ދީނީ އިލްމްވެރިން ތަކެއް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓަށް ތާއިދުކޮށްފި

ދީނީ އިލްމްވެރިން ތަކެއް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓާއި ރަނިންމޭޓަށް ތާއިދުކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން--ސަން ފޮޓޯ/ ފަޔާޒް މޫސާ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ މިހާރުގެ ރައީސް އަބްދުﷲ ޔާމީނާއި ރަނިންމޭޓް، ދީނީ އިލްމްވެރިއާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ތާއިދުކުރާކަން ރާއްޖޭގެ ބައެއް އިލްމްވެރިން ހާމަކޮށްފިއެވެ.

އިލްމްވެރިން އިސްނަގައިގެން މިއަދު ހަވީރު ދަރުބާރުގޭ ހަކުރާ މާލަމްގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ކެންޑިޑޭޓަށް ތާއިދު ކުރާ ކަން އިއުލާންކޮށްފައިވަނީ ޝެއިހް މުހައްމަދު ނަޝީދު އާދަމް، ޝެއިހް މުހައްމަދު ލަތީފް، ޝެއިހް އިއްޒުއްދީން އަދުނާން، ޝެއިހް މުހައްމަދު ދީދީ، ޝެއިހް އަހްމަދު ޝަފީގް، ޑރ ގުބާދު އަބޫބަކުރު، ޝެއިހް ނަސުރުﷲ އަލީ، ޝެއިހް ހައިޝަމް މުހައްމަދު، ޝެއިހް އަލީ ރިޟާ އަހުމަދެވެ.

އެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަސަދުﷲ ޝާފިއީ ވިދާޅުވީ އިލްމްވެރިން ހިމެނޭ ގޮތަށް ރައީސް ޔާމީނަށް ތާއިދުކުރަން ނިންމީ އެމަނިކުފާނުގެ ރަނިން މޭޓަކަށް ދީނީ އިލްމީ ރޮނގުން ފުންނާބު އުސް ބޭފުޅެއް ކަމަށްވާ ޑރ. ޝަހީމް ހަމަޖެއްސެވުމުން ކަމަށެވެ. އެއީ އިލްމްވެރިންނަށް ލިބިގެންދިޔަ ހިތްވަރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަސަދުﷲ ޝާފިއީ ވިދާޅުވީ އެކަމުން އެނގިގެން ދިޔައީ ރައީސް ޔާމީން އިލްމްވެރިންނަށް ފުރުޞަތުދޭން ބޭނުންވާ މިންވަރު ކަމަށެވެ.

ޑރ ޝަހީމް ގައުމުގެ ނައިބު ރައީސް ކަމުގެ މަގާމަށް އަތުވެއްޖެނަމަ އެކަމުގެ ހެޔޮ އަސަރު އިލްމްވެރިންނަށް ކުރާނެ ކަމަށާއި އަދި ގައުމުގެ ކަންކަން ނިންމުމުގައި ދީނީ އިލްމްވެރިންގެ ބައިވެރިވުން ހިމެނިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި އިލްމްވެރިންގެ އިތުރުން ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިން ކަމަށްވާ ޝައިޚް އަލީ ޒާހިރާއި ޝައިޚް އަހުމަދު ސަމީރުވެސް ވަނީ ޑރ. ޝަހީމަށް ތާއިދު ކުރާ ކަން ހާމަކޮށް މިއަދު އެކަން މީސް މީޑިއާގައި އިއުލާންކުރައްވާފައެވެ.

އިތުރު އިލްމްވެރިންތަކެއްވެސް ޕީޕީއެމްގެ ކެންޑިޑޭޓާއި ރަނިން މޭޓަށް ތާއިދު ކޮށް އެކަން ކުރިއަށް އޮތް ތަނުގައި އިއުލާން ކުރާނެ ކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި އިލްމްވެރިންވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް