ޓޮބްލެރޯން އޮރިޖިނަލް ބައްޓަމަށް ބަދަލުކުރަނީ

މަޝްހޫރު ސްވިސް ޗޮކްލެޓް ޓޮބްލެރޯނުގެ ބައްޓަމަށް ގެނައި ބަދަލު ކަސްޓަމަރުންނަށް ކަމުނުދާ ކަމަށް ބުނަނިކޮށް ކުރީގެ ބައްޓަމަށް ބަދަލުކުރަން ނިންމައިފިއެވެ.

ޗޮކްލެޓު އުފެއްދުމަށް ބޭނުންކުރާ ތަކެތީގެ އަގު ބޮޑުވި ކަމަށް ބުނެ ޓޮބްލެރޯން "ބާ" ތަކުގެ އަދަދު މަދުކޮށް ދޭތެރެ ދުރުކޮށް އުފައްދަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ފަހުކޮޅެވެ.

ޓޮބްލެރޯން އުފައްދާ މޮންޑެލޭޒް އިންޓަނޭޝަނަލް އިން ބުނީ، 150 ގްރާމުގެ ޗޮކްލެޓު ބާގެ ބަރުދަން 200 ގްރާމަށް ބަދަލުކޮށް އެ ޗޮކްލެޓުގެ އޮރިޖިނަލް ބައްޓަމުގައި އަލުން ބާޒާރަށް ނެރެން ނިންމާފައިވާ ކަމަށެވެ. 150 ގްރާމުގެ ޗޮކްލެޓު އުފައްދަން ފެށީ 170 ގްރާމުގެ ޓޮބްލެރޯނުގައި ޗޮކްލެޓު އެކުލެވޭ މިންވަރު މަދުކޮށްގެންނެވެ.

ޓޮބްލެރޯނުގެ ބައްޓަން އަލުން ބަދަލު ކުރަނީ ކަސްޓަމަރުންގެ ނުރުހުމާއެކު ނޫން ކަމަށާއި ބައްޓަމަށް ބަދަލު ގެނައި ނަމަވެސް 2017 ވަނަ އަހަރަކީވެސް ޓޮބްލެރޯންއަށް ކާމިޔާބު އަހަރެއް ކަމަށް މޮންޑެލޭޒް އިން ބުނެއެވެ.

https://sun.mv/82040

އޮރިޖިނަލް ބައްޓަމުގައި އުފައްދާ ޗޮކްލެޓުތައް އަހަރު ނިމުމުގެ ކުރިން ބާޒާރަށް ނެރޭނެއެވެ. 200 ގްރާމުގެ ޗޮކްލެޓުގެ އަގަށް ބޮޑު ބަދަލެއް އަންނާނެކަން ނުވަތަ ނޫންކަން އަދި ހާމައެއް ނުކުރެއެވެ. ޓޮބްލެރޯންގެ 100 ގްރާމު އަދި 360 ގްރާމުގެ ޗޮކްލެޓުވެސް ވިއްކައެވެ.

މޮންޑެލޭޒް އިން އުފައްދާ މަޝްހޫރު ކެޑްބަރީ ޗޮކްލެޓުގައި ހަކުރު އެކުލެވޭ މިންވަރު މަދުކޮށް ބާޒާރަށް ނެރެން މަސައްކަތް ކުރާ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.

comment ކޮމެންޓް