ތަފާތު ލޯތްބެއް (21)

ސްނޯވެހެން ފެށީއެވެ. އުމުރުގައި ފުރަތަމަ ފަހަރަށް ސްނޯގެ ހިތްގައިމުކަން ބަލައިލަން ލިބުނީ އެންމެ ނަފްރަތުކުރާ މީހާއާއިއެކުގައެވެ. އެހާ ހިތްގައިމު މަންޒަރެއް އުމުރުދުވަހުވެސް ދުށީއެއް ނޫނެވެ. އެހާ ރީއްޗެވެ. އާޝޯޚުވާހާ ފުރިހަމައެވެ. އެސްފިޔަ ޖަހައިލަން ނޭގި ބަލަން ހުއްޓާ މަޑުމަޑުން ހުރިހާތަނެއް ހުދުވާންފެށިއެވެ. ގަސްގަހުގެ ގޮފިތަކާއި ބަގީޗާގައިވާ ބޮކިތަކުގެ ދަނޑިތަކަށް ދާންދެން ސްނޯ ހަރުލީ ދާދިކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ބިންމަތީގައި ގަނޑުފެނުގެ ދޫލަ އަޅާ ހުރިހާތަނެއް ތާޒާކުރުވައިފިއެވެ. އާޝޯޚުވެ ހައިރާންވެފައި ކެމީލާ ހުރިއިރު ނާޔަލްގެ މަތިންވެސް އިރުކޮޅަކަށް ހަދާން ނެތިއްޖެއެވެ.

"ޔޫ މޭކް ދަ ސީން ޕާފެކްޓް..." ނާޔަލްގެ ޖުމްލައިގެ އަޑު އިވިގެން އެނބުރި ބަލައިލިއިރު އޭނަ ހުރީ ކެމެރާ ހިފައިގެން ފޮޓޯ ނަގާށެވެ. ކެމީލާ ވަގުތުން މޫނަށް އަތް ހުރަސްކޮށްލީ އެކަން މަނާކުރުމުގެ ގޮތުންނެވެ.

"ޑޯންޓް ބީ ލައިކް ދިސް. މިހާރު ފޮރުވަން އުޅުމުގެ މާނައެއް ނެތެއްނު. މަގޭ އަންހެނުންނަށް ހަދާފައި ތިހިރީ......." ނާޔަލް ކެމިލާގެ ދެއަތުގައި ހިފާ މޫނުން އަތް ނެއްޓުވިއެވެ.

"މިހާރު އެގާރަ އެޖެހީ. ފިނިމޫސުމްގައި ފަހެއްނުޖަހަނީސް ގިނަދުވަހު އިރުއޮއްސޭނެ. ކެޓްއަށް އަހަރެންގެ ޑިނާ ގަޑިވެސް އެގެންވާނެ ދޯ. އާއްމުކޮށް ސިކްސްގައި ކައިގެން ހަތެއްޖަހާއިރު އެއީ އަހަރެންގެ ބެޑްޓައިމް. އެންޑް އައި ކާންޓް ވެއިޓް ފޯ ޓުނައިޓް............." ނާޔަލް އެއްބުމަ އަރުވައިލަމުން ކެމީލާގެ މޫނުގައި އަތް ބީއްސައިލިއެވެ. އަލިފާނަށް ދަރުއެޅުންފަދަ އަމަލަކަށްވިއެވެ. ކެމީލާއަކަށް ރުޅި މައިތިރިއެއްނުކުރެވުނެވެ.

"ދުރުގައި ހުރޭ.." ކެމީލާ ނާޔަލްގެ މޭގައި އަތް އަޅާ ކޮށްޕާލަން އުޅުނެވެ.

"ދުރުގައި ހުންނާނީ އެންމެ ގޮތެއްގެ މަތިން އިނގޭ. މި ނަގާބަލަ........" ނާޔަލް ޝޯލް ނަގަން އުޅުމުން ކެމީލާ ގަދަހަދާފައި ނާޔަލްގެ އަތުގައި ހިފާ ދުރުކުރަން ކިތަންމެހާވެސް މަސައްކަތްކުރިއެވެ. ޝޯލް ނަގަންޖެހުނީ ގަދަކަމުންނެވެ. ބޯ ފަން އިސްތަށިގަނޑު އޮތީ ވޫލްކޮޅަކުން އައްސާލާފައެވެ.

"މިއީ ކާކު ދިން ގިފްޓެއްތަ؟ އައިމް ސޯ ކިއުރިއަސް...." ނާޔަލް ކެމިލާގެ އޮމާން ކަނދުރާގައި ވިދަ ވިދާ އޮތް ފަށުގައި އިނގިލިތައް ޖައްސައިލިއެވެ. އަތްތިލަ ކަނދުރާގައި ޖެހިލުމުންވެސް އަލިފާން ޖެހުމެކޭ އެއްވަރެވެ. ކެމީލާއަށް އުދަގޫވިއެވެ. ބިރުވެސް ގަތެވެ. އެ ފަށަށް އޮތް ލޯބި ނާޔަލްއަށް އެނގޭއިރަށް ފަށް ހަލާކުކޮށްލާކަށްވެސް ފަހެއް ނުޖެހޭނެއެވެ. އެއީ ކައިޒާންދިން ހަދިޔާއެއްކަން ނުބުންޏަސް ނާޔަލް ދެނެގެންފާނެއެވެ. ނާޔަލް އެފަށް އަތުތެރެއަށް ލާފައި ބަލަން ހުރީ ނުލަފާ ހިންޏެއް އައިސްފައެވެ. ފަށަށް ބަލާފައިވެސް އެހާ އަގުބޮޑު ހަދިޔާއެއް ދެވޭނީ ހަމައެކަނި ކައިޒާންއަށްކަން އެނގުނީއެވެ.

"އަހަރެން ބޭނުމެއްނޫން ކައިގެ ހާޓް ބްރޭކްކުރާކަށް. ބުރުގާ ނާޅާ ނުފެންނައްޗޭ..............." ކައިޒާންގެ ނަން ކިޔުމުން ކެމީލާގެ ދެލޮލުން ކަރުނަ ހިލުނީ ހިތަށް ކުރި ނުބައި އަސަރަކުންނެވެ. ކައިޒާންގެ އޯގާތެރިކަމާއި ރީތި ހިނިތުންވުން އަދި ލޯތްބާއި ވަކިވާން ޖެހުނުކަމަށްޓަކާ އޭނަ ހިތާހިތުން ކަރުނަ އޮއްސިއެވެ. އޭނަފަދަ ބަދުނަސީބު އަންހެންކުއްޖެއް މި އުޑު ހިޔާދަށަކު ވާނެހެން ހިޔެއްނުވެއެވެ. ނަމަވެސް އޭނަ ކެތްތެރިވިއެވެ. މުއުމިނުން ބަދުނަސީބޭ ކިޔައިގެން ޝަކުވާއެއް ނުކުރާނެއެވެ. ތަފާތު އެކި އިމްތިހާނުތައް ކުރިމަތިކުރުވާ މުސީބާތްތައް ޖެއްސެވިޔަސް އެކަމަކީ އެއަށްވުރެ މޮޅެއް ލިބެން ނޫނީ އެއަށްވުރެ ބޮޑުކަމަކުން ސަލާމަތްވާން ދިމާވި ހާދިސާއެއްކަން މުއުމިނުން ގަބޫލުކުރަން ޖެހޭނެއެވެ. ހިތާހިތުން ރުޔަސް ކެމީލާ ކެތްތެރިވާން މަސައްކަތްކުރިއެވެ.

ނާޔަލް އޭނަ ކުރަހަންފަށާފައިވާ ކެމީލާގެ ތަސްވީރު ނިންމަންވެގެންނޭ ކިޔާފައި މަތީބައިގާވާ ސްޓޫޑިއޯއަށް ގެންދިޔައެވެ. ކުރެހުންތެރިއެއްގެ ހުވަފެނީ ސްޓޫޑިއޯއެވެ. ބޭނުންވާހާ ފުރިހަމައަށް އައްޔާއި ވައި ލިބޭ އަރާމު ތަނެކެވެ. ކޮންމެ އެއްޗެއް ބަހައްޓާފައިވަނީ ތަރުތީބުންނެވެ. ކޮޓަރީގެ ފާރުތައް ފަޅުފިލުވާލާފައިވަނީ ތަފާތު ވައްތަރުގެ މަންޒަރުތަކުންނެވެ. އޮއިލް ޕެއިންޓިންތަކާއި ބައެއް ސެކެޗްތައް ފްރޭމްތަކަށްލާފައިވެއެވެ. ޝައުގުވެރިވަނިވި ބިނާކުރުވަނިވި ކުރެހުންތަކެވެ. ބައެއް ކުރެހުންތަކުން ކެމީލާއަށް މާ ބޮޑު އެއްޗެއް ދޭހައެއްނުވިއެވެ. އެކިކަހަލަ ޑިޒައިންތަކަށް ކުރަހާފައިވާއިރު ހަގީގީ ކުރެހުމަކާއި ވައްތަރު އެއްޗެއް ނެތެވެ. "އެބްސްޓެރެކްޓް" ކުރެހުމަކީ މިއީބާވައެވެ. ކޮޓަރީގެ މެދުގައިވާ މޭޒުމަތީގައި ނާޔަލް ޕެއިންޓްކުރާ ސާމާނުތައް އަތުރަންފެށިއެވެ.

