ފެޝަން ޑިޒައިނަރު ކޭޓް މަރުވެފައި އޮއްވާ ފެނިއްޖެ

މަޝްހޫރު ފެޝަން ޑިޒައިނަރު ކޭޓް--

އެމެރިކާގެ މަޝްހޫރު ފެޝަން ޑިޒައިނަރު ކޭޓް ސްޕޭޑް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ކޭޓް މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުން އަންނަ ޕާކް އެވެނިއު އެޕާޓްމަންޓްގެ ތެރެއިން، އެގޭގެ މަސައްކަތު މީހާއަށް ކަމަށެވެ.

އުމުރުން 55 އަހަރުގެ ކޭޓްގެ މަރާގުޅޭގޮތުން އެމެރިކާގެ ފުލުހުންނާ ހަވާލާދީ ބޭރުގެ ޚަބަރުތައް ބުނާގޮތުގައި ކޭޓް މަރުވީ އަމިއްލައަށެވެ. އަދި އޭނާ މަރުވިއިރު އެގޭތެރެއިން މަރުވުމުގެ ކުރިން ލިޔެފައި އޮތް ނޯޓްކޮޅެއް ވެސް ފެނިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ގޭތެރެއިން ނޯޓްކޮޅެއް ފެނުނުނަމަވެސް ނޯޓްގައި އޮތީ ކޮން ވާހަކައެއް ކަމެއް ފުލުހުން ބުނެދީފައެއް ނުވެއެވެ. ކޭޓް ވަނީ މީގެ ކުރިން ނޫސްވެރިއެއްގެ ޒިންމާވެސް އަދާކޮށްފައެވެ. ނޫސްވެރިކަން ދޫކޮށްލުމަށްފަހު އަމިއްލަ ވިޔަފާރިއެއް ފެށީ 1993 ވަނަ އަހަރުގައެވެ.

ޒީނަތްތެރިވުމަށް ބޭނުންވާ ހުރިހާ ބާވަތެއްގެ ވިޔަފާރި ކުރަމުން އައި ކޭޓްގެ މަރާ ގުޅިގެން މުޅި އެމެރިކާއަށް ވެސް ވަނީ ސިހުން ގެނެސްފައެވެ. އޭނާ މަރުވިއިރު 13 އަހަރުގެ ދަރިއަކު އެބަހުއްޓެވެ.

މަސްދަރު: ދަ ގާޑިއަން

comment ކޮމެންޓް