ދަގަނޑޭގެ ގޯލާއެކު ޓީސީން އީގަލްސްގެ މައްޗަށް ކުރި ހޯދައިފި

ޓީސީއާއި އީގަލްސް މިއަދު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އަލީ އަޝްފާގު (ދަގަނޑޭ) ޖެހި ގޯލާއެކު ޓީސީ ސްޕޯޓްސް ކްލަބުން ކްލަބު އީގަލްސްގެ މައްޗަށް ކުރިހޯދައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ޓީސީން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ.

މިއަދުގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު، މިހާތަނަށް ލީގުގައި ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓް ހޯދައި، ޓީސީ ވަނީ ލީގުގެ އެއްވަނައަށް ޖެހިލައިފައެވެ. އީގަލްސްއަށް މިހާތަނަށް ކުޅުނު ތިން މެޗުން ޕޮއިންޓެއް ލިބިފައެއް ނެތެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފްގައި ޑޮމިނޭޓްކޮށް، ގިނަ ޕާސްތަކެއް ޖަހައިގެން ކުޅުނީ ޓީސީންނެވެ. ހާއްސަކޮށް ޓީސީން ވަނީ ގިނަ ހަމަލާތަކެއްވެސް އުފައްދައިފައެވެ.

މެޗުގެ ފުރަތަމަ ހާފްގައި ޓީސީގެ ޑިފެންޑަރު އަބަދުﷲ ހަނީފް (ބެންޖޯ)އަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާގެ ބަދަލުގައި ކުޅެން ނުކުތީ މުހައްމަދު އަޖުފާނެވެ.

ޓީސީއާއި އީގަލްސް ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 1-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޓީސީން --- ފޮޓޯ/ އެފްއޭއެމް

ކުރިއަށް ޖެހިގެން ކުޅެމުންދިޔަ ޓީސީން މެޗުގެ ކުރީކޮޅުގައިވެސް ހަމަލާތައް އުފައްދާފައިވާ އިރު، ދަގަނޑޭއާއި އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވުނެވެ. އެ ދެހަމަލާވެސް ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

މެޗުގެ 20 މިނެޓުގައި ޓީސީގެ އިޝާން އިބްރާހީމް (ސައްޓު)ގެ ހިތްގައިމު ޝޮޓެއް ފެނުނު އިރު، އޭނާ އޮޅާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. އަދި އޭގެ މިނެޓެއް ފަހުން ފޭދޫ އިއްބެ ބޮލުން ފޮނުވާލި ހަމަލާ ދިފާއުކުރީ އީގަލްސްގެ ކެޕްޓަން ސުޖަން ޕެރޭރާއެވެ.

ސުޖަން ވަނީ މެޗުގައި ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ. އެގޮތުން ދެވަނަ ހާފްގައި ދަގަނޑޭގެ ދެ ހަމަލާއެއްގެ އިތުރުން ފޭދޫ އިއްބެގެ ހަމަލާއެއްވެސް ފާހަގަކޮށްލެވުނެވެ.

މެޗުގެ ފުރަތަމަ ހާފް ނިމެންދަނިކޮށް ފޭދޫ އިއްބެއަށް އިތުރު ފުރުސަތެއްވެސް ލިބުނެވެ. އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދާގަނޑުގެ ކައިރިން ބޭރަށެވެ.

ދެވަނަ ހާފްގައި އީގަލްސްއިން ކުޅުން ރަނގަޅުކުރިއެވެ. ކުރިއަށް ޖެހި ހަމަލާތައްވެސް އުފެއްދި އިރު، ދެވަނަ ހާފްގައި އީގަލްސްގެ ލުއިޒް އެޑުއާޑޯ އަދި ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވުނެވެ.

ޓީސީއާއި އީގަލްސް ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 1-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޓީސީން --- ފޮޓޯ/ އެފްއޭއެމް

ލުއިޒް އެޑުއާޑޯ ނެގި ކޯނަރު ގޯލްގެ އަރިމަތީ ދަނޑިއަށް އަމާޒުވި އިރު، ހަންނައަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިފާއުކުރީ ޓީސީގެ ކީޕަރު ކިރަން ކުމާރެވެ. މެޗުގެ 74 ވަނަ މިނެޓުގައި ޓީސީގެ ޑިފެންޑަރު މުހައްމަދު ސާމިރު، އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ސުޖަން އަތުން ޖައްސާ ބޭރުކޮށްލިއެވެ. އަދި އޭގެ ރީބައުންސް ބޯޅަ ޓީސީ ކުޅުންތެރިންނަށް ލިބުމުގެ ކުރިން އީގަލްސްގެ ޑިފެންސުން ސާފްކޮށްލިއެވެ.

މެޗުގެ ހަމައެކަނި ގޯލް، 81 ވަނަ މިނެޓުގައި ދަގަނޑޭ ކާމިޔާބުކުރި އިރު، ދަގަނޑޭ އެ ގޯލް ޖެހީ އީގަލްސް އޭރިއާ ތެރޭގައި ހުރެ ގޯލްގެ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. ޓީސީގެ އަހުމަދު ރިލުވާން (ބެން) ދިން ބޯޅަ އޭރިއާ ތެރެއިން ކޮންޓްރޯލް ކޮށްލުމަށްފަހު ދަގަނޑޭ ފޮނުވާލީ ހަމަޖެހިލައިފައެވެ.

މެޗު ނިމެންދަނިކޮށް އީގަލްސްއަށްވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. ލުއިޒް އެޑުއާޑޯގެ ބޮލުން އޭރިއާ ތެރެއަށް ވައްޓާލި ބޯޅައަށް ހަސަން ޝިފާއު އަރާ ކުރިއަށް ފޮނުވާލި ނަމަވެސް، ބޯޅަ ދަނޑީގައި ޖެހި ބޭރުވީ ގޯލްކީޕަރު ކިރަންގެ އަތުގައި ޖެހިފައެވެ.

ޓީސީއާއި އީގަލްސް ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 1-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޓީސީން --- ފޮޓޯ/ އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗެއް މިރޭވެސް އޮންނާނެއެވެ. މެޗުގައި ވާދަކުރާނީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ފ. ނިލަންދުއެވެ.

comment ކޮމެންޓް