ތަފާތު ލޯތްބެއް (22)

"ވީ ޓްރަސްޓް ޔޫ ދަރިފުޅާ. ކައިއަށް ފަރުވާކުރަން ތިހާ ބެސްޓް ޑޮކްޓަރެއްނެތް..." މައިކަލް ހިނިތުންވެލިއެވެ.

ނާޔަލްއަށް ކުށްވެރިކަމުގެ އިހުސާސްކުރެވުނެވެ. އަމިއްލަ އެދުންބޮޑުކަމުން އޭނަ ލޯބިވާ ބޮޑުބޭބެއަށްވެސް އޮޅުވައިލީއެވެ. ކެމީލާ ހާސިލުކުރަން އޭނަ ކައިޒާންވެސް ދިރިއުޅުމުން އެއްފަރާތްކޮށްލީއެވެ. ކައިޒާންގެ ސިކުނޑިއަށްވެސް އޭނަ ވަނީ އެންމެ ނުބައިކޮށް ވިސްނައިދީފައެވެ. ކައިޒާންގެ ފަރާތުން ކެމިލާއަށް އަނިޔާވެދާނެތީ އެންމެ ކުރިން ފަރުވާކޮށް ބަލި ރަގަޅުކުރަން ވެގެން އެޑްމިޓްކުރީކަމުގައި ބުނެ ނާޔަލް ކައިޒާންގެ އިތުބާރު ހޯދިއެވެ. ނަމަވެސް އޭނަވަނީ ކައިޒާންގެ އިތުބާރާއި އުއްމީދުތަކުގައި ކޮޅުފައިން ޖަހާފައެވެ. ކައިޒާންގެ ލޯބިވެސް ޖަހައިގަތީއެވެ. ފޭރިގަތީއެވެ. ނުވީތާކަށް ކައިވެނިކޮށްގެން އޭނަގެ މީހަކަށް ހަދައިފިއެވެ.

ފަތިހު ހޭލެވިގެން ނަމާދުކުރުމަށްފަހު ކެމީލާ ގުރުއާން ކިޔެވިއެވެ. ފޯނު ހުޅުވައިލުމަށްފަހު ހެނދުނުގެ ޒިކުރާއި ދުޢާތައް ކިޔެވިއެވެ. މަންޒިލްއާއި ހައިކަލް ކިޔަވާފައި ޔާސީން ސޫރަތާއި ހަޝްރު ސޫރަތްކިޔެވިއެވެ. ނާޔަލްގެ ފަރާތުން ސަލާމަތްވުމަށް އެދި ދުޢާކުރެވުނެވެ. މޫނުގައި ފިރުމައިލެވުނުއިރު ހިތަށް ބުނަން ނޭގޭފަދަ ފިނިކަމެއް ލިބި އުފާވެރިކަމެއް އިހުސާސްކުރެވުނެވެ. ކުޑަކޮށް ތައްޔާރުވެލުމަށްފަހު ކެމީލާ އިނީ ނާޔަލްގެ އިންތިޒާރުގައެވެ. އޭނަ ބޭރަށް ގެންދާނެކަމުގެ އުއްމީދުގައެވެ. ޕެންޓްހައުސްގެ ނުވަދިހަވަނަ ފްލޯރަށްވުމުން މިހާ އުހުން ނިއުޔޯކްސިޓީގެ ސެންޓްރަލް ޕާކާއި ވިލާތަކުގައި ބީހިލާފަދަ އުސް އިމާރާތްތައް އަދި ހުޑްސަން ކޯރު ފެންނަލެއް ހިތްގައިމުކަމުން ކިތަންމެ އިރެއްވާންދެން ބަލަން އިނދެވިދާނެއެވެ. އެތައް އިރެއްވީފަހުން ނާޔަލްގެ ޚަބަރެއްނުވުމުން އިންތަނުން ފުންމާލާފައި މަޑުމަޑުން މާސްޓް ބެޑްރޫމްގެ ދޮރު ހުޅުވާލިއިރު ފެނުނު މަންޒަރަކުން އަވަހަށް ފަހަތަށް ދެމިގެންފިއެވެ. ފެނުނީ ނާޔަލް ފެންތަށްޓަކާއެކު ހުދުކޮށް ހުރި ގުޅަތަކެއް ދިރުވައިލި މަންޒަރެވެ.

"ކޯންޗެއްބާ އެ ކެއީ؟ ގައިމު ކޮންމެވެސް ކަހަލަ އެއްޗެއް ޔޫޒްކުރީ. ވެދާނެ ޑްރަގް ނަގަނީކަމަށްވެސް. ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަން ނޭގޭ..." ނާޔަލްގެ ސިއްރުވެރިގޮތެއް ހުންނަކަން އެނގުނަސް އޭނަ ފޮރުވަނީ ކޮން ކަންތައްގަނޑެއްކަމެއް ވެސް ނޭގެއެވެ. އެނގެނީ ކަމަކާ ވިސްނާކަމެވެ. ފިކުރުތައްކުރާކަމެވެ. ކެއުމަށްވެސް ދެވިހިފާފައި ހުންނަހެން ހީވެއެވެ. އަބަދު ކޮންމެވެސް އެއްޗެއް ކައި ކައި ހުންނަކަން ފާހަގަވެއެވެ. އޭނަ ހަނދާންވާގޮތުގައި އެގޮތަށް ގިނައިން ކައި އުޅެނީ "ޑިޕްރެޝަން" ކަހަލަ ނަފްސާނީ ބައްޔެއްގެ ސަބަބުންނެވެ. ހާސްކަން ކަނޑުވައިލަން ކެވެނީއެވެ.

ކާބަޔަށްގޮސް ހޫނު ޗޮކްލެޓެއް ތައްޔާރުކޮށްލިތަނާހެން ނާޔަލްގެ ފިޔަވަޅުގެ އަޑު އިވުނެވެ. މޫނުމަތިން ފެނުނީ ވަރުބަލިކަމެވެ. ދެލޯ ރަތްވެފައިވިއެވެ.

"އައި ވޯޒް ސްލީޕްލެސް. ނޭގޭ އެއްގޮތަކަށްވެސް ނުނިދުނު. ކެޓް ރޭ ސްކްރީމްކޮށްލި ވަރުން ނިދި ހަލާކުކޮށްލިގޮތަށް ދުވަސް ހިނގައްޖެ.." ނާޔަލް ނިތްކުރީގައި އިނގިލިތަކުން ފިރުމައިލިއެވެ." ބްރޭކްފާސްޓް ތައްޔާރުކޮށްލަންވީ ދޯ. ހުރިހާ އެއްޗެއް ހުންނާނެ. ބޭނުމިއްޔާ އޯޑަރުވެސް ކޮށްލެވިދާނެ......"

"ކާހިތެއްނެތް. ފިނިވީމަ ޗޮކްލެޓް ތަށްޓެއް ބޯލީ. އަހަންނަށް ގެއަށް ދެވިދާނެތަ. މާމަ ވަރަށް މިސްވެގެން އުޅޭނެ. ހާސްވެގެން އުޅޭނެ ނުފެނި މާ ލަސްވީމަ. އުލާއަކަށް މާމައަށް ބޭސްދީ އެހާ ރަގަޅަށް ބަލަހައްޓާކަށް ނޭގޭނެ. ޝީ ހޭޑް އެ ސްޓްރޯކް އެހެންވެ ބަލިކޮށް މާމަ ހުންނަނީ. ލޭމަތިވުމާއި ކޮލެސްޓްރޯލް އަދި ހިތުގެ މައްސަލަ ހުރޭ. އެތައް ދުވަހަކަށްފަހުން މާމައާއިއެކު އުޅެން މިލިބުނީ......ޕްލީޒް ގެއަށް ގެންދޭ.." ކެމީލާ މަސައްކަތްކުރީ ނާޔަލްގެ މޫނަށް ނުބަލާ ވޭތޯއެވެ.

"ކޮންމެ ދުވަހަކު މާމައަށް ވިޒިޓްކުރެވޭނެ. އޭގެ ފަހުން އަހަރެން ގެ ގާތުގައި ކެޓް ހުންނާނީ. ވައިފް ގާތުގައި ނެތިއްޔާ އަހަރެންވެސް ހަމަ މިސްވާނެއްނު..." ނާޔަލް ފްރިޖް ހުޅުވާލާފައި ގަނޑުފެންތަކެއް ނެގިއެވެ. ފިނިމޫސުމްގައި ގަނޑުފެނުން ނާޔަލް މިއުޅެނީ ކީއްކުރަން ކަމެއްވެސް ނޭގެއެވެ.

"އެހެން މީހުންނަށް މަޖުބޫރު ކޮށްގެން ކުދިކަންތައް ކޮށްލިޔަސް އޯކޭ އެކަމަކު ނާޔަލްވަނީ ހައްދު ފަހަނަޅާފައި. ބޭނުންނުވާ ކަމެއްކުރުވިއިރު އެންމެ ހިތް ދެކޮޅު ކަންތައް ތިކުރުވީ. އެވެސް ލޭމް ރީޒަންތަކަކަށްޓަކާ ކަމުގައި ބުނީ ޚުދު ނާޔަލް. އައި ހޯޕް ތިމާއަށް މިކުރެވުނީ ނުބައިކަމެއްކަން ވިސްނި އެކަމުން ދެރަލިބުނު މީހުން ސަލާމަތްކޮށްދޭނެކަމަށް. އަންހެން ކުއްޖަކު ބްލެކްމެއިލް ކޮށް ގަދަކަމުން ކައިވެންޏެއްކުރުމުން ވޭލިޑްވާނެ އެއްވެސް ގޮތެއް ނީންނާނެ. އެހެންވެ ހަޒްބެންޑްކަމަށް ގަބޫލެއްނުކުރެވޭ އެފީލިން އެއް ހަމަ ގައިމުނެތް......"

"ކެން ވީ ޓޯކް އެބައުޓް ދިސް ލޭޓާ. ބޮލުގައި ރިއްސަން ފަށައިފި..." ނާޔަލް ކުއްލިއަކަށް ރުޅިގަދަވީކަން ނޭގެއެވެ. ޔަގީނެވެ. އޭނަގެ ވާހަކަތަކުން އުދަގޫވެ ރުޅިއައިއެވެ. އެވާހަކަތައް ގަބޫލުކުރަން ބޭނުންނުވީއެވެ. އެ ބޯ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލިއެވެ. ހަދާނެގޮތެއް ނޭގިފައި ހުރިކަހަލައެވެ. ވެދާނެއެވެ. ކުރެވުނީ މޮޔަކަމެއްކަން ވިސްނުނީއެވެ. އޭނައާއި ކައިވެނިކޮށްގެން ނާޔަލްއަށް ލިބެނީ ކޮން އުފަލެއްހެއްޔެވެ. ގައިގާ އަތްލާކަށްވެސް ކެރެނީއެއް ނޫނެވެ. އެހާވަރުން އޭނަ ހާސިލުކުރަންވެގެން ކައިވެނި ކުރި މީހާ ދުރުން އުޅޭތީ އެތައް ސުވާލުތަކެއް ހިތުގައި އުފެދުނެވެ. އެންމެ އަޖައިބުވަނީ ޝޯލް ނެގުން ފިޔަވާ އެހެން ކަމެއްކޮށްލާކަށް ވެސް ނޫޅުނީމައެވެ. އަޖައިބެއްކަހަލަ ފިރިހެނެއް ނޫންހެއްޔެވެ. އޭރު ނާޔަލް އެހެން އުޅޭ ސަބަބެއް ލަފާކޮށްލާކަށްވެސް ކެމީލާއަކަށް ނޭގުނެވެ. ފާޑަކަށް ބަލަން ހުއްޓާ ނާޔަލް އަނބުރާލާފައި ކޮޓަރިއަށް ވަންގޮތަށް ދޮރު ލެއްޕާލައިފިއެވެ.

ދެތިންގަޑިއިރު ފާއިތުވީއިރުވެސް ނާޔަލްގެ ޚަބަރެއްނުވުމުން ކެމީލާ ދޮރުގައި ޓަކިދިނެވެ. ފޯނުން ގުޅިއެވެ. ފޯނު އޮތީ ނިއްވާލާފައެވެ.

ވަޓް ހެޕެންޑް. އަނެއްކާ. ސުއިސައިޑްކުރީތަ. އެކަހަލަ މީހެއްވީމަ ރުޅިގަދަވީމަ އަމިއްލައަށް މަރުވާން އުޅެފާނެ......." ކެމީލާގެ ހިތަށް އައި ބިރުވެރި ޚިޔާލަކުން ގައިގާ ވާހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ.

ނޯޔާއަށް ގުޅާފައި ހުރިހާ ވާހަކައެއް ކިޔާދޭންވެގެން ފޯނު ނެގިތަނާހެން ނާޔަލް ދޮރު ހުޅުވާލައިފިއެވެ. ފެންވަރާލާ ތާޒާވެލައިގެން ހަމައެކަނި ޑެނިމް ޖިންސެއްގައި ހުރިއިރު ކަސްރަތީ ހަށިގަނޑު ހާމަޔަށެވެ. އިސްތަށިގަނޑު ތެތްކޮށް އޮތުމުން އިސްތަށިގަނޑަށް ކަޅުކުލަ އަރާފައެވެ.

"ހޭއި....."

"އެބަހުރިން.." ކެމީލާ ރުޅިއަންނަގޮތްވިއެވެ. އޭނަ ދިގު އިންތިޒާރެއްކުރަން ޖައްސައިފިއެވެ. ރަގަޅަށްވިއްޔާ ރުޅިގަދަވެގެންގޮސް ނިދިގަނޑެއް ޖަހާލާފައި ތެދުވެގެން ފެންވަރާލުމުން ހެނދުނު ވީކަމެއް ހަދާނެއްވެސް ނެތީއެވެ. އޭނަ މިހިރީ މިތަނުން ނުނިކުމެވިފައެވެ. މި ޕެންޓްހައުސްގައި ހައްޔަރުވެފައެވެ. މިތަނެކޭ ޖަލުގެ ހަތަރު ފާރެކޭ އޭނައަށް ތަފާތެއްނެތެވެ.

"އެއްޗެއް ކައިފިންތަ؟ "

"ޔަޕް. ސެންޑްވިޗާއި ސްކްރެމްބްލްޑް އެގް އަދި ޕޭންކޭކު ހަދާފައި ހުންނާނެ. ކޮންއިރެއް ދޮރުގައި ނޮކް ކުރާތާ. ނިދަންޏާވެސް ބުނެފައި ނިދިނަމައެއްނު......" ކެމީލާ ނުރުހުމާއިއެކު ބުނެލިއެވެ.

"ސޮރީ ބޭބީ. އެކަމާ ހާސްވެފަ ދޯ ތިހިރީ. ދުލުން އެއްބަސް ނުވިޔަސް މޫނުމަތިން ހުރިހާ ވާހަކައެއް ކިޔާދީފި. ކެއާ ކުރާތީއެއްނު ވީގޮތެއް ނޭގިގެން ހާސްވާނީ. އެނީވޭސް ވަރަށް ބަނޑުހައި. ކޮފީތަށްޓެއްވެސް ހަދާދީފާނަންތަ؟ އެހެންނުވާނީ . އެހެރީ ގަޑިންވީއިރު....."

"ކެއާ ކުރާތީއެއް ނޫން. ބޭރަށް ނުދެވިގެން.." ކެމީލާ ބުނެލިއެވެ. ނާޔަލް ހަމައެކަނި ހީލުމަކުން ފުއްދާލައިފިއެވެ.

