އަށް އަހަރަށްފަހު ޔޫރަޕްގެ މުބާރާތެއްގެ ކުއާޓާއަށް އާސެނަލް ދަތުރުކޮށްފި

އޭސީ މިލާނާއި އާސެނަލް ރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ޔޫއެފާ ޔޫރޮޕާ ލީގުގައި އޭސީ މިލާނާ ދެކޮޅަށް ކުޅުނު ދެ ލެގުވެސް ކާމިޔާބުކޮށް އާސެނަލުން ކުއާޓާފައިނަލްގެ ޖާގަ ޔަގީންކޮށްފިއެވެ.

މިއީ 2010 ވަނަ އަހަރަށްފަހު ޔޫރަޕް ފަންތީގެ މުބާރާތެއްގެ ކުއާޓާ ފައިނަލަށް އާސެނަލް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން މެދު ނުކެނޑި އެތައް އަހަރެންވަންދެން ޗެމްޕިއަންސް ލީގުގައި ވާދަކުރި އާސެނަލަށް ފަހަކަށް އައިސް ޗެމްޕިއަންސް ލީގުގެ ގަދަ 16ފަހަނަ އަޅައި ދެވިފައެއް ނުވެއެވެ. 2010 ވަނަ އަހަރުވެސް އާސެނަލްވަނީ ބާސެލޯނާ އަތްދަށުވެ ކުއާޓާއިން ކަޓައިފައެވެ.

އޭސީ މިލާނާއި އާސެނަލް ރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގަށް އެޓީމު ނުކުތީވެސް އަވޭ ލެގުން ލިބުނު 2-0 ގެ މޮޅާއެކުއެވެ. ރޭގެ މެޗު އާސެނަލުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން 35 މިނެޓުގައި މިލާނުންވަނީ ލީޑު ނަގައިފައެވެ. ހަކަން ޗަލަންގޫލީ ދުރުން ފޮނުވާލި ބާރު ހަމަލާ އަމާޒުކޮށްލީ ގޯލްގެ ކަނަށެވެ.

އެހެން ނަމަވެސް މިލާނަށް މާ ގިނައިރުވަންދެން ލީޑުގައި އޮވެވޭ ގޮތެއް ނުވިއެވެ. މެޗުގެ 39 ވަނަ މިނެޓުގައި އާސެނަލުން ނަތީޖާ ހަމަހަމަ ކުރީ ލިބުނު ޕެނެލްޓީއަކުންނެވެ. އޭސީ މިލާންގެ ޑިފެންޑަރު ރިކާޑޯ ރޮޑްރިގޭޒް، އާސެނަލްގެ ފޯވަޑް ޑެނީ ވެލްބެކަށް ކުރި ފައުލާ ގުޅިގެން ރެފްރީ ދިން ޕެނެލްޓީ އާސެނަލަށް ކާމިޔާބުކޮށްދިނީވެސް ވެލްބެކެވެ.

ވެލްބެކް އޭނާގެ ގޯލަށްފަހު އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

މެޗުގެ 71 ވަނަ މިނެޓުގައި އާސެނަލުން ލީޑު ނެގީ އޭސީ މިލާންގެ އިޓަލީ ކީޕަރު ޖިއާންލުއީޖީ ޑޮނަރުމާ އަތުން ހެދުނު ގޯހަކުންނެވެ. އާސެނަލްގެ ގްރަނިޓް ޒަހާ ދުރުން ފޮނުވާލި ހަމަލާ ގޯލްގެ ތެރެއަށްވަނީ ޑޮނަރުމާގެ އަތުގައި ޖެހިފައެވެ.

މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ވެލްބެކްގެ އިތުރު ގޯލަކާއެކު އާސެނަލުންވަނީ މެޗުގެ ނަތީޖާ 3-1 އަކަށް ބަދަލުކޮށްލައިފައެވެ.

ޔޫރޮޕާ ލީގުގައި ބުރޫޝިއާ ޑޯޓުމަންޑް ރޭ ކުޅުނު މެޗުން އެއްވަރުވެ، އެޓީމު ކަޓާފައިވާއިރު، އެތުލެޓިކޯ މެޑްރިޑުންވަނީ ފަސޭހަކަމާއެކު ލޯކޮމޯޓިވް މޮސްކޯ ބަލިކޮށް ކުއާޓާއަށް ދަތުރުކޮށްފައެވެ.

comment ކޮމެންޓް