"އަންހެންކުދިންގެ ބެސްޓްފެރްންޑަކީ ޖްވެލެރީ. ހުރިހާ އަންހެންކުދިންނެއް ބޭނުންވާނެ ގަހަނާ. އަގުބޮޑު ޖަވާހިރުތައް. އެއާއި ނުލާ އަންހެންކުއްޖެއްގެ ރީތިކަމާއި ސްޓައިލިޝްކަން ފުރިހަމަނުވާނެއޭ އަހަރެން ބުނާނީ. މިއީ ގާތްގަނޑަކަށް ސަތޭކަ މިލިއަން ޑޮލަރުގެ އަގުހުރި ޖަވާހިރު ހާރެއް. މި އެކަށީގެންވަނީ ހަމައެކަނި ކުއީންއަކަށް ނޫނީ ވަރަށް ޚާއްސަ އަންހެނެއްގެ ކަނދުރާ ފަޅުފިލުވައިލަން. ކޮންމެ ކޮންމެ މީހެއްގެ ކަނދުރާއަކާއި މިހާ އަގުބޮޑު އެއްޗެއް އެކަށީގެނެއްނުވޭ. މިއީ އަހަރެން އަމިއްލައަށް ގަތް އެއްޗެއްނޫން. އެންމެ އަގު ބޮޑު އެއް އެއަރލޫމް. ހޫރުމާމަވެސް ބޭނުންކުރި އެއްޗަކަށްވަނީ. އަހަރެންގެ ބައްޕަ އަދި މަންމަގެ އާއިލާވެސް ޖަވާހިރު ވިޔަފާރިކުރާ ބަޔަކަށްވާތީ ކަން ނޭގޭ ދެއާއިލާ ގުޅުނީ. ކާފަ ބުނާގޮތުން ވިއްޔާ މި ފަށުފުލުގައި މިއޮތީ ދުނިޔެއިން ނުފެންނަ ވައްތަރުގެ ނާދިރު ޖަވާހިރެއް. އެންމެ އަގުބޮޑު ޖަވާހިރު ހާރާއި އަނގޮޓި އަޅުވާލާފައި އަހަރެންގެ އާޓް އެންމެ ފުރިހަމަވާނީ. " ނާޔަލް ކެމީލާގެ ކަނދުރާގައި އަޅުވާލަދިނީ އަންހެންކުއްޖަކު އެންމެ ހިތްއެދޭފަދަ ރީތި ހާރެކެވެ. ހިތުގެ ބައްޓަމާއި އެހެން ބައްޓަންތަކުގެ ޖަވާހިރުން ގަތާލެވިފާވާ އެހާރުގެ ފަށުފުލުގައި އޮތީ އަދި ވަކިން ބޮޑު ޖަވާހިރެކެވެ. ދަޅަތައް އެކިފަރާތްފަރާތަށް އަރައިގެންދެއެވެ. ނާޔަލް ބުނީ ޓައިޓޭނިކްގައި ރޯޒް އަމިއްލައަށް އެދިގެން ޖެކް ސްކެޗެއް ކުރަހާލަދިންކަމުގައެވެ. އޭގައި ރޯޒް އަޅާފައިވާ "ހާޓް އޮފްދަ އޯޝަން" ފަށަކީ ހަގީގަތުގައި ވިހި މިލިއަން ޑޮލަރުގެ އަގުބޮޑު ހާރެއް އަސްލަކަށް ބަލައިގެން ހަދާފައިވާ ނަގުލީ ހާރެއް ކަމުގައި ނާޔަލް ބުނެލިއެވެ. އޭނަ ބޭނުންވަނީ ދުނިޔޭގައި ހުރި އެންމެ ރީތި އަންހެންކުއްޖާ ކުރެހުމުގެ ޝަރަފު ހޯދާށެވެ. ޖެކްއަށްވުރެ މޮޅަށެވެ. އެއަށްވުރެ އަގުހުރި ހާރެއް އަޅުވާފައެވެ.

"އަހަރެން ބޭނުމީ ޖެކް ރޯޒް ކުރެހި ފަދައިން ކެޓް ކުރަހަން...." ނާޔަލް އެއްލޯ މަރައިލިއެވެ.

"ޑޯންޓް ޔޫ އީވެން ޑެއާ......" ކެމީލާ ތުން ފިތައިލިއެވެ. ލޮލަށް ކިރިޔާ ކަރުނަ ޖަމާ ނުވެ ހުރިކަމެވެ. ކެމީލާއަށް ވީގޮތްތައް ފެނިފައި އަދި ނާޔަލް ހޭންފެށިއެވެ. ނާޔަލް ބޭނުންހާ ސާމާނުތައް ހަމަކޮށްލާފައި ކެމީލާގެ އަތުގައި ހިފައި ގަދަކަމުން ކަހަލަގޮތަކަށް ގެންގޮސް ކައުޗްގައި ބޭއްވިއެވެ. އިސްތަށިގަނޑު ކައުޗްމަތީގައި ފަތުރާލާފައެވެ. އޭރު ކެމީލާ ހީވަނީ ދެންމެދެންމެ ރޮއިގެންފާނެހެންނެވެ. ބިރުންގޮސް ޕެނިކްއެޓޭކެއް ޖެހޭވަރުވިއެވެ. އޭނައަށް ޔަގީނެވެ. ނާޔަލް އެކުރަހަނީ ހެދުމެއް ނުލައްވައެވެ. އެކަހަލަ މީހުން ޚިޔާލަށް ގެނެސްގެން ހަށިގަނޑު ކުރަހާލަފާނެއެވެ. ޖެކްވެސް ކުރެހީ ރޯޒްގެ އެކަހަލަ ތަސްވީރެއް ނޫންހެއްޔެވެ. ހަމައެކަނި ހާރު އަޅުވާލާފައެވެ. ނާޔަލް އިތުރު އެއްޗެކޭ ނުބުނެ ޕެއިންޓްކުރަންފެށިއެވެ. މޫނުމަތިން ފެނުނީ ސީރިޔަސްކަމެވެ. ކުރެހުމުގެ ތެރެއަށް ގެއްލިފައި ހުރިވަރު ދެލޮލުން ފާޅުވެއެވެ. އޮޅިގެން މޫނުގައި އަތްލެވެނީކަން ނޭގެއެވެ. ނާޔަލްގެ މޫނުގައި ކުލަ ހޭކިފައި ހުއްޓެވެ.

ކެމީލާ އެހެން އޮވެ އޮވެ ފޫހިވެގެންގޮސް ނިދެން އުޅެނިކޮށް ކުއްލިއަކަށް ސިއްސައިގެން ދާގޮތްވީ ނާޔަލް އައިގޮތަށް އެތާ އޮތް ރަޖާ އޭނަގެ ބޮލާއިއެކު އެޅުމުންނެވެ. ކޮންމެވެސް ވަރަކަށް ހާސްވެ ރުޅިގަދަވެ ރަޖާގަނޑު ދަމައިގަންނަން އުޅުނީ ނާޔަލްގެ މަގުސަދު ނޭގިފައެވެ. ނާޔަލް ބޮލުގައި އަތް އަޅާ އެއްގޮތަކަށްވެސް އެކަން ވިޔަކަ ނުދިނެވެ. ސަބަބު އެނގުނީ މީހަކު އިނިގިރޭސިން ވާހަކަދެއްކި އަޑުއިވިފައެވެ.

"އިޒް އިޓް ވަން އޮފް ޔޯ ގާލްސް އެގެއިން؟ ދޭ އާ އެވްރީވެއާ. ފެންނަ ކޮންމެ އަންހެންކުއްޖަކު ބުނާނީ ނާޔަލްގެ ގާލް ކަމަށް. މިވާގޮތުން ނާޔަލް ހުއްޓާ އަހަރެމެންނަށް އަންހެންކުއްޖެއް ލިބޭކަށް ނެތެއްނު..... " އެ ޒުވާނާ ވާހަކަދެއްކިއެވެ. ނާޔަލްއާއި އެކުވެރިޔާ ނުކުމެގެން ގޮސް ފިޔަވަޅުގެ އަޑު ކެނޑުމުން ކެމީލާ ބުމަ ކައިރިކޮށްލިއެވެ. އެހާ އަންހެންކުދިންނާއިއެކު ގުޅުން ބާއްވާ މީހަކު އެވަރުން އޭނަ ހޯދަންވީ ކީއްކުރަންހެއްޔެވެ. ނާޔަލްގެ މަގުސަދަކީ ކޮބާހެއްޔެވެ. އިސްތަށިގަނޑު ވޫލްކޮޅުން އައްސާލުމަށްފަހު ޝޯލް އޮޅާލައިގެން ދަމުން ނާޔަލް ކުރެހި ތަސްވީރަށް ބަލައިލެވުނީ އޮޅުމަކުންނެވެ. އޭނައަށް ނާޔަލްއާއިމެދު ވިސްނުނީ ގޯސްކޮށްކަން އެނގުނެވެ. އޭނަ އެހާވަރުން ގެނައީ ހަމައެކަނި އިސްތަށިގަނޑު ކުރަހާލަން ކަންނޭގެއެވެ. އެތަސްވީރުގައި އޭނަ ހުރީ ލަދުރަކި ހިނިތުންވުމެއްގައެވެ. ދެންމެ ނާޔަލް ކުރެހީ އޭނަގެ އިސްތަށިގަނޑާއި ކަނދުރާއެވެ. ޖަވާހިރު ހާރެވެ. އެހެންބައިތައް ކުރަހާފައިވަނީ ކުރިންނެވެ. ބައެއްފަހަރު ބޭރުފުށުން ނުލަފާކަމެއް ދެއްވާފައިވިޔަސް ހިތް ސާފުވެދާނެއެވެ. ނާޔަލްއާއިމެދު ހިތް ސާފުވާން އުޅެނިކޮށް ނާޔަލް އެތަނަށް ވަނެވެ.

" ކެޓް. ދެން ތިހާރާއި އަނގޮޓި ނުނަގައްޗޭ. ވަރަށް ގުޅޭ އެހެންވެ. ވަން މޯ ތިންގް. މިއިން އެއްވެސް ވާހަކައެއް ކައިޒާން ކަންފަތާއި ހަމަޔަށް ފޯރައިގެން ނުވާނެ. އެނގެއެއްނު އޭނަ ސުއިސައިޑްވާން އުޅޭވަރު. މީހަކު ބުނީއެއްނޫން. ކެޓްގެ ލޮލުން އެމަންޒަރު ދެކެފައިވާނީ. ކައިޒާން ހިތްހަލާކުވާފަދަ އެއްވެސް ކަމެއް އޭނައަށް ނާންގައްޗޭ. ނޫނީ ކައިޒާން މޮޔަކޮށްލާފައި އަބަދަށްޓަކާ ހޮސްޕިޓަލުގައި ބާއްވާނީ...." ނާޔަލް ނުލަފާ ގޮތަކަށް ހީލިއެވެ.

"އަހަންނަށް ގެއަށް ދެވިދާނެތަ؟ ތަންކޮޅެއް ކުރިން ބުނި ހަދާނެއްވޭ އެހެންމީހުންނަށް މިކަން ނާންގާށޭ. ނާންގަން ބޭނުމިއްޔާ ހުންނަން ޖެހޭނީވެސް އެހެން މީހުންނާއެކު ގޭގައި. މީހުންގެ ހިތުގައި ސުވާލު އުފައްދަން މިގެއަކު ނުހުރެވޭނެ.........." ކެމީލާގެ އެތެރެހަށި ނަފްރަތުން ފިއްސިނަމަވެސް އޭނަ ވާހަކަދެއްކީ މައިތިރިކޮށެވެ.

"ނުބައިކޮށް ތިވިސްނަނީ. އަހަރެން މެއިޑަކަށް ބޭނުންވެފައި ހުންނަތާ ކޮން ދުވަހެއް. އެހެންމީހުން ކައިރި ބުނާނީ މެއިޑެއްގެ ގޮތުގައޭ ހުންނާނީ. އޭރުން އެނިމުނީ. ކައިޒާންއާއިމެދު ނުވިސްނާ. އަހަންނަށް އެނގޭ އޭނަ ކޮންޓްރޯލް ކުރަން..." ނާޔަލް މާނަވީގޮތަކަށް ހީލިއެވެ.

"ތިބުނީ ކީކޭ..." ކެމީލާ ސިހުނެވެ.

"ކައިޒާންއަށް ފަރުވާކުރަނީ އަހަރެން. އަހަންނަށް އެގޭ ކިހާވަރެއްގެ ޑޯޒެއްދީގެންކަން އޭނަ މައިތިރިވެފައި ހުންނާނީ. ދޭންވީ ބޭސް އަހަންނަށް އެނގޭ. ދުވާލު ހަތަރުދަމު ނިންދަވާފައި ބާއްވާނީ. ރޭގަނޑު ޔޫ ވިލް ބީ އިން މައި ބެޑް ޑާލިން. ކައިޒާން ހީކުރާނީ ކެޓް އޮންނާނީ ކޮޓެޖްގައި މާމަމެން ކައިރި ނިދާފައި ކަމަށް. ބައިދަ ވޭ އަހަރެން ބުނެފާނަން ކައިޒާންއާއިމެދު އަހަރެންގެ ޕްލޭން. އަމިއްލައަށް މަރުވާން އުޅޭ ކުއްޖެއް ދޫކޮށްފައެއް ނުބެހެއްޓޭނެ. އަހަރެންގެ ހޮސްޕިޓަލުގައި ދުވަސްކޮޅަކަށް އެޑްމިޓްކޮށްގެން ފަރުވާދޭން ނިންމާފައިވަނީ...... ހެހެ..." ނާޔަލްގެ ވާހަކަތަކުން ކެމީލާ ހޮޑުލަވާގޮތްވިއެވެ. އޭނަގެ ދިރިއުޅުމަށް އައިސްފައިވަނީ ކޮންފަދަ ނުލަފާ އަނިޔާވެރި ނުބައިބައި ކުޅޭ މީހެއްހެއްޔެވެ. އޭނައާއި އޭނަގެ ލޯބިވެރިޔާ ވަކިކޮށްލަން މިދޭތެރެއަށް ވަދެގަތީ ކޮންފަދަ ނުބައިކޮށްހެއްޔެވެ. އެންމެން ނަފްރަތުކުރާ ފަދަ ސިފަތަކެއްގެ ވެރިޔެކެވެ. ކައިޒާންއާއި ދޭތެރޭ މީނަ އެހާ އަނިޔާވެރިކޮށް ކަންތައްކުރަނީ ހަމަ ޖެއްސުމަށެވެ. ކައިޒާން އެހެން ކަހަލަ ޕާސެނެލިޓީތައް ވުޖޫދަށް އަންނަނީ ދެރަކޮށްލުމުންނެވެ. ރުޅި އަރުވާލުމުންނެވެ. ނާޔަލްއަކީ ނަފްސާނީ ޑޮކްޓަރަކަށްވުމުން ކައިޒާން ރުޅިއަރުވާ ނޫނީ ދެރަކޮށްލައިގެން އެހެން ޝަޚުސްތައް ގެނެވިދާނެއެވެ.

ނާޔަލްގެ ނުބައި ނުލަފާކަމަށް ދޭނެ ނަމެއްވެސް ކެމީލާއަކަށް ނޭގުނެވެ. ހުރިގޮތަށް ހުރި ޝައިތާނެކެވެ. ފޭރޭ މީހެކެވެ. އަންހެންކުދިންނަށް ދުނިޔޭގައި ރައްކާތެރިކަން ނުލިބެނީ މިކަހަލަ ފާހިޝް ކަޅު ހިތްތައްލިބިފައިވާ ފަރުދުންގެ ސަބަބުންނެވެ. މިކަހަލަ މީހުން ނެތިގެން ދިޔުމަށް އެދި ހިތާހިތުން ބަދު ދުޢާކުރެވުނެވެ.

