މަހާ ޖައްރާފު މިއަހަރު ވަރަށް ބިޒީވާނެ: ޒިޔަތު

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި އެކުންފުނީގެ ސީއީއޯ އިބްރާހިމް ޒިޔަތު (މ) ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މި އަހަރަށް ވާ ވަރަށް ބިން ހިއްކުމުގެ މަޝްރޫއުތަކެއް ހިންގުމަށް ލިބިފައި ވާކަމަށާއި، މަހާ ޖައްރާފު މިއަހަރު ވަރަށް ބިޒީ ވެގެން ދާނެކަމަށް އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވެއްޖެއެވެ.

ރޭ ހޮޓެލް ޖެންގައި އޮތް އެމްޓީސީސީގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ކުންފުނީގައި އާންމު ހިއްސާދާރުންގެ ތެރެއިން ގިނަ ބަޔަކު ވަނީ އެމްޓީސީސީގެ ހޮޕާ ސަކްޝަން ޑްރެޖަރު މަހާ ޖައްރާފާ ގުޅޭގޮތުން ސުވާލު ކޮށްފައެވެ.

އެގޮތުން، މަހާ ޖައްރާފުގެ ބޭނުންކުރުމަށް އެކަށީގެންވާ ވަރަށް މަޝްރޫޢުތަކެއް ލިބޭނެކަމާ މެދު ހިއްސާދާރުން ސުވާލު އުފެއްދިއެވެ.

ޖަވާބުގައި ކުންފުނީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ މިއަހަރަށް ވާ ވަރަށް މަޝްރޫއު މިހާރުވެސް ލިބިފައިވާ ކަމަށެވެ.

https://sun.mv/104603

"މިހާރު މަހާ ޖައްރާފު، ޕްރައިވެޓް ޕްރޮޖެކްޓަކަށް ދެން ދާނީ. ނިންމާފައި ތިލަފުށި ހިއްކަން ފަށާނެ،" ޒިޔަތު ވިދާޅުވިއެވެ.

ޒިޔަތު ވިދާޅުވީ މިހާރުވެސް އެމްޓީސީސީން ދަނީ ސަރުކާރުން އެއާޕޯޓު އެޅުމުގެ ފަސް ޕްރޮޖެކްޓަކާއި ފަޅު ހިއްކުމުގެ ތިން ޕްރޮޖެކްޓަކަށް ނެގޯޝިއޭޓު ކުރަމުން ކަމަށެވެ.

"އެހެން ވިއްޔާ ގާތްގަނޑަކަށް މިއަހަރު އެއްކޮށް މަހާ ޖައްރާފު ބިޒީވެގެން ދާނެ. މަހާ ޖައްރާފަށް ވާ ވަރަށް ޕްރޮޖެކްޓް އެބަހުރި،" ޒިޔަތު ވިދާޅުވިއެވެ.

އެމްޓީސީސީން މިއަހަރަށް ކުރާ ތަސައްވަރު އިއްވަވަމުން ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ، ކުންފުނީގެ އަމާޒަކީ ކުންފުނީގެ ވިޔަފާރީގެ ހުރިހާ ދާއިރާއަކުން ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ހައްލުތައް ހޯދައިދީ، ދިރިއުޅުން މުއްސަނދިކޮށްދިނުން ކަމަށެވެ.

"ވިޔަފާރި ކުރިއަށް ގެންދިއުމަށް މިހާރު ލިބިދައިވާ ދުވެލީގައި ކުރިމަގުގައި އިތުރު ކުރިއެރުން ހޯދައި، އާމްދަނީ އިތުރުކުރުމަށް ފުރުސަތު ހޯދުމުގެ މަގު ވަނީ ތަނަވަސްވެފައި،"

އެހެން ނަމަވެސް ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އާ ޚިދުމަތްތައް ފޯރުކުރުމުގައި ކުރިއެރުން ހޯދުމުގެ ޖާގަ އަދިވެސް އެބަ އޮތްކަމަށް ދެކިވަޑައިގަންނަވާ ކަމަށް ޒިޔަތު ވިދާޅުވިއެވެ.

"ކުރިމަގަށް ބަލާޢިރު ވިޔަފާރީގައި މައިގަނޑު ދާއިރާތަކުން ލިބޭ ފައިދާ އިތުރުކޮށް، ކަސްޓަމާ ސާވިސް ރަނގަޅުކޮށް، ހިންގުން ހަރުދަނާކޮށް، އެފަދަ މިންގަނޑުތައް އިތުރަށް ރަނގަޅުކުރުމުގެ ފުރުސަތު ފަހިވެފައި ވާކަން ގަބޫލުކުރެވޭ،" ޒިޔަތު ވިދާޅުވިއެވެ.

comment ކޮމެންޓް