ކުރެވޭ ސުވާލަށް އޮޅުވާލުމެއް ނެތި ޖަވާބުދިނުމަކީ އަމާނާތް އަދާކުރުން: ހުތުބާ

އިސްލާމީ މަރުކަޒު: މިއަދުގެ ހުތުބާ ބިނާކޮށްފައިވަނީ އަމާނާތްތެރިކަމުގެ މުހިންމުކަމުގެ މައްޗަށް --- ސަން ފައިލް ފޮޓޯ

މީހަކު ކުރަ ސުވާލަކަށް އޮޅުވާލުމެއް ނެތި ރަނގަޅަށް ޖަވާބު ދިނުމަކީ އަމާނާތް އަދާކުރުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ޚުތުބާ ބިނާކޮށްފައިވަނީ އަމާނާތްތެރިކަމުގެ މުހިންމުކަމުގެ މައްޗަށެވެ.

އިންސާނާއަކީ މާތް ﷲ ހެއްދެވި އެންމެ މާތް މަޚުލޫގުކަން ފާހަގަކުރަމުން ހުތުބާގައި ބުނެފައިވަނީ އެކަން އެގޮތަށް ވަނީ، މާތްﷲ އިންސާނާއަށް ދެއްވާފައިވާ އަމާނާތްތަކާ އިންސާނާ ހަވާލުވެފައިވާތީ ކަމަށެވެ. އަދި އެ އަމާނާތް އަދާކުރުމުގެ ގާބިލުކަން އިންސަނާގެ ކިބައިގައި އެކި ސިފަސިފައިގައި، އެކި ގޮތްގޮތަށް ލައްވާފައިވާ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

ކޮންމެ ތަނެއްގައި ކޮންމެ ކަމެއްގައި އަދި ކޮންމެ ވަގުތެއްގައިވެސް އަމާނާތް އޮންނާނެކަން ހުތުބާގައި ބުނެއެވެ.

އެގޮތުން މީހަކު ތިބާއާ ސުވާލެއް ކުރާ ހިނދު އެ ސުވާލަކަށް އޮޅުވާލުމެއް ނެތި ރަނގަޅަށް ޖަވާބު ދިނުމަކީ އަމާނާތެއް އަދާކުރުން ކަމަށް ހުތުބާގައި ބުނެއެވެ. އަދި އަމާނާތް އަދާކުރި މީހާ ވާނީ އުޑުތަކާއި ބިންފަދަ ތަނަވަސްކަން ހުރި ސުވަރުގޭގައި ކަމަށާއި، އަމާނާތަށް ޚިޔާނާތްތެރިވި މީހާ ވާނީ އަބާއްޖަވެރިއަކަށް ކަމަށް ހުތުބާގައި ބުނެއެވެ.

މީގެ އިތުރުން އަމާނާތުގެ ތެރޭގައި އަނބިދަރީންނަށް ކާންބޯންދިނުމަށް އަދާކުރާ ވަޒީފާގެ ވާޖިބުތައް އަދާކުރުމުގެ އިތުރުން އިލްމުވެރިކަމާއި، މަޖިލީސްތަކާއި ވެރިކަމުގެ އަމާނާތް ފަދަ ކަންކަން ހިމެނޭ ކަމަށާއި، އެފަދަ ކަންކަން މަތީގައި ހުންނަ ވަގުތަކު އެމީހަކު ހުންނާނީ އަޅުކަންކުރުން މަތީގައި ކަމަށް ހުތުބާގައި ބުނެއެވެ،

އެއީ "މި މަސައްކަތުގެ ސަބަބުން އެހެން މީހުންނަށް މަންފާއާއި ލާބަ ލިބޭނެތީ" ކަމަށް ހުތުބާގައި ބުނެއެވެ.

ހުތުބާގައި ބުނެފައިވަނީ އަމާނާތަކީ އިންސާނާގެ ހަޔާތުގެ އެންމެހާ ކަންކަމާ ގުޅިގައިވާ ކަމެއް ކަމަށާއި، މާތްﷲ އަންގަފާވައިވާ ގޮތަށް ކަމެއް ކޮށްފިނަމަ އެ އަމާނާތެއް އަދާކުރެވުނީ ކަމަށެވެ.

comment ކޮމެންޓް