ނާޔަލް ނުކުމެގެން ދިޔުމުން ކައުޗްއަށް ތިރިވިގޮތަށް އަޑުކޮޅަށް ރޯލަން ބޭނުންވިއެވެ. ހުރިހާ އުދާސްތައް ބޭރުކޮށްލީމަ ހިތަށް ކޮށްފައިވާ ބާރު ކުޑަވާނެއެވެ. ނަމަވެސް ރުއިމުގެ ނަސީބެއް ނުލިބުނެވެ.

ކެމީލާ ފޯނަށް ބަލައިލިއިރު ނޯޔާއާއި އުލާވެސް އޭނައަށް މެސެޖްކޮށްފައި ހުއްޓެވެ. އުލާ އިންސްޓަގްރާމްއަށް ބަލާލާފައި އެކުއްޖާ އުފަލުން ހުރިވަރު އެނގުނެވެ. އުލާ އެމެރިކާއަށް އައިގޮތަށް އުފާކޮށް މަޖާނަގަނީއެވެ. އެފަދަ އުފަލެއް އޭނައަށް ހައްގެއްނުވިއެވެ. ފިރިހެނަކާއި ޖެހި އޭނަގެ ހުރިހާ އުފާތައް ނެތިގެން ހިނގައްޖެއެވެ. ހަޔާތް ބަރުބާދުވެއްޖެއެވެ. ކޮޓަރީގައި ބަންދުވެގެން އިންނަން ހަދައިގެން ނާޔަލްގެ އަތްދަށުވެ ދެން ކުރިމަތިކުރުވާނެ ބިރެއް އެނގެނީއެއްނޫނެވެ. ގަދަކަމުން ފޭރިގެންވެސް ނާޔަލް އޭނަގެ ބޭނުން ހާސިލުކުރާނެކަން ހިތަށް އަރާފައި ހާސްވިއެވެ. އޭނައޮތީ ކައިވެނި ކުރި ސަބަބުތައް ކިޔާދީފައެވެ. ކެމީލާ އުލާ ކައިރިން އެދުނީ ގަޑިން މާމައަށް ބޭސްދިނުމަށެވެ. ފިނިން ސަލާމަތްކޮށްދިނުމަށެވެ.

ނާޔަލްގެ މަންމަ ފޮނުވި ކާއެއްޗެހި މޭޒުމަތީ ތައްޔާރުކޮށްލާފައި ނާޔަލް ކެމީލާ ގޮވައިގެން ކާ ކޮޓަރިއަށް އައެވެ. ދެވަނަފަހަރަށް ސްނޯ ފައިބަންފެށި މަންޒަރު ކުޑަދޮރުތަކުން ފެނުނެވެ. ކަންނެތްގޮތަކަށެވެ. ކުދި ޕަރީތަކެއް އެކިގޮތްގޮތަށް ނަށަމުން ބިންމައްޗަށް ތިރިކޮށްލާފަދައެވެ. ފެއަރީޓޭލްއަކުންވެސް މިހާ ރީތި މަންޒަރެއް ނުފެންނާނެއެވެ. ކުޅަދުންވަންތަކަމެވެ. ނާޔަލް ގިނައިން އިނީ ފޯނެއްގައެވެ. އޭނަ ވާހަކަދައްކަނީ ފްރެންޗު ބަހުންކަމަށްވާތީ ކެމީލާއަށް އެކައްޗެއްވެސް ދޭހައެއްނުވިއެވެ. ވާހަކަދައްކަނީ ކާކާއި ކަމެއްވެސް ނޭގުނެވެ. ކައި ނިމުމުން ނާޔަލް ބޭރަށް ނުކުމެފައި އައީ ފުޅިއެއްހިފައިގެންނެވެ. ތުނި ބިއްލޫރި ތަށްޓެއްގެ މެދަކާއި ހަމަޔަށް އެއިން އަޅާފައި ގަނޑުފެންކޮޅެއް ވައްޓައިލިއެވެ.

"ރެޑް ވައިން ފޮދެއް ބޯލީމަ ފިނިކަން ކެނޑޭނީ......" ނާޔަލް ކޯވަރެއް ދަމާލާފައި ކެމީލާގެ ތުނބުގައި ޖެއްސިއެވެ. ކެމީލާ އައި ރުޅީގައި ވިސްނާލުމެއްނެތި އަތުން ޖަހާ ބުރުއްސާލިއިރު ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ.

"މޮޔަވީތަ........" ކެމީލާ ބާރަށް ބުނެލިއެވެ.

"ޗިލް........" ނާޔަލް ހީލިއެވެ.

"ތީ ކާފަރެއް. ހަމަ ކާފަރެއް. ހިތަކަށް ނާރާ ހުރިހާ ނުބައިކަމެއްކުރިޔަސް ތިކަހަލަ އެއްޗެއް ބޯނެއޭ. ޑްރިންކިން ވައިން...އައްޗީޑި. އަހަރެން ބޭނުމެއްނޫން ތިކަހަލަ މީހަކާއިއެކު އެންމެ ސިކުންތުކޮޅަކަށްވެސް މިގޭގައި ހުންނަން...." ކެމީލާ ރުޅިވެރިކަމާއިއެކު ދަތްތަކަށް ބާރުކޮށްލައިގެން ހުރެ ވާހަކަދެއްކިއެވެ. ނާޔަލް އިނީ މަޖާވެފައެވެ. ކެމީލާ ރުޅިއަންނަން ޖެހޭ ސަބަބެއް ނޭނގިފައި އިންފަދައެވެ. ކެމީލާއަށްވެސް އެނގެއެވެ. ރާބުޔަސް ޒިނޭކުރިޔަސް އެމީހަކު ކާފަރެއް ނުވާނެއެވެ. ނަމަވެސް ގަސްތުގައި ނަމާދު އެޅީމަ ކާފަކަރަކަށްވީއެވެ. އެމީހަކު ކުރާ ފާފަތަކަށް އަޒާބު ލިބުނަސް އެމީހަކީ ކާފަރެއްކަމަށް ކަނޑަނޭޅޭނެއެވެ. ނަމަވެސް ނާޔަލް ވާނީ ހަމަ ކާފަކަރަށް ނޫންހެއްޔެވެ. މުސްލިމެއްކަމަށް ދައުވާކުރިޔަސް އެންމެ ނަމާދެއް ނުކުރާކަން ކެމީލާއަށް އެނގިއްޖެއެވެ. ނަމާދުކުރަނީ ކިހިނެއްކަމެއްވެސް މި މީހާއަކަށް ނޭގެއެވެ.

ނާޔަލް ދިޔަފަހުން ގަޑިއެއްހާއިރުވިއެވެ. ކެމީލާ ސިޑިންފައިބައިގެން ތިރިއަށް އައިއިރު ގޭގެ މައިދޮރު ހުރީ ތަޅުލާފައެއް ނޫނެވެ. ސްނޯއިން ޒީނަތްތެރިވެފައިވާ ސަރަހައްދު ފެނި ތަލިން ކުޅު ހިކޭވަރުވިއެވެ. ފިނީގެ މަތިންވެސް ހަދާން ނެތޭހާ މަންޒަރު ރީއްޗެވެ.

"ސުބުހާނަﷲ. ހަމަ ހެވެންލީ. ދުނިޔެމަތިން މިއަށްވުރެ ރީތި މަންޒަރެއް ނުފެންނާނެ. ހުރިހާތަނެއް ހުދުވެ ސާފުކޮށް އޮތީމަ ކޮންފަދަ ރީތިކޮށް މިފެންނަނީ. އެންމެ ރީތި. ކައިއާއިއެކުގައި މި މަންޒަރުތައް ބަލައިލެވޭނެނަމަ. ނާޔަލްގެ ބަދަލުގައި ކައި ހުންނާނެނަމަ ހުރިހާކަމެއް ތަފާތުވީސް....." ކެމީލާ ވިސްނައިލިއެވެ. ފެންޑާއަށް ނުކުތުމާއިއެކު ނަޒަރު ހުއްޓުނީ ގަސްތަކުގެ ތެރެއަށެވެ. ނާޔަލް ގަސްދަށުގައި އަތް ދަމާލައިގެން އޮށޯވެލައިގެން އޮތެވެ. އޭނަ އޮތީ ނިދާފައިބާވައެވެ. އެއޮތް ފިނީގައި ސްނޯމަތީގައި އޮންނާނީ މޮޔައެއްނޫން ހެއްޔެވެ. ބައިގަޑިއެއްހާއިރު ފަހުން ނިކުމެ ބަލައިލިއިރުވެސް ނާޔަލް ހަމަ އޮތްގޮތަށް އޮތެވެ.

"އައި ޑޯންޓް ކެއާ. މަރުވިޔަސް ހެޔޮ..." ފިނިވާން ފެށުމުން ގެއަށްވަދެ އަލިފާން އަންދާ ތަނުގެ ކުރިމަތީގައި ކެމީލާ އިށީނދެއްޖެއެވެ. އަތް ހޫނުކުރަންފެށިއެވެ. އިރުކޮޅެއްނުވަނީސް ނާޔަލް ގެ މުށިކުލައިގެ އިސްތަށިގަނޑުން ސްނޯތައް ފޮހެމުން ސިޓިންރޫމަށްވަނެވެ. ލައިގެން ހުރި ކޯޓު ބާލާފައި ހަރުގައި އެޅުވިއެވެ. މޫނަށް ކޮންމެވެސް ވަރަކަށް ރަތްކުލަ ވެރިވެފައިވިއެވެ. ތުންފަތުގެ ކުލަ އެހާ ގަދައެވެ.

"ކެޓް ސްނޯ މަތީ ނިދާލަން ބޭނުންތަ؟ އައި ހޭޑް އެ ގުޑް ނެޕް...." ނާޔަލް އިށީނީ ސޯފާގައެވެ. އެސުވާލަށް ޖަވާބުދިނުމަކީ ބޭނުންކަމަކަށް ކެމިލާއަކަށް ނުވިއެވެ. ސިއްރުން ބަލައިލިއިރު ނާޔަލް އިނީ އަލިފާން އަނދާ މަންޒަރު ބަލަހައްޓައިގެން ގެއްލިފައެވެ. ދެއަތްތިލަ މަހާލައިގެންނެވެ. ކޮންކަމަކާ ވިސްނަނީ ހެއްޔެވެ. އެހިތުގައިވާ އެއްޗެއް އެގޭނެނަމައެވެ. އެނުލަފާ އިންސާނާގެ ވިސްނުން ހުންނާނީ ކިހިނެއްކަމެއްވެސް ނޭގެއެވެ.

"ސައިކޯ...." ކެމީލާ ހިތާހިތުން ކިޔާލައިފިއެވެ.

"ކޮފީއެއް ގެނެސްދީފާނަންތަ؟ " ނާޔަލް އެދުނެވެ.

"ހިއަ އިޒް ޔޯ ކޮފީ..."ކެމީލާ ގެއަށްވަދެފާ ކޮފީ މަގެއް ހިފައިގެން އައިގޮތަށް މޭޒުމައްޗަށް ޖަހައިލިގޮތުން ނާޔަލް އަތަށް ހޫނު ކޮފީތިކިތައް ބުރައިގެން ދިޔައެވެ. ކެމީލާގެ ހިތަށް ހަމަޖެހުމެއްލިބުނެވެ. އޭނަ އެއައީ ކޮފީއަށް ލޮނު އަޅައިގެންނެވެ. ކުޑަކޮށްނަމަވެސް އަތް ފިހިއްޖެ ނޫންހެއްޔެވެ. އަދި އުނގަށް ބަންޑުންކޮށްލެވުނު ނަމައޭ ހިތަށް އަރާފައި ހެވެން އުޅުނެވެ. ކެމީލާ ދޫލަމަތީ އިށީނީ އަނެއްފަރާތަށް އެނބުރިގެންނެވެ. އޭނަ ހޭކަން އެނގިއްޖެއްޔާ ނާޔަލް އަދި ސުވާލުކުރަން ފަށާފާނެއެވެ. މަޑުހޫނުކަމުން ހީފިލުވަމުން ދިޔައިރު ހިތާއި ރޫހުވެސް ވަނީ ކައިޒާންއާއިއެކުގައެވެ. އެތައް ފަހަރު ފޯނަށް ބަލައިލެވިއްޖެއެވެ. އަދިވެސް ކައިޒާން އޮންލައިން ނުވަނީ ކީއްވެހެއްޔެވެ. ހާދަ ދެރައެވެ. ކައިޒާންއަށް ކަމެއްވީބާވައެވެ.

ނާޔަލް އެއްވެސް އެއްޗެކޭ ނުބުނެ ކޮފީތަށި ހުސްކޮށްލީ ދެރަނުވާންވެގެން ބާވައޭ ކެމީލާގެ ހިތަށް އެރިއެވެ.

އިރުގަނޑެއްފަހުން ނާޔަލް އެދުނީ ބޭރަށްދާން ތައްޔާރުވުމަށެވެ. ކެމީލާގެ ހިތަށް ލިބުނު ހަމަޖެހުމާއެކު ތައްޔާރުވާން ދުއްވައިގަނެވުނެވެ. ނާޔަލްދިން ޖަވާހިރު ފަށާއި އަނގޮޓި އޭނަ ކްލޯޒެޓަށް ލީގޮތަށް ފޮރުވީއެވެ. އޭނައެޅީ ކައިޒާންދިން ފަށެވެ. އޭނަ މިހާ ފޫހިވާ މީހަކު ދޭ އެއްޗެއް ބޭނުންކުރަން ޖެހޭހެއްޔެވެ. ނުޖެހޭނެއެވެ. ކާފަރެއްވީމަ މި ކައިވެނި ހުއްދަވާނެގޮތެއްވެސް ނެތެވެ. އަދި ނަފްރަތުކުރާ މީހަކާއިއެކު ދިރިއުޅުމަކީ އަންހެންކުއްޖަކަށް ކެތްކުރެވޭނެކަމަކަށް ނުވާނެއެވެ. ލޯބިނުވާމީހަކާއިއެކު އުޅެވިދާނެއެވެ. ނަމަވެސް ނަފްރަތުކުރާ މީހަކާއެކު އެންމެ ސިކުންތުކޮޅެއް ހޭދަކުރުމަކީ އަޒާބެކެވެ. މި އަޒާބުން އޭނަ ސަލާމަތްކުރައްވާދޭވެ. ސާލިހު ބައިވެރިޔަކު ދެއްވާދޭވެ. ކާރަށް އަރަން ބޭރަށް ނުކުތްއިރު އެހިސާބު ހީވަނީ ހަމަ ޕޯސްޓްކާޑެއްހެންނެވެ. އެހާ ރީތި މަންޒަރެއް އޭނަ ނުދެކެއެވެ. ގޭގެ ފުރާޅުގައި ސްނޯގެ ބޯ ޝީޓެއްލެވިފައިވާއިރު ފެންނަ ކޮންމެ އެއްޗެއް ހީވަނީ ސްނޯއިން ސްކަލްޕްޗާތައް ހަދާފައިވާ ހެންނެވެ. ނާޔަލް ކާރު ދުއްވާލުމުން ކެމީލާ ސީޓުގައި ހަމަޖެހިލައިގެން އިނދެ ގުދުރަތީ ރީތި މަންޒަރުތަކަށް ހިތާހިތުން ތައުރީފުކުރިއެވެ.

ނިއުޔޯކް ސިޓީއަށްވެސް ބޯކޮށް ސްނޯ ފައިބާފައި އޮތެވެ. ނާޔަލް ކާރު މަޑުކޮށްލީ އުސް އިމާރާތްތަކެއް ހުރި ހިސާބަކަށެވެ. އޭނަ ގަނެފައިވާ އެތައް މިލިއަން ޑޮލަރެއްގެ ޕެންޓްހައުސްގެ ތެރެއަށް ވަނީ ޕްރައިވެޓް އެލެވޭޓާއަކުންނެވެ. ބެޑްރޫމްގެ ދޮރު ހުޅުވާލާފައި ކެމީލާ ގާތު ބުނީ މިއީ އޭނަގެ ޚާއްސަ ޕެންޓްހައުސްކަމަށެވެ. ކެމީލާ ނޫން އެހެން އަންހެންކުއްޖަކަށް އަދި މިތަނަށް އެރުމުގެ ޝަރަފު ލިބިފައި ނުވާނެކަމަށް ބުނެލީ ހީލުމާއެކުގައެވެ. އަށްޑިހަ ނުވަވަނަ އަދި ނުވަދިހަ ވަނަ ފްލޯރަކީ އޭނަގެ ބައިކަމުގައި ބުނެލިއެވެ. ހަ ބެޑްރޫމާއި ސްޓީމް ރޫމަކާއިއެކު ލައިބްރަރީއެއް އަދި އިންޑޯ މޫވީ ތިއޭޓަރެއްވެސް އެޕެންޓްހައުސްގައިވެއެވެ. މާބްލްބާތު ރޫމްތަކާއި އެތައް މީހުންނަށް ކާން ތިބެވޭވަރުގެ ޑައިނިން ރޫމެވެ. ތަފާތު ޑިޒައިންތަކުގެ ޗާންދަލިޔާތަކެވެ. ފަރުނީޗަރު ސެޓްތައް ފެނިފައިވެސް ތަލިން ކުޅުހިކޭނެއެވެ. އެހާ ފުރިހަމައެވެ. ތަޅުންމަތިން ފެށިގެން ސީލިންއާއި ހަމަޔަށް ތޭވީސްފޫޓް ހުރި ބިއްލޫރި ކުޑަދޮރުތަކުން މަންޒަރު ފެންނާނެގޮތް ކޮންމެ މީހަކަށްވެސް ޚިޔާލަށް ގެނެވޭނެއެވެ. މުޅި ނިއުޔޯކާއި ސެންޓްރަލް ޕާކް ސްނޯއިން ހުދުކޮށްލާފައިވާއިރު ގަލަމުން އަދި ކުރެހުމަކުންވެސް ބަޔާންކޮށެއް ނުދެވޭނެއެވެ. މިއީ މުއްސަނދިންގެ ދިރިއުޅުމެވެ. އެމީހުނަށް ދުނިޔޭގެ ހުރިހާ ނިއުމަތެއް ދެއްވާފައި މިވަނީ ވަގުތީ އުފަލަކަށްވާތީއެވެ. އަޖަލު ޖެހުމާއިއެކު މިހުރިހާ އުފަލާއި އަބަދަށްޓަކާ ވަކިވެގެން އެދިޔައީއެވެ. ނާޔަލް ކެމީލާ ގެންގޮސް ކުޑަދޮރު ކައިރީ ހުރި ކައުޗްގައި ބޭންދިއެވެ.

