި ކިތަންމެ ވާހަކައެއް ދައްކާފައި ހަގީގަތް ކިޔައިދިނަސް އޭނަ ހަނދާން ހުންނާނެހެއްޔެވެ. ކައިޒާން އެއްގޮތަކަށްވެސް ޖޯން ޑާކް އަދި ލުއީ ކުރާ ކަންތައްތަކާއި އެމީހުންގެ އަމަލެއް ހަދާން ހުންނަނީއެއް ނޫނެވެ. ކައިޒާން ހޭލެވުނީ އޭނަގެ އެނދުގައި އޮތްވައެވެ. މަޑުމަޑުންގޮސް ހަނދާނަށް އަންނަން ފެށީ ކެމީލާއާއި ނާޔަލްއެވެ. އެދެމީހުން ކައިވެނި ކޮށްގެން އުފަލުގައި ދިރިއުޅެމުންދާ މަންޒަރު ލޮލުގެ ކުރިމަތީ ނިއުޅިގެން ދިޔައެވެ. ނާޔަލް ކެމީލާގެ ފައި އުނގަށް ލައިގެން އިންތަނެވެ. އޭނައާއި ނާޔަލްގެ ވާހަކަތަކެވެ. ނާޔަލް އޭނަ ގެއިން ބޭރަށް ލުމުން ކުރި އަސަރެވެ. ބޯކޮށް ވެހެމުން ދިޔަ ސްނޯ ގަނޑުމައްޗަށް އޭނަ ރޮމުން ތިރިވިތަނެވެ. އެއަށްފަހު ހޭވެރިކަންވީއިރު މިއޮވެވުނީ އޭނަގެ ބައްޕަގެ އެޕާޓްމެންޓްގައެވެ. އެނދުގައި އޮވެފައި ބަލައިލިއިރު ސެންޓްރަލް ޕާކު ސްނޯ އިން ހުދުވެފައިވާ މަންޒަރު ފެނުނެވެ.

ނިދި ބަރުކައިގެންފައިވާ ދެލޯ ގަދަކަމުން ހުޅުވައިލިތަނާ ފެނުނީ އޭނަގެ މަންމައެވެ.

"ހޫނު ޗޮކްލެޓް ތަށްޓެއް ޑާލިން...." ނަތާޝާ އެނދުގެ މަގަތުގައި އިށީދެލިއެވެ.

ކައިޒާން އުނަދަގުލުން ތެދުވެ އިށީންއިރު އަނގަވެސް އައްސިވެ ދަމައިގެންފައިވާ ހެން ހީވިއެވެ. ހާދަވަރަކަށް ހިތުގައި އެބަރިއްސައެވެ.

"މަންމައަށް ހުރިހާކަމެއް އިނގޭ. ނާޔަލް ކެމީލާ ޖަހައިގަތީ ދޯ......." ނަތާޝާ ބޭރުފުށުން މޮޅިވެރިކަން ދައްކައިގެން އިނަސް ހިތް އެކަމާއި އުފާކުރެއެވެ. ނަތާޝާއަށް ނޭގުނީ ތިމާމެންގެ މުއްސަދިކަމާއި އިއްޒަތާއި ގަދަރަށްޓަކާ ދަރިންގެ ލޯބި ކަތިލުމުން ދަރިންގެ އުފާތައް ނެތިކޮށްލެވޭކަމެވެ. ދަރިންގެ އުފާތަކަށް ފައިން އަރާފައި މައިން އުފާކުރާއިރު އެކުދިންގެ ހިތްތަކަށް ކުރާނެ އަސަރާއި އަޅާނެ ވޭން ނޭގެނީއެވެ. ލޯތްބަކީ ހަމައެކަނި މުއްސަނދިންގެ ހައްގެއްނޫނެވެ. ނިކަމެތިންގެވެސް ލައްވާފައިވަނީ ހިތެކެވެ. އެހިތުގައިވެސް ލޯތްބާއި އެހެން ޖަޒުބާތުތައް ލައްވާފައިވެއެވެ.

"އައި ރިއަލީ ލަވް ހާ މަމް....." ކައިޒާންގެ ހިތް މަންމަގެ ކައިރީ ބަންޑުންކޮށްލެވުނީ އެހިތަށް ކޮށްފައިވާ ފުން އަސަރެއްގެ ބޮޑުކަމުންނެވެ. މަންމަގެ ގައިގާ ހިފައިގަނެވުނުގޮތަށް ކައިޒާން ރޯންފެށިގޮތުން ނަތާޝާގެ ދެލޮލަށްވެސް ކަރުނަ ޖަމާވިއެވެ. ކައިޒާން ކުޑައިރުވެސް މިހާ އަސަރާއިއެކު ރުއިތަނެއް އޭނަ ދެކެފައެއްނުވެއެވެ. މިހާ ހިތްދަތިވެގެން ކައިޒާން ރޮއިފައެއްނުވެއެވެ. ކައިޒާންގެ ހިތަށް އެވަރުގެ އަނިޔާއެއް ދެވުނުކަމަށްޓަކާ ނަތާޝާއަށް އެވަގުތު ބަޔާން ނުކުރެވޭވަރުގެ ހިތާމައެއް ލިބުނެވެ. ނަތާޝާއަށްވެސް ރޮވުނީއެވެ.

