މިންތީގެ ޢަދާލަތު – އިސްލާމީ ނަޒަރަކުން - 3

ފޮޓޯ: އޭޕީ

އާއިލީ ނިޒާމުގައި ފިރިހެނުންނަށާއި އަންހެނުންނަށްވެސްވަނީ ކަނޑައެޅިބަޔާންވެގެންހުރި ޙައްޤުތަކެއް ލިބިދީފައެވެ. ޝައްކެއްނެތެވެ. ދެބައިމީހުންގެ ދާއިރާތަފާތެވެ. ފިރިމީހާގެ މަސްއޫލިއްޔަތަކީ އަނބިދަރީން ބެލެހެއްޓުމެވެ. އެބައިމީހުންގެ ޚަރަދުބަރަދާއި، ނަފަޤާތުގެ ޒިންމާއުފުލުމެވެ. މަސައްކަތްކޮށް އާމްދަނީ ހޯދައި އާއިލާގެދިރިއުޅުމަށް ބޭނުންވާ ވަސީލަތްތައް ހަމަކޮށްދިނުމެވެ. އަނބިމީހާގެ މަސައްކަތަކީ ގެ ހިންގުމުގެ މަސްއޫލިއްޔަތު އުފުލުމެވެ. އެހެންކަމުން އާއްމުޙާލަތްތަކުގައި އަންހެނުންގެ މަޤާމަކީ ގެއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދު ދެއްވައިފައިވެއެވެ.

"ތިޔަބައިމީހުންކުރެ ކޮންމެ މީހަކީ ބެލެހެއްޓުންތެރިޔެކެވެ. އެމީހެއްގެ ބެލުމުގެ ދަށުގައިވާ މީހުނާ ބެހޭގޮތުން އެމީހަކާ ސުވާލުކުރެވޭނެއެވެ. ފިރިހެނާއަކީ އޭނާގެ ގޭގެ އަހްލުވެރިންގެ ބެލެހެއްޓުންތެރިޔާއެވެ. އޭނާގެ ބެލުމުގެ ދަށުގައިވާ މީހުނާ ބެހޭގޮތުން އޭނާއާ ސުވާލުކުރެވޭނެއެވެ. އަންހެނާއަކީ އޭނާގެ ފިރިމީހާގެ ގޭގެ ބެލެހެއްޓުންތެރިޔާއެވެ. އެކަމާ ބެހޭގޮތުން އޭނާއާ ސުވާލުކުރެވޭނެއެވެ.'' (ބުޚާރީ 2409، މުސްލިމު:1829)

އާއިލާގެ އިސްމަޤާމު

އާއިލީ ނިޒާމުގެ ނަމޫނާއަކީ ކުންފުންޏެއްގެ މިސާލުކަމުގައި ދެންނެވިދާނެއެވެ. ކުންފުންޏެއްގެ ބައެއް މުވައްޒަފުންނަކީ މުދާ އުފައްދާމީހުންނެވެ. ބައެއް މުވައްޒަފުންނަކީ އެތަކެތި ބާޒާރަށްނެރެ ވިއްކާމީހުންނެވެ. ދެބައިމީހުންގެ ޙައިޘިއްޔަތުގައި ތަފާތެއްނެތެވެ. ޝައްކެއްނެތެވެ. ދެބައިމީހުންގެ މަސައްކަތުގެ ދާއިރާ ތަފާތެވެ. މިހަމައިގެ މަތީންފިރިހެނުންނާ ހަވާލުކުރެވިފައިވަނީ ވަކި މަސްއޫލިއްޔަތުތަކެކެވެ. އަންހެނުންނާ ޙަވާލުކުރެވިފައިވަނީ ތަފާތު އެހެން މަސައްކަތް ތަކެއްގެ ޒިންމާއެވެ. އެހެންކަމުން ޒިންމާ ބަހައިލުމަކީ އަންހެނުން ނިކަމެތިކުރުމެއްކަމުގައި ބުނުމަކީ ޙަޤީޤަތެއްނޫނެވެ. ކުންފުނިތަކުގައިވެސް ހިންގުމުގެ އިސްމީހަކަށް އެކަކު ހަމަޖައްސައެވެ. އެހެންހުރިހާ މުވައްޒަފުން މަސައްކަތްކުރާން ޖެހެނީ އޭނާގެ އިރުޝާދުގެ ދަށުންނެވެ. އޭނާގެ އެންގުންތަކާ އެއްގޮތްވާ ގޮތުގެމަތީންނެވެ. ހަމައެފަދައިން އާއިލީނިޒާމުގައި އިސްމީހަކަށް ވަނީ ފިރިހެނާއެވެ. އަނބިދަރީންނަށް އަމުރުވެވިގެންވަނީ އޭނާޔަށް ކިޔަމަންވުމަށެވެ. އަރަހުށިމާތްﷲ ވަޙީކުރައްވައިފައިވަނީ މިދަންނަވާގޮތަށެވެ.

''އަދި ޝަރުޢީ ހަމައިން (ފިރީންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށް ވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރީންގެ ފަރާތުން) އެކަނބަލުންނަށްވެސް ޙައްޤުވެގެންވެއެވެ. އަދި ފިރިހެނުންނަށް އެކަންބަލުންގެ މައްޗަށް ދަރަޖައެއް ލިބިގެންވެއެވެ.'' (އަލްބަޤަރާ: 228)

އަރަހުށިމާތްﷲ ކީރިތި ޤުރްއާނުގެ އެހެން އާޔަތެއްގައި ވަޙީކުރައްވައިފައިވެއެވެ.

''ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި ޤާއިމުވެގެންތިބޭ ބަޔެކެވެ. (އެއީ) އެއުރެންގެ އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު ﷲ މާތްކުރައްވައި އިތުރުކުރައްވައިފައިވާ ކަމަށްޓަކައެވެ. އަދި އެއުރެންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ. ފަހެ، ހެޔޮލަފާ އަންހެނުންނީ، ކިޔަމަންތެރި އަންހެނުންނެވެ. ރައްކާތެރިކުރުމަށް ﷲ އެންގެވި ކަންތައް، ސިއްރުގައިވެސް، ރައްކާތެރިކުރާ އަންހެނުންނެވެ.'' (އައްނިސާއު: 34)

އިސްލާމީ އިރްޝާދުތަކުގެ ޙިކުމަތް

ދުރަށްވިސްނުން ނުހިންގާމީހުން އިސްލާމްދީނުގެ އިޖްތިމާއި ނިޒާމުގެ ބައެއް ޙުކުމްތަކާމެދު ދެކެނީ އެޙުކުމްތައް އަދުލުއިންސާފާ ޚިލާފުކަމުގައެވެ. ނަމަވެސް ސަމާލުކަންދީގެން ވިސްނައި ފިކުރު ހިންގައި ފުންކޮށް ދިރާސާކުރުމުން އެކަންކަމުން އެނގިފާޅުވަނީ އިސްލާމްދީނުގައި އަންހެނުންގެ ދަރަޖަ މަތިވެރިކަމެވެ. މިސާލެއްގެ ގޮތުން ވިސްނައިލަމާހިންގަވާށެވެ. އިސްލާމްދީނުގައި އަންހެނުންނަށް ވަނީ ޙިޖާބު އިޚްތިޔާރުކުރުމަށް އަމުރުކޮށްފައެވެ. އެކަމުގެ މަޤްސަދަކީ އަންހެނުންގެ ޙަރަކާތްތަކަށް މާނައެއްނެތް ހުރަހެއް ކުރިމަތިކުރުމެއް ނޫނެވެ. އަންހެނުން ގޭގެ ހަތަރު ފާރުގެ ތެރޭގައި ހުރަގެޖެހުމެއްވެސްނޫނެވެ. އިސްލާމްދީނުގެ މިއަމުރުގެ ބޭނުމަކީ އަންހެނުންގެ ޝަރަފާއި ކަރާމަތް ރައްކާތެރި ކުރުމެވެ. އަންހެނުންގެ އަބުރާއި އިއްޒަތް ޙިމާޔަތްކުރުމެވެ. ޝައްކެއްނެތެވެ. އަގުހުރި ކޮންމެ އެއްޗަކީވެސް ރައްކާތެރި ކުރާންޖެހޭ އެއްޗެކެވެ. ވަގުންނާއި، ފޭރޭމީހުންގެ އަތުޖެހުނަނުދީ ބެލެހެއްޓުމުގެ ތަދުބީރު ކުރާންޖެހޭ އެއްޗެކެވެ.

