އާކިޓެކްޗާ ކިޔަވަމުން ދިޔަ ސޮބާހުގެ ކުއްލި މަރު: ތައްޔާރުވަމުން ދިޔައީ ފަހު އިމްތިހާނަށް!

ރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި މަރުވި މުހައްމަދު ސޮބާހު ހުސައިން--

ހުޅުމާލޭގައި ސިލްސިލާކޮށް ހިނގަމުން އަންނަ އެކްސިޑެންޓްތަކުގައި އަނެއްކާވެސް މިވަނީ ޒުވާނަކު މަރުވެފައެވެ. އެ ޒުވާނާއަކީ ޖޮގިންއަށް ނުކުމެ އުޅުނު އުމުރުން 24 އަހަރުގެ މުހައްމަދު ސޮބާހު ހުސައިންއެވެ. ސޮބާހުގެ ކުއްލި މަރާއެކު ގިނަބަޔަކަށް ވަނީ ސިހުންލިބިފައެވެ. ޚާއްސަކޮށް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ހިތްތަކަށް އަނެއްކާވެސް މިވަނީ ނުތަނަވަސްކަން ވެރިވެފައެވެ.

ސޮބާހާކީ ގައުމީ ޔުނިވާސިޓީގައި މަތީ ތައުލީމް ހާސިލްކުރަމުން ދިޔަ ދަރިވަރެކެވެ. އާކިޓެކްޗާގެ ދާއިރާއިން މަތީތައުލީމު ޙާސިލްކުރަން 2016 ވަނަ އަހަރު ގައުމީ ޔުނިވާސިޓީއާ ގުޅުނު ޞޮބާހަކީ ކުޑަ އިރުންސުރެވެސް އޭނާގެ ކިބައިގައި ހުންނަ ކުރެހުމުގެ ހުނަރުގެ ސަބަބުން މުޅި އެ ބެޗުންވެސް ފާހަގަކޮށްލެވޭ ދަރިވަރެކެވެ.

ސޮބާހު ދަންނަ މީހުން ބުނާ ގޮތުން އޭނާއަކީ، ކުރާ ކޮންމެ ކަމެއްވެސް ވަރަށް ފުރިހަމައަށްކޮށް ނިންމާ ދަރިވަރެކެވެ. ހާސިލް ކުރަން ބޭނުންވާ ކަންކަމަށް ކިތަންމެ ބުރަކޮށް މަސައްކަތް ކުރަން ޖެހުނަސް ފަރުވާލެއް ނެތެވެ.

އާއިލާއިން ބުނާ ގޮތުން ރޭ ސޮބާހު ގެއިން ނުކުތީ މިއަދު އޮތް، މި ސެމިސްޓާރގެ ފަހު އިމްތިހާނަށް ފިލާވަޅު ދަސްކުރަން އިނދެފައެވެ. ސްޓްރެސް ފިލުވާލައި ތިމާވެށީގެ ހިތްހަމަޖެހުން އޭނާ ލިބިގަންނަނީ ދުވަން ގޮސްގެން ކަމަށް އާއިލާއިން ވާހަކަ ދެއްކި ބައެއް މީހުން ކިޔައިދިނެވެ.

ޖޮގިން ކުރުމަށް އޭނާ ދިރިއުޅޭ ކޮރެލް ވިލްއިން ނުކުމެގެން ދިޔައީ ގާތްގަނޑަކަށް 9 ޖަހާއިރު ކަމަށް އާއިލާން ވާހަކަދެއްކި މީހަކު ކިޔައިދިނެވެ. އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި އޮތީ ރޭ 9:20 ކަންހާއިރުއެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގީ ހުޅުމާލޭގައި ހުންނަ އަމީން އެވެނިއު ކައިރިން ދުއްވާފައި ދިޔަ ސައިކަލެއް އެ ހިސާބުގަނޑުން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެން ކަމަށެވެ.

ސޮބާހުގެ ޒަހަމްވެފައިވާ ހަށިގަނޑު އެންމެ ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އޭރުވެސް އޭނާގެ ހަށިގަނޑުން ހޯސްލާފައި ލޭ އަންނަމުން ދިޔަ ކަމަށް "ސަން"އާ ވާހަކަ ދެއްކި މަންޒަރުދުށް ބައެއް މީހުންވަނީ ބުނެފައެވެ. އަދި ސޮބާހު އެވަގުތު އުޅުނީ ދުވަން ނުކުމެ ކަމުން އޭނާގެ އަތުގައި އެއީ ކާކުކަން އަންގައިދޭ ލިޔުމެއް ނެތުމުން ގިނަ ވަގުތުތަކެއް ވަންދެން މީސް މީޑިއާއާ އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް އޭނާގެ އާއިލާ ހޯދަން ވަނީ މަސައްކަތްކޮށްފައެވެ.

ސޮބާހުގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ވެފައިވާއިރު އޭނާގެ ހަށިގަނޑުގެ އެހެން ބައެއް ތަންތަން ވެސް ހުރީ ވަރަށް ބޮޑަށް ޒަހަމްވެފައެވެ. ބެލެވޭ ގޮތުގައި ސައިކަލުން ޖެހުމާއެކު އޭނާ ވިއްސައިގެން ދިޔައީއެވެ.

ސޮބާހުގެ އެކުވެރިން ބުނާ ގޮތުން ގެއްލިގެން އެދިޔައީ މާދަމާ މި މުޖްތަމައުއަށް އިމާރާތް ކުރުމުގެ ދާއިރާއިން ހިދުމަތްކުރަން ހުރި ޒުވާނެކެވެ. އޭނާގެ ކުރެހުންތަކަކީ ޖާދޫއެއް ކަމަށް އެ ކުދިން ގަބޫލު ކުރެއެވެ. ޑިގްރީގެ އެންމެ ފަހު އަހަރު ނިންމަން ހުރިހާ ކުދިން މަސައްކަތް ކުރަމުންދިޔައިރު ސޮބާހު އުޅުނީ ރެއާ ހަމައަށްވެސް އެ ރޭހުގެ އެންމެ ކުރީގައެވެ.

ޔުނިވާސިޓީއަށް ވަން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ސޮބާހު ދަންނަ އޭނާގެ އާކިޓެކްޗަރަލް ޑިޒައިން އެންޑް އާކިޓެކްޓަރަލް ކޮމިޔުނިކޭޝަންގެ ލެކްޗަރާރ އިބްރާހިމް ނަދީމް ވިދާޅުވީ ސޮބާހަކީ މި ދާއިރާގައި ފިޔަޖަހާލާނެ ވަރުގެ ހުނަރުވެރި ކުއްޖެއް ކަމަށެވެ.

ނަދީމް ވިދާޅުވީ އޭނާ މީގެ ދެ އަހަރު ކުރިން އާކިޓެކްޗާރ ކޯހާއި ގުޅުނު އިރުވެސް އޭނާއަކީ ފާހަގަކޮށްލެވޭ ކުއްޖެއް ކަމަށާއި އޭނާ ކިޔެވުމަށް ބުރަކޮށް މަަސައްކަތް ކުރި ކަމަށެވެ.

ސޮބާހުގެ ޕްރޮފެޝަނަލް ޕްރެކްޓިސް ލެކްޗަރާރ ޣާނިމް ވިދާޅުވީ ސޮބާހު އަކީ މިސާލެއް ފަދަ ދަރިވަރެއް ކަމަށާއި އޭނާއަކީ ހަރުދަނާ ލީޑަޝިޕެއްގެ ވެރި މޮޅު ކުއްޖެއް ކަމަށެވެ. ޣާނިމް ވިދާޅުވީ ކްލާހުގައި އޭނާ ހުރިހާ ދަރިވަރުންނަށްވެސް އެހީވާނެ ކަމަށާއި ދަރިވަރުންވެސް އޭނާގެ ކިބައިން ނަމޫނާ ލިބިގަންނަ ކަމަށެެވެ.

ސޮބާހު ވަޅުލާނީ މިއަދު އަސުރު ނަމާދަށް ފަހުއެވެ.

އެ ހާދިސާގައި އަނިޔާވި 18 އަހަރުގެ ދެެ ޒުވާނުންނަށްވެސް މިހާރު ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން އެކަކު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު އަނެއް ޒުވާނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ހުޅުމާލެ ހޮސްޕިޓަލު ހިންގާ އާސަންދަ ކުންފުނީގެ މީޑީއާ އޮފިޝަލް އާޝިޔާ ސާލިހް ވިދާޅުވީ، އެކްސިޑެންޓްގައި އަނިޔާވި އަނެއް ދެ ޒުވާނުންގެ ހާލު ސީރިއަސް ނޫން ކަމަށެެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް