ޠާއިފުގެ ދަތުރުފުޅު

މައްކާ -- ސަން ފޮޓޯ: މުޢީދު

މުޝްރިކުންގެ އަނިޔާވެރިކަމާއި ކައުސާހިބާގެ ހިތްވަރުފުޅުގަދަކަމުގެ މިސާލެއް

ޢަބްދުﷲ ފާރޫޤު ޙަސަން

އާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާ މަދީނާއަށް ހިޖްރަކުރެއްވުމުގެ ތިންއަހަރެއްހައި ދުވަސްކުރީގެ ދުވަހެކެވެ. ބައެއް މުއައްރިޚުން ލަފާކުރައްވާގޮތުގައި އެދުވަހަކީ މީލާދީން ހަސަތޭކަ ނަވާރަވަނަ އަހަރުގެ ފެބްރުވަރީ ނުވަތަ މާރިޗް މަހުގެ ދުވަހެކެވެ. ނަބީކަމުން ދިހަވަނަ އަހަރުގެ ޝައްވާލުމަހުގެ ދުވަހެކެވެ. ޢާލަމްތަކަށް ރަހްމަތެއްކަމުގައި ފޮނުއްވި މާތް ނަބިއްޔާ އެކަލޭގެފާނު އިންސާނިއްޔަތަށް ދެއްވި ހެޔޮކަމުގެ ދަޢުވަތުގެ މަސައްކަތްޕުޅުގައި ގަނޑުވަރުން ނިކުމެވަޑައިގެންނެވީ އެދުވަހުގެ ވަރަށް ހެނދުނު ހެނދުނާއެވެ. މައްކާގެ ތަފާތު މަގުމަގާއި ގޯޅިގޯޅީގައި ހިންގެވިއެވެ. އެދުވަހުގެ ހަތަރުދަން ހޭދަކޮށްލެއްވީ އެމަސައްކަތްޕުޅުގައެވެ. ނަމަވެސް އެމާތްސާހިބާގެ ވާހަކަފުޅު އަޑުއަހާނެ އެއްވެސް މީހަކާ ބައްދަލުވެވަޑައެއްނުގެންނެވިއެވެ. މައްކާގެ މުޝްރިކުންގެ ރޭވުންއޮތީ އިތުރުސާހިބާ ވަޑައިގަންނަވާތަން ފެންނައިރަށް މީހުން އެކިފަރާތް ފަރާތަށް ކެވިއަރައި އަރިހުން ދުރަށް ދިޔުމަށެވެ. އިތުރުސާހިބާގެ ބަލާޣަތްތެރި ވާހަކަފުޅުތަކާއި ހެޔޮ ނަސޭހަތްޕުޅުތައް އެއުރެންގެ ކަންފަތްތަކާހަމަޔަށް ފޯރިޔަނުދިނުމަށްޓަކައެވެ. އެމާތްސާހިބާގެ ވާހަކަފުޅު އަޑުއަހައި ބަޙުޘުތައް ނިއުޅައިލުމުންވެސް ހައްޤުގެ އިތުރު ދަލީލުތަކާއި ސާބިތު ހެކިތައް ދައްކަވަމުން ގެންދަވާތީއެވެ. މުޝްރިކުންގެ ރޭވުން ކާމިޔާބެވެ. އިއްތިފާގުން އެދުވަހު މީހަކާ ބައްދަލުވެވަޑައިގެންނެވި ކަމުގައިވިޔަސް އެމީހަކުވެސް ކުރީ ކަނޑައެޅިގެންހުރި ފުރައްސާރައެވެ. ސާބިތުކޮށްދިނީ އަދަބު ކުޑަކަމެވެ. ރަހްމުކުޑަކަމެވެ. ނަމަވެސް އިތުރު ސާހިބާ އެދުވަހުގެ ހަތަރުދަން އެމަސައްކަތްޕުޅުގައި ހޭދަކުރެއްވިއެވެ. ސާބިތުކަމާއި ހިތްވަރުފުޅާއެކުގައެވެ. އިރުއޮއްސޭން ކައިރިވުމުން ގަނޑުވަރަށް މިސުރާބު ޖެއްސެވިއެވެ. ކައުސާހިބާ އޭރު ހުންނެވީ އެހެނިހެން ދުވަސް ދުވަހަށްވުރެ މާބޮޑަށް ވަރުބަލިފުޅުވެފައެވެ. ހިތްޕުޅުގައި އޮތީ ވަރަށް ބޮޑު ބުރަކަމެކެވެ. އިންތިހާދަރަޖަޔަށް ހެޔޮއެދިވަޑައިގެން ކުލުނުވެރިކަމުގެ ނިހާޔަތާއެކު ބަޔަކަށް ލާބައާއި މަންފާހުރިކަމެއް ވިސްނައިދެއްވޭތޯ ގަދައަޅުއްވައި މަސައްކަތް ކުރައްވަމުން ގެންދެވިއިރުވެސް އެފަރާތުން އިހްސާންތެރިކަން ބޮލާލައި ޖެހުމުގައި ހައްދުފަހަނަޅައިދާ މަންޒަރު ތަކުރާރުކޮށް ފެނިވަޑައިގަންނަވަމުންދާން ފެށުމުން ހިތްޕުޅުގައި އުފެދުނު ބަރުކަމެވެ. އުދާސްކަމެވެ.