އަންހެނުންގެ ހަށިގަނޑު ނިވާކުރާ ވާހަކަ ދައްކައިލެވޭ ކޮންމެ ފަހަރަކު އެއްބަޔަކު އެވާހަކަ މާނަކުރަނީ މުސްލިމުންގެ ތެރެއިން ހައްދުފަހަނަޅައިފައިވާ ބަޔަކު ދައްކާ މުސްކުޅިވާހަކައެއް ކަމުގައެވެ. އަންހެނުން ފޮތިމާއްޔަކަށް ހަދާން އުޅެނީ ކަމުގައެވެ. ނަމަވެސް ޙަޤީޤަތް އޮތީ މިގޮތަކަށެއް ނޫނެވެ. ދާދިފަހުން އިންޑިޔާގެ އަންދްރާ ޕްރަދޭޝްގެ ފުލުހުން ޑީ.އައި.ޖީ ދެއްވި އާއްމު ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.

''ހަށިގަނޑު އިޝްތިހާރުކޮށްދޭ ފެޝަނަބަލް ހެދުންތަކުގެ ސަބަބުން އަންހެނުންގެ ޢިޞްމަތު ފޭރުމުގެ ޙާދިޘާތައް އިތުރުވަމުން އެބަދެއެވެ.''

އިންޑިޔާގެ ކަރްނާޓަކާގެ އަންހެންނާއި ކުޑަކުދިންގެ ވެލްފެއަރއާބެހޭ ވަޒީރު 2012 ގައިވަނީ ހަމަ މިމޭރުމުން ވާހަކަ ދައްކަވައިފައެވެ. އޭނާ ޓައިމްސް އޮފް އިންޑިޔާއަށް ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވެއެވެ. ''އަންހެނުން އެކަނބަލުންގެ ހަށިގަނޑު ނިވާކުރާންވީ ކިހާވަރަކަށްކަމާއި، ހާމަކުރާންވީކިހާވަރަކަށް ކަމާމެދު އަމިއްލަޔަށް ވިސްނާން އެބަޖެހެއެވެ. އަންހެނުންގެކިބައިގައި އަބުރުވެރިކަމެއް ހުންނާން ޖެހެއެވެ. އެމީހުންލާންވާނީ ތިމާއަކީ އަބުރުވެރި، ރައްކާތެރި އަންހެނެއްކަން ދޭހަވާފަދަ ހެދުމެކެވެ.'' އޭނާ ވިދާޅުވާގޮތުގައި ''ފިރިހެނުންގެ ޖިންސީ ޖަޒުބާތު ހޭލައްވާގޮތަށް އަންހެނުން އޮރިޔާން ހެދުން އަޅާނަމަ ފިރިހެނުންގެ ސުލޫކު ދާނީ އިންދިރާސްވަމުންނެވެ. އަޚްލާޤީ ގޮތުން ދަށަށްވެއްޓެމުންނެވެ. އެހެންކަމުން އަންހެނުން ހެދުން އަޅާންވާނީ ފިރިހެނުންގެ ހިތުގައި ޖިންސީހައިޖާން ނުއުފެދޭގޮތަށެވެ.''

