ތެލަސީމިއާ ކޮންޓްރޯލު ކުރުމާ ބެހޭ ފޯރަމެއް ފަށައިފި

ތެލެސީމިއާ ކޮންޓްރޯލް ކުރުމާ ބެހޭ ފޯރަމްގެ ތެރެއިން---

ތެލަސީމިއާއާ އެކު އުފަންވާ ކުދިން ރާއްޖޭގައި އިތުރުވާ މިންވަރު ކޮންޓްރޯލް ކުރުމާ ބެހޭ ފޯރަމެއް އިއްޔެ ފަށައިފިއެވެ.

ލޭ އަޅާ މީހުން ވަކާލާތުކޮށް ދުޅަހެޔޮ ބަޔަކަށް ހެދުމަށް ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްދޭ ފަރާތްތަކުން ބައިވެރިވާ ފޯރަމް އައިޖީއެމްއެޗުގައި އިއްޔެ ފައްޓަވައި ދެއްވައި، ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ތެލަސީމިއާ ކުދިން އުފަންވާ މިންވަރު ކޮންޓްރޯލު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

"ފާއިތުވެ ދިޔަ ހަތަރު އަހަރާއި ބައިގައި މި ސަރުކާރުން ވަނީ ތެލަސީމިއާ ކޮންޓްރޯލްކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި. ބޯންމެރޯއަށް ވެސް ގިނަ ކުދިންތަކެއް ވަނީ ފޮނުވާފައި،" މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ 40 ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ކާމިޔާބުވެފައި ވާއިރު، އިތުރު ފަސް ކުއްޖެއް ވެސް ބޯންމެރޯ ހެދުމަށް ބޭރަށް ފުރުވާލާފައިވާ ކަމަށެވެ.

ލޭ އަޅާ 600 އަށް ވުރެ ގިނަ ކުދިން ރާއްޖޭގައި އުޅޭ އިރު މިނިސްޓަރު ވިދާޅުވީ މި ބަލި ކޮންޓްރޯލް ކުރުމަށް ސައިޕްރަސްއާ އެކު ފެށި މަޝްވަރާތަކާ ގުޅިގެން އަމަލީ މަސައްކަތްތަށް ވެސް އަވަސް މުސްތަގްބަލެއްގައި ފެށިގެންދާނެ ކަމަށެވެ.

ތެލެސީމިއާ ކޮންޓްރޯލް ކުރުމާބެހޭ ފޯރަމްގެ ތެރެއިން---

ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އައިޖީއެމްއެޗްގެ ފެމެލީ ޑޮކްޓަރު ޑރ. ނިޔާޝާ އިބްރާހިމް ވިދާޅުވީ އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ފޯރަމްގައި ޑޮކްޓަރުން އަދާކުރާ ދައުރު ފުޅާކުރުމަށް މަޝްވަރާކުރާނެ ކަމަށާއި ތެލަސީމިއާ ބަލީގެ އިތުރުން އެކި ސިއްހީ ބަލިތަކުގެ މައުލޫމާތު ޑަކްޓަރުންނަށް ދޭނެ ކަމަށެވެ.

"ރާއްޖޭގެ ތެލަސީމިއާ ހާލަތަކީ ލޭ އަޅާ ކުދިން އުފަންވާ މިންވަރު މަދުނުވުން. އަދި އެފަދަ ކުދިން ހަގު އުމުރުގައި މަރުވުން. ނަމަވެސް މިއީ ކޮންޓްރޯލް ކުރެވޭނެ ކަންތައްތައް." ނިޔާޝާ ވިދާޅުވިއެވެ.

comment ކޮމެންޓް