ވޯލްޑްކަޕާ ގުޅުވައިގެން މާލޭގައި ބޮޑު ފެސްޓިވަލެއް ފަށަނީ

ފުޓްބޯޅަ މަހަސަމާ އިންތިޒާމް ކުރުމާ ބެހޭ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ/ ސްޕޯޓްސް ކޯޕަރޭޝަން

"ރެއިޒްކްރައުން ފުޓްބޯޅަ މަހާސަމާ" ގެ ނަމުގައި ވޯލްޑްކަޕާ ގުޅުވައިގެން މާލޭގައި ތިރީސް ދުވަހުގެ ބޮޑު ފެސްޓިވަލެއް ފަށަން ނިންމައިފިއެވެ.

ރެއިޒް ކުރައުން ކުންފުންޏާ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ގުޅިގެން ކުރިއަށްގެންދާ އެ ފެސްޓިވަލްގައި ވޯލްޑްކަޕް ބެލޭނެ އިންތިޒާމާ އެކު ކޮފީ ބޯނެ ތަންތަނާއި ކެއުން ލިބޭނެ ފުޑް ސްޓޯލްތަކުގެ އިތުރުން މުނި ފޫހި ފިލުވުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަންވަނީ ނިންމާފައެވެ. މިއަދު ވަނީ އެ ދެ ކުންފުނީގެ ދެމެދުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މި ހަރަކާތާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރު އަބްދުއް ރައްޒާގު ވިދާޅުވީ މި ފެސްޓިވަލްގައި ޒުވާނުން ލޯބި ކުރާ ތަފާތު ގިނަ ޚިދުމަތްތަކާއި މުނިފޫހިފިލުމުގެ ހަރަކާތް ތަކާ އެކު މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ބެހެއްޓޭ 60’x34’ ފޫޓް ބިޔަ ސިލްވަރ އިސްކްރީނަކުން މެޗުތައް ބެލޭނެ ކަމަށެވެ.

"މިއީ މިހާތަނަށް ދިވެހިރާއްޖޭގައި ބެހެއްޓޭ އެންމެ ބޮޑު ސްކްރީނަށްވާއިރު، މި ފޯރިގަދަ މަހާސަމާ މެދުވެރިކޮށް ރަޝިޔާއިން ވޯލްޑް ކަޕް ބަލާލުުގެ އިހްސާސް، ވަރުގަދަ ސައުންޑްޑާއި 4K ޕްރޮޖެކްޝަނާ އެކު ފޯރިއާއި ޖޯޝްގައި، ފުޓުބޯޅައަށް ލޯބި ކުރާ ޒުވާނުނަށް ގެނެސްދެވޭނެ. ބޮޑެތި އިނާމް ތަކާއި ހަވާއެރުވުމާއި ލައިޓް ޝޯ ތަކާއި އެކު ހިންގޭ މިމަހާސަމާގައި ވޯލްޑް ކަޕް އަދި ފުޓްބޯޅައާއި ގުޅުން ހުރި ގިނަ ހަރަކާތްތަކެއްގެ އިތުން ކުޑަކުދީން ގެ ހަރަކާތްތައް ވެސް ހިންގޭނެ" ރައްޒާގު ވިދާޅުވިއެވެ.

ކްރައުން ކޮމްޕެނީގެ ސީއީއޯ އިހުސާން އަހުމަދު ނަސީރު ވިދާޅުވީ މިއީ ހުރިހާ ދިވެހިންނަށްޓަކައި އެކުންފުނީގެ ސީއެސްއާރުގެ ތެރެއިން ކުރިއަށްގެންދާ ހަރަކާތެއް ކަމަށާއި މި ފެސްޓިވަލުން ހާސިލް ކުރަން ބޭނުންވާ މަގުސަދަކީ ވޯލްޑް ކަޕް ބަލަން ރަޝީއާއަށް ނުދެވުނަސް މިތާ އިނދެގެން މެޗު ބަލާއިރު ރަޝީއާގައި ހުރެގެން މެޗު ބަލާ ކަހަލަ އިހުސާސެއް ގެނުވުން ކަމަށެވެ.

ރައްޒާގު ވިދާޅުވީ މި ފެސްޓިވަލްގެ ދަށުން މާލެއާއި ފުވައްމުލަކުގައި ހަރަކާތްތައް ހިންގޭއިރު، މަހާސަމާގައި ބައިވެރިވެ އިޝްތިހާރުކުރުމުގެ ފުރުސަތު އިވެންޓް އޯގަނައިޒަރ އެޑް އިންކް. މެދުވެރިކޮށް ލިބޭނެ ކަމަށެވެ. އެޑް އިންކުގެ ފަރާތުން މުހަންމަދު ޒައުލް 7363330 އަށް ގުޅުމުން އިތުރު މައުލޫމާތު ލިބޭނެ ކަމަށް ވެސް ރައްޒާގު ވިދާޅުވިއެވެ.

ސްޕޯޓްސް ކޯޕަރޭޝަނުންވަނީ މިހަރަކާތް ކާމިޔާބު ކަމާއެކު ހިންގުމަށް މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ފަރާތުން ލިބޭ އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

comment ކޮމެންޓް