ސްނެއިޑާ ގައުމީ ޓީމުން ރިޓަޔާކޮށްފި

ނެދަލޭންޑްސްގެ މިޑްފީލްޑަރު ވެސްލީ ސްނެއިޑާ --- ފޮޓޯ/ އޭޕީ

ނެދަލޭންޑްސް ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާގެ ރެކޯޑު އޮންނަ ވެސްލީ ސްނެއިޑާ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

އުމުރުން 33 އަހަރުގެ ސްނެއިޑާ ރިޓަޔާ ކުރަން ނިންމާފައިވާއިރު، އޭނާވަނީ ގައުމީ ޓީމަށް 133 މެޗު ކުޅެފައެވެ. 2003 ވަނަ އަހަރު ގައުމީ ޓީމަށް އެންމެ ފުރަތަމަ މެޗުު ކުޅުނު ސަނެއިޑާ އެންމެފަހުން ގައުމީ ޓީމަށް ކުޅެފައިވަނީ މިދިޔަ ނޮވެންބަރު މަހު ރޮމޭނިއާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

ސްނެއިޑާ ބުނެފައިވަނީ ރިޓަޔާކުރަން ނިންމީ ފެބްރުއަރީ މަހު ޓީމާ ހަވާލުވި ކޯޗު، ރޮނާލްޑް ކޯމަންއާ މަޝްވަރާތައް ކުރުމަށްފަހު ކަމަށެވެ.

"ކޯޗު ކޯމަން ބޭނުންވަނީ ޒުވާން ކުޅުންތެރިންތަކަކާއެކު ޖީލެއް ބިނާކުރަން. އަހަރެން އޭނާގެ ނިންމުމަށް ފުރިހަމައަށް އިހުތިރާމް ކުރަން،" ސްނެއިޑާ ބުނެފައިވެއެވެ.

ކޯމަން ބުނީ ސްނެއިޑާއަކީ ރަނގަޅު އަހުލާގެއް ގެންގުޅޭ ޓީމު ލީޑުކުރާ ކުޅުންތެރިއެއް ނަމަވެސް، މުސްތަގުބަލަށް ކުޅުންތެރިންތަކެއް ނެރުމަށް ނިންމުންތަކެއް ނިންމަން ޖެހޭ ކަމަށެވެ.

ސްނެއިޑާއަކީ 2010 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލަށް ދަތުރުކުރި ނެދަލޭންޑްސްގެ ސްކޮޑުގައިވެސް މުހިއްމު ރޯލެއް އަދާކުރި ކުޅުންތެރިއެކެވެ.

ކްލަބް ފުޓުބޯޅައިގައި އިންޓަ މިލާނާއި ގަލަޓަސާރީއަށްވެސް ކުޅުނު ސްނެއިޑާ، މިހާރު ކުޅެމުންދަނީ ގަތަރުގެ އަލް ގަރަފާއަށެވެ.

comment ކޮމެންޓް