ނާޔަލް ކޮޓަރިއަށް ވަދެފައި ގިނައިރެއް ނުވެ ކަޅާއި ރަތްއެކުލެވޭ ޓީޝާޓެއް ލައިގެން ނުކުތެވެ. ކޮފީތަށްޓާއެކު މޭޒުމަތީގައިވާ ހާ އެއްޗެއް ކެއެވެ. ފްރިޖްގައި ހުރި އައިސްކްރީމްވެސް ކެއެވެ. މިހާ ފިނިގަދައިރުވެސް ނާޔަލް އައިސްކްރީމް ކާތީ ހައިރާންވިއެވެ. ކެމީލާއަށް ފާހަގަވަނީ ނާޔަލް މާ ގިނަ ގިނައިން ކާ ކަމެވެ. އެވަރުންވެސް ފަލަނުވާތީ އަޖައިބެކެވެ. މެޓަބޮލިކް ރޭޓް ހަމަ މަތީއެވެ. ޖިމް ޖައްސާތީ ހަށިގަނޑުގައި މަސްތައް އެތުރިފައި ހުންނަލެއް ރީއްޗެވެ. ކެއުމަށްފަހު ކެމީލާ ކައިރީ ބުނީ ބޭރަށް ދާން ތައްޔާރުވުމަށެވެ. އެންމެ އުފާވީ އޭނަ ގެޔަށް ލާފައި ނާޔަލް ދިޔުމުންނެވެ. މާމައާއި އުލާއާއިއެކު ސްނޯތެރޭ މަޖާކޮށް ސަކަރާތްޖެހުމުގެ ނަސީބު ލިބުނެވެ. މާމަވެސް ބުނީ މިއީ ތަފާތު ތަނެއް ކަމުގައެވެ. ގަނޑުފެން ވެހޭ ވާހަކަ ބުނާއިރުވެސް މިފަދައިން ޚިޔާލުކޮށްލަންވެސް މާމައަށް ނޭގޭކަމުގައެވެ. އުލާ އިންސްޓަގްރާމަށް ލާ ފޮނި ފޮޓޯތައް ހުއްޓުވަން ކެމީލާ ވާހަކަދެއްކިއެވެ. ބައެއްމީހުންގެ ވިހަލޯތަކުގެ ސަބަބުން އެސްފީނާ ޖެހިދާނެކަމުގައި ބުނެލިއެވެ. ތިމާގެ އުފާވެރިކަމާއި ނަސީބުތައް ހާމަކުރަންވާނީ ހަމައެކަނި ލޯބިވާ ހެޔޮއެދޭ މީހުންނަށެވެ. އުލާ ކައިރީ ކިތަންމެ ގިނައިން ވާހަކަދެއްކިޔަސް އޭނަ ހަދާން ހުންނަކަމަކަށް ނުވެއެވެ.

ލިބުނު ހަނި ފުރުސަތުގައި ކެމީލާ ޖޫލްއަށް ޒިޔާރަތްކުރިއެވެ. އެގެއިން ފެނުނީ އުދަގޫވި މަންޒަރެކެވެ. މާކަސްއާއި ލިސާ ފެންޑާގައި ޖެހި ފިތިގެން ހީހީ ތިބިއިރު އަމިއްލަ ދުނިޔެއެއްގައި އުޅޭފަދައެވެ. ޖޫލް ފީލިކްސްއާއިއެކު ބޯޅަކުޅެން ދުވެދުވެފައި އުޅުނެވެ. މާކަސް ލިސާއަށް ކެމީލާ ތައާރަފުކޮށްދިނީ ކައިޒާންގެ ލޯބިވެރިޔާކަމުގައެވެ.

"ޖޫލްގެ ނެނީއޭ ބުނިނަމަ. ހެހެ. ޖޫލް ގޮވައިގެން ގެއަށް ގެންދިޔަސް އޯކޭތަ؟" ކެމީލާ އަހާލައިފިއެވެ.

"އޮފްކޯޒް. ތިހާ އިތުބާރުކުރެވޭ އަންހެންކުއްޖެއް ނުވާނެ....." ލިސާ ހީލިއެވެ. އިރުކޮޅަކަށް ލިސާއާއި ވާހަކަ ދައްކާލަން ކެމީލާ ހުރިއިރު ލިސާ އެތައްފަހަރު ތައުރީފުކުރިއެވެ. ޖޫލް އެހާ ކުޑައިރު އިސްލާމީ ބައެއް އާދަތައް ހަރުލައްވާފައިވާތީ އެކަމާއި އުފާކުރާކަމަށް ލިސާ ބުންޏެވެ. ކެމީލާގެ ސަބަބުން އިސްލާމްދީނާއިމެދު ޝައުގު އުފެދިއްޖެކަމަށާއި އެނގެން ބޭނުންވާކަމުގައި ބުނެލިއެވެ. އެކަމާއި ކެމީލާއަށް ލިބުނު އުފާވެރިކަން މޫނުމަތިން ފާޅުވިއެވެ. ކެމީލާ ޖޫލް ގޮވައިގެން ގެއަށް އައި މަގުމަތީގައި ލިސާއާއި މެދު ވިސްނިއެވެ. ހިތަށް އެއްޗެހި ނާރަން ހުއްޓަސް މާކަސްއާއި ލިސާ އެހާ ގާތުގައި ވާހަކަދައްކަން ތިބުމުން އެދެމީހުންގެ ގުޅުމެއްއޮތީ ބާވައޭ ސުވާލު އުފެދުނެވެ. ޔަގީންވާ ކަމަކީ ޖޫލްއަކީ ކައިޒާންގެ ދަރިއެއްކަމެވެ. އޭނައަށްވަނީ ކައިޒާންގެ ކޮޓަރިން ޑީއެންއޭ ޓެސްޓް ފެނިފައެވެ. އެއީ އެންމެ ރެއެއްގެ ގުޅުމުގެ ނަތީޖާއެވެ. ޖޫލްއާއިމެދު ސުވާލު އުފައްދާނެ ޖާގައެއްނެތެވެ. ކައިޒާން އޭނައާއި ރައްޓެހިކަން އެނގުމުން މާކަސްއާއި ލިސާ ސިއްރުން ރައްޓެހިވީ ބާވައެވެ. އެކަން ކައިޒާންއަށް އެނގިއްޖެއްޔާ ވާނީ ކިހިނެއްހެއްޔެވެ.

ފަހެއްޖެހިއިރު އިރުއޮއްސި އަނދިރިކަން ވަށާލައިފިއެވެ. ކިތަންމެ ދަންވިޔަސް އެއީ މައިކަލްމެންގެ ބިމަށް ވެފާ އެސަރަހައްދު ބަލަހައްޓާނެ މީހުން ތިބޭނެތީ އެކަނިމާއެކަނި ހިނގާ އުޅޭކަށް ކެމީލާވެސް ބިރެއް ނުގަނެއެވެ. އަމާންކަމާއި ރައްކާތެރިކަމާއިމެދު ޝައްކެއް ނުކުރެވެއެވެ. އެހިސާބުގައި ދިއްލާލާފައިވާ ބޮކިތަކުގެ ސަބަބުން ބިރެއްނެތި ހިނގާލާފައި ދާކަށް ކެމީލާ ފަހެއްނުޖެހުނެވެ. ސްނޯ ހުދުކަމުން ހުދު ޖަވާހިރުފަދައިން ވިދާހެން ހީވެއެވެ. އެމަޑުމަޑު ސްނޯއާއި ކުޅެލާހިތުން ކެތްވީއެއްނޫނެވެ. ނަމަވެސް ހާދަ ފިނިގަދައެވެ. ފިނިގަދަކަމުން މަތިމައްޗަށް ހެދުން ލާފައި ބޭރުން ކެހެރި ޖެކެޓެއްލާފައި ހުންނައިރުވެސް ފިނިކަން ކަށިގަނޑަށްވެސް ވާސިލުވާފަދައެވެ. މިހާ ގަދަ ފިންޏަށް އޭނަ އާދަވެފައި ނުވާތީކަން ނޭގެއެވެ. ނޫނީ ހަމަ ހަގީގަތުގައިވެސް ނިއުޔޯކްގެ ފިނި މޫސުމްގައި ފިނި ގަދައީއެވެ. ނޭވާލިޔަސް އަނގައިން އާވި ނުކުމެއެވެ. ހަނި މަގުގެ ދެފަރާތުގައި ސްނޯ ފުނިތައް ޖެހިފައިވާއިރު ހިނގަން އޮންނަތަނުގައި ސްނޯ ކަހާލާފައި އޮތެވެ. ޖޫލްގެ އަތުގައި ހިފައިގެން ވާހަކަދައްކަމުން ކެމީލާ ކުރިއަށް ދިޔައެވެ.

