ނޭޕާލްގެ 13 ޑޮކްޓަރުންގެ ކުއްލި މަރު!

ފްލައިޓް ވެއްޓުމުގެ ހާދިސާގައި މަރުވި ނޭޕާލްގެ 13 ޑޮކްޓަރުން --- ފޮޓޯ/ ޑާކާ ޓްރައިބިއުނަލް

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ ޓްރިބުވަން އިންޓަނޭޝަަލް އެއާޕޯޓު (ޓީއައިއޭ) އަށް ޖައްސަން ދަނިކޮށް ވެއްޓުނު ބަންގުލަދޭޝްގެ ޔޫއެސް-ބަންގްލާ އެއާލައިންގެ ފްލައިޓް ވެއްޓުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރުވަނީ 50އަށް އަރައިފައެވެ.

ފްލައިޓްގެ ޕައިލެޓް އާބިދު ސުލްތާން ސަލާމަތްވިކަމަށް ބަންގާޅުގެ ނޫސްތަކުގައި ބުނެފައިވާއިރު ފްލައިޓްގެ ކޯ ޕައިލެޓް ޕްރިތުލާ ރާޝިދް ނިޔާވެފައިވާ ކަމަށް ކަތަމަންޑޫ މެޑިކަލް ކޮލެޖު ހޮސްޕިޓަލުންވަނީ ބުނެފައެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ ޓްރިބުވަން އިންޓަނޭޝަަލް އެއާޕޯޓު (ޓީއައިއޭ) އަށް ޖައްސަން ދަނިކޮށް ވެއްޓުނު ބަންގުލަދޭޝްގެ ޔޫއެސް-ބަންގްލާ އެއާލައިންގެ ބޯޓު ވެއްޓުމުގެ ހާދިސާގެ ތެރެއިން --- ފޮޓޯ/ އޭޕީ

ފްލައިޓް ވެއްޓުމުގެ ހާދިސާއާ ގުޅިގެން އެތައް އާއިލާއަކަށް ކުއްލި ސިހުމެއް ގެނެސްފައިވާއިރު، އެންމެ ބޮޑު ސިހުމެއް ގެނުވި އެކަކީ ބަންގާޅުގެ ޖަލާލްއާބާދުގެ މެޑިކަލް ކޮލެޖެއް ކަމަށްވާ ރާގިބް ރާބިއާ މެޑިކަލް ކޮލެޖުގެ ޕްރިންސިޕަލް އޮބޭދު ހުސެއިނަށެވެ.

އޮބޭދުގެ ކޮލެޖުގައި ޑޮކްޓަރުކަމުގެ ކޯސް ފުރިހަމަކޮށް، ފައިނަލް ނަތީޖާތަކުގެ އިންތިޒާރަށް އަމިއްލަ ގައުމަށް ދަތުރު ކުރަމުންދިޔަ 13 ޑޮކްޓަރެއްވަނީ ފްލައިޓް ވެއްޓުމުގެ ހާދިސާގައި މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 10 އަންހެން ޑޮކްޓަރުންނާއި ތިން ފިރިހެން ޑޮކްޓަރުންނެވެ.

"ނޭޕާލުގެ ދަރިވަރުންތައް ދިޔައީ ދެ މަހުގެ ބްރޭކެއްގައި އަމިއްލަ ގައުމަށް. އެކަމަކު ކަން ދިމާކުރި ގޮތުން އެމީހުންނަށް ގައުމަށް ދެވޭ ގޮތެއް ނުވި،" ފެން ކަޅިވެފައިހުރި އޮބޭދު "ޑާކާ ޓްރައިބިއުނަލް"އަށް އިންޓަވިއު ދެމުން ބުނެފައިވެއެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ ޓްރިބުވަން އިންޓަނޭޝަަލް އެއާޕޯޓު (ޓީއައިއޭ) އަށް ޖައްސަން ދަނިކޮށް ވެއްޓުނު ބަންގުލަދޭޝްގެ ޔޫއެސް-ބަންގްލާ އެއާލައިންގެ ބޯޓު ވެއްޓުމުގެ ހާދިސާގެ ތެރެއިން --- ފޮޓޯ/ އޭޕީ

އޮބޭދު ބުނެފައިވަނީ އެކުދިން އަމިއްލަ ގައުމަށް އެނބުރި ދިޔައީ ކޯހުގެ ފައިނަލް އަހަރު ނިންމާލުމަށް ފަހުގައި ކަމަށާއި، 13 ޑޮކްޓަރުންގެ މަރުގެ ހަބަރު ނޭޕާލްގައި ހުންނަ ކޮލެޖް ކޮންސަލްޓެންޓްގެ ފަރާތުން ލިބުމުން ކުއްލި ޝޮކެއް ގެނުވި ކަމަށެވެ.

ރާގިބް ރާބިއާ މެޑިކަލް ކޮލެޖުން ނިންމާފައިވަނީ ކުރިއަށް އޮތް ތިން ދުވަހަކީވެސް ހިތާމަ ފާޅުކުރުމުގެ ތިން ދުވަހުގެ ގޮތުގައެވެ.

ބަންގުލަދޭޝްގެ ޔޫއެސް-ބަންގްލާ އެއާލައިނުގެ ބޯޓުން ދަތުރުކުރި ފްލައިޓްގައި ނޭޕާލްގައި ކިޔަމުންދާ ދިވެހި ޑޮކްޓަރެއްވެސްވަނީ ދަތުރުކޮށްފައެވެ. އޭގައި ދަތުރުކުރި ދިވެހި ޑޮކްޓަރު ރިޒާނާ އަބްދުﷲގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި މިވަގުތު އޭނާ އޮތީ ޑޮކްޓަރުންގެ އޮބްޒަވޭޝަންގައި ކަމަށްވެ އާއިލާއިންވަނީ ބުނެފައެވެ.

ޑރ. ރިޒާނާއަކީ އަންހެނުންގެ ބަލިތައް (ގައިނަކޮލޮޖީ) ދާއިރާއިން ކިޔަވަމުން އަންނަ ދަރިވަރެކެވެ. އޭނާ ތައުލީމު ހާސިލުކުރަނީ ކަތުމަންޑޫގައި ހުންނަ ބީރު ހޮސްޕިޓަލުގެ ދަށުން ހިންގާ ނޭޝަނަލް އެކެޑެމީ އޮފް މެޑިކަލް ސައިންސަސްގައެވެ.

comment ކޮމެންޓް