މިދެންނެވި ޚާއްސަ ދުވަހުގެ ތަޖްރިބާއިން ސާބިތުވި އެއް ޙަޤީޤަތަކީ މައްކާގެ ބިންގަނޑު ދުވަހެއް ދުވަހަކަށް ދެރަވަމުން ފަޤީރުވަމުންދާކަމެވެ. އެބިމުގެ ވިޔަނަކަން ކުޑަވަމުން ނެތެމުންދާކަމެވެ. މައްކާގެ ބިމުން އިންސާނިއްޔަތުގެ ބަހާރަށް އެވަގުތަށް ލިބޭންހުރި ހުރިހާ މޮޅު މުޑުވައްތަކެއް ލިބިހަމަވެއްޖެކަމެވެ. އެހެންކަމުން އިތުރު ސާހިބާ އެދުވަހު ވިސްނައި ވަޑައިގެންނެވީ މައްކާއިން ބޭރަށް އިސްލާމީ ދަޢުވަތާއިގެން ނުކުމެވަޑއިގެންނެވުމުގެ ވަގުތު އަތުވެއްޖެކަމުގައެވެ. ވިސްނުންފުޅު ތޫނު ދާޢީއަކު ހެޔޮކަމަށް ދައުވަތުދެއްވުމުގައި ދިހަވަރަކަށް އަހަރު ހޭދަކުރައްވާއިރު އެބިމަކުން އެވަގުތަށް ލިބިވަޑައިގަންނަވާނެ "ބޭނުންތެރި" އަފްރާދުން ވާނީ ލިބިވަޑައިގެންފައެވެ. އެބަޔަކުވާނީ އެދައުވަތަށް ލައްބައިކައޭ ދަންނަވައި އިޖާބަދީފައެވެ. ދެންބާކި ތިބޭނީ އެދަޢުވަތެއްގެ އަދުއްވުންނެވެ. އެވަގުތަށް ބޭނުންހިފޭފަދަ ޖައުހަރެއް ނެތް މީހުންނެވެ. އެހެންކަމުން ދާޢީއެއްގެ ހަކަތައާއި ބުންވަރު ބޭކާރު ކޮށްލެއްވުމަށްވުރެ އެދެވިގެންވަނީ އެއަށްވުރެ ވިޔަނަ ބިމެއް ފެނިވަޑައިގަންނަވާތޯ ބެއްލެވުމެވެ. މަސައްކަތްޕުޅުގެ ވެށި ބަދަލުކޮށް ލެއްވުމެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެމާތް ސާހިބާގެ ދައުވަތުގެ ވެށިބަދަލުކޮށްލައްވަން ކަނޑައެޅުއްވި އެހެން ސަބަބެއްވެސް އޮތެވެ. އިތުރު ސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އޯގާވެރި ބޮޑުބޭބޭފުޅު އަބޫޠާލިބުގެފާނު އޭރުވަނީ އަވަހާރަވެފައެވެ. އަބޫޠާލިބުގެފާނު އަވަހާރަވުމުން ހާޝިމު ވަންހައިގެ ރައީސަކަށްވީ އަބޫލަހަބެވެ. އޭނާވަނީ ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޢާއިލާއިން ބޭރުކޮށް އެކަން އިއުލާންކޮށްފައެވެ. އެހެންކަމުން ކައުސާހިބާ ޞައްލަﷲ އަލައިހިވަސައްލަމަ އޭރުހުންނެވީ އެމާތްސާހިބާގެ އާއިލާގެ ޙިމާޔަތުން މަހްރޫމުވެ ވަޑައިގެންފައެވެ.