ނާޔަލް މަތީބައިގެ ބެލްކަނީގައި ހުރެގެން ކައިޒާންއާއި ކެމީލާ އުޅުނުގޮތްތައް ލޮލުން ދެކުނެވެ. ދެއްކި ވާހަކަތަކެއް ނީވުނަސް އެދެމީހުން ދޭތެރޭ އޮތް ލޯބީގެ ގުޅުން ނާޔަލްއަށް ރީއްޗަށް ފެނުނެވެ. ނާޔަލް ރެއިލިންގައި ބާރަށް ހިފަހައްޓާލައިގެން ހުރެފައި އެތެރެއަށް ވަންގޮތަށް ފާރުގައި ފައިން ޖެހިއެވެ. ކެމީލާދެކެ ފޫހިވާގޮތްވިއެވެ. ކައިޒާންގެ ފަހަތުންގޮސް އަދި ބައްދައިގެންފާ އުޅޭއިރު ލަދު ހަޔާތެއްވެސް ނެތް އަންހެންކުއްޖެކެވެ. އޭނަގެ ގައިން އުނީ ކޮންކަމެއްހެއްޔެވެ. ކައިޒާންފަދައިން އޭނައަކީވެސް ފިރިހެނެކެވެ. ކެމީލާ އަށް ކައިޒާންގެ ފަރާތުން ފެނިގެން އުޅެނީ ކޮންކަމެއްހެއްޔެވެ.

"މޭބީ އައި ޝުޑް ޓީޗް ހާ އެ ލެސަން. އޭނައަކީ ކާކުގެ މީހެއްކަން އަންގާލަދޭންވީ...." ނާޔަލް އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލައިފިއެވެ. ބޮލުގައިވާ ރިހުން ކުއްލިއަކަށް ގަދަވާންފެށިއެވެ. ރުޅިގަދަވާއިރަށް އޭނަގެ ލޭގެ ޕްރެޝާވެސް އޮބިނޯންނަވަރަށް މައްޗަށްދަނީ ބާވައެވެ. އަތުން ޖަހާފައި މޭޒުމަތީގައި ހުރި އެއްޗެހިތައް ބުރުއްސާލުމަށްފަހު އެނދަށް ވެއްޓިގަތްގޮތަށް ސީލިންއަށް ބަލަހައްޓައިގެން އޮވެވުނީއެވެ.

ކެމީލާ ނާޔަލްދެކެ ނަފްރަތުކުރާން ފެށީ އިންތިހާއަށެވެ. އިންސާނަކަށް އެހެން އިންސާނަކު ދެކެ ނަފްރަތުކުރެވޭނީ މިހާވަރަށެވެ. ކައިޒާން ގެ މޭގައި އަތް އަޅާ ކޮށްޕާލާފައި ގެއިން ބޭރަށް ނެރެލީތީ މާފެއް ނުދެވޭނެއެވެ. އޭނަ މަރައިލިޔަސް އެންމެ ރަގަޅެވެ. ކެތްކޮށްފާނެއެވެ. ނަމަވެސް އޭނަގެ ލޯބިވާ ކައިޒާންގެ ގައިގާ ކޫރުމެއް އެޅުނަސް އޭނަގެ ހިތަށް ކުޅަދާނައެއް ނުވާނެއެވެ. އޭނަ އެހުރިހާ ވާހަކަތަކެއް ދެއްކިއިރު ކައިޒާން ހިމޭނުން އިނީ ރުޅިން ބާވައެވެ. އަނގައިން ނުބުނިކަމުގައިވިޔަސް ކައިޒާން އޭނަ ސަލާމަތްކޮށްދޭން އަންނާނެކަމާއިމެދު ކެމީލާ ޝައްކެއްނުކުރެއެވެ.

ނާޔަލް އޭނަ ހައްޔަރުކޮށްގެން ގައިދީއެއްހެން ގެންގުޅެން އޭނަ މީ ނާޔަލްގެ ކާކުހެއްޔެވެ. އަންބެކޭ ބުންޏަސް އޭނައަށް އެކަމެއް އިހުސާސެއް ނުވެއެވެ. ނާޔަލް ކުރި ކުށުގެ ބަދަލު ހިފާނީ ކިހިނެއްބާވައެވެ. ނާޔަލްގެ ހިތަށް ތަދުވާނެ ވަރުގެ ބޮޑުކަމެއް ކުރަން ކެމީލާ ވިސްނިއެވެ. ސިޓިން ރޫމްގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރެ ކެމީލާ ވިސްނަމުންގޮސް ކުއްލިއަކަށް ސިކުނޑިއަށް ޚިޔާލެއް އައެވެ. ރުޅިގަދަވެގެން ދެލޯ ހަނިކޮށްލުމާއިއެކު ތުން ފިތާލައިފިއެވެ.

"އައި ވިލް ޑިސްޓްރޯއި އޯލް ހިޒް އާޓް. އޭރުން އެހެންމީހުނަށްވެސް ކުރެވޭނެ ކަންތައް ހުންނާނެކަން އެނގޭނެ. މިގެއަށް ގެނައީތީ ރިގްރެޓްކުރާވަރު ކޮށްލާނަން...."