އާދެ ޙިޖާބަކީ އަރަބި ލަފްޒެކެވެ. އެލަފްޒުގެ މާނައިގެ ތެރޭގައި ފަރުދާ ކުރުމާއި، ފޮރުވުން ފަދަ މާނަތައް ހިމެނެއެވެ. އާއްމު ގޮތެއްގައި ހިޖާބާމެދު މީހުންދެކެނީ އިސްލާމްދީނުގެ ޚާއްޞަ ޙުކުމެއް ކަމުގައެވެ. ނަމަވެސް ޙަޤީޤަތަކީ އެޔެއްނޫނެވެ. އިސްލާމްދީން އައުމުގެ އެތަކެއްސައްތަ އަހަރެއްގެ ކުރިންވެސް ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކެއްގެ އަންހެނުން އެކަނބަލުންގެ މޫނު ނިވާކޮށް އުޅުނެވެ. ގްރީކާއި، އީރާނުގެ މާތް އަންހެނުންނާއި އިންޑިޔާގެ ރާޖުޕޫތު އާއިލާގެ އަންހެނުންނަށް އެކަނބަލުންގެ މޫނު ނިވާކުރުން ލާޒިމެވެ. އިންޑިޔާގެ ރަސްކަލެއް ކަމުގައިވާ އަސްރީ އޭނާގެ އަނބިއަނބި ކަނބަލުންނަށް މޫނު ނިވާ ކުރައްވަން އަމުރުކުރެއްވިއެވެ. ނަމަވެސް ކަސްބީ އަންހެނުން މޫނު ނިވާކުރުން މަނައެވެ. ކަސްބީ އަންހެނަކު ޙިޖާބު އަޅައިފިނަމަ އެމީހެއްގެގައިގައި ހަންމުށީން ތަޅައެވެ. އާދެ، އިއްޒަތްތެރި، ހުރުމަތްތެރިއަންހެނުން ޙިޖާބު އެޅުން ލާޒިމެވެ. ކަސްބީން ހިޖާބު ބޭނުންކުރުންމަނައެވެ. މިއީ ތާރިޚީ ޙަޤީޤަތް އޮތްގޮތެވެ.

ކޮންމެއަކަސް އިސްލާމްދީން އަންހެނުން ގޭގެ ހަތަރުފާރުގެ ތެރެޔަކު ބަންދެއް ނުކުރެއެވެ. އެބައި މީހުންގެ ބޭނުންތަކުގައި ބޭރަށް ނިކުމެ އުޅުމުގެ ހުއްދަ ދެއެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އެއްފަހަރަކު އަންހެނުންނާ މުޚާތަބު ކުރައްވައި ޙަދީޘު ކުރެއްވިއެވެ.

''ﷲ ސުބްޙާނަހޫ ވަތަޢާލާވަނީ ތިޔަބައިމީހުންނަށް ހުއްދަ ދެއްވައިފައިވެއެވެ. ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ބޭނުންތަކުގައި ގެއިން ބޭރަށް ނުކުމެވިދާނެއެވެ. (ބުޚާރީ 4790، މުސްލިމު:2170)

އާއިލާއަށްބޭނުންވާ ނަފަޤާތް ހޯދުމުގެ ޒިންމާ އިސްލާމްދީން ފިރިހެނުންނާއި ހަވާލުކޮށްފައި އޮތްކަމުގައިވިޔަސް ބޭނުންވާހިނދު އާމްދަނީ ހޯދަން މަސައްކަތްކުރުމާއި ވަޒީފާ އަދާކުރުމުގެ އިޚްތިޔާރު އަންހެނުންނަށްވެސް ވަނީ ދީފައެވެ. ޒަރޫރަތު ނިޔާކުރާ ހިނދު އަންހެނުންނަށް ގެއިންބޭރަށް ނިކުމެ ޙަރަކާތްތެރި ވެވިދާނެއެވެ. ޝަރުޢީ އިންތަކަށް ރިއާޔަތް ކުރުމާއެކުގައެވެ. ހަމައެފަދައިން އިޤްތިސާދީ ހުއްދަ މަސައްކަތެއްގައިވެސް ބައިވެރިވެވިދާނެއެވެ. އަންހެނުން ހޯދާ އާމްދާނީގެ ވެރީން ނަކީ ޚުދު އެބައިމީހުންނެވެ. ފިރިމީހާ އަށްވެސް އެކަނބަލުންގެ ރުހުމާއި އިޒުނަޔާނުލައި އެއާމްދަނީގެ ތެރެއިން އެއްވެސް މިންވަރެއްގެ ބޭނުމެއް ނުކުރެވޭނެއެވެ.