"ކޯންޗެއް ތި ވިސްނަނީ؟ "

"ނާޔަލްގެ މުއްސަނދިކަން ދައްކައިގެން ހިތެއް ނުހޯދޭނެ. މިފަދަ އެއްވެސް މުއްސަދިކަމެއް ބޭނުމެއްނޫން. މިއީ ހަމަ އެކަނި ލޯމައްޗަށް ދައްކައިލެވޭ ދަޅައެއް. ރިއެލް ހެޕިނެސްއެއް ނުލިބޭ. މިހުރިހާ ނިއުމަތެއް ދެއްވާފައިވާއިރު ތި މީހުންނަކަށް ނޭގޭ ޝުކުރުވެރިވާކަށް. ދުނިޔެއަކީ މުއުމިނުންނަށް ހުރަގެއެއް އަދި ކާފަރުންނަށް ސުވަރުގެކަމުގައި ރަސޫލާގެ ހަދީސެއްގައި އޮވޭ އެހެންވެ ކަން ނޭނގޭ އެމީހުން ދުނިޔޭގައި އުފަލުން އުޅެފައި މަރުވަނީ. އެތައް މިލިއަން ޑޮލަރެއްގެ ކާރާއި ޕެންޓްހައުސްއާއި ގަހަނާތަކުން ލިބޭ ހަގީގީ އުފަލެއްނޭނގޭ. މުސްލިމުން ނިކަމެތިކޮށް އުޅުނަސް މަރުވީމަ މިއަށްވުރެ މާ އަރާމުގައި އުޅޭނީ..........." ކެމީލާ ބޭނުންވީ ނާޔަލް ފޫހިކުރުވާށެވެ. ހަގީގަތަކީވެސް އެއީއެވެ. އޭނައަށް މި ބިލިއަން ޑޮލަރުތަކުން ލިބޭ އެއްވެސް އުފަލެއްނެތެވެ. އޭނަގެ މޭގައިވި ހިތަށް މިއުޅެނީ ދަތިވެގެން ނޯވެވިގެންނެވެ. ނާޔަލް އުޅެނީ ހައްތަހާ މުއްސަދިކަން ދައްކަން ނޫންހެއްޔެވެ. މި ޕެންޓްހައުސްއަށް ގެނައީ އޭނައަށް ތިމާގެ ހުރި ކުޅަދާނަކަމާއި މުއްސަދިކަން އަންގާށެވެ. ނަމަވެސް ކެމިލާ ވީ ފޫއްސެވެ. މި އެޕާޓެމްންޓާއި ލޮލަށް ދައްކުވާ ދަޅަތަކުން ހިތަށް އުފަލެއް ލިބޭނެ އެއްވެސް ގޮތެއްނެތެވެ. ހިތާމައިގާ ހަލާކުވަނީއެވެ.

"ޔޫ އާ ރޯންގް. މިތަނަށް ގެނައީ މިއީވެސް އަހަރެން ގަނެފައިވާ އަހަރެންގެ އަމިއްލަ ތަނަކަށްވީމަ. އަދި ހަނީމޫނަށް ދާނީ ސްވިޒަލޭންޑާއި ފްރާންސަށް. މަގޭ ޖެޓްގައި. މިއަށްވުރެ މާ ރީތި އަރާމު ގެތައް އެތާ ހުންނާނެ. ނިކަމެތި ކުއްޖަކަށް ދޭ ގިފްޓެއްކަމަށް ބަލާ....." ނާޔަލް އެކަހަލަ ވާހަކަދައްކަނީ ކެމީލާ ރުޅިއަރުވަން ކަން ނޭގެއެވެ. ރުޅިއަރުވާލުމުން އުފާތައް ލިބޭފަދައެވެ. ކެމީލާ ޖަވާބެއްނުދީ ދުރަށް ބަލަހައްޓައިގެން އިންދާ އުލާ ގުޅުމުން ފޯނުނެގިއެވެ. އުލާ ބުނީ މާމަ އޭނައާއިއެކު ސްނޯ ބޯޅަކުޅެންވެގެން އުޅެފައި ފިނިވެގެން ސައިދީފައި ފަޔާ ޕްލެސްކައިރީ ހީފިލުވައިލަން އެބައިންކަމުގައެވެ. ކެމީލާ މަތިން ހަނދާންވެގެން މާމަ އުޅޭކަމަށެވެ. ކެމީލާ އެދުނީ މާމަ ރަގަޅަށް ބެލެހެއްޓުމަށެވެ.

އެރެއަށް އިރުއޮއްސުމުން ނިއުޔޯކް ސިޓީގެ އެކި އިމާރާތްތައް ދިއްލާއަޅާފައިވާއިރު ވަރަށް ހިތްގައިމެވެ. ބައެއް ދިމާލުން ހުޅުދާންކޮށްފައިވާފަދައެވެ. މިތިބެވުނީ އެތައްހާސް ފޫޓެއްގެ މަތީގައި ކަން ހިތަށް އަރާފައިވެސް ހިތުގައިވާ ބިރުވެރިކަން ބޮޑުވިއެވެ. މިއީ އޭނަ ގަޔާވާކަހަލަ ތަނެއްނޫނެވެ. އަރާމު ރީތި ތަނަކަށްވިޔަސް އޭނަ ބޭނުންވަނީ ސާދާ ދިރިއުޅުމެކެވެ. އެމެރިކާ ތަންތަނަށް ޒިޔާރަތްކޮށްލަން ބޭނުމީ ޗުއްޓީއެއްގައެވެ. ނާޔަލް ގެނައި ޕިއްޒާ މީރުކަމުން ކެމީލާ ނުކާން ހުރެފައިވެސް ކައި ހުސްކޮށްލިއެވެ. ދެމީހުން އެއްކޮށް މާސްޓާ ބެޑްރޫމަށް ވަންނަން ވުމުން ކެމީލާ ފަސްޖެހުނެވެ. އޮރެންޖް ރަތް އަލި ދެމީހުންގެ މޫނަށް އެޅިފައިވުމުން ފެންނަލެއް ވަރަށް ހިތްގައިމެވެ.

"ބިރުންތަ؟ " ނާޔަލް ބުމަ އަރުވައިލިއެވެ.

"އެހެން ރޫމެއްގައި ނިދާނީ..." ކެމީލާ ހުރީ ބޮޑުވާ އިނގިއްޔަށް ބަލަހައްޓައިގެންނެވެ.

"އެހެން ރޫމްތަކަށް އަހަންނަށް ނުވަދެވޭނެ ވިއްޔަ..."

"ނޯ ނީޑް ޓު ބީ ސާކޭސްޓިކް. އެނގޭ މި ތާ ހުރިހާ ރޫމްތަކަށް ވަދެވޭނެކަން އެކަމަކު ބޭނުމީ އެކަނި ނިދަން އޮންނަން. ބޭނުމެއްނޫން ފިރިހެނަކާއިއެކީ ނިދަން އޮންނާކަށް. އެހެންވެ. ޕްލީޒް..." ކެމީލާ އާދޭސްކޮށްގެން ވިޔަސް ނިދާނީ ވަކި ކޮޓަރިއެއްގައެވެ.