ކެމީލާ ވިދުވަރެއްހާ ހަލުވިކޮށް ސިޑިން އަރައިގެން ގޮސް ނާޔަލްގެ ސްޓޫޑިއޯގެ ދޮރުފަތުގައި ހިފާލައިފިއެވެ. ދޮރު ހުޅުވާފައި ހުރިކަން ނަސީބެކެވެ. ނާޔަލް ލޯބިން ގެންގުޅޭ އާޓް ސްޓޫޑިއޯގެ ތެރެއަށް ވަނުމުން ތަފާތު އިހުސާސްތަކެއް ކުރެވުނެވެ. މިއީ ނާޔަލް ގަޔާވެގެން ހުސްވަގުތު ހޭދަކޮށްލަން ކުރާ މަސައްކަތެވެ. އޭނަގެ އެތައް ވަގުތުތަކެއް ހޭދަކޮށްގެން ކުރަހާފައިވާ ތަސްވީރުތަކެވެ. ގަނެފައިވާ އަގުބޮޑުކުރެހުން ތައްވެސް މެއެވެ. ކެމީލާ އެކި ކުރެހުންތަކަށް ބެލިއެވެ. އަންހެންކުދިން ހެދުމެއްނުލާ ކުރަހާފައިވާ ދެތިން ގަނޑު ފެނުމުން ނާޔަލް އަންހެންކުދިން ގެނެސް ކުރަހަނީކަން ޔަގީންވިއެވެ. އެއިން އެއްވެސް އަންހެންކުއްޖެއްގެ މޫނު އެނގޭގޮތަކަށް ނެތެވެ. ނާޔަލް ކުޑައިރުގެ ކުރެހުމެއްވެސް ފެނުނެވެ. އަލަމާރީގެ އެންމެ އަޑީގައިވާ ކުރެހުންތައް ބަލަމުންދަނިކޮށް އަޑީގައި އޮތް ދުވަސްވީ ފްރޭމަކާއި އަލްބަމެއްފެނި ޝައުގުވެރިކަން ހިތުގައި އުފެދުނެވެ. އެއަށްހުރީ ކޮންމެވެސް ވަރަކަށް ހިރަފުސް އަރާފައެވެ. ފްރޭމްގައި އިން ފޮޓޯގައި ކައިޒާންއާއި އެކު ދެން ހުރި ދެ ފިރިހެންކުދިންގެ ތެރެއިން އެކަކީ ނާޔަލްކަން ނޭގެއެވެ. ފަހަތުގައި ކުޑަކޮށް ބޮނދާލައިގެން ކަހަލަ ގޮތަކަށް ކުޑަ އަންހެންކުއްޖަކު ހުރިތަންވެސް ފެނުނެވެ. ކައިޒާން ކުޑައިރުގެ ފޮޓޯތައް ކެމީލާއަށް ދައްކާފައިވާތީ ކައިޒާން ވަކިކުރަން އެނގުނެވެ. ވަރަށް ލޯތްބާއިއެކު އެ ފޮޓޯ ނަގާ މޫނުގައި ޖައްސައިލެވުނުއިރު ނުރޮވުނީ ހަމަ ކިރިޔާއެވެ. ނާޔަލް ކުރަހާފައިވާ އާއިލީ ތަސްވީރުތަކުގެ ތެރެއިން ފެނުނު ކައިޒާންގެ އެހެން ތަސްވީރެއްވެސް އޭނަ ރައްކާކުރަން ގެންދަން ނިންމިއެވެ.

ކެމީލާ ޕެއިންޓްކުރާ ސާމާނުތަކާއި ފިހިތައް އަދި ކުލަތައް މޭޒުމަތީ އަތުރާލުމަށްފަހު އެކި ކުރެހުންތަކުގައި ފިހިން ކުލަ ޖައްސާލައިފިއެވެ. ނާޔަލް އެހާވަރުން ކުރެހި އޭނަގެ ތަސްވީރުވެސް ވަޅިން ކަފާލިއެވެ. އަދި ނާޔަލް ކުޑައިރުގެ ތަސްވީރުވެސް ފްރޭމުން ދަމައިގެންފާ ވީދާލިއެވެ. ކުލަތައް ދޫލަމައްޗަށް ބަންޑުންކޮށްލައިފިއެވެ. އެތައް ކުރެހުންތަކެއް ކަފާ ކުދިކުދިކޮށްލާފައި ޕެއިންޓްކުރާހާ ސާމާނުތައް އެތަންމިތަނަށް އުކާލައިފިއެވެ. ވަރުގަދަ ތޫފާނެއް އަރާފައިވާ ތަނެކޭ އެ ސްޓޫޑިއޯ ތަފާތެއްނެތެވެ. ކެމީލާ އެތަނުން ނުކުމެގެން ދިޔައީ ހަގުރާމައަކުން ކާމިޔާބުވެފައިވާ މީހެއްފަދައިން ހިނިތުންވެލައިގެން ހުރެއެވެ.

