ދުރާލާ ރާވައިގެން މާމިގިލީގައި ހަށިވިއްކަން އުޅުނު މީހުންގެ ހަގީގަތް!

މާމިގިލީގައި ހަށިވިއްކަން އުޅުނު މީހުން ކުއްޔަށް ނަގައިގެން އުޅުނު ގެ--ފޮޓޯ/ ކިޔުންތެރިއެއް

އދ. މާމިގިލީގައި ފުޅާ ދާއިރާގައި ހަށިވިއްކަމުން ދިޔަ ބަޔަކު ފުލުހުން ކުރީ ރޭ ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެތެރޭގައި ދިވެހި ހަ މީހަކާއި ބިދޭސީއަކު ހިމެނެ އެވެ.

އާބާދީގައި 3،500 އަށް ވުރެ ގިނައިން މީހުން އުޅޭ މާމިގިލި ރައްޔިތުންނަށް މި ހަބަރުވެގެން ދިޔައީ މާޔޫސްކަން ގެނުވި ހަބަރަކަށެވެ. އެ ރަށު ތެރޭގައި މިފަދަ ނުބައި އަދި ހުތުރު އަމަލެއް ބަޔަކު ހިންގާކަން އެ ރަށުގެ ގިނަ ބަޔަކަށް ނޭނގެ އެވެ.

އެމީހުންގެ މާޔޫސް ކަމާއި ރުޅިވެރިކަން އިތުރުވީ ހާއްސަކޮށް ރަމަޟާން މަހެއްގެ ތެރޭގައި މިފަދަ ހަނޑިމުޑުދާރު ކަމެއް އެ ރަށުގައި ހިންގުމުންނެވެ. މުސްލިމުންނަށް އަންނަ އެންމެ ބަރަކާތްތެރި މަސްއަރުގައި ރަށުގެ ގިނަ ބަޔަކު އަޅުކަމާއި އިޖްތިމާއީ ކަންކަމުގައި އުޅެނިކޮށް މިފަދަ ކަމެއް ހިނގުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް އެ ރަށު މީހުން ބުނެ އެވެ.

"ވަރަށް ހައިރާން ކުރުވަނިވި ކަމެއް މިއީ، މިރަށުގައި ތިޔަ ކަހަލަ ކަމެއް ބަޔަކުކޮށް އުޅޭ ވާހަކަ އަޑުއިވުނީމަ މިހުރީ އަންތަރީސްވެފައި." ރަށުން ވާހަކަ ދެއްކި އަންހެނަކު ބުނީ މިހެންނެވެ.

މާމިގލިން ހައްޔަރު ކުރި ދެ އަންހެނުންގެ އުމުރަކީ 21 އަހަރާއި 22 އަހަރެވެ. މީގެ ތެރެއިން އެއް އަންހެން ކުއްޖަކީ ނ. އަތޮޅުގެ އާބާދީ ބޮޑު ރަށަކަށް ނިސްބަތްވާ ކުއްޖެކެވެ. އަނެއް ކުއްޖާއަކީ މާލޭގައި ރަޖިސްޓްރީ އޮންނަ ކުއްޖެކެވެ.

މި ދެ އަންހެންކުދިން މާމިގިއްޔަށް އައީ މިމަހުގެ 19 ވަނަ ދުވަހު ކަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ވަނީ ބުނެފަ އެވެ. އެމީހުން ބުނާ ގޮތުން އެ ދެ އަންހެން ކުދިން އެ ރަށަށް ގެނައީ މީގެ ހަވަރަކަށް އަހަރު ކުރިން އެ ރަށަށް ހިޖުރަކުރި އާއިލާއެއްގައި ހިމެނޭ ދެ ބެއިންނެވެ.

ދެ އަންހެން ކުދިން އެ ރަށަށް ގެނެސް ބައިތިއްބާފައިތިބީ ސުނާމީގައި މާމިގިއްޔަށް ބަދަލުވި މަޑިފުށި ބަޔަކު ދިރިއުޅެން ހަދާފައި ހުރި ގެއެއްގަ އެވެ. އެ ގެ އެމީހުން ބޭނުން ކުރީ ކުއްޔަށް ނަގައިގެންކަން ވަނީ އެނގިފަ އެވެ.

