ޒަކާތު ފަންޑުން ބޯންމެރޯ ޓްރާންސްޕުލާންޓް ހެދުމަށް ފަސް ކުއްޖަކު ފުރައިފި

ޒަކާތު ފަންޑުން ބޯންމެރޯ ޓްރާންސްޕުލާންޓް ހެދުމަށް މިއަދު ފުރި ފަސް ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންނާއެކު އިއްޔެ ހެލްތު މިނިސްޓަރު ނާޒިމް ބޭއްވި ބައްދަލުކުރުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޒަކާތު ފަންޑުގެ ދަށުން ބޯންމެރޯ ޓްރާންސްޕުލާންޓް ހެދުމަށް ފަސް ކުއްޖަކު މިއަދު އިންޑިއާއަށް ފުރައިފި އެވެ.

މިއަދު ހެނދުނު އިންޑިއާގެ ބެންގަލޫރަށް ފުރި ފަސް ކުދިންނަކީ، މިއަހަރުގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހު ޒަކާތު ފަންޑުގެ ދަށުން ބޯންމެރޯ ޓްރާންސްޕުލާންޓް ހެދުމަށް ލިޔުން ހަވާލުކުރި 32 ކުދިންގެ ތެރެއިން ސިއްހީ ހާލަތު ރަނގަޅުކަމަށް ފާހަަގަކުރެވިފައިވާ ކުދިންނެވެ.

އެކުދިން ބޯންމެރޯ ޓްރާންސްޕުލާންޓް ހަދަން ހަމަޖެހިފައިވަނީ ބެންގަލޫރުގައި ހުންނަ މަނިޕާލް ހޮސްޕިޓަލުންނެވެ.

ހެލްތު މިނިސްޓްރީން ބުނީ، މިއަދު ފަސް ކުއްޖަކު ފަރުވާއަށް ފުރި ނަމަވެސް، ބާކީ ތިބި ކުދިންގެ ސިއްހީ ހާލަތު ރަނގަޅު ކުރުމަށްފަހު ފިޓްވާ ވަރަކުން ބޯންމެރޯ ޓްރާންސްޕުލާންޓް ހެދުމަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ތެލަސީމިއާއަށް އޮތް ހަމައެކަނި ދާއިމީ ފަރުވާ އަކީ ބޯންމެރޯ ޓްރާންސްޕުލާންޓެވެ. ޒަކާތު ފަންޑުން އެ ފަރުވާއަށް ކުއްޖަކަށް ގާތްގަނޑަކަށް ނުވަ ލައްކަ ރުފިޔާ ހަރަދު ކުރެއެވެ.

އަދި ބޯންމެރޯ ޓްރާންސްޕުލާންޓް ހަދަން ރާއްޖެއިން ބޭރަށް ދިއުމަށް ދެކޮޅު ޓިކެޓާއި ރާއްޖެއިން ބޭރުގައި ފަރުވާގެ ކަންތަކުގައި ހޭދަކުރަންޖެހޭ މުއްދަތުގައި ދިރިއުޅުމުގެ ކަންތައްތައް ހަމަޖެއްސުމަށް ދެވޭ އެލަވެންސް، ބޯންމެރޯ ހަދާ ޕޭޝަންޓަށާއި ބޯންމެރޯ ދޭ ޑޯނަރު އަދި ބޯންމެރޯ ހަދާ ފަރާތުގެ ދެ ބެލެނިވެރިންނަށް ހަމަޖައްސައިދެއެވެ.

އޭގެ އިތުރުން ބޯންމެރޯ ޓްރާންސްޕުލާންޓް ހެދުމަށްފަހު އެއް އަހަރު ވުމުން ހަދަންޖެހޭ ރިވިއުގެ ހަރަދުވެސް ޒަކާތު ފަންޑުން ދަނީ ހަމަޖައްސައިދެމުންނެވެ.

ޒަކާތު ފަންޑުގެ ދަށުން 2015 ވަނަ އަހަރުން ފެށިގެން ބޯންމެރޯ ޓްރާންސްޕުލާންޓް ހެދުމަށް މިހާތަނަށް 24 ކުއްޖަކު ރާއްޖެއިން ބޭރަށް ފޮނުވާފައިވެއެވެ.

comment ކޮމެންޓް