ކެމީލާ ކާކޮޓަރިއަށް ވަދެފައި ޗޮކްލެޓް ތަށްޓެއްހެދިއެވެ. ފިނިމޫސުމްގެ ގަދަފިނީގައި ހީފިލުވައިލަން އެންމެ ބޯލާ ހިތްވާ އެއްޗަކީ ހޫނު ޗޮކްލެޓް ތަށްޓެކެވެ. ޕަމްޕްކިން ލާޓޭފަދައި ޗޮކްލެޓަށްވެސް ދެވި ހިފައިފިއެވެ.

"ކެމީލާ......." ނާޔަލް ދޮރުމައްޗަށް އަރާފައި ގޮވައިލިއެވެ. އަޑުގައި އެހެންދުވަހު ނުހުންނަފަދަ ހަރުކަށިކަމެއްވިއެވެ.

"ކީއްވެ ކައިޒާންއާއި ވާހަކަ ދައްކަން ނުކުތީ. އޭނައާއި ވާހަކަ ދައްކާކަށް ނުޖެހޭނެކަން ނޭގޭ. އެއީ ކެމިލާގެ ކާކުތަ؟ " ނާޔަލް ގެ ދެލޮލުގައި ހުރި ތޫނުކަމަކުން ކެމީލާ ކުޑަކޮށް ޖެހިލުންވާގޮތްވިއެވެ. ނާޔަލްއަކީ ޑޮކްޓަރެކެވެ. އެދެލޮލުގައި އަބަދުވެސް ހަރުދަނާ ވިސްނުންތޫނުކަމެއް ހުންނަނީ އެހެންވެއެވެ. ނަމަވެސް މިއަދު ފެނުނީ ތަފާތު ގޮތެކެވެ. ނުރުހުމާއިއެކު ރުޅިވެރިގޮތެކެވެ. މީހަކު ބަލައިގެން މަރުވާނެނަމަ އެދެލޮލުން މަރާލާނެއެވެ. "މަރާލާފަދަ" ނަޒަރެކެވެ. ބިރުދައްކަން އުޅެނީ ހެއްޔެވެ. މިގޭގައި އޭނަ މިހިރީ އެކަނިކަމާއި ނާޔަލް ރުޅިއަރުވާލުމުން ކޮންމެފަދަ ބިރުވެރިކަމާއި ކުރިމަތިލާން ޖެހިދާނެކަން ހިތަށް އަރާފައި ކެމިލާ މައިތިރިވާގޮތްވިއެވެ.

"ކައިޒާން ދެރަކޮށްލެވުނީމަ. ހީ ޑަޒަންޓް ޑިޒާވް ޓު ބީ ޓްރީޓެޑް ލައިކް ދެޓް....." ކެމީލާ އިސްޖަހައިލިއެވެ.

"ކިތައްފަހަރު އަހަރެން ބުނާނީ ކައިޒާންއާއި ދުރުން އުޅޭށޭ ކިތައް ފަހަރު ހަދާންކޮށްދޭނީ. އަޅާނުލާ މަޑުން ހުރީމަ ހިތަށް އެރިގޮތަކަށް އުޅެވޭނެއޭ ހީކޮށްގެން ހިލޭ ފިރިހެނުން ކައިރިއަށް ދުވަން ވެއްޖެއްޔާ އަހަރެންގެ އަތުން ފައިން ގޯހެއް ހެދިދާނެ އިނގޭ. މިއަދުވެސް ކައިޒާން މިގެއިން ނެރެލީމަ އޭނަ ފަސްފަހަތުން ދުވީ. އެއީ ބަލަ އޭނައަށް ލިބޭ ހިތްވަރެއް ނޫންތަ؟ އެންމެ ރަގަޅު. ކެމީލާއަށް ކައިޒާން ގެ ފަރާތުން ކޯނޗެއް ލިބިގެން އޭނަގެ ފަހަތުން އުޅެނީ؟ އަހަންނަށްވުރެ ކޮންކަމަކުން ކައިޒާން މޮޅީ. މަށަށްވެސް އެނގެން ބޭނުން...." ނާޔަލްގެ އަޑު ކިތަންމެ މަޑަސް ނުރައްކާތެރިކަމެއް ހުއްޓެވެ. ކެމީލާ ބިރުގަންނަން ފެށިއެވެ. ކޮޓަރި ކިތަންމެ ތަނަވަސްކަމުގައި ވިޔަސް ނޭވާ ނުލެވޭހެން ހީވިއެވެ. ނާޔަލް އޭނައަށް އިންޒާރުކުރަން ފެށީއެވެ.

"ނުބުނާތި އަހަރެން ނުލަފައީ އޭ. ކެމީލާ ދޯ ފެށީ. ކެމީލާއެއްނު ކައިޒާންގެ ފަހަތުން ދިޔައީ. ހަނދާން ކުރައްޗޭ ދެން އެންމެ ފަހަރަކުވެސް ކައިޒާންއާއި ފޯނުން ވާހަކަދެއްކިކަން އެނގުނަސް ނިމުނީ....." ނާޔަލް އިންޒާރެއްދިނެވެ.

ނާޔަލް ކޮޓަރިން ނުކުންނާން ހިނގައިގަތުމުން ކެމީލާ ގޮވައިލިއެވެ.

"އަހަންނަށް މާމަ އަށް ވިޒިޓްކޮށްލަ ދެވިދާނެތަ. އައި ޕްރޮމިސް އައި ވޯންޓް މީޓް ހިމް..." ކެމީލާ ވައުދުވިއެވެ.

