މިއަހަރުގެ ސާބާ ޗެމްޕިއަންޝިޕްގައި ވާދަކުރަނީ ބަނގުލަދޭޝްއާއި، ރާއްޖެއާއި، ބޫޓާނާއި، ނޭޕާލް އަދި ސްރީލަންކާއެވެ. އެންމެ ފަހު ހަތަރު މުބާރާތުގެ ޗެމްޕިއަނުންނަކީ އިންޑިއާއެވެ. މިދިޔަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ސާބާ ޗެމްޕިއަންޝިޕް، ރާއްޖެއިން ނިންމާލީ ހަތަރުވަނައިގައެވެ.

މިދިޔަ އަހަރާ ހަމައަށް ސާބާ ޗެމްޕިއަންޝިޕް ކާމިޔާބުކުރާ ޓީމަށް ފީބާ އޭޝިއާ ކަޕުގެ ޖާގައެއް ލިބޭގޮތަށް އޮތް ނަމަވެސް، މިހާރު މުބާރާތުގެ ފޯމެޓަށް ވަނީ ބަދަލު ގެނެސްފައެވެ. މިދިޔަ އަހަރަށްފަހު ސާބާ ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ޓީމުން ރަނަރަޕް ޓީމާއެކު ފީބާ އޭޝިއާ ކަޕްގެ ކޮލިފައިންގައި ވާދަކުރަން ޖެހޭނެއެވެ.

ސާބާ ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ޓީމުގެ ގޮތުގައި މިދިޔަ އަހަރުގެ ފީބާ އޭޝިއާ ކަޕްގައި އިންޑިއާއިން ވާދަކުރި ނަމަވެސް، އެޓީމުން ގްރޫޕް ސްޓޭޖް ނިންމާލީ މޮޅެއް ނުހޯދިއެވެ. އާ ފޯމެޓާއެކު މިދިޔަ އަހަރުގެ ފީބާ އޭޝިއާ ކަޕްގައި ވާދަކުރި ޓީމެއްގެ ގޮތުގައި އިންޑިއާއަށް ވަނީ 2021 ވަނަ އަހަރު ބާއްވާ މުބާރާތުން ޖާގައެއް ލިބިފައެވެ. މިއަހަރުގެ ސާބާ ޗެމްޕިއަންޝިޕްގައި އިންޑިއާ ވާދަނުކުރަނީ ފީބާ އޭޝިއާ ކަޕުން އޮޓޮމެޓިކް ޖާގައެއް ލިބިފައި އޮތުމުންނެވެ.