އަނދިރިގަނޑުގެތެރެއިން ކުއްލިއަކަށް ނާޔަލް ނުކުމެގެން އައުމުން ލިބުނު ސިހުމާއިއެކު ކެމީލާއަށް ހަޅޭއްލަވައިގަނެވުނެވެ.

"ނާޔަލް ވަޓް އާ ޔޫ ޑުއިން...."

"ކެޓް ބަލާ މިއައީ...... " ނާޔަލް ގުދުވެލާފައި ޖޫލް އުރާލިއެވެ. ޖޫލް ނާޔަލްގެ ކޯތާފަތުގައި ބޮސްދިނެވެ. "ހައުޒް މައި ލިޓްލް ސްވީޓްހާޓް؟ "

"އައިމް ފައިން...." ޖޫލް ނާޔަލްއާއި ވަރަށް ގަޔާވެއެވެ. ވަރަށް ލޯބިވާ "އަންކަލް"އެކެވެ. ބައްޕަގެ އެންމެ ގާތް އެކުވެރިޔާކަން ޖޫލް ދަނެއެވެ. ނާޔަލް ކެމީލާއާއި ވާހަކަދެއްކީ ދިވެހިންނެވެ. އޭނަގެ ހުއްދަނެތި ކައިޒާންގެ ގެއަށް ދާންޖެހުނީ ކިއްވެތޯ އެހިއެވެ. ތެދެކެވެ. ފިރިމީހާގެ ހުއްދަނެތި ގެއިން ބޭރަށް އެންމެ ފިޔަވަޅެއް އެޅިގެންނުވާނެއެވެ. ނަމަވެސް އޭނައަށް އެކަން ގަބޫލުނުކުރެވެނީއެވެ. ފިރިމީހާކަމުގައި ބަލައިނުގަނެވެނީއެވެ. މިއީ ހުއްދަ ކައިވެންޏެއްކަމަށް ގަބޫލުކުރަން ސިކުނޑި ތައްޔާރެއްނޫނެވެ. އަމިއްލައަށް ތަފްސީރާއި ހަދީސްތައް ބަލައިގެން އެނގޭހާ އިލްމުވެރިކަމެއް ނެތީމަ އޭނަ ޖެހޭނީ ޝޭޚުންކުރެން އޮޅުން ފިލުވާށެވެ. ވައިބާ ގްރޫޕެއްގައިވާ ޝޭޚަކަށް އޭނަގެ ހާލަތު އޮޅުންފިލުވައިދީ ޖަވާބެއް ހޯދަން އޭނަވަނީ އެދިފައެވެ. އަދި ޖަވާބެއް ނުލިބެއެވެ. ޖޫލް ގެއަށް ލާން ދިޔައިރުވެސް އެގޭގައި މާކަސްއާއި ލިސާ އުޅުނެވެ. ނާޔަލް ގެއަށް ނުވަންނާތީ އެދެމީހުން ނުފެނުނަސް ކެމިލާ އެނބުރި އައުމުން އެ ސުވާލުކުރިއެވެ. ކައިޒާން ނެތީސް ޖޫލް މާކަސްއާއިއެކު އުޅެން ދޫކޮށްލައިގެން ވާނެހެއްޔޭ އަހައިލިއެވެ. އެންމެނަށް އެނގިފައި އޮންނަނީ ޖޫލް އެޑޮޕްޓްކޮށްފައިވާ ކަމުގައެވެ. އެހެންވީމަ ނާޔަލް ކައިރި ބުނަންވީ އެއްޗެއް ނޭގުމުން ވިސްނާލާފައި ބުނީ ކައިޒާންގެ އެކުވެރި އަންހެންކުއްޖަކު ޖޫލް ބަލަން ހަވާލުކޮށްފައިވާ ކަމުގައެވެ. ނާޔަލް ހިނި އައެވެ. ކެމިލާއަށް ހަގީގަތް އެނގޭއިރު އޭނައަށް ފޮރުވަނީ އޭނައަށް ޖޫލްގެ ހަގީގަތް ނޭގޭކަމަށް ހެއްޔެވެ.

ފިނިމޫސުމްގެ ހަނދުވަރުދޭ ރީތި ރެއެއްގައި ސްނޯގެ ތެރޭ ދެލޯބިވެރިޔަކު އަތު ގުޅުވާލައިގެން ހިނގާލުމަށް ނޭދޭނީ ކޮން އަންހެންކުއްޖެއް ހެއްޔެވެ. ނަމަވެސް ކެމީލާއަށް އެނަސީބެއް ނުލިބުނެވެ. މި ރީތި ރޭ ހިނގާލާފައި މިދެވެނީ ދުޝްމިނަކާއެކުގައެވެ.

"ރުޅިތަ..... "

"ކޮންކަމަކާ.." ކެމީލާ އަހައިލިއެވެ.

"ކައިޒާންއާއި މީޓްނުވެގެން. ލޯބިވެރިޔާއާއި ވަކިވީމަ ހަމަ ދެރަވާނެއްނު. އަހަންނަށް ކެޓްގެ ފީލިންގްސްތަކަށް ވަރަށް ހާޓްކުރެވިއްޖެ ދޯ. ތެދަށް ބުނަންޏާ ތި ދެމީހުންގެ ހާޓް ބްރޭކްވެދާނެތީވެސް ވިސްނަން ޖެހޭ. ލައިކް އައި ސެޑް ނަތާޝާ އާންޓް ވިލް ޑު އެނީ ތިން ކެޓްއާއި ކައިޒާން ދުރުކުރަން. ކައިޒާން ހޮސްޕިޓަލުގައި ބޭއްވީ އެހެންވެ. އަހަރެމެންގެ ކައިވެނީގެ ޚަބަރު ލިބުމުން ކުރާ އަސަރެއްގެ ބޮޑުކަމުން ސުއިސައިޑްކުރަން އުޅޭނެތީ....." ނާޔަލްގެ ޖުމްލައިން ސިހުނު ވަރުން ފައިގެ ވާގި ދޫވެ ފުރޮޅައިލާގޮތްވިއެވެ. ނާޔަލް ކެމިލާގެ އަތުގައި ހިފީ ރައްކާތެރިކަން ދިނުމަށެވެ. އަތް ފޮޅުވައިލަން އުޅުނަސް އެކަމެއް ކެމީލާއަކަށް ނުވިއެވެ.

"ކައިޒާން ކައިރީ ބުނީ....ތަ؟ " ކެމީލާ ރުޅިއަންނަގޮތްވިއެވެ.

"އާނ ކައިޒާންއަށް އެނގެން ޖެހޭނެ. ހީކުރިގޮތަށްވީ. ކައި އަމިއްލައަށް މަރުވާން މަސައްކަތްކުރި. އެމީހުންނަށް ކިރިޔާ ކައި ސަލާމަތްކުރެވުނީ. އަހަރެން ކައި ފެންނަ ހިސާބަކަށް ނުވެސް ދަން. އެނގޭ އަހަރެންދެކެ ނައްޓާފައި ކަން ހުންނާނީ........." ނާޔަލް ކެމީލާގެ މޫނަށް ބަލައިލިއެވެ. ފަނޑު ބޮއްކެއްގެ އަލި އެމޫނަށް އެޅިފައި ހުރުމުން ކެމީލާ ރުޅިއައިސްފައިވާ ވަރު އެނގުނެވެ.

