އެމްޓީސީސީން ކުރިއަށްގެންދާ ތިން އެއާޕޯޓުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމަނީ

ށ. ފުނަދޫގައި އަޅާ އެއާޕޯޓް ރަންވޭ އެޅުމުގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ/ އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ ތިން އެއާޕޯޓުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވެއްޖެއެވެ.

ހއ. މާފިނޮޅުގައި އަޅާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށް މިރޭ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ޒިޔަތު ވިދާޅުވީ ހދ. ކުޅުދުއްފުއްޓާއި، ގދ. މާވާރުލު އަދި ށ. ފުނަދޫގައި އެ ކުންފުނިން ކުރަމުންދާ އެއާޕޯޓުގެ މަސައްކަތްތައް އޮގަަސްޓުމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

މާވާރުލު އެއާޕޯޓް މަޝްރޫއުގެ ދަށުން މާޗް މަހުގެ ތެރޭގައި ވަނީ 1220 މީޓަރުގެ ރަންވޭއަކާއި އޭޕްރަންގެ އިތުރުން ޓެކްސީވޭ އަކާއި މީހުން އެރަށަށް އަރައި ފައިބައި ހެދުމަށް ޓަކައި ޖެޓީއެއް ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ފަސް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ށ. ފުނަދޫއާއި ކުޅުދުއްފުށީގައި އަޅާ އެއާޕޯޓުގެ ރަންވޭގެ މަސައްކަތްވެސް ކުރަނީ އެމްޓީސީސީންނެވެ.

މާފިނޮޅުގައި އަޅާ އެއާޕޯޓުގެ ބިން ހިއްކުން އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، އެ މަސައްކަތް ހަ މަސްތެރޭ ނިންމާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު މިރޭ ވިދާޅުވިއެވެ.

comment ކޮމެންޓް