އޭސީ މިލާންގެ ސަސްޕެންޝަން ބާތިލުކޮށްފި

ސްވިޒްލޭންޑުގައި ހުންނަ ކޯޓު އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް --- ފޮޓޯ/ އޭޕީ

ޔޫރަޕްގެ މުބާރާތްތަކުން އެއް އަހަރަށް އޭސީ މިލާން ސަސްޕެންޑް ކޮށްފައި އޮތް އޮތުން ކޯޓު އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްއިން ބާތިލުކޮށްފިއެވެ.

ޔޫއެފާއިން އޭސީ މިލާން އެއް އަހަރަށް ސަސްޕެންޑް ކޮށްފައި ވަނީ އެ ކްލަބުން ފައިނޭންޝިއަލް ފެއާ ޕްލޭ ގަވާއިދާ ހިލާފަށް 200 މިލިއަން ޕައުންޑް ހަރަދުކޮށްފައިވުމުންނެވެ. އޭސީ މިލާނުން ޔޫއެފާގެ ފިޔަވަޅު އިސްތިއުނާފް ކުރުމަށް ހުށަހަޅާފައި ވަނީ ކޯޓް އާބިޓްރޭޝަން ފޯ ސްޕޯޓްސްއަށެވެ.

އެ ނިންމުން ބާތިލުކުރުމާ ގުޅޭގޮތުން އޭސީ މިލާނަށް ކުރިއަށް އޮތް ސީޒަންގެ ޔޫރޮޕާ ލީގުގެ ކޮލިފިކޭޝަންގައި ކުޅުމަށް ފުރުސަތު ލިބޭނެއެވެ. ކޯޓު އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް އިން ބުނެފައި ވަނީ އޭސީ މިލާނަށް އަޅަން ޖެހޭ ފިޔަވަޅު އަލުން މުރާޖައާކޮށް، އެ ކްލަބަށް އެކަށޭނެ އަދަބެއް ދިނުމަށެވެ.

އޭސީ މިލާންގެ ވެރިއެއްގެ ގޮތުގައި 1986 އިން ފެށިގެން ހުރީ އެގައުމުގެ ކުރީގެ ބޮޑު ވަޒީރު ސިލްވިއޯ ބަރްލަސްކޯނީއެވެ. ނަމަވެސް 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ޗައިނީޒް ކޮންސޯޓިއަމަކަށް 648 މިލިއަން ޕައުންޑަށް ކްލަބު ވިއްކާލުމާއެކު، އަލަށް ކްލަބާ ހަވާލުވި ފަރާތުން ވަނީ، ކްލަބު ވަރުގަދަކުރުމަށް ބޮޑު ހޭދައެއް ކޮށްފައެވެ. އެގޮތުން، ލިއޮނާޑޯ ބޮނޫޗީ ހޯދުމަށް ޔުވެންޓަސްއަށް 35.1 މިލިއަން ޕައުންޑް، އަންޑްރޭ ސިލްވާ ހޯދުމަށް އެފްސީ ޕޯޓޯއަށް 33.6 މިލިއަން ޕައުންޑް ހޭދަކުރިއެވެ. މިއީ މިލާންގެ ތާރީޚުގައި ވެސް ކުޅުންތެރިއަކު ހޯދުމަށް 30 މިލިއަން ފަހަނައަޅައި ދިޔަ ފުރަތަމަ ފަހަރެވެ.

ޔޫއެފާގެ ކަމާބެހޭ ދާއިރާއިން މައްސަލަ ތަހުގީގު ކުރުމަށް ފަހު ބުނީ، މިލާނުން ފައިސާ ހޭދަކުރުމުގައި، އޮޅުންއަރާ ފަދަ ކަންތައްތަކެއް ހުރި ކަމަށާއި އަދި އެ ޚަރަދުތަކަކީ، މިއަހަރުގެ އޮކްޓޫބަރު މަހު ދައްކައި ޚަލާސްކުރާގޮތަށް އެ ކްލަބުން ނަގާފައިވާ ލޯނުތަކާ ގުޅުން ހުރި ޚަރަދުތަކެއް ކަމަށެވެ.

ޔޫއެފާ ފައިނޭންޝަލް ފެއާ ޕްލޭ ގަވާއިދަކީ، ކްލަބުތައް ބޮޑެތި އަދަދުތަކުން ދަރަނިވެރިވެ، ބަނގުރޫޓުވުމުން ހުއްޓުވުމަށްޓަކައި ހަދާފައިވާ ގަވާއިދެކެވެ. އެ ގަވާއިދާ ޚިލާފަށް ޚަރަދުކުރާ ކްލަބުތަކަށް އަދަބުދިނުމުގެ އިޚްތިޔާރު ޔޫއެފާއަށް ލިބިގެންވެއެވެ.

comment ކޮމެންޓް