"ދިސް މެރިޖް ހޭޒް ނޯ މީނިން. ތިވެސް ކައިޒާންގެ ފެމިލީ. ރޯޔަލް ފެމިލީ. ނާޔަލްގެ އާއިލާވެސް ގަބޫލެއްނުވާނެ އަހަންނާއި ގުޅެން. އެބަޔަކާއި އެކަށިގެންވާ މީހުން ހޯދީމަކަން ނޭގޭ އެންމެ ރަގަޅުވާނީ. ލޯބިވާ މީހާ ނުލިބުނަސް ކެތްކޮށްގެން ހުރެދާނަން. އެންމެ ރަގަޅުވާނީ މި ކައިވެނި ރޫޅާލުން. ވޭލިޑް ނޫން ކައިވެންޏެއްގައި ތިބުމުގެ އެއްވެސް ބޭނުމެއްނެތް. ފަސްޓް އޮފް އޯލް ޔޯ އިންޓެންޝަންސް ވާ ނޮޓް ގުޑް. ކުރަހާށޯ. ނޫނެކޭ ބުނީމަ ގަދަކަމުން ހާސިލުކުރުން. ކައިވެންޏަކީ މާތް ގުޅުމެއް. ތިކަހަލަ ޝަރުތުތަކެއް ކަނޑައަޅައިގެން ނިންމަން ޖެހޭވަރަށްވުރެ މުގައްދަސް ގުޅުމެއް. އެކަކު އަނެކަކުގެ ހައްގުތަކެއްވެސް އޮންނާނެ. އެންމެ ރަގަޅުގޮތަކީ ވަކިވުން.. ޕްލީޒް ލެޓް މީ ގޯ............" ކެމީލާ ބުނެލިއެވެ.

"ސޮރީ އައި ކާންޓް."ނާޔަލް ކޮންމެހެން ސަބަބު ބުނާކަށް ނޫޅުނެވެ.

"އަތުން ދޫކޮށްލަފާނަންތަ؟ " ކެމީލާ މަޑުކޮށްލިއެވެ. ނާޔަލްއާއިއެކު ދާން ހިތް ދެކޮޅުހެދިއެވެ.

"މާ ބޮޑަށް ވަރުބަލިވީ ދޯ. އުރާލައިގެން ގެންގޮސްދީފާނަން.." ނާޔަލް ގާތްވެލުމުން ދުވަން ހަދައިގެން ކައްސައިނުލީ ހަމަކިރިޔާއެވެ. ހުޝިޔާރުކަމާއިއެކު ނާޔަލް ކެމީލާ ގެ އަތުގައި ހިފާ ގާތަށް ގެނެސް ބައްދައިލިގޮތަށް އަތުގެ ތެރެއިން ނުކުމެވޭނެގޮތެއް ނުވިއެވެ. ކެމީލާއަށް ރޮވޭގޮތްވިއެވެ. ހިތުތެރޭ ވާހާ އެއްޗެއް ކަރުނައިގެ ސިފައިގާ ބަންޑުންވެގަތެވެ. އަމިއްލަ ނަފުސަށްޓަކާ އެކަންޏެއްނޫނެވެ. އޭނަ ކައިޒާންއަށް ބޭވަފާތެރިވެ ނާޔަލްއާއި ރައްޓެހިވީކަމަށް ކައިޒާން ހީކޮށް އޭނަދެކެ އަންނާނެ ރުޅިއާއި ވާނެ ދެރަ ކެމިލާއަށް އިހުސާސްކުރެވުނީއެވެ. ރޮއިރޮއިފާވެސް އޭނަ ހިނގައިގަތީ އަވަހަށް ގެއާއި ހަމަޔަށް ފޯރުމަށެވެ. އަލިފާނުގެ ހޫނުކަމަށް ބޭނުންވާތީއެވެ.

ނާޔަލް އޭނަގެ އަމިއްލަ ގެއަށް ނުގޮސް ވަދެލީ މަންމަ ދިރިއުޅޭ ގެއަށެވެ. ކައިޒާންމެންގެއާއި އެގެ ކައިރިވިޔަސް ނާޔަލް އެގެއަށް އަނބުރާ އައީ އެގެ ފަހަނަޅާ ދިހަވަރަކަށް މިނިޓްވާންދެން ހިނގާފައެވެ. ގޭގެ ސިޓިން ރޫމްގައި މަންމައާއި ނާއީ އަދި ނޯޔާ ސޯފާތަކުގައި ވާހަކަދައްކާލަން ތިއްބެވެ. ނާޔަލް ކެމީލާ ގޮވައިގެން ވަދެފައި އެންމެނަށް ތައާރަފުކޮށްދިނީ އޭނަގެ އަންހެނުން ކަމުގައެވެ. އެދެމީހުން ކައިވެނިކުރިވާހަކަ ބުނުމާއިއެކު ނަތާލީ އަނބުރައިގެންފާނެހެން ހީވިއެވެ. މޫނު ހުދުވިއެވެ. ކުރިމަތިން އިފުރީތެއްފެނުނަސް އެވަރުވާނެކަމެއް ނެގެއެވެ. އޭނަގެ ނަޒަރު ނާޔަލްއިން ފެށިގެން ކެމީލާއަށް ދަތުރުކުރިއިރު އެތައް ޖަޒުބާތުތަކުން އެލޯ ފުރިފައިވިއެވެ. ނަތާލީ އަށް ލިބުނު ޝޮކް ފިލައިގެން ދިޔުމުން މަސްނޫއީ ހިނިތުންވުމަކާއިއެކު ކެމިލާގެ ގައިގާ ބައްދައިލިއެވެ. ނޯޔާވެސް އުފަލުން ފުންމަ ފުންމާފައި އުޅުނީ ކުޑަކުއްޖެއްހެނެވެ. ނާއީވެސް އުފާވިފަދައެވެ. ނާޔަލް ބުނީ އާއިލާގެ އެންމެނަށްވެސް އޭނައާއި ކެމީލާ ކައިވެނި ކުރިކަން އެނގެން ޖެހޭނެ ކަމުގައެވެ.

ނަތާލީ އެތެރެއަށް ވަންގޮތަށް މޭޒުގައި އަތް ވިއްދާލައިގެން އިރުކޮޅަކު ހުރެފައި ނަތާޝާއަށް ގުޅިއެވެ.

"ނަތާ. އެނުލަފާ އަންހެން ކަނބުލޭގެ އެންމެފަހުން ނާޔަލް ބޮލަށް ވަދެގެން ސިއްރުން ދެމީހުން ކައިވެނިކޮށްފި. އަދި އެ އަންހެނާ ކައިޒާންއަށްވެސް އޮޅުވައިލީ.. އަޅެ ޔަހޫދީ މީހެއް ނޫންތަ ކިހިނެއް ހަދާނީ. ޕްލީޒް ނާޔަލް މިކަމުން ސަލާމަތްކޮށްދީބަލަ. ލަދުން ހަލާކުވާވަރު އެބަވޭ. އަހަރެމެންގެ ފެންވަރެއްވެސް ނޫނެއްނު. އަދި އެ އަންހެނާގެ ދަރިއޭ....." ނަތާލީ ރަގަޅަށްވެސް ރޮއިގަތެވެ.

"ޑޯންޓް ވޮރީ ސިސް. ޖެހޭނީ ދުއްވާލަން..." ނަތާޝާ ޔަގީންކަން ދިނެވެ.

