ސްޕޯޓްސް ކޯޕަރޭޝަންގެ ވެބްސައިޓާއި "ކުޅިވަރު" މަޖައްލާ އިފްތިތާހުކޮށްފި

މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---

ސްޕޯޓްސް ކޯޕަރޭޝަންގެ ވެބްސައިޓާއި އެ ކުންފުނިން ނެރުމަށް ހަމަޖެހިފައިވާ 'ކުޅިވަރު' މަޖައްލާ އިފްތިތާހު ކޮށްފި އެވެ.

މިއަދު ގައުމީ ފުޓުބޯޅަ ދަނޑުގެ ވީވީއައިޕީގައި ބޭއްވި ހަފްލާގައި ސްޕޯޓްސް ކޯޕަރޭޝަންގެ ވެބްސައިޓް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ރައްޔިތުން މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ. ކުޅިވަރުގެ ހުރިހާ ހަރަކާތެއް ހިމެނޭ ގޮތަށް ކޮންމެ އަހަރަކު ދެފަހަރު ނެރުމަށް ހަމަޖެހިފައިވާ މަޖައްލާ "ކުޅިވަރު" އިފްތިތާހު ކޮށްދެއްވީ ސްޕޯޓްސް ކޯޕަރޭޝަންގެ ބޯޑު މެމްބަރު މުހައްމަދު ފިޝާވިން އެވެ.

ސްޕޯޓްސް ކޯޕަރޭޝަންގެ ވެބްސައިޓުން ރާއްޖޭގެ ހުރިހާ ކުޅިވަރު އެސޯސިއޭޝަންގެ ހަރަކާތްތަކާއި ސްޕޯޓްސް ކޯޕަރޭޝަންގެ އިވެންޓްތަކުގެ މައުލޫމާތުތައް ވެސް ލިބޭނެ އެވެ. އަދި ކުންފުނީގައި އިއުލާން ކުރާ ވަޒީފާގެ ފުރުސަތުތަކުގެ އިތުރުން މީޑިއާއަށް ބޭނުންވާ އެންމެފަހުގެ މައުލޫމާތުތަކެއް ވެސް ސައިޓުން ލިބޭނެ އެވެ.

ސްޕޯޓްސް ކޯޕަރޭޝަންގެ ވެބްސައިޓް އިފްތިތާހު ކޮށްދެއްވުމަށް ފަހު ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، ބޮޗޭ ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަނަކީ ހިތްވަރުގަދަ ޓީމަކާ އެކު ކުޅިވަރަށް ވަރަށް ބޮޑެތި ހިދުމަތްތަކެއް ކުރަމުންގެންދާ ކުންފުންޏެއް ކަމަށެވެ. އަދި ސްޕޯޓްސް ކޯޕަރޭޝަނަކީ ޒުވާނުންނާ ވަރަށް ބޮޑަށް ގުޅިފައިވާ މަސައްކަތެއް ކުރާ ކުންފުންޏެއް ކަމަށާއި އެފަދަ ކުންފުންޏަކަށް ވެބްސައިޓެއްގެ އެހީގައި މައުލޫމާތު ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއް ކަމަށް ވެސް ބޮޗޭ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ބޮޗޭ ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީގެ ދަށުން އުފެދިގެން އައި ސްޕޯޓްސް ކޯޕަރޭޝަނަކީ ރައީސް ޔާމީނުގެ އިސްނެންގެވުމުގެ ދަށުން އުފެދިގެންއައި ކުންފުންޏެއް ކަމަށާއި އެކަމަށް ޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ސްޕޯޓްސް ކޯޕަރޭޝަނުން ނެރޭ "ކުޅިވަރު" މަޖައްލާ އަހަރަކު ދެފަހަރު ނެރޭ އިރު، ރާއްޖޭގެ ކުޅިވަރާ ގުޅޭ ހުރިހާ ކަމެއް އެ މަޖައްލާގައި ހިމެނޭނެ ކަމަށް ސްޕޯޓްސް ކޯޕަރޭޝަނުން ބުންޏެވެ. އަދި މަޖައްލާއަކީ ރާއްޖޭގެ ހުރިހާ ކުޅިވަރަކަށް ހާއްސަކޮށްގެން ނެރެވޭ ފުރަތަމަ މަޖައްލާ ކަމަށް ވެސް ސްޕޯޓްސް ކޯޕަރޭޝަނުން ބުނެފައިވެ އެވެ.

ސްޕޯޓްސް ކޯޕަރޭޝަނަކީ ރާއްޖޭގެ ކުޅިވަރުގެ ކަންކަން ހަރުދަނާ އުސޫލެެއްގެ ދަށުން ހިންގުމަށް ކުޅިވަރު ގާނޫނުގެ ދަށުން އުފައްދައިފައިވާ ކުންފުންޏެކެވެ.

comment ކޮމެންޓް