"އައިމް ޔޯ ހަޒްބެންޑް. އެކަން މިހާ އަވަހަށް ހަނދާން ނައްތާލީތަ؟ " ނާޔަލް ބުމަ އަރުވައިލިއެވެ. ކެމީލާގެ އަރުތެރެ ބެދޭގޮތްވިއެވެ. އެވާހަކަ ހަދާންވާ ކޮންމެ ފަހަރަކު ހިތަށް ވާ ނުބައިގޮތްތަށް އެހެން މީހަކަށް އިހުސާސް ނުކުރެވޭނެއެވެ.

"ދީނުގައި އޮންނަނީ ދެމަފިރިން ދެކޮޓަރީގައި ނިދަންތަ؟ ސީރިޔަސްކޮށް އަހަންނަކަށް އެހާ ދީން އޮޅުން ފިލާފައެއްނެތް. ދަސްކޮށްދޭންވީނު. ދީނުގައި ރޭކުރުން އޮންނަ ގޮތް ކިޔާދީބަލަ..." ނާޔަލްގެ ވާހަކަތަކުން ކެމީލާގެ މޫނު އަނގުރުކޮޅެއްހާ ރަތްވިއެވެ. ހާދަ ނުލަފައެވެ. ދީން ނޭގޭކަމަށް ހެދިގެން އަދި އޭނަ ލައްވާ ވާހަކަދައްކަން އެބައުޅެއެވެ. މިޒަމާނުގައި ދީން ނޭގެންވީ އެއްވެސް ސަބަބެއްނެތެވެ. ގުރުއާން ތަރުޖަމާ އަދި ތަފްސީރާއި ބުޚާރީ ހަދީސްވެސް ގޫގުލް އިން ބަލައިލެވިދާނެއެވެ. ލެކްޗާސްތައްވެސް އެހެރީއެވެ.

"ފުރަތަމަ އަންހެންކުއްޖަކަށް މަޖުބޫރުން ކުރާ ކައިވެންޏެއް ހުއްދައެއްނުވާނެ...." ކެމީލާ އަށް ކުޑަ އުއްމީދެއްލިބުނެވެ.

"ރިއަލީ؟ " ނާޔަލް ހައިރާންވިއެވެ.

"އާނ ޑޮކްޓަރ ނާޔަލް. ދީންގައި ހުރިހާ ހުކުމެއް ދަސްކުރޭ. އައިމް ސޮރީ އައި ކާންޓް ސްލީޕް ހިއަރ....." ކެމީލާ އަނެއް ފަރާތަށް އެނބުރުނެވެ. ލޮލަށް ކަރުނަ ޖަމާވާން އުޅުމުން އޭނަ އަވަސްއަވަހަށް އެއް އިނގިލިން ފޮހެލައިފިއެވެ. އޭނަ ރޮއިގެންނުވާނެއެވެ. ނާޔަލް ކުރިމަތީ ބަލިކަށިކަން ދައްކައިގެން ނުވާނެއެވެ. އިރާދަކުރެއްވިއްޔާ އޭނަ ސަލާމަތްވާނެއެވެ. މި މާނައެއްނެތް ކައިވެނިން އޭނަ ސަލާމަތްކުރެއްވުމަށް އެދި ދުޢާކުރެވުނެވެ.

"އެހެން ހުރިހާ ރޫމްތައް ހުރީ ލޮކް ކޮށްފައި. މިރޭ ހަމަ އަހަރެންގެ އެނދުގައި ނިދާނީ." ނާޔަލް ގޮތްދޫކުރާކަށް ނެތެވެ.

"އިޑިއަޓް....." ކެމީލާ ހިތާހިތުން ކިޔައިލިއެވެ.

"ޖެކް ކައިރީ ރޯޒް އެދުނީ ހަމައެކަނި ހާރު އަޅައިގެން އޭނަ ސްކެޗްކުރަން. ހަމަ އެގޮތަށް ކެޓްވެސް އަމިއްލައަށް ބުނަންދެން އައި ވޯންޓް ޓަޗް ޔޫ. އަހަރެން އިންތިޒާރުކުރާނަން. މާ ގިނަ ދުވަހެއްނުވެ ޔޫ ވިލް ބެގް މީ. ކެޓް ޔަގީންކޮށްގެން ތިހިރީ އަހަރެން މިތަނަށް ގެނެއްސަ ރޭޕްކުރާނެ ކަމަށް ނޫންތަ؟ ސަތޭކަ ޕަސެންޓް އެހެން ޔަގީންކޮށްގެން ތިހިރީ. ބައެއް ގާލްސް އިން އެކަހަލަ ފެންޓެސީސް ހުރޭ. އަހަރެންވެސް މީ ވައިލްޑް އީވިލް މީހެއް. އެކަމަކު އަދި އެކަހަލަ މޫޑެއް ނެތީ..........." ނާޔަލް ކެމީލާގެ ދަތްދޮޅީގައި ހިފަން އުޅުމުން ކެމީލާ އަތުން ޖެހިއެވެ. ކެމީލާ ރުޅިއަރުވައިލަންވެގެން ނާޔަލް އެކަހަލަ ވާހަކަ ދެއްކުމުން އެ މޫނަށް ވެރިވާ ކުލަތައް ނާޔަލްއަށް މަޖާވެއެވެ. ކެމީލާ ރުޅިއައިސްފައި ހުންނައިރުވެސް ހާދަ ރީއްޗެވެ.

"ކޮންކަހަލަ އީވިލް ތިންކިންއެއް ތި ހުންނަނީ. ހަމަޖެހޭ އަންހެންކުއްޖަކު ތިކަހަލަ ފެންޓެސީއެއް ނުކުރާނެ. ޔަގީނުންވެސް ނޮޓް މީ.............." ކެމީލާ ލޯ އަޅައިލިއެވެ. ނާޔަލްގެ އަނގަމަތީ ބާރު އެތިފަހަރެއް ޖަހާ އެ ނުލަފާ ހިނިތުންވުން ފޮހެލަން ހިތް އެދުނެވެ.

"އޯކޭ ފައިން. ތީ ހަމަ އެންޖެލްއެއް. ދެން ތިގޮތަށް ލޯއެޅުން ހުއްޓާލާފައި ނިދަން އުޅޭ. ނޫނީ ތިލޮލުން އަހަރެން އަންދާ އަޅިއަށްވެސް ހަދާލަފާނެ." ނާޔަލް ދުރަށް ބަލައިލިއެވެ. ތަފާތު ރީތިކަމެއް ހުރި ދެލޮލެވެ. އެހާ ތޫނެވެ. އެލޮލުގައި އެހުންނަނީ އެހެން ކަހަލަ ބާރެކެވެ. ކެމީލާ އެހެން ކޮޓަރިއެއްގައި ނިދަން ބާއްވާފައި ނާޔަލް މާސްޓާ ބެޑްރޫމްގައި ޖައްސައިލިގޮތަށް ފޯނު ހިފައިގެން އޮތްއިރު އެކިކަހަލަ ޚިޔާލުތައް އުދަގޫކުރަމުން ދިޔައެވެ. ބައެއްފަހަރު ނިއުޔޯކްގެ އަލިތަކަށް ބަލަން އޮވެފައި ނިތްކުރީގައި ފިރުމައިލައެވެ. އެންމެފަހުން ކެމީލާއާއިމެދު ވިސްނަންފެށިއެވެ. ކެމީލާއާއި އޭނަގެ އުޅުން ހާސްބައި ތަފާތެވެ. ދެގޮތުން ކުރެ އެއްގޮތް ނުވެނުދާނެކަން ގައިމެވެ. ނާޔަލް ކެމީލާ ބަދަލުކުރުމެވެ. ނޫނީ ކެމީލާ ނާޔަލްގެ އުޅުން އޭނައެކޭ އެއްގޮތަށް އަނބުރައިލުމެވެ. ނޫނެކެވެ. އެއީ ވާނެކަމެއް ނޫނެވެ. ނިއުޔޯކްގައި އުޅެންފެށުމުން ކެމީލާވެސް އެ ބޯދާ ޚިޔާލުތައް ދޫކޮށް ސްޓައިލިޝް ޒަމާނީ އަންހެންކުއްޖަކަށް ބަދަލުވެދާނެއެވެ. ކެމީލާ ބަދަލުކޮށްލަން އެވަގުތު އަޒުމް ކަނޑައެޅިއެވެ. ނަމަވެސް ކުއްލިއަކަށް ހިތުގެ ކަނަކުން އެހެން ކަހަލަ އިންޒާރެއް ދިނެވެ.

ކެމީލާ ހަމަޖެހިލައިގެން ނިދަން އޮށޯތީ ނިދާ ބޮކި ދިއްލާލައިގެންނެވެ. އެކަނި ކޮޓަރިއެއްގައި ނިދާލަން ލިބުމުން ހިތްހަމަޖެހުނެވެ. ދަންވަރު ހޭލެވުނުއިރު އަނދިރިކަމުން ކަށްވަޅުފަދައެވެ. ކޮންމެވެސް މީހަކު އޮތީ އޭނަގެ ގައިގާ ބައްދާލައިގެންނެވެ. ކޮންމެ މީހަކަށްވިޔަސް މިގޮތަށް ސިއްރުން ކޮޓަރިއަށް ވަދެ އޭނަގެ ގައިގާ އަތްލެވިގެން ނުވާނެއެވެ. ކެމީލާ ތޫނުއަޑަކުން ހަޅޭއްލަވައިގަނެފާ އެއަތުގެ ތެރެއިން ނިކުންނާން އުޅުނެވެ.

"ތީ ކާކު........"

"ވޯހް. އިޓްސް މީ ކެޓް. ބޭބީ އިޓްސް މީ. ކަންފަތް ހަލާކުވާހާ ބާރަށް ތި ހަޅޭއްލަވައިގަތީ " ނާޔަލް ކެމީލާއާއި ދުރަށް ޖެހިލަމުން ރިމޯޓުން ބޮކި ދިއްލާލައިފިއެވެ. އޭނަ ކެމީލާއާއި ވާހަކަދައްކާލާ ހިތުން މިކޮޓަރިއަށް އައިސް އެނދުގައި ޖައްސާލެވުނީއެވެ. ނިދީގައި ބައްދާލައިގެން އޮވެވުނީއެވެ.

"މި އެނދުގައި ކީއްކުރަނީ؟ "

"ކާމް ޑައުން. އަހަރެންގެ ވައިފްއާއިއެކު ނިދާލައިގެންވެސް ނުވަނީތަ. ތިހާ އަނިޔާވެރިވާކަށް ނުވާނެ....." ނާޔަލް އޮތީ ކަންނެތްކަމުން ލޯ ހުޅުވައިލަން ބޭނުންނުވެފައެވެ. މިގަޑީގައި ކެމީލާ ރުޅިއަރުވާލާނެ ހަކަތައެއްވެސް ނެތެވެ. އޭނަ ތެދުވެގެން ދާން ހިނގައިގަތުމުން ކެމީލާ އެނދުމަތީގައި ބާލީސްތައް މޭގައި ޖައްސާލައިގެން އިނެވެ. މިރޭ ނާޔަލް ކުރިކަމަކުން މޭގަނޑު އަނގަޔަށް ނައީ ހަމަ ކިރިޔާއެވެ. ނާޔަލްގެ ނިޔަތާއިމެދު ސުވާލު އުފެދުނެވެ. އިތުބާރުކުރާނީ ކިހިނެއްހެއްޔެވެ. އޭނަ ނިދަން އޮތްވާ އެއްވެސް ކަމެއްކުރިބާވައެވެ. ނަސީބަކުން އޭނަ މިއޮތީ ހެދުންތައް ލައިގެންނެވެ. ނާޔަލް ގޯނާއެއްކުރިނަމަ އޭނައަށް އެނގޭނެއެވެ. ނަމަވެސް މިރޭ ދެން ލޮލަށް ނިންޖެއް އަންނާނެކަމެއް ނޭގެއެވެ. ކެމީލާ ތެދުވެގެންގޮސް ވުޟޫކޮށްލައިގެން ދަމުނަމާދުކުރަންފެށިއެވެ.

މައިކަލް ދިރިއުޅޭ އެޕާޓްމެންޓްގައި ހުންނަ ބެލްކަނީގައި ހައްދާފައިވާ އޮރެންޖާއި ރަތްކުލައިގެ މާތަކެއް ފޮޅޭ ދެގަސް ޕޮޓްތަކެއް ފުރާލާފައިވެއެވެ. ސެންޓްރަލްޕާކަކީ އެމީހުން ދިރިއުޅޭ އެޕާޓްމެންޓްގެ ބެކްޔާޑްކަމުގައި ބުންޏަސް ދޮގަކަށްނުވާނެއެވެ. ހިތްފަސޭހަ ހިސާބެކެވެ. އެގޭގެ ސިޓިންރޫމްގެ ސޯފާތަކުގައި ނަތާޝާއާއި ނަތާލީ އަދި އަހުމަދު މައިކަލް ސޯފާތަކުގައި އެކި ކަންތަކާ މަޝްވަރާކޮށްލަން ތިއްބެވެ. ނާޔަލް ފެނުމުން މައިކަލް ތެދުވެ ނާޔަލްގެ ގައިގާ ބައްދައިލިއެވެ. މިއީ ކޮއްކޮ ދުނިޔެއަށް ދޫކޮށްފައި ދިޔަ ހަމައެކަނި ނިޝާންކަމުން މައިކަލްގެ ހިތުގައި ނާޔަލްއަށްޓަކާ ޚާއްސަ ލޯތްބެއް އުފެދިފައިވެއެވެ. ނޯކަރުކުއްޖަކު މޭޒުމަތީގައި އަތުރައިލި އެޕްލް ސައިޑާއާއި ބުއިންތަކާއި އެހެނިހެން ކާއެއްޗެއްސަށް އިންސާފުކުރަން ތިބިއިރު މައިކަލް ނާޔަލްކައިރިން ކައިޒާންގެ ހާލު އޮޅުން ފިލުވިއެވެ.

"ކައި ސުއިސައިޑްކުރަން އުޅުނީމަ އެގޮތަށް ހޮސްޕިޓަލުގައި ބާއްވަންޖެހުނީ. ކައިއަށް ރަގަޅަށް އެހެން ހެދީ...." ނާޔަލް ބޮޑުބޭބެއާއި ހަތަރުކަޅި ހަމަކުރަން އުދަގޫވިއެވެ. ހަގީގަތަކީ މުޅިން އެއެއްނޫނެވެ. އަމިއްލައަށް މަރުވާން އުޅުނީ ކައިޒާންއެއް ނޫނެވެ. ކައިޒާންގެ ސިކުނޑީގައިވާ އެހެން ޝަޚުސެކެވެ. ނަމަވެސް އޭނަ އާއިލާ މީހުންނަށް ކައިޒާންގެ ބަލި ސިއްރުކުރީ އަމިއްލަ މަސްލަހަތާއި ގުޅިފައިވާކަމަކަށްވީމައެވެ.

"ވީ ޓްރަސްޓް ޔޫ ދަރިފުޅާ. ކައިއަށް ފަރުވާކުރަން ތިހާ ބެސްޓް ޑޮކްޓަރެއްނެތް..." މައިކަލް ހިނިތުންވެލިއެވެ.

ނާޔަލްއަށް ކުށްވެރިކަމުގެ އިހުސާސްކުރެވުނެވެ. އަމިއްލަ އެދުންބޮޑުކަމުން އޭނަ ލޯބިވާ ބޮޑުބޭބެއަށްވެސް އޮޅުވައިލީއެވެ. ކެމީލާ ހާސިލުކުރަން އޭނަ ކައިޒާންވެސް ދިރިއުޅުމުން އެއްފަރާތްކޮށްލީއެވެ. ކައިޒާންގެ ސިކުނޑިއަށްވެސް އޭނަ ވަނީ އެންމެ ނުބައިކޮށް ވިސްނައިދީފައެވެ. ކައިޒާންގެ ފަރާތުން ކެމިލާއަށް އަނިޔާވެދާނެތީ އެންމެ ކުރިން ފަރުވާކޮށް ބަލި ރަގަޅުކުރަން ވެގެން އެޑްމިޓްކުރީކަމުގައިބުނެ ނާޔަލް ކައިޒާންގެ އިތުބާރު ހޯދިއެވެ. ނަމަވެސް އޭނަވަނީ ކައިޒާންގެ އިތުބާރާއި އުއްމީދުތަކުގައި ކޮޅުފައިން ޖަހާފައެވެ. ކައިޒާންގެ ލޯބިވެސް ޖަހައިގަތީއެވެ. ފޭރިގަތީއެވެ.

(ނުނިމޭ... )

comment ކޮމެންޓް