ނަތާލީގެ އެތެރެހަށީގައިވި ރުޅިވެރިކަން ސިއްރުކޮށްފައި ނާޔަލްއާއި ކެމީލާއަށް މަރުހަބާ ކިޔެވެ. ނާޔަލްމެން ހަނީމޫނަށްދާނީ ކޮންތަނަކަށް ހެއްޔޭވެސް އެހިއެވެ. ނާޔަލް ބުނީ ސްވިޒަލެންޑާއި ފްރާންސަށްކަމުގައެވެ. އެކަމަކު އޭނަ ދާން ނިންމާފައިވަނީ ޖެނުއަރީ ފަހުކޮޅުއެވެ. ދިރިއުޅޭނީ ޕެންޓްހައުސްއާއި އޭނަގެ ގެއިން ކެމިލާ ޚިޔާރުކުރާ ތަނެއްގައި ކަމުގައި ބުނީ ކެމީލާއާއި ދިމާލަށް ބަލާލާފައި ހިނިތުންވެލަމުންނެވެ. ކެމީލާ ގަދަކަމުން ހިނިތުންވެލިއެވެ. އޭނަވެސް "އެކްޓް"ކުރަން ޖެހިއްޖެއެވެ. ނަތާލީގެ ނުރުހުމާއި އޭނައާއި ގަޔާނުވާވަރު ކިތަންމެފަހަރަކު ކެމީލާވަނީ ދެކެފައެވެ. އޮޅިގެން ބަލައިލެވުނުއިރު ނަތާލީ އިނީ އަލިފާނުގެ ބެލުކަމުން ބަލަހައްޓައިގެންނެވެ. މަރާލާފަދަ ބެލުމެކެވެ. ކެމީލާގެ ރޫހުވެސް ތެޅިލިފަދައެވެ. ނުލަފާ މައިދައިތައެއްކަން ޔަގީނެވެ. ނަމަވެސް ނަތާލީ ހާސްވަނީ ކޮންކަމަކާ ހެއްޔެވެ. އޭނަ ނާޔަލްގެ ހަޔާތަށް އައީ ދާއިމީކޮށް ހުންނާކަށް ނޫނެވެ. އެންމެންވެސް ކެތްކުރާށެވެ. އޭނަ ހުންނާނީ ދުވަސްކޮޅަކަށެވެ. ނޯޔާ މާ ގިނައިން އަނގަ ތަޅަންފެށުމުން ކެމީލާއަށް މިރޭ އުދަގޫވިއެވެ. އޭނަ ހުރީ ވާހަކަދައްކާ ކަހަލަ މޫޑެއްގައެއް ނޫނެވެ.

"ނާޔަލް އައި ވޯން ޓު ގޯ ހޯމް. ވަރަށް ޓަޔަޑް...." ކެމީލާ އެހެން ކިޔާފައި ދާން އުޅުމުން ނޯޔާ ކޮޓަރިއަށް ވަދެފާ ވަގުތުން މެސެޖްކުރީ ކައިޒާންއަށެވެ. ކެމީލާ ނާޔަލްއާއި ހެދި މާ ވަރަކަށް އުޅޭކަމަށާއި އެގެއަށް ގޮސްފައި އިރުކޮޅެއް ނުވަނީސް ނާޔަލް ކައިރީ ގެއަށް ދާން ހިގާށޭ ކިޔާފައި ބޮޑާ ހާކަންފެށިކަމުގައެވެ. މިހާރުއްސުރެ ކެމީލާ ވަރަށް ބޮޑަށް ބަދަލުވެއްޖެ ކަމުގައި ނޯޔާ ބުނެލިއެވެ.

ޑިސެމްބަރ ފަންސަވީސްވަނަ ދުވަސް އައިއިރު ނިއުޔޯކްވަނީ ކްރިސްމަސްދުވަހަށްޓަކާ ވަރަކަށް ތައްޔާރުކޮށްފައެވެ. އެތައް އިމާރާތްތައް ދިއްލާލާ އަޅާލާ ބައެއް ތަންތަނުގައި ބޮޑެތި ކްރިސްމަސް ގަސްތައް ބަހައްޓާފައިވާއިރު މިލިއަނުން މީހުން އެދުވަސް ފާގަހަކުރުމުގައި ފޯރިއާއިއެކު އުޅެއެވެ. އުލާވެސް ބޭނުންވީ އެދުވަހަށް ކްރިސްމަސް ގަހެއް ގަނެ ހަދިޔާތައް ބެހުމަށެވެ. ނަމަވެސް ކެމީލާ ވިސްނައިދިނުމުން އުލާ އެއްބަސްވިއެވެ. އެހެން ގޮތެއްނެތީމައެވެ. މިދުވަސްކޮޅު އޭނަ ދޮންތަވެގެން ބުނާހާގޮތެއް ހަދަނީ ލިބިފައިވާ މުއްސަދިކަމާއި ވަކިވެދާނެކަމުގެ ބިރަށެވެ. ނަމަވެސް އުލާވެސް އެކުވެރި ކުއްޖަކާއިއެކު ކްރިސްމަސްގެ އެކި ހަރަކާތްތަކުގައި ބައިވެރިވާން އެކުވެރިއަކާއިއެކު ދިޔައެވެ. ޝޯއެއް ބަލައިލަން ދިޔައީވެސް ކެމީލާއަށް ސިއްރުންނެވެ. ކެމީލާ ދިޔައިރު ޖޫލް ހުރީ ރަތާއި ހުދުގެ ކެހެރި ކޯޓަކާއި މެޗްވާކަހަލަ ތޮތްޕެއް އަޅުވާފައެވެ. ކްރިސްމަސްގަސް ފެނުމުން ބޮލަށް އުދަގޫވާވަރުވިއެވެ.

"މެރީ ކްރިސްމަސް...." ޖޫލް ދުވެލާފައި އައިސް ކެމިލާގެ ގައިގާ ބައްދައިގަތެވެ.

ބޭރު ގައުމުތަކުން މީހުންނާއި އިނުމުން ނޭގިނަމަވެސް ދަރިންނަށް ދެވޭނެ އެންމެ ބޮޑު އަނިޔާއަކީ މިއީއެވެ. އެހެންދީންތަކުގެ ސަގާފަތަށް ލޯބި ޖެހުމެވެ. އެންމެ ލޯބިވާ ކައިޒާންގެ ދަރިފުޅު މިފަދަ ހުރިހާ ކަމަކުން ދުރުކުރަން ކެމީލާ ބޭނުމެވެ. "މެރީ ކްރިސްމަސް"އޭ ބުނުމުން އެއީ ހަމަ އެހެން ދީނެއްގެ މީހުންނަށް ވިޝްކޮށްލެވުން ކަމުގައިވިޔަސް އެއީ ހަގީގަތުގައި ދަރިންނަށް ނަގައިދެވޭ ނުބައި ފިލާވަޅެކެވެ. އެފަދަ ކަންތައްތަކުގެ ސަބަބުން ވެސް ދަރިން ދީނާއި ދުރުވެދާނެއެވެ. އެހެން ދިންތަކަށް ލޯބި ޖެހިދާނެއެވެ. ބައެއްމީހުން ދެކޭގޮތުން މުސްލިމްކުދިން ކްރިސްމަސް ފާހަގަކޮށް އެއުފަލުގައި ބައިވެރިވުމަކީ މައްސަލައެއް ނޫނެވެ.

ކެމީލާ ޖޫލް ގޮވައިގެން ދިޔައީ އޭނަގެ ގެއަށެވެ. އެގޭގައި ކްރިސްމަސް ފާހަގަނުކުރާތީ ޖޫލް އުލާ ކައިރިން ސުވާލުކުރިއެވެ. އުލާ ބުނީ މުސްލިމްކުދިން އެދުވަސް ފާހަގަނުކުރާކަމުގައެވެ. ޖޫލް ބުނީ އޭނަގެ މަންމައަކީ ކްރިސްޓިއަން ކުއްޖެއްކަމުގައެވެ. އެކަމަކު އޭނައަކީ މުސްލިމް ކުއްޖެއްކަމުގައި ޖޫލް ބުނީ ހީލާފައެވެ. އެއުމުރުގައިވެސް ޖޫލް ވިސްނުންތޫނުވެފައި ގިނަ ކަންތައްތަކެއް ދަނެއެވެ. ޖޫލް ބޭނުމީ ކެމީލާ އުޅޭހާ ގޮތަކަށް އުޅުމަށެވެ. އެހާވެސް އެކުއްޖާއަށް ކެމީލާ ޚާއްސައެވެ.