"އައި ކާންޓް ޓްރަސްޓް ޔޫ...." ނާޔަލް ކުޑަކޮށް އެނބުރުނެވެ. ފަހަތުން ފެންނައިރުވެސް ނާޔަލް އިސްކޮޅުން ދިގުވެފައި ފުޅާކަމުން ސްމާޓްކަމުގެ އިންތިހާއެވެ. ތަންކޮޅެއް ފޮނީއެވެ. ނޫންނަމަ ރީތި އިންސާނެކެވެ.

"ޕްލީޒް...." ކެމީލާ އާދޭސްކުރިއެވެ.

"އިނަފް....." ނާޔަލް ހަރުކަށިގޮތަކަށް އެހެން ބުނެލާފައި ނުކުމެގެން ދިޔުމުން ކެމީލާ ޗޮކްލެޓް ތަށީގައި ބާރަށް ހިފެހެއްޓިއެވެ. ރޮވެންފެށިއެވެ. ނާޔަލް ސްޓޫޑިއޯއަށް ވަދެފާ ރުޅިގަދަވެގެންގޮސް އޭނައަށް ދޭނެ އަދަބެއް އެނގެނީއެއް ނޫނެވެ. ބިރުން ރޫރޫއަޅަންފެށިއެވެ. ޖަޒުބާތުގައި ހުރެ މީހަކު މުޅި އުމުރުކޮށްފައިވާ މަސައްކަތްތައް ހަލާކުކޮށްލެވުނީއެވެ. އެހަނދާން އާވުމުން ނާޔަލް ކޮށްފާނެކަމަކާއިމެދު ވިސްނި ބިރުން ހަލާކުވާވަރުވިއެވެ. އަމިއްލަ ޟަމީރު ކުށްވެރިކުރަމުން އެކަމުން ސަލާމަތްވާނެ ގޮތަކާއިމެދު ކެމީލާ ވިސްނަންފެށިއެވެ. ނަސީބަކުން އެދުވަހަކު ނާޔަލް ސްޓޫޑިއޯއަށް ނުވަންނަކަން ޔަގީންވިއެވެ. ކޮޓަރީގައި އުޅެލާފައި ކާން ނުކުތްއިރުވެސް ކެމީލާ އިނީ މަތީބައިގެ ބެލްކަނީގައި ހުރި ކައުޗެއްގައި އޮށޯވެލައިގެންނެވެ. އެތައްފަހަރު ކައިޒާންގެ މެސެޖަކަށް އިންތިޒާރުކުރެވުނެވެ. ކައިޒާން މާފުކޮށްފައި އޭނަބަލާ އަންނާނެކަމަށް އުއްމީދުކުރެވުނެވެ. ނާޔަލްގެ އަނިޔާއިން ސަލާމަތްކޮށްދީ އޭނަ ގޮވައިގެން މި އާއިލާއާއި ދުރަށް ދާނެކަމަށް ހީކުރިއެވެ. ގިނައިރުވުމުން މާޔޫސްވިއެވެ. ކައިޒާން ޖަވާބެއް ނުދެނީސް އިތުރު ވާހަކައެއް ބުނާކަށްވެސް ނުކެރުނެވެ. އެހިތްވަރެއް ނުލިބުނީއެވެ.

ޖެހިގެން އައި ދުވަހު ކެމީލާ ނަމާދުކޮށް ނިމިގެން މުސައްލަމަތީ ދުޢާކުރަން އިނެވެ. ނާޔަލް ފެނުމުން ސިހޭގޮތްވިއެވެ. ނަމާދުކޮށްފައި ނާޔަލްގެ ފަރާތުން ސަލާމަތްކުރެއްވުމަށް އެދި ދުޢާކުރަނިކޮށް އޭނަ މިއައީއެވެ. ޝައިތާނާގެ ނަން ގަންނައިރަށް މިހިރީ ކުރިމަތީގައެވެ. އަޖައިބެކެވެ. ނާޔަލް ވަންއިރު މޫނުމަތިން ވަރުބަލިކަން ފެނުނެވެ. ރޭގައި ނިދިހެނެއް ހިޔެއްނުވެއެވެ. އިސްތަށިގަނޑު ހޭވިފައެވެ.

"މިއީވެސް މީހުން ނަމާދުކުރާ ގަޑިތަ؟ " ނާޔަލް އަހައިލިއެވެ.

"މިއީ ޟުހާ ނަމާދު. ސުންނަތް ނަމާދެއް. ނާޔަލް ތީ ނަމާދު ނުކުރާ މީހެއްވީމަ ނަމާދު ކުރާ ގަޑިއާއި ނުކުރާ ގަޑި އެނގިދާނެކަމަކަށްވެސް ހިޔެއް ނުކުރަން. އައިމް އިމްޕްރެސްޑް........." ކެމީލާ ބުނެލިއެވެ.

"ކެމީލާ އަބަދު ނަމާދު ކުރާތަން ފެނުނީމަ ބޭނުން ނަމާދުކުރަން. އޭރުން ދޯ ރުހިގެން އަނގައިން ބުނާނީ. ސޯލިހު ގާލްއެއް ވީމަ މަވެސް އެބަޖެހޭ ނަމާދު ކުރަން....." ނާޔަލް ހިނިތުންވެލާފައި ކައިރީގައި ހުރި ސޯފާގޮނޑިއެއްގައި އިށީނެވެ.

