ޝާހިދާގެ މާޔޫސް ދިރިއުޅުމުގެ ކުއްލި ނިމުން، ޖަވާބު ނޭނގޭ އެތައް ސުވާލެއް!

ހދ. ނޮޅިވަރަމް، މަންޒަރުގެ ޝާހިދާ އަލީ ދަންޖެހިފައި ހުރި ވާގަނޑު: އޭނާގެ މަރާމެދު ސުވާލު އުފެދޭ ކަންތައްތަކެއް ވޭ --- ފޮޓޯ/ ކިޔުންތެރިއެއް

މީގެ ދެމަސް ކުރިން ހދ. ނޮޅިވަރަމް ސިއްސުވާލީ އެ ރަށު އަންހެނަކު ކުއްލިއަކަށް ގެއްލުނު ޚަބަރާ އެކުއެވެ. ނޮޅިވަރަމުން ގެއްލުނު އެރަށު މަންޒަރުގެ، ޝާހިދާ އަލީ ފެނިފައިވަނީ ފުލުހުންނާއި އެ ރަށު ރައްޔިތުން އޭނާ ހޯދަމުންދާތާ ދެ ދުވަސް ފަހުންނެވެ.

އޭނާ ފެނުނުއިރު ހޭވެރިކަމެއް ނެތެވެ. އޭނާ ފެނުނީ ވަލުތެރޭގައި އޮއްވަ އެވެ. އެއީ މީގެ ދެ މަސް ކުރި އެވެ. ޝާހިދާއަކީ ނަފްސާނީ ބައްޔެއް ތަހައްމަލު ކުރަމުންދާ އަންހެނެއްކަމަށް އެރަށު މީހުން ބުނެއެވެ. އެރަށު މީހުން ބުނާ ގޮތުގައި އެފަހަރު އޭނާ ގެއްލުނީއެއް ނޫނެވެ. ނަފްސާނީ މައްސަލަތަކާ ހެދި ފިލީ އެވެ.

އެ ހާދިސާއަށް ތިން މަސްވާން ކައިރިވެފައިވަނިކޮށް ޝާހިދާގެ ކުއްލި މަރާ އެކު މުޅި ނޮޅިވަރަމް ސިއްސުވާލައިފި އެވެ. ޖަވާބު ނޭނގޭ އެތައް ސުވާލުތަކަކާއެކު އެވެ. ދެކުދިންގެ މަންމަ ދަންޖެހިފައި ހުއްޓައި ފެނުނީ އިއްޔެ ހެނދުނު އެވެ. ޝާހިދާ ދަންޖެހިފައި ހުރީ އޭނާ ދިރިއުޅޭ ގޭގެ ގިފިލީގަ އެވެ. އެ މަންޒަރު އެންމެ ފުރަތަމަ ފެނުނީ އޭނާގެ ފިރިމީހާ އަށެވެ. އަދި ޝާހިދާ ސިއްހީ މަރުކަޒަށް ގެންދިޔައީވެސް އޭނާ އެވެ.

ހދ. ނޮޅިވަރަމް، މަންޒަރުގެ ޝާހިދާ އަލީ ދިރިއުޅުނު ގެ -- ފޮޓޯ/ ކިޔުންތެރިއެއް

ޝާހިދާގެ މަރުގައި ހުރި ޝައްކު އުފެދޭ ކަންތައްތައް

ޝާހިދާގެ މަރާ އެކު ފުލުހުންގެ ޚާއްސަ ތަހުގީގު ޓީމެއް ވަނީ އެ ރަށަށް ގޮސްފަ އެވެ. އެ އަތޮޅު ކުޅުދުއްފުށިން ވެސް ވަނީ ފުލުހުންގެ ޓީމެއް އެރަށަށް ގޮސްފަ އެވެ. ނޮޅިވަރަމްގައި ތިބޭ ދެ ފުލުހުންގެ ވެސް ބައިވެރިވުމާ އެކު ތަހުގީގު ބާރަށް ކުރިއަށް އެބަދެ އެވެ.

ޝާހިދާގެ މަރުގައި ޝައްކު އުފެދޭ ކަންތައްތައް އެބަހުރި ކަމަށް އެރަށު މީހުން ބުނެ އެވެ.