ނާޔަލް ބޭރުން އައިއިރު ކެމީލާ އިނީ ސިޓިންރޫމްގެ ކައުޗްގައި އޮށޯވެލައިގެން ވާހަކަ ފޮތެއްކިޔާށެވެ. ނާޔަލް ކޯޓު ހަރުގައި އަޅުވާލާފައި އައިސް ފައިލާކޮޅުގައި އިށީދެ ކެމިލާގެ ފައި އުނގަށްލިއެވެ. ނަމަވެސް ފަޔަށް ބޯ އިސްޓާނީކެއް އަރުވާލައިގެން އިނުމުން ހަމުގައި އަތް ޖައްސައެއްނުލެވުނެވެ. ފައި ދަމައިގަންނަން އުޅެފައިވެސް ކާމިޔާބުނުވެގެން ކެމީލާ ހާސްވާގޮތްވިއެވެ. ނާޔަލްއާއިއެކު މިވީ ދުވަސްކޮޅުގައި ނަސީބަކުން އޭނަގެ ފަރާތުން ގޯނާތަކެއް ކުރިމަތިވެފައެއް ނެތެވެ. އެންމެ ކުޑަވެގެން ދެވަނަފަހަރަށް ބުރުގާ ނަގާކަށްވެސް ނޫޅުނެވެ. ހަށިގަނޑުގެ ވަނާތައް އެނގޭނެ ހެދުމެއް ލައިގެން ހުއްޓާވެސް ނުފެންނާނެއެވެ. އޭނަ ބަލާކަށްވެސް ނޫޅެއެވެ. އެހެންވެ ނާޔަލްގެ ކައިވެނީގެ މަގުސަދާއިމެދު ސުވާލު އުފެދުނު ކިތަންމެ ފަހަރެއް އައެވެ. ކެމީލާގެ ހިތް އަތުލާންވެގެން މަޑުން ހުންނަނީބާވައެވެ. ކިތަންމެ ދުވަހެއް ވިޔަސް އޭނަގެ ހިތަކުން ނާޔަލްއަށް ޖާގައެއް ނުލިބޭނެއެވެ. އެހިތްވަނީ ކައިޒާންއަށް މާކުރިން ހަދިޔާކުރެވިފައެވެ.

"ހަމަ ފޫހިވެފައި ތިހެން އޮންނަނީ. ކޮން ވާހަކައެއް ތިކިޔަނީ؟ "

"ދަ ކައިޓް ރަނާ. ރޮމެންޓިކް ވާހަކައެއްތަ.." ނާޔަލް ކިޔައިލިއެވެ.

"ނޫން. ރޮމެންޓިކް ވާހަކަ ކިޔާހިތެއް ނުވޭ އަހަންނަކީ ރޮމެންޓިކް މީހެއްނޫން.." ކެމީލާ ރުންކުރުރާގަކަށް ކިޔައިލިއެވެ.

ކުއްލިއަކަށް މީހަކު ދޮރު މައްޗަށް އެރިހެން ހީވެފައި ނާޔަލް ބަލައިލިއެވެ. ދޮރުމަތީގައި ހުރީ ކައިޒާންއެވެ. ކައިޒާންގެ މޫނަށް ބަލައިލުމުން ރުޅިގަދަވެފައިވާ މިންވަރު ފެންނާން ހުއްޓެވެ. އަޅިފެހި ދެލޮލުގެ ކުލަ ތަންކޮޅެއްގަދަވެ ބުމަ ކައިރިކޮށްލެވިފައިވީއިރު ދަތްތައްވެސް ބާރުކޮށްލައިގެންނެވެ. ކެމީލާއަށްވެސް ކައިޒާން ފެނުމުން ފުންމައިގެން ތެދުވެ ދުއްވައި ނުގަނެވުނީ ހަމަކިރިޔާއެވެ. ކައިޒާން ފެނުމުން ހިތަށް ލިބުނު ފިނިކަމާއި އެއްވަރަށް ހިތަށް އަސަރުތަކެއްވެސް ކޮށްފިއެވެ. ރީތިކޮށް ފުނާ އަޅާފައިވާ އިސްތަށިގަނޑުގައި ކޮންމެވެސް ވަރަކަށް ސްނޯ ހަރުލާފައިވާއިރު ހާދަ ހިތްގައިމެވެ. ތުނބުޅިމަތިމަސް ބާލާފައި ހުއްޓަސް އެހާ ފިރިހެންވަންތައެވެ. އެތެރެއިން ލާފައި ހުރި ގަމީހާއިއެކު މަތިން ކޯޓެއްލާފައި ހުރިއިރު ސްމާޓްކަމުން ހިތަށް ބާރުކުރިއެވެ. ނާޔަލް ކެމިލާގެ ފައި ކައުޗް މަތީ ބޭއްވުމަށްފަހު ތެދުވެގެންގޮސް ކައިޒާންގެ ކުރިމަތީގައި ހުއްޓުނެވެ.

"ހޭއި......އޮފީހުންތަ؟ އެތެރެއަށް ވަދޭ..... " ނާޔަލް އަހައިލިއެވެ.

"މިގެއަށް ވަންނާކަށް ނޫން މިއައީ. އަހަރެން މިއައީ ސުވާލެއްކޮށްލަން. އެންމެ ކައިރީގައި ހުރި މީހާ ތިހާވަރެއްގެ ކެއްސެއް ދިނީ ކީއްވެ؟ އެންމެ ބޮޑަށް އިތުބާރުކުރި އެކަކު ތީ. އަހަރެން ކެމީލާގެ ބައްޕައަށް ވަލީ ސިޓީ ހޯދަން ގުޅާދޭން އެދުނީމަ އެކަމުގެ ފައިދާ ނެގީ. ތިމާ އަމިއްލަ ނަމުގައި ވަލީ ހޯދަން އެދުނީ. ކީއްވެ ކީއްވެ. ދުވަހަކު އިތުބާރެއް ނުކުރެވޭނެ..........." ކައިޒާން އަތް މުށްކަވައިލިއެވެ.

"އެންމެނަށް ފައިދާ ހުރިގޮތަކަށް ކުޅިގަނޑު އަތުރައިލަން ބޭނުންވީ. ކެމީލާއަށް އަނިޔާއެއް ލިބެން ބޭނުމެއްނުވީ. ކައިއަކަށް އެހާ ފްރެޖައިލް އަންހެންކުއްޖެއް ނުގެންގުޅެވޭނެ. ޔޫ ވިލް ބްރޭކް ހާ. އެހެންވީމަ ހަގީގަތް އެނގުނީމަ ކެމީލާއަށްވެސް މާ ބޮލަށް ފަސޭހަވާނެ ދޯ އަހަންނާއިއެކު އުޅެން.." ނާޔަލް ބުނެލިއެވެ.

"ފ..... ޔޫ " ކައިޒާން ދުވަހަކު ނުކިޔާ ފަދަ އެއްޗެއް ބުނެ ހަޅޭއްލަވައިގަތުމާއިއެކު ނާޔަލްގެ ކަރުގައި ހިފައިގަތެވެ. އެވަގުތު ނާޔަލްގެ ފަހަތުން އައިސް ހުއްޓުނު ކެމީލާ ފެނުމުން ކައިޒާން އަށް ނާޔަލްގެ ކަރުން އަތް ދޫކޮށްލެވިއްޖެއެވެ. ބޭ އިޚުތިޔާރުގައެވެ. ކައިޒާންގެ ލޮލުން ފެނުނީ ހިތާމައާއި ވޭނެވެ. ބޭވަފާތެރިވީ ކީއްވެހެއްޔޭ އެދެލޯ ސުވާލުކުރާފަދައެވެ. ކައިޒާންއަށް ކެމިލާ މޭގައި ޖައްސާލައިގެން ހުރި ވާހަކަފޮތަށް ވެސް ބަލައިލެވުނެވެ. ކެމީލާ ހަމަޖެހިލައިގެން އުފާވެރި ދިރިއުޅުމެއް ނާޔަލްއާއިއެކު އުޅޭކަން ސާބިތުވީއެވެ. ނޯޔާ ބުނީ ތެދެކެވެ. ކެމީލާ ނާޔަލްއާއި ހިތާވީއެވެ. އޭނައަށް ބޭވަފާތެރިވީއެވެ. ކެހިދިނީއެވެ. ކައިޒާން ސްތެޗޫއެއް ހެން ހުއްޓުން އަރާފައި ހުއްޓާ ނާޔަލް ކައިޒާންގެ މޭގައި އަތް އަޅާ ކޮށްޕާލައިފިއެވެ. އެހާ ބާރަކަށް ނޫނެވެ. ތަދުވީ ކެމިލާއަށެވެ. ނާޔަލްދެކެ ކުރިއަށްވުރެ ފޫހިވިއެވެ. އޭނަގެ ލޯބިވެރިޔާއަށް ކުޑަ ކުޑަ އަނިޔާއެއްވެސް ދޭތަން ބަލާކަށް ކުޅަދާނައެއްނޫނެވެ. ހިތަށް ކުރި އަސަރުން ލޮލުން ކަރުނަ ހިލުވާލައިފިއެވެ.