"ނަމާދުކުރަންވީ އެހެން މީހުން ނަމާދުކުރާތީއެއްނޫން. ނަމާދުކުރަންޏާ އެކަންކުރަންވީ ހަމަ ހެއްދެވިފަރާތަށް ކުރާކަމެއްގެ ގޮތުން. ފަރުޟުކުރައްވާފައިވާ ކަމަކަށްވީތީ. ގިޔާމަތް ދުވަހުވެސް އެންމެ ފުރަތަމަ ސުވާލުކުރެވޭނީ ނަމާދާއި ބެހޭގޮތުން. އަހަރެންގެ ރުހުން ހޯދާކަށް ނަމާދުކުރާނެ ކަމެއްނެތް. އެނގޭތަ ގަސްތުގައި ނަމާދު އަޅާ މީހާއަކީ ކާފަރެއްކަން. މިސާލަކަށް ރާ ބުޔަސް ވައްކަންކުރިޔަސް ރިބާ ކެޔަސް އެމީހަކު ކާފަރަކަށް ނުވާނެ. ނާޔަލް ނަމާދު ނުކުރާ މީހެއްކަން އެނގޭތީ އެނގޭ މި ކައިވެނި ސައްހަ ނުވާނެކަން. ސަބަބަކީ ނަމާދުއަޅާ މީހާ ކާފަރަކަށްވާނެތީ އާއި މުސްލިމް އަންހެންކުއްޖަކަށް ކާފަރަކާއި ކައިވެނިކުރުން ހަރާމްކަމަކަށްވީމަ..........." ކެމީލާ މުސައްލަ ފަށް ޖަހާލާފައި އަލަމާރިއަށް ލައިފިއެވެ. ނާޔަލް ވަކި އެއްޗެކޭ ނުބުނެ ފޯނާއި ކުޅެން އިންއިރު އޭނަ ދެއްކި ވާހަކައިން ހިތަށް އެއްޗެއް އަރާފާނެތޯ ކެމީލާ ހިތާހިތުން ސުވާލުކޮށްލިއެވެ. މިހާ މުއްސަދިމީހުން މަރާއިމެދު ނުވިސްނަނީ ހެއްޔެވެ. ކިތަންމެ ގިނަ ނިއުމަތްތަކެއް ދެއްވާފައިވިޔަސް މިހުރިހާ އެއްޗެއް ދޫކޮށްލާފައި ދާން ޖެހޭނީ ކޮން އިރަކުކަމެއް އިންސާނާއަށް ނޭގޭނެއެވެ. މަރު އެހާވެސް ކައިރިއެވެ.

ނާޔަލް އެހާ ހަމަޖެހިލައިގެން އިނީ އަދިވެސް އޭނަގެ ލޯބިވާ އާޓް ސްޓޫޑިއޯއަށް ނުވަންނާތީ ބާވައެވެ. އެއީ ކުރެވުނު ބޮޑު ކުށެއްކަން ރޭކާ ލާ ކޮންމެވެސް ވަރަކަށް ކެމީލާގެ ހިތުގެ ހަމަޖެހުން ނަގާލައިފިއެވެ.

ކެމީލާ އޭނަ ސްޓޫޑިއޯއިން ގެނައި ތަސްވީރާއި ފޮޓޯ ފޮރުވައިލީ ކްލޯޒެޓް ތެރޭގައިވާ އޭނަގެ ހެދުންތައް ހުރި ބައިގައެވެ. އަގުހުރި އެތައް ކުރެހުމެއް ހަލާކުކޮށްލެވުނުއިރު ރައްކާތެރިކަމާއިއެކު ގެނެވުނީ ކައިޒާންގެ ކުރެހުމަކަށްވީތީއެވެ. ކްލޯޒެޓްވެސް އޭނަ މާލޭގައި އުޅުނު އެޕާޓްމެންޓަށްވުރެ ބޮޑެވެ. ނާޔަލްގެ ހެދުންތަކާއި ކޯޓުތައް އަދި ވިއްސާރަ މޫސުމްގައިލާ އެއްޗެހިން ފެށިގެން ވަކިން ހަރުގައި އަޅުވާފައިވާއިރު ޓައީތަކާއި ބެލްޓު އަދި ބޫޓުތަކަށް ދާންދެން ބަހައްޓާނެ ހަރުތައް ހުއްޓެވެ. އަގުބޮޑު އެތައް ގަޑިތަކާއި އެކި ބްރޭންޑުތަކުގެ އަވި އައިނުތައް ފެނުނު މީހަކުވެސް ލޯ ތަރަތަރަޖަހައިގެން ދާނެއެވެ. ކެމީލާ ކްލޯޒެޓުން ނުކުމެގެން ހިނގައިގަތްތަނާ ނޭފަތުގައި ޖެހުނީ އެއްޗެއް އަންދާ ވަހެވެ. ނޭފަތް ގުރުޑުކޮށްލާފައި އެވަސް އަންނަ ދިމާލެއް ފާހަގަކުރެވޭތޯ ބެލްކަންޏަށް ނުކުތެވެ. އެބެލްކަނިން ފެންނަން އޮތީ ގޭގެ ފަހަތު ބައެވެ.