ޝާހިދާ މަރުވެފައި ހުއްޓައި އެންމެ ފުރަތަމަ ފެނުނީ އޭނާގެ ފިރިމީހާއަށް ކަމަށްވެ އެވެ. ފިރިމީހާ ބުނާ ގޮތުގައި ޝާހިދާ ދަންޖެހިފައި ހުއްޓައި ފެނުނީ އޭނާ ފަތިސް ނަމާދުން ފައިބައިގެން އައިތަނާ އެވެ. އޭނާ ބުނާ ގޮތުގައި ފަތިސް ނަމާދަށް ދިޔައިރު ޝާހިދާ އޮތީ ނިދައިފަ އެވެ. އެގޭގައި ދެން އުޅެނީ އެ ދެމަފިރިންގެ ދެ ދަރިންނެވެ. އެއީ ކުޑަ ދެކުދިންނެވެ. ފިރިމީހާ ނަމާދަށް ދިޔައީ ގަމަތްދެނިކޮށެވެ. މިސްކިތް ހުންނަނީ އެގެއިން ނުކުމެގެން މިނިޓަކުން ދެވޭހާ ކައިރީގަ އެވެ. ނަމާދުކޮށް ނިމިގެން ލަސްނުވެ ގެއަށް އައި ކަމަށް އޭނާގެ ފިރިމީހާ ބުނެ އެވެ.

އެގޭގެ ގިފިލިތެރޭގައި ޝާހިދާ ދަންޖެހިފައި ހުރިއިރު، އެތަނުގެ އުސްމިނަށް ބަލާފައި ހަރުގަނޑަކަށް ނުވަތަ އުސް އެއްޗެއްގެ މައްޗަށް އަރައިގެން ނޫން ގޮތަކަށް ޝާހިދާ އަމިއްލައަށް އެފަދަ ކަމެއް ނުކުރެވޭނެ ކަމަށް އެރަށު މީހަކު ކިޔައިދިނެވެ. ދަންޖެހުނު އިރު ޖަހާފައި ހުރި ކަހަލަ ގޮށެއް ޖަހަން ޝާހިދާއަށް ނޭނގޭނެ ކަމަށް ވެސް އެރަށު މީހުން ބުނެ އެވެ. އަދި ޝާހިދާ އަމިއްލައަށް ދަންޖެހުނީތޯ ބުނަން ބެލިޔަސް، އެފަދަ އުސްތަނެއްގެ މައްޗަށް އޭނާ އަތް ފޯރުވަން އެއްޗެއްގެ މައްޗަށް އަރާފައިވާ ކަމުގެ އެއްވެސް ހެއްކެއް ގިފިލިތެރެއިން ފެންނަން ނެތް ކަމަށް އޭނާގެ ފިރިމީހާ ބުނެ އެވެ. މި ކަންކަމުގެ މައްޗަށް ބަލާއިރު، ޝާހިދާ އަމިއްލައަށް ދަންޖެހުނީއޭ ބުނެވޭކަށް ނެތެވެ.

"5:04ގައި ފަތިސް ނަމާދު ބަންގި ގޮވީ. އެގެއިން މިސްކިތަށް ދެވޭނެ މިނިޓަކުން. މިސްކިތް ދޮރުމަތީ ހުރި ގެއެއް. އެ މިސްކިތާއި އެގެއާ ދެމެދުގަ އިންނަނީ 15 ފޫޓުގެ މަގެއް. ފިރިމީހާ މިސްކިތަށް ދިޔައީ ގަމަތް ދިންތަނާ. ނަމާދުކޮށްގެން އައިރު މިހުރީ ދަންޖެހިފައި. އެކަމަކު އޭނަ ދިޔައިރު އޮތީ ނިދާފައި،" މައުލޫމާތު އެނގޭ މީހަކު "ސަން"އަށް ކިޔައިދިނެވެ.

ޝާހިދާގެ ފިރިމީހާ މިސްކިތުގައި ހޭދަކުރީ މަދު ވަގުތުކޮޅެކެވެ. އެއީ އެހެން ބަޔަކު ކުރި ކަމެއް ކަމަށް ތުހުމަތު ކުރަން ބަލާ ނަމަ، އެ މަދު ވަގުތުކޮޅުގެ ތެރޭގައި އެހެން ބަޔަކު އެގެއަށް ގޮސް އެފަދަ އަމަލެއް ހިންގާފައި ފިލައިގެން ދެވިދާނެތޯ މިއީ އުފެދޭ ސުވާލެކެވެ. އެ މަދު ވަގުތުކޮޅުގެ ތެރޭގައި އެހެން ބަޔަކު އެގެއަށް ވަދެފައި ހުރި ކަމުގެ އެއްވެސް ހެއްކެއް އޭނާގެ ފިރިމީހާއަށް ދެއްކިފައިނުވާ ކަމަށް އެރަށު މީހުން ބުނެ އެވެ.

"އެގޭގައި ދިރިއުޅެނީ އެ ދެމަފިރިންނާއި ދެމަފިރިންގެ އަންހެން ދަރިއަކާއި ފިރިހެން ދަރިއެއް. އެ ދެ ކުދިންނަކީ އެވަރުގެ ކަމެއް ކުރެވޭ ވަރަށް ވުރެ ކުޑަ ކުދިންތަކެއް،" މައުލޫމާތު އެނގޭ މީހަކު "ސަން" އަށް ކިޔައިދިނެވެ.