"ކާމް ޑައުން ކައި. ލައިކް އައި ސެޑް ކެމީލާއާއި އަހަރެން މާ ކުރިއްސުރެ ގުޅުން އޮވޭ ކައި މާފަހުން ތިކަމާއި އުޅެންފެށީ. އަހަރެމެންނަކީ ބެސްޓް ފެރްންޑުންކަމަށް ވަންޏާ އިތުބާރުކުރަންޏާ ކައި ކެމީލާ މަތިން ހަދާން ނައްތާލާ. ސްޓޭ އެވޭ ފްރޮމް އަވާ ލައިފް. އެންމެނަށް ރަގަޅު ގޮތަށް ކަންތައް މި ކުރީ....." ނާޔަލް ގެ ލޮލުން ފެނުނީ ނުރުހުމުގެ ކުލަވަރެވެ. މިގޮތަށް އަންގާވެސް ނުލާ ކައިޒާން އައުމުން ވަރަށް އުދަގޫވެއްޖެއެވެ.

"ތިކަހަލަ ފްރެންޑެއް މީހަކަށް ނުލިބުނިއްޔާ ވެދާނެ..." ކައިޒާން ލޯ ހަނިކޮށްލިއެވެ.

"ބޭނުމެއްނޫން ހަގުރާމައެއް ފަށަން އިނގޭ. ސްޕެޝަލީ މޮޅުވާނީ ކާކުކަން އެނގޭއިރު. ނައު ގޯ ހޯމް.....ގުޑްބައި.." ނާޔަލް ކައިޒާންގެ މޫނުމަތީ ދޮރު ލައްޕާލައިފިއެވެ. އޭރު ވެހެމުން ދިޔަ ސްނޯ ބޯކޮށްލައިފިއެވެ. އެ މަންޒަރު ފެނި ހިތް ކުދިކުދިވެގެން ދާ ހާލު ދޮރު ހުޅުވަން ވެގެން ކެމީލައަށް އަތް ދިއްކޮށްލެވުނީ ބޭ އިޚުތިޔާރުގައެވެ. ރޮމުންނެވެ. ނާޔަލްވެސް ހުރީ ނައްޓާފައެވެ. ކެމީލާ ގެ އަތުގައި ހިފާ ސިޑިއާއި ދިމާލަށް ދާންފެށިއެވެ.

"ލީވް މީ އެލޯން ޔޫ މޮންސްޓާ.." ކެމިލާ ހަށިގަނޑުން ވާގި އެއްކޮށް ދޫކޮށްލާފައި ބިމަށް ސޮއްސާލައިފިއެވެ. "ޔޫ ހާޓް ހިމް. އައި ވިލް ނެވަ ފޮގިވް ޔޫ..އެވާ.. ދުވަހަކު ކައިޒާންގެ މަގާމަކަށް ނާދެވޭނެ. އަހަރެންގެ ނަފްރަތުވެސް ޑިޒާވް ވާ މީހެއްނޫން ތީ. އެއަށްވުރެވެސް ދަށް ފެންވަރަކަށް ވެއްޓިއްޖެ..."

ކެމީލާއަށް އެވަރުނުވާންވީ ކިއްވެހެއްޔެވެ؟ އޭނައަށް ތަކުރާރުކޮށް ފެންނަނީ ކައިޒާންގެ ލޮލެވެ. އެލޮލުން ފެނުނު އަނިޔާއެވެ. ޝަކުވާއެވެ. މާޔޫސްކަމެވެ. ނާޔަލްއަށްޓަކާ އެލޮލުގައިވި ނަފްރަތުގެ އެއްވެސް ކުލައެއް ފަހުން ފެންނާކަށްނެތެވެ. އޭނަ ފެނުމާއިއެކު ކައިޒާންގެ މޫނުމައްޗަށް އެއައި ބަދަލު ހާދަ ރީތިކޮށް ފާހަގަކުރެވުނެވެ. އެއީ ކެމީލާ މަރުވާންދެންވެސް ހިތުން ނުފިލާނެ ހިތްދަތި ވަގުތުކޮޅެކެވެ.

"ހާޓް އެންޑް ބިޓްރޭޔަލް....." ކެމީލާގެ ހިތް ރޮނީއެވެ. އެހިތް އާދޭސްކޮށް ރޮނީ ކައިޒާން ގާތަށް ދިޔުމަށެވެ. ކައިޒާންގެ ފައިބުޑަށް ވެއްޓި މާފަށް އެދުމަށެވެ. އޭނަ ބޭފަތާރި ނުވާކަމާއި ލޯބިވާވަރު ހާމަކޮށްދިނުމަށެވެ. ނާޔަލްގެ އަނިޔާވެރިކަމާއި އޭނައަށް ކުރި މަޖުބޫރު އަންގާދިނުމަށެވެ. ކައިޒާން އެގެއަށް އައިއިރު އަދި ފެނުނީ މާ ރަގަޅު މަންޒަރެއްވެސް ނޫނެވެ. އޭނަގެ ފައި ނާޔަލްގެ އުނގަށް ލައިގެން އެފައިގާ ހިފަހައްޓާލައިގެން ނާޔަލް އިންދައެވެ. ނޫނެކެވެ. ކައިޒާންއަށް ހަގީގަތް އެނގެންވާނެއެވެ. އެހިތުގައި އޭނައަށްޓަކާ ނަފްރަތު އުފެދިގެން ނުވާނެއެވެ. ކައިޒާންގެ ހިތް ސާފުވާނީ އޭރުންނެވެ. ނަމަވެސް އޭރުން ކައިޒާން އަދި މާ ދެރަވާނެއެވެ. ނަފްރަތު އުފެއްދުމުން އޭނަގެ މަތިން ހަދާންނައްތާލަން މާ ފަސޭހަވާނެ ނޫންހެއްޔެވެ. ދެރަވެގެންގޮސް ކަރުނަތައް އޮބިނޯވެގެން ފައިބަމުން ދިޔައެވެ. ސިޑީގެ ބުޑުގައި އިށީދެލައިގެން ފަތްތަރު މަތީ ބޯ އަޅާލައިގެން އޮވެ ކެމީލާ ރޮމުން ދިޔަ މަންޒަރު ބަލަން ހުރެފާ ނާޔަލް ސިޑިން އަރައިގެންގޮސް އޮބާލައިފިއެވެ.

ނާޔަލް އެގޮތަށް ދޮރު ލެއްޕުމުން ކައިޒާން އިރުކޮޅެއްވާންދެން ދޮރުގައި ބޯ ޖައްސާލައިގެން ހުރެލާފައި އަނބުރާލާފައި ދާން ހިނގައިގަތެވެ. ނަމަވެސް ވަކި ހިސާބަކުން ކެތްތެރިކަން ކޮޅުންލައިފިއެވެ. އެދެލޮލުން ފެންނަން ހުރީ ރުޅީގެ ބަދަލުގައި އިންތިހާ ދަރަޖައިގެ ހިތާމައާއި ވޭނެވެ. ވޭނުން ކަޅިވެފައިވާ ދެލޮލުން އެނގުމަކާއި ނުލާ އޮހިގަތް ކަރުނަތައް ކޯތާފަތް ތެންމާލައިފިއެވެ. އޭނަ ދެރަވިޔަސް ރުޅިއަޔަސް މިގޮތަށް ކަރުނަ އޮއްސާފައެއްނުވެއެވެ. ނަމަވެސް އޭނަގެ ހިތަށް އަސަރުކުރީ މާ ބޮޑަށެވެ.

(ނުނިމޭ... )

comment ކޮމެންޓް