އަންހެން ދެ ކުދިން ބޭނުން ކޮށްގެން ހަށިވިއްކުމުގެ ވިޔަފާރީ ކުރަމުންދިޔައީ ރަމަޟާން މަހުގެ ދެވަނަ ދުވަހުން ފަށައިގެން ކަން އެނގިފައިވާ އިރު އެމީހުން ހަށިވިއްކަމުން ދިޔައީ އެ ރަށުގައި އުޅޭ ބިދޭސީންނަށެވެ. ގިނަ އަދަދެއްގެ ބިދޭސީން އެ ގެއަށް ގޮސް ހަދާކަމަށް ރަށުން ވާހަކަ ދެއްކި ބައެއް މީހުން ވަނީ ބުނެފަ އެވެ.

މާމިގިލީގައި ހަށިވިއްކަން އުޅުނު މީހުން ކުއްޔަށް ނަގައިގެން އުޅުނު ގެ--ފޮޓޯ/ ކިޔުންތެރިއެއް

"އެމީހުން ބިދޭސީންނަށް ވަކި ރޭޓެއް އަދި ދިވެހިންނަށް ވަކި ރޭޓެއް ގެންގުޅޭ ކަމަށް ވަނީ." މައުލޫމާތު އެނގޭ މާމިގިލި ރައްޔިތަކު ކިޔައިދިނެވެ.

އެ މީހުން ކުރަމުން ދިޔަ ވިޔާފީރި ފަޅާ އަރުވާލުމަށް އެ ރަށުގެ ބައެއް ޒުވާނުން އެ މީހުންނަށް ފާރަލަމުންދާތާ ދުވަސްތަކެއްވެއްޖެ ކަމަށް އެރަށު މީހުން ވަނީ ބުނެފަ އެވެ. އަދި ފުލުހުން އެމީހުން އަތުލައިގަތީ ތިންރޭ ވަންދެން ފާރަލާފައި ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހުން ވަނީ ކިޔަދީފަ އެވެ.

"ރަށުގެ ޒުވާނުން ވަރަށް ދުވަސް ވެއްޖެ ފާރަލާތާ. ގިނަ އަދަދެއްގެ ބިދޭސީން ވަދެ ނިކުމެ ހަދާ އެގެއަށް. ފުލުހުން މި މީހުން ހައްޔަރު ނުކުރި ނަމަ ރަށު ރައްޔިތުން ނުކުމެ އެކަން ފަޅާއަރުވާލަން ނިންމާފައި އޮތީ،" ކުރިން ވެސް ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.

ފުލުހުން ކުރީ ރޭ ހިންގި އޮޕަރޭޝަންގައި ދަންވަރު 1:30 އެހާކަންހާއިރު އެމީހުން ހައްޔަރުކޮށްފައި ވަނީ އެ ކަމުގެ ތެރޭގައި ތިއްބަ އެވެ. ހަތް މީހުން ހައްޔަރު ކުރި އިރު، ކުރިން ފާހަގަ ކުރި ހަތަރު މީހުން ފިޔަވައި ދެންތިބި މީހުންގެ ތެރޭގައި ހިމެނެނީ މާމިގިލި މީހަކާ އިނދެގެން އުޅޭ މީހަކާއި އެ ރަށުގެ ޒުވާނެކެވެ. ދެމީހުންނަކީ ވެސް މަސްތުވާތަކެތީގެ ރެކޯޑް އޮންނަ ބައެއްކަން ވަނީ އެނގިފަ އެވެ. އެ މައްސަލާގައި ހައްޔަރު ކުރި ބިދޭސީމީހާއަކީ އެވަގުތު އެތަނަށް ގޮސް އުޅުނު މީހެކެވެ. އެ ބިދޭސީ މީހާ މަސައްކަތް ކުރަނީ އެ ރަށު ހޮޓަލެއްގަ އެވެ.

އެ މައްސަލާގައި ހައްޔަރު ކުރި މީހުން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށްގެންދަން ވަނީ މާމިގިލި ކޯޓުން އަމުރުކޮށްފަ އެވެ. ހައްޔަރު ކުރި މީހުންގެ ތެރެއިން 21 އަދި 22 އަހަރުގެ ދެ އަންހެނުން 10 ދުވަސް ވަންދެން ބަންދުގައި ބަހައްޓަން މާމިގިލި މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އަދި އެ މައްސަލާގައި ހައްޔަރުކުރި 26، 27 އަދި 32 އަހަރުގެ ތިން ފިރިހެނުންނަށް ވަނީ 10 ދުވަސްވަންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ. އެ މައްސަލާގައި ހިމެނޭ 30 އަހަރުގެ ފިރިހެންމީހާ 15 ދުވަސް ވަންދެން ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފަ އެވެ.

comment ކޮމެންޓް