ސްނޯއިން ދޫލަ އެޅިފައިވާ ބިންމަތީގައި އަލިފާންގަނޑެއް ރޯކޮށްލައިފާ ހުރި މަންޒަރު ކިތަންމެހާވެސް ހިތްގައިމެވެ. އިންސްޓާކޮށްލަންވެސް ރީތިވާނެއެވެ. ކުއްލިއަކަށް ފެނުނީ މީހަކު ކޮތަޅުތަކެއް ހިފައިގެން ގޭގެ ފަހަތުން ފެންޑާއިން ނުކުތްތަނެވެ. ފަހަތުން ފެނިފާވެސް ނާޔަލްކަން އެނގުނެވެ. ކަކުލަށްވުރެ މައްޗަށް އޮތް ކޯޓެއްލާފައި ކަރުގައި ބޮޑު ސްކާފެއް އޮޅާފައި އޮތްއިރު ފިނި މޫސުމްގެ ހެދުންތައް އިޝްތިހާރުކުރާ މޮޑެލެއްފަދައެވެ. ގަދަ މުށިކުލައިގެ އިސްތަށިގަނޑު ކޮންމެވެސް ވަރަކަށް ހޭވިފައި އޮތެވެ. ނާޔަލް އުޑަފައިން އިށީދެލާފައި ކޮތަޅުން ފަހަރަކު ކުރެހުމެއް އަލިފާނަށް ލާންފެށިއެވެ. ލަސްލަހުންނެވެ. އަނެއް ފަރާތަށް އެނބުރިގެން އިނުމުން އެމޫނުމަތީގެ ޝުއޫރުތަކެއް ކެމީލާއަކަށް ނުފެނުނެވެ. އޭނަ އެއިނީ ރުޅިއައިސްފަހެއްޔެވެ؟ ނޫނީ ދެރަވެފައިހެއްޔެވެ؟ ރޮނީ ނޫންކަމެއްވެސް ނޭގެއެވެ. ހަރަކާތެއް ނެތި އަލިފާނަށް ބަލަން އެއިނީ ގެއްލިފައިކަން ޔަގީނެވެ.

"ސުބުހާނަﷲ. އޭނަ އަންދާލަނީ އަހަރެން ހަލާކުކޮށްލި ކުރެހުންތައް...ވަރަށް ރުޅިގަދަވެފައި ހުންނާނީ. ރުޅިންގޮސް މީހަކު މޮޔަނުވާ ކަހަލަކަމެއް ނޫން ވިއްޔަ އެކުރެވުނީ. ނާޔަލް ދެން ހަދާނީ ކިހިނެއްބާ. އަވަހަށް މިގެއިން ދާންވީ. ނޫނީ........." ކެމީލާ ފިނިވެ ގަނޑުފެންކޮޅެއްހެން ހީވާ ދެއަތް އުނގުޅަމުން އެތެރެއަށް ވަނެވެ. ހާސްވަނީ މާ ބޮޑަށެވެ. ހަދާނެގޮތް ހުސްވެ މާޔޫސްވެގެން ކައިޒާންގެ ފޯނަށް ގުޅިއިރު ފޯނު ނިވާލާފައި އޮތުމުން ފިކުރުބޮޑުވިއެވެ. ނޯޔާގެ ނަމްބަރަށް ގުޅާލައިފިއެވެ. ނޯޔާވެސް ފޯނު ނުނަގައެވެ. އެންމެ ބޭނުންވާ ވަގުތު ފޯނު ނުގެނުމުން ހާދަ ދެރަވެއެވެ. ފޯނު ހުންނަނީވެސް ކަމަކު ނޫންހެއްޔެވެ. އޭނަ ގުޅަންވީ ނުވައެއް އެކެއް އެކަކަށެވެ. އިމަޖެންސީތަކުގައި ގުޅަން އެއޮތީ ނަމްބަރެކެވެ.

މީހަކު ބެލްޖެހުމުން ކެމީލާ ދުވަމުން ދުވަމުންގޮސް ދޮރު ހުޅުވާލައިފިއެވެ. ނާޔަލްގެ މަންމަ ނަތާލީއާއި ނުދަންނަ އަންހެނަކު އެތެރެއަށްވަނެވެ. އެ އަންހެންމީހާ ސުވާލުކުރުމުން ނަތާލީ ވަރަށް އާދައިގެ ގޮތަކަށް ބުނީ ނާޔަލްގެ ބައިވެރިޔާ ކަމުގައެވެ. އަންހެނުންނޭ ބުނާކަށްވެސް ނަތާލީއަށް ފަސޭހައެއް ނުވިއެވެ.

"ހައި ސްވީޓްހާޓް...." ނަތާލީ ފުޅާ ހިނިތުންވުމަކާއިއެކު ކެމީލާއަށްވުރެ ފަހަތަށް ބަލައިލުމުން ކެމީލާއަށް އެނބުރި ބަލައިލެވުނުއިރު ނާޔަލް އަރާ ހަމަކުރީއެވެ. ކެމީލާގެ ހިތް ރޫރޫ އަޅަންފެށިއެވެ. ސިއްރު ނަޒަރަކުން ބަލައިލިއިރު ނާޔަލްގެ މޫނުމަތިން އަސަރެއް ނުފެނެއެވެ. އޭނަގެ މަންމަގެ ގައިގާ ބައްދާލަމުން ހިނިތުންވެލިއެވެ. މަންމަގެ އެކުވެރިޔާއާއިވެސް ސަލާމްކުރިއިރު އެ އެކުވެރިޔާ ނާޔަލްއަށް ބަލަހައްޓައިގެން ހުރީ ތައުރީފުގެ ނަޒަރަކުންނެވެ.

"ނާޔަލް. ވެއާ އިޒް ދެޓް ޕެއިންޓިން؟ އެޑްރިއާނާ މިއައީ ދަރިފުޅުގެ އެއްކަލަ ކުރެހުން ދެކެލަންވެގެން. ޝީ އިޒް ވިލިން ޓު ބައި އިޓް ފޯ ފައިވް މިލިއަން....." ނަތާލީ ހިނިތުންވެލިއެވެ. ދަރިފުޅުގެ ހުނަރާއިމެދު އެންމެ އުފާކޮށް އެކަން ދުނިޔެއަށް ހާމަކުރާ އެކަކީ ނަތާލީއެވެ.

"އެ ޕެއިންޓިން؟... އަނދައިފި..." ނާޔަލްގެ ނަޒަރު ސިކުންތުކޮޅަކަށް ނަމަވެސް ކެމީލާގެ މޫނަށް ހުއްޓުނެވެ. ކެމީލާ ލަދުގަނެ ކުށްވެރި އިހުސާސްތަކުން މުޅި ޖިސްމު ގަނޑުވާގޮތްވިއެވެ. އޭނަ އެކުރީ ކީއްބާވައެވެ. އެހާ އަގުބޮޑު އެއްޗެހިތަކެއްވެސް ހަލާކުކޮށްލެވުނީހެއްޔެވެ. ކުރެހުންތައް އަގުބޮޑުވިޔަސް މިލިއަނުން އަގު އަރާހެއްޔެވެ. ކެމީލާ އިސްޖަހައިލީ ކުށްވެރިއެއްފަދައިންނެވެ. މޫނުން ދިލަ ނަގަންފެށިއެވެ. ހިތް ފުރި ބާރުވެއްޖެއެވެ. އޭނައަކީ ކުރިން އެހެން އުޅޭކުއްޖެއް ނޫނެވެ. އެހެން މީހުނަށް ގެއްލުންދީ އުދަގޫކޮށް އުޅޭ ޒާތުގެ ކުއްޖެއް ނޫނެވެ. އޭނަ އެކުރީ ކީއްހެއްޔެވެ؟ މީހަކު މުޅި އުމުރު ދުވަހު ކުރި މަސައްކަތް އޭނަ ނައްތާލައިފިއެވެ.

ނަތާލީއަށް ޝޮކެއް ލިބުމާއިއެކު ދެލޯ ބޮޑުވެ ލޯ ފެންކަޅިވުމާއިއެކު ދަރިފުޅުގެ ކޮނޑުގައި ހިފަހައްޓާލެވިއްޖެއެވެ. އެތައް ފަހަރު އެކަމާއި ދެރަވާ ކަމަށް ބުނެ ހަމަ ދެންމެ ދެންމެ ރޮއިގެންފާނެހެން ހީވިއެވެ. އެ އުޅުނުގޮތުންވެސް ސާބިތުކޮށްދިނީ ނަތާލީ އޭނަގެ ފިރިހެންދަރިފުޅުދެކެ ލޯބިވާވަރެވެ. ނާޔަލް ކުރެހުމަށް ހުންނަ ޝައުގާއި ލޯބީގެ ވާހަކަ އެކުވެރިޔާއަށްވެސް ކިޔައިދިނެވެ.

"ޔޯ ޕެޝަން ފޯ އާޓް އިސް އަންބިލީވަބްލް. ކިހިނެއް އެކުރެހުންތައް އެނދީ؟ "ނަތާލީ އަހާލައިފިއެވެ. ކެމީލާ ނޭވާ ހިފަހައްޓައިލިއެވެ. ނާޔަލްއާއި ދިމާލަށް ބަލައިލެވުނީ އެވާހަކަ ނުބުނާށޭ ބުނެ އާދޭސްކުރާފަދަ ނަޒަރަކުންނެވެ. ނަތާލީއަށް އެކަމުގައި އޭނަގެ އަތެއްވާކަން އެނގިއްޖެއްޔާ އޭނަގެ އަތް ކަނޑާލާކަށްވެސް ފަހެއްނުޖެހޭނެއެވެ. މިއީ ޝާހީ މުއްސަދި އާއިލާއެކެވެ. އެމީހުންގެ ކާބަފައިންގެ ޝާހީކަމުގައި އަދިވެސް ހިފަހައްޓައިގެން އުޅޭ ރަސްދަރިކޮޅުން އައިސްފައިވާ ޚާންދާނެކެވެ. ނާޔަލް އޭނަ ކުށްވެރިކުރާނެކަން ޔަގީނެވެ.

(ނުނިމޭ... )

comment ކޮމެންޓް