އަންހެނުންނަށް ތަރިކައިން ބައިލިބޭގޮތަށް އެންމެ ފުރަތަމަ ހަމަޖައްސައިދިނީ އިސްލާމްދީނެވެ. މިއީވެސް އިސްލާމްދީން އަންހެނުންނަށް ހޯދައިދިން ހައްޤެކެވެ. އިސްލާމްދީން އަންހެނުންނަށް ކޮށްދިން އިހްސާންތެރިކަމެކެވެ. ނަމަވެސް ބައެއް ފަރާތްތަކުން ގެންދަނީ އިސްލާމީނިޒާމުގައި އަންހެނުންނަށް ތަރިކަމުދަލުން ލިބެނީ ފިރިހެނުންނަށް ލިބޭ ވަރުގެ ދެބައިކުޅަ އެއްބައިކަމަށާއި އެކަމަކީ އަންހެނުންގެ ޙައްޤަށް އަރައިގަތުން ކަމުގައި ވާހަކަ ދައްކަމުންނެވެ. އިސްލާމްދީން ބަދުނާމްކުރަމުންނެވެ. މިގޮތަށް މިވާހަކަ ދައްކާ ފަރާތްތަކުން އެހާމަ ކުރަނީ އިސްލާމްދީނުގައިވާ ވިރާޘަތުގެ ޤާނޫނުގެ އެއް ނުކުތާއެވެ. މިހާރުގެ ބަހުރުވެރިން ދަންނަވާނަމަ އެޤާނޫނުގެ އެއް މާއްދާއެވެ. އެހެނިހެން މާއްދާތަކަށް ބަލައިލުމެއްނެތި އިސްލާމްދީނުގެ ވިރާޘަތުގެ ނިޒާމަކީ އަންހެނުންނަށް އަނިޔާވެރިވާ ނިޒާމެއްކަމުގައި ކަނޑައަޅައި އެގޮތަށް އަޑުއަރުވަމުން ގެންދަނީއެވެ.

ނަމަވެސް މިމައްސަލައިގެ ފުރިހަމަ ޙަޤީޤަތާ ހަމަޔަށްދާއިރު ވިރާޘަތުގެ ބައެއް ޙާލަތްތަކުގައި އަންހެނުންނަށް ފިރިހެނުންނަށްވުރެ ގިނައިން ލިބެއެވެ. ބައެއް ހާލަތް ތަކުގައި، އަންހެނުންނާއި، ފިރިހެނުންނަށް ލިބެނީ އެއްވަރަކަށެވެ. ތެދެކެވެ. އާއްމުގޮތެއްގައި އަންހެނަކަށް ލިބެނީ ފިރިހެނަކަށް ލިބޭވަރުގެ ދެބައިކުޅައެއްބައެވެ.

މިތަފާތަކީ ވެސް އަންހެނުންނަށް އިހާނެތިކޮށްހިތުމުގެ ތަފާތެއް ނޫނެވެ. އިސްލާމްދީނުގެ އިޖްތިމާއީ ހަޔާތުގައި އަންހެނުން ޒިންމާކުރުވާ ދައުރުގެ ސަބަބުން އަންނަ ފަރަޤެކެވެ. އިސްލާމްދީން އާމްދަނީ ހޯދުމާއި އާއިލާއަށް ޚަރަދުކުރުމުގެ ޒިންމާ މަތިކޮށްފައިވަނީ ފިރިހެނުންނާއެވެ. އާމްދަނީ ހޯދުމާއި އާއިލާއަށް ޚަރަދުކުރުމުގެ މަސްއޫލިއްޔަތުން އަންހެނުންވަނީ ބަރީއަ ކޮށްދީފައެވެ. އަންހެނުންނަށް ޚަރަދުބަރަދުދީ ބެލެހެއްޓުމަކީ ފިރިހެނުންގެ ޒިންމާއެކެވެ. އަންހެންކުއްޖާ ކުޑައިރު އޭނާ ބަލަހައްޓާން ޖެހެނީ ބައްޕަޔަށެވެ. ޒުވާން އުމުރުގައި ކާވެނިކުރުމަށްފަހު ފިރިމީހާއަށެވެ. މުސްކުޅި އުމުރުގައި ފިރިހެންދަރީންނަށެވެ. ޙަޤީޤަތަށް ދަންނަވާނަމަ އަންހެނުންނަށް ޚަރަދުކުރާންޖެހެނީ ފިރިހެނުންނެވެ. ބަލަދުވެރިންނެވެ. އެފަދަ ފަރާތެއް ނެތް ހާލަތެއްގައި އޭނާ ބަލަހައްޓާންޖެހޭނީ އިސްލާމީ ސަރުކާރަށެވެ. އަންހެނުންނަށް ލިބޭހުރިހާ ފައިސާއެއް އޭނާ ޖަމާކޮށްފައި ބަލަހައްޓާންވީއެވެ. އޭނާގެ މުދާ އެހެންބަޔަކަށް ޚަރަދުކުރާކަށެއް އޭނާ އަށް ލާޒިމެއްނުވާނެއެވެ. ނަމަވެސް ފިރިހެނުންގެ ބަލަދުވެރިކަމާއި، ބެލެނިވެރިކަމުގެ ދަށުގައި ތިބޭ މީހުންނަށް ޚަރަދުކޮށް ބެލެހެއްޓުމަކީ ފިރިހެނުންގެ ވާޖިބެކެވެ. އެހެންކަމުން ބައެއްހާލަތުގައި އަންހެނުންނަށްވުރެ ގިނައިން ފިރިހެނުންނަށް ތަރިކަމުދަލުން ބައިލިބުމަކީ އިންސާފުވެރިގޮތެވެ. ހުރިހާ ހާލަތެއްގައިވެސް އަންހެނުންނާއި ފިރިހެނުންނަށް އެއްވަރަށް ބައިލިބިފައި އަންހެނުންގެ ޚަރަދުބަރަދު ބެލެހެއްޓުމާ ފިރިހެނުންނާ ހަވާލުކުރެވުނުނަމަ އެކަންވީހީ ފިރިހެނުންނަށް ވެވޭ ބޭއިންސާފަކަށެވެ.

ޝައްކެއްނެތެވެ. އަންހެނުންނާއި، ފިރިހެނުން އެއްސަފެއްގައި ބައިތިއްބުމާއި، ފިރިހެނުންކުރާ ކޮންމެކަމެއް އަންހެނުން ކުރުން ލާޒިމު ކުރުމަކީ އަންހެނުންނަށް ހަމްދަރްދީވުމެއް ނޫނެވެ. އަދިކީއްތޯއެވެ. އެއީ އަންހެނުންނަށް ކުރެވޭ ސަރީހު އަނިޔާއެކެވެ. އެހެނީ މައިވަންތަކަމަކީ އަންހެނުން އަދާކުރާ ޗުއްޓީނުލިބޭ ވަޒީފާއެކެވެ. އެހެންކަމުން ގޭތެރޭގެ މަސްއޫލިއްޔަތާއެކު ބޭރުތެރޭގެ ޒިންމާ އަންހެނުންނާ ހަވާލުކުރުމަކީ ކެއްސަމުން ލޯގަނޑު އުކައިލާން އަންހެނުންނަށް މަޖްބޫރުކުރުމެވެ.

އިސްލާމްދީން އަންހެނުންނާއި ފިރިހެނުންނަށް ދީފައިވަނީ އާދަމުގެދަރިވަންތަކަމުގެ ޝަރަފުވެރި މަޤާމެވެ. އެއްވެސް ތަފާތު ކުރުމެއް ނެތިއެވެ. އަންހެނުންނާއި ފިރިހެނުންގެ ޢަމަލުތަކަށް ދަރުމަދެއްވަން ވަޢުދުކުރައްވައިފައިވަނީ ހަމަހަމަޔަށެވެ. ޝައްކެއްނެތެވެ. ދެބައިމީހުންގެ ހަށިގަނޑުގެ ފަރުމާއާއި، މިޒާޖާއި، ނަފުސިއްޔާތަށް ރިއާޔަތްކޮށް ދެބައިމީހުން ނާ ހަވާލުކޮށްފައިވަނީ ޙަޔާތުގެ ދެ ދާއިރާއެއް ބެލެހެއްޓުމުގެ ޒިންމާއެވެ. އެއީ އަންހެނުންގެ ޙައްޤަށް އަރައިގަތުމެއް ނޫނެވެ. އެބައިމީހުން ނިކަމެތިކޮށްލުމެއްވެސް ނޫނެވެ.

ޙަވާލާ:

  1. ޒިންދަގީނައު ޑޮކްޓަރ މުޙައްމަދުރިޒަލްއިސްލާމްނަދުވީ
  2. އިސްލާމްމޭ ޚަވާތީންކޭ ޙުޤޫޤު ޑޮކްޓަރ ޒާކިރުނައިކު
  3. ޢާލަމީ ސަހާރާ ސައްޔިދު އަކްބަރު ޒާހިދު

comment ކޮމެންޓް