"ގެއާއެއްކޮށް ގިފިލި ހިޔާކޮށްފައި [ހުންނަނީ]. ހިޔާކޮށްފަ ހުންނަނީ ފަތިއަޅައިގެން، 12 ފޫޓް 15 ފޫޓް އުސްމިން ހުންނާނެ އެތަނުގައި. ދަންޖެހިފައި ހުރިއިރު ނަގިލީގައި ޖަހާ ވައްތަރުގެ ގޮށެއް ޖަހާފަހުރީ. އެކަހަލަ ގޮށެއް ޖަހަން އަންހެން މީހާއަށް ނޭނގޭނެކަން ޔަގީން ކަށަވަރުވޭ."

"ޝާހިދާއަކީ ފިރިމީހާގެ ބަހުގެ ހަމަލާތަކުގެ ޝިކާރައެއް"

ތިން މަސް ދުވަހުގެ ތެރޭގައި ކުއްލި ދެ ހާދިސާއާއެކު ބޮޑު ހައިރާންކަމެއް ގެނުވާފައިވާއިރު ނޮޅިވަރަމް ގިނަ މީހުން ގަބޫލު ކުރަނީ މީގެ ކުރިން ޝާހިދާ ފިލަން މެދުވެރިވީ ވެސް އޭނާގެ ފިރިމީހާގެ ފަރާތުން ލިބެމުންދިޔަ ބަހުގެ ހޫނު ހަމަލާތަކުގެ ސަބަބުން ކަމަށެވެ. ދިމާވާ އެކި ކަންތައްތަކުގައި ރުޅިވެރިކަމާ އެކު ފިރިމީހާ އަޑުހަރުކޮށް ޝާހިދާއާ ވާހަކަ ދައްކާ ކަމަށް އެރަށު މީހުން ބުނެ އެވެ. ޝާހިދާއަށް ނަފްސާނީ މައްސަލަ ދިމާވެފައި ވަނީ ވެސް އެކަމުގެ ސަބަބުން ކަމަށް އެ ރަށު މީހުން ބުނެ އެވެ.

"ފިރިމީހާ އޭނައާ ދިމަލަށް އަބަދު ހަޅޭލަވާ. ދިމާވާ އެކި ކަންތަކުގައި މުޅި ތަންގަނޑު އެންމެނަށް އިވޭވަރަށް ހަޅޭލައްވާ. އެހެންވެ އޭނަގެ ސަބަބުން ނަފްސާނީ މައްސަލަ ދިމާވެފައި ވަނީ،" މައުލޫމާރު އެނގޭ މީހަކު ކިޔައިދިނެވެ.

އެރަށު މީހުން ބުނާ ގޮތުން ޝާހިދާގެ ފިރިމީހާ ހުންނަނީ އޭނާ "ސައިޒް" ކޮށްލައިފަ އެވެ. ފިރިމީހާގެ ރުޅިވެރި ބަސްތައް އަބަދާއި އަބަދު ތަކުރާރުވަމުންދާތީ ޝާހިދާ އަބަދު ވެސް ހުންނަނީ "ހުއްޓިފައި" ކަމަށް އެ ރަށު މީހުން ބުނެއެވެ.

ނަމަވެސް ފުލުހުން ރަސްމީކޮށް އެކަމަށް އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.

ޝާހިދާގެ ހަށިގަނޑު ފުލުހުންގެ ބެލުމުގެ ދަށުގައި

ތަހުގީގުގެ ބޭނުމަށް އިތުރު ޓެސްޓުތަކެއް ހެދުމަށް ފުލުހުންގެ ބެލުމުގެ ދަށުން ޝާހިދާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފަ އެވެ.

"ހަށިގަނޑު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި. އެ މައްސަލަ ތަހުގީގު ކުރަނީ ޝައްކު ކުރެވޭ ކަންކަން ހުރުމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ކަން ހިނގައިވާ ގޮތަށާއި ފިރިމީހާ ކިޔައިދިން ވާހަކަތަކުގެ މައްޗަށް ބަލާއިރު، އެ މައްސަލާގައި އޭނާގެ މައްޗަށް ޝައްކު ކުރެވޭ ކަންތައްތަކެއް ހުރި ކަމަށް އެރަށު ރައްޔިތުން ވަނީ ބުނެފަ އެވެ. އެހެންކަމުން މި މަރުގެ ހަގީގަތް އެނގޭނީ ފުލުހުންގެ ތަހުގީގު ނިމުމުންނެވެ. ނޮޅިވަރަމްގެ ރައްޔިތުން ތިބީ ޝާހިދާގެ ކުއްލި މަރުގެ ހަގީގަތް އެނގޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.

comment ކޮމެންޓް