އިތުރުސާހިބާގެ ބޮޑުބޭބޭފުޅު އަބޫޠާލިބު އެންމެފަހު ނޭވާފުޅާހަމަޔަށްވެސް އެމާތް ސާހިބާ ރައްކާތެރި ކޮށްދެއްވިއެވެ. ޤުރައިޝުން އިންޒާރުދީ ބިރުގެންނެވި އިރުވެސް އެކަމާ ފަރުވާލެއް ނުބަހައްޓަވައެވެ. މުޅިއާއިލާއާ އިޖްތިމާޢީގުޅުންތައް ކަނޑައިލައި އެކަހެރިކޮށްލުމުންވެސް ފަހަތަކަށް ޖެހިވަޑައެއްނުގެންނެވިއެވެ. ނަމަވެސް ދެވަނަ ބޮޑުބޭބެ އަބޫލަހަބަށް ޢާއިލާގެ ވެރިކަން ލިބުމާއެކު އޭނާ ޤުރައިޝުން އެދޭގޮތަށް ހުރިހައިކަމެއް ކޮށްނިންމައިލީއެވެ. އިތުރުސާހިބާ އާއިލާއިން ބޭރުކޮށްލީއެވެ.

އާއިލާއިން ބޭރުކޮށްލުމަކީ ކިހައިވަރެއްގެ ކަމެއްކަން އަންދާޒާކުރުމަކީ މިޒަމާނުގައި މާފަސޭހަކަމަކަށްނުވެދާނެއެވެ. ޢަރަބީންގެ ޤަބީލީނިޒާމުގައި އާއިލާގެ ޙިމާޔަތުން ބޭރުވުމަކީ ކާޅުބައިގަނޑެއްގެ ތެރެޔަށް ކުކުޅު ފިޔޮކެއް ދޫކޮށްލުންފަދަ ކަމެކެވެ. ފަރުދެއްގެ ހައިޘިއްޔަތުން ލިބޭންޖެހޭ ހުރިހާ ޙިމާޔަތަކާއި ރައްކާތެރި ކަމެއް ނިގުޅައިގަނެވުމެވެ. އެމީހެއްގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބޭނުންވާ ހުރިހާ އިންސާނީ ޙައްޤު ތަކަކުން މަހްރޫމުވުމެވެ. ޤަބީލާގެ ޙިމާޔަތުން ބޭރުވެފައިވާ މީހެއްގެ ޖާނާއި މާލާއި، އިއްޒަތާއި އަބުރުގެ އެއްވެސް ހުރުމަތެއް ނޯވެއެވެ. ބޭނުންމީހަކަށް އެފަދަ މީހަކު އަޅުވެތިކޮށްވެސް ގަނެވިދާނެއެވެ. ޤަތުލު ކޮށްވެސްލެވިދާނެއެވެ. މުދާކޮޅު ފޭރިގަނެވިދާނެއެވެ. އެފަދަ ކަމަކާ ކުރިމަތިވިޔަސް އެމީހަކަށް އެއްވެސް ޤާނޫނެއްގެ ނުވަތަ ޤަވާއިދެއްގެ ނުވަތަ އާދަކާދައެއްގެ ޙިމާޔަތެއް ނުލިބޭނެއެވެ. އަދިކީއްތޯއެވެ؟ އެފަދަ މީހެއްގެ ޤާތިލުގެ ކިބައިން ޤިޞާޞު ހިފެވޭނެ ހަމައެއްވެސް ނޯވެއެވެ. ޤުރައިޝުން ކުރީއްސުރެ ތިބީ ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ލޭފޮދަށް ފެންބޮވައިގެންފައެވެ. އެފަދަ މަސްރަހެއްގައި އަބޫލަހަބު އިތުރުސާހިބާ އާއިލާއިން ބޭރުކޮށްލުމުން ޤުރައިޝުންގެ ނުލަފާ މީހުން އެއްބަސްވެ އެކަށައަޅައި އިތުރުސާހިބާގެ ގައިކޮޅަށް އަރައި ގަތުމަށް ތައްޔާރުވެއްޖެއެވެ. އެހެންކަމުން ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޤަޞްދުކުރެއްވީ އެމާތްސާހިބާގެ ދަޢުވަތުގެ މަރުކަޒެއްކަމުގައި ޠާއިފު ހެއްދެވޭތޯ މަސައްކަތްޕުޅެއް ކޮށްލެއްވުމަށެވެ. އަރަބި ޤަބީލާތަކުގެ ތެރެއިން ޤަބީލާއެއްގެ ޙިމާޔަތް ލިބިވަޑައިގަންނަވާތޯ ބެއްލެވުމަށެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޠާއިފަށް ވަޑައިގެންނެވީ ފައިމަގުގައި ހިންގަވައިފައެވެ. އަރިހުގައިގެންދެވީ ޒައިދު ބިން ހާރިޘަތު ރަޟިޔަﷲ ޢަންހު ގިނިކަންޏާއެވެ. އެރަށަށް ވަޑައިގެންނެވިއިރު ދަތުރުފުޅުމަތީގައި ދިމާވި ހުރިހާ ޤަބީލާތަކަކަށް އިސްލާމްދީނަށް ގޮވައިލެއްވިއެވެ. ޠާއިފަށް ވަޑައިގަތުމާއި އެނބުރި މައްކާއަށް ފައިންޕުޅު ބީއްސެވުމާ ދެމެދު ގާތްގަނޑަކަށް މަހެއްހައިދުވަސް ހޭދަކުރެއްވިއެވެ.

ޠާއިފަކީ އަރަބިކަރައިގެ ވަރަށް މުހިއްމު ރަށެކެވެ. މާތްވެގެންވާ މައްކާއާ ސާޅީސް ފަސްވަރަކަށް މޭލުދުރުގައި އޮންނަރަށެކެވެ. ވަރަށް ފެހި ސަރަހައްދެކެވެ. ފެންތިޔާގި، ހިޔާލިބޭފަދަ ގަސްގަހާގެހި ގިނަބިމެކެވެ. ބަގީޗާތަކާއި ދަނޑުފަނގުތައްގިނަ ރަށެކެވެ. އަރަބިކަރައިގެ ނިސްބަތުންފިނި ރަށެކެވެ. އެރަށުގެ މީހުންނަކީ އަތްމަތި ތިޔާގި ފޯރުންތެރި ބަޔެކެވެ. ދުނިޔޭގެ ޒީނަތްތެރިކަމަށް ހެއްލުމާއި އަޅުވެތިވުމުގައި ވަރުގަދަޔަކަށް ހައްޔަރުވެފައިތިބި ބަޔެކެވެ. މުދާވެރިކަން ބޮޑުވުމަކީ ވަރަށްގިނަ ފަހަރަށް ހެއްދެވިފަރާތް ހަނދާންނެތޭ ކަމެކެވެ. އަޚްލާޤީއަގުތަކާ ދުރަށް ސޮއްސައިލެވޭކަމެކެވެ. އެދުވަސްވަރު ޠާއިފުގައި ކަންއޮތީ އެގޮތަށެވެ. މައްކާގެ މީހުންނަކީ ކޮންމެވެސް މިންވަރެއްގެ އަޚްލާޤީ ކަންފުޅެއްވެސް ހުރިބައެކެވެ. ޤައުމީ ސިޔާސަތުގައި އެމީހުނާ މަތިވެފައިއޮތް ޒިންމާތަކާއި، ދީނީޤިޔާދަތުގެ ސަބަބުންނެވެ. އަނެއްކޮޅުން ޠާއިފުގެ މީހުންގެ ކިބައިގައި އެފަދަ އެއްވެސް ޝުޢޫރެއްނުހުރެއެވެ. ހަމައެއާއެކު ސޫދުކެއުން އާއްމުވުމުގެ ސަބަބުން އެމީހުންގެ ކިބައިންވަނީ ރަނގަޅު އިންސާނީ އިހްސާސްތައް ނެތިފައެވެ. ކައުސާހިބާ ޞައްލަﷲ އަލައިހިވަސައްލަމަ ޠާއިފުގެ ޙާލަތު ދެނެވަޑައިގަންނަވައެވެ. އެކަމަކު މައްކާއާ ކައިރީގައި ރަށްވެހިކަމުގެ އަސަރެއްހުރި ރަށަކަށް އޮތީވެސް ޠާއިފެވެ. އެހެންކަމުން އިތުރުސާހިބާ އެރަށަށް ވަޑައިގަންނަވަން ހަމަޖެއްސެވީއެވެ. މައްކާއަށްވުރެވެސް ނުރައްކާތެރި ވެއްޓެއްކަން އެނގިވަޑައިގެން ހުންނަވައެވެ. އެމާތްސާހިބާ ބޮލަރުއްވައިގެންހުންނެވި މަސްއޫލިއްޔަތުގެ ގޮތުން އެކަން ކުރައްވާންޖެހި ވަޑައިގަންނަވާތީއެވެ.

އެދުވަސްވަރު ޠާއިފުގެ ވެރިކަމުގައި ތިބި ޢަމްރު ބިން ޢައުފުގެ ތިންދަރީންނެވެ. ޢަބްދު ޔާލައިލާއި، މަސްއޫދާއި، ޙަބީބެވެ. އެތިންމީހުންކުރެ އެކަކު ކާވެނިކޮށްގެން އުޅުނީ ޤުރައިޝުވަންހައިގެ އަންހެނަކާއެވެ. ބަނޫ ޖުމަހުގެ އަންހެނަކާއެވެ. އެހެންކަމުން ކޮންމެވެސް މިންވަރެއްގެ ބަލައިލުމެއް އޮންނާނެކަމުގެ އުއްމީދެއްވެސްކުރެއްވެވުނެވެ.

ކައުސާހިބާ ޞައްލަﷲ އަލައިހިވަސައްލަމަ އެތިން މީހުނާ ވާހަކަފުޅު ދެއްކެވިއެވެ. ޙައްޤު ދީނުގެ ދައުވަތު ފެތުރުއްވުމުގައި އެބައިމީހުންގެ ޙިމާޔަތަށް އެދިވަޑައިގެންނެވިއެވެ. ނަމަވެސް އެބައިމީހުންގެ ފަރާތުން ލިބިވަޑައިގެންނެވީ ވަރަށް ހުތުރު ޖަވާބެކެވެ.

