ބަލިމީހަކު ބަލަން ޖެހުމަކީ އިމްތިހާނެއް ކަަމަށް ދަނެ އެކަން ފުރިހަމަގޮތުގައި ކުރަންޖެހޭ: ޚުޠުބާ

ހެންވޭރު ފުޓުބޯޅަ ދަނޑުގައި 8 ނޮވެމްބަރު 2017ގައި ބޭއްވި ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މުސާ

ނިކަމެތީންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަޅާލައި އެމީހުންނަށް ހެޔޮކޮށް ހިތަން ޖެހޭ ކަމަށާއި ބަލިކަށި މީހެއް ބަލަން ޖެހިއްޖެނަމަ އެއީ އިމްތިހާނެއް ކަމަށް ދަނެ އެކަން ފުރިހަމަ ގޮތުގައި ކުރަން ޖެހޭ ކަމަށް މިއަދުގެ ހުކުރުު ހުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު އިއްވި ހުތުބާގައި ބުނެފައި ވަނީ އެފަދަ މީހެއް ބަލަން ޖެހިއްޖެނަމަ އެކަން އެންމެ ފުރިހަމަ ގޮތުގައި ކޮށް، އެކަމަށް ކެތްކޮށް، އެހީ ފޯރުކޮށްދިނުމުން ތިމާގެ ފާފަތައް ފޮހެވިގެންދާނެ ކަމަށެވެ.

މުޖުތަމައުގައި ކޮންމެ ފަރުދަކީ ވެސް މުޅި މުޖުތަމައުގައި ޝާމިލުވާ ފަރުދެއް ކަމަށާއި ބަލިކަށި ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ މީހެއް ކަމުގައި ވިޔަސް އެމީހަކު މުޖުތަމައު އިން އެކަހެރިވެގެން ނުވާނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ މުޖުތަމައުގެ ނިކަމެތި، ބަލި މީހުންނަށް އަޅާލައި، އެމީހުންގެ ރުހުން ހޯދައި، އެމީހުންނަށް ދިމާވެފައިވާ ދަތިކަމާ އުނދަގޫތައް އުފުއްލަދީފިނަމަ ދުނިޔެމަތީގައި އަދި އާޚިރަތުގައި އަހަރެމެންނަށް ﷲ ނަސްރު ދެއްވައި ހެޔޮގޮތް މިންވަރުކޮށްދެއްވާނެ ކަމަށެވެ.

ބައެއް ފަހަރު މުޖުތަމައުގައި ނިކަމެތިންނަށް ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ނަފުރަތާއި މަލާމާތުގެ ނަޒަރަކުން ބަލާ ކަމަށާއި އެފަދަ ކަންތައްތައް ދިމާވަނީ މުޖުތަމައުގައި ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން ކަމަށް މިއަދު އިއްވި ހުތުބާގައި ވަނީ ބުނެފައެވެ.

ހުތުބާގައި ބުނީ އެފަދަ މީހުންނަށް އެހީތެރިވެ އަޅާލުމަކީ މުޖުތަމައުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށާއި ނަމަވެސް އެފަދަ މީސްމީހުންގެ ގާތްތިމާގެ މީހުންގެ އާއިލާތަކުގެ މައްޗަށް އެކަން ވާޖިބުކަން މާބޮޑު ކަމަށެވެ.

ތަހުޒީބީ މުޖުތަމައު އަކީ އެބައިމީހުންގެ ނިކަމެތިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަޅާލާ މުޖުތަމައުއެއް ކަމަށާއި އެފަދަ މީހުންގެ ހައްގުތަކާ މެދު ސަމާލުވާން ޖެހޭ ކަމަށް ވެސް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު އިއްވި ހުތުބާގައި ބުނެފައިވެއެވެ.

comment ކޮމެންޓް