އޭގެތެރެއިން އެކަކު ދެންނެވިއެވެ. "ﷲ ކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވައިފިނަމަ އަޅުގަނޑު އެކަލާނގެ ގެފުޅުގެ އުރަކޮޅު ވީދައިލާނަމެވެ."

ދެވަނަ މީހާ ދެންނެވިއެވެ. "އަޅެ މާތްﷲ އަށް ރަސޫލުކަމާއިގެން ފޮނުއްވަން ކަލޭގެފާނުނޫން އެހެންމީހަކު ލިބިވޮޑިނުގެންނެވީ ހެއްޔެވެ؟"

ތިންވަނަ މީހާ ދެންނެވިއެވެ. "މާތްﷲ ގަންދެމެވެ. އަޅުގަނޑު ކަލޭގެފާނަކާ ވާހަކަޔެއް ނުދައްކާނެމެވެ.އެހެނީ ކަލޭގެފާނަކީ ތިޔަވިދާޅުވާފަދައިން މާތްﷲގެ ރަސޫލެއްކަމުގައިވާނަމަ ކަލޭގެފާނާ ސުވާލުކޮށް ޖަވާބުދީ ހެދުންވާނީ ވަރަށް ބޭއަދަބީ ކަމެއްކަމުގައެވެ. ކަލޭގެފާނު މާތްﷲގެ ރަސްކަންފުޅާމެދު އިތުރުފުޅެއް ހައްދަވާނަމަ ތިޔަފަދަ ދޮގުވެރިޔަކާ ވާހަކަދައްކާވަރަށްވުރެ މަގޭ ގަދަރުމާބޮޑެވެ."

އަމްރު ބިން އައުފުގެ ދަރީން އިންސާނިއްޔަތުގެ މުހުސިންގެ މޭފުޅަށް ހަރައިލީ ވަރަށް ވިހަ ތީރުތަކެކެވެ. ނަމަވެސް އެމާތްސާހިބާ ވަރަށް ސާބިތުކަމާއެކު އެޒަޚަމުތަކުގެ ކެކުޅުން ބަރުދާސްތުކުރެއްވިއެވެ. އެންމެފަހު ވާހަކަ ފުޅެއްގެ ގޮތުން ޙަދީޘުކުރެއްވިއެވެ. "އެހެންކަމުގައިވާނަމަ މިމައްސަލަ ތިޔަބައިމީހުނާ ހަމައިގައި ބާއްވާށެވެ. އެންމެކުޑަމިނުން މިރަށުގެ އާއްމުންނަށް މިދައުވަތުގެ މަގުގައި ހުރަސްނާޅާށެވެ."

ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޠާއިފުގެ އެހެނިހެން އަމީރުންނާއި އާއްމުންގެ ކުރިމައްޗަށް އެމާތް ސާހިބާގެ ދަޢުވަތު ހުށަހެޅުއްވޭތޯ މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް އަމްރު ބިން ޢައުފުގެ ދަރީން އެކަމަށްވެސް ހުރަސް އަޅައިފިއެވެ. އެބައިމީހުން ދެންނެވިއެވެ. "ކަލޭގެފާނުގެ ތިޔަ ރަސޫލުކަން އިއްވަވަން މިރަށުގައި އެއްގޮތަކަށްވެސް ހުންނަވައިގެން ނުވާނެއެވެ." އެހެން ދަންނަވައިފައި އެރަށުގެ ބާޒާރުމަތީ ދަށްފެންވަރުގެ މީހުންނާއި، އަޅުންނާއި، ނޯކަރުންނާއި، ހަމަހޭނުޖެހޭ ކުޑަކުދީން އިތުރުސާހިބާއާ ފާކޮށްފޫއެވެ. އެތިންމީހުންއެންގީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެރަށުން ނެރެލުމަށެވެ.

(ނުނިމޭ)

comment ކޮމެންޓް