ނިއު ދިއްލީގެ ނަޒަރުގައި ނަޝީދަކީ ތަސައްރަފު ނުފުދޭ މީހެއް؟

ރައީސް ނަޝީދު ---- ފައިލް ފޮޓޯ

ދިވެހިރާއްޖޭގެ މަސްރަޙަށް އައިސްފައި ވާ ޚަލަލްތަކުގެ ތެރޭގައި، އިންޑިޔާއިން ރާއްޖެއަށް ސިފައިން ފޮނުވާނެ ވާހަކަތަކެއް ވަނީ ދެކެވިގެން ގޮސްފައެވެ. މި ވާހަކަތައް ދެކެވޭން މެދުވެރި ވި އެންމެ މުހިއްމު އެއް ސަބަބަކީ، ރާއްޖޭގެ ރައީސްކަން ކުރައްވައިފައި ވާ ކެނެރީގޭ މުޙައްމަދު ނަޝީދު އެކަމަށް އެދިވަޑައިގެން ކުރެއްވި ޓުވީޓެކެވެ. 6 ފެބުރުވަރީ 2018 ވީ އަންގާރަ ދުވަހު ނަޝީދު ކުރެއްވި އެ ޓުވީޓުގައި، ދިވެހިރާއްޖެއަށް އިންޑިޔާގެ މަންދޫބަކާ އެކު އެ ގައުމުގެ ސިފައިން ފޮނުވުމަށް އެދިވަޑައިގެންފައި ވަނީ ދިވެހި ރައްޔިތުންގެ ނަމުގައެވެ.

މި ކަމާ ގުޅިގެން އެންމެ ފުރަތަމަ ކުރާން ޖެހޭ އެއް ސުވާލަކީ، ދިވެހި ރައްޔިތުންގެ ނަމުގައި އެއްވެސް ފަރާތަކުން އެއްވެސް ކަމަކަށް އެދިވަޑައިގަތުމަށް ނަޝީދަށް އޮތް ހައިސިއްޔަތަކީ ކޮބައިތޯ މިއެވެ. ނަޝީދަކީ ދިވެހި ރައްޔިތުން އިންތިޚާބު ކޮށްފައި އެއްވެސް މަޤާމެއްގައި ހުންނެވި ބޭފުޅެއް ނޫނެވެ. ދިވެހި ދައުލަތުން، ދައުލަތުގެ ނަމުގައި އެއްވެސް މަންސައެއްގައި އެއްވެސް ވާހަކައެއް ދެއްކެވުމުގެ ބާރާއި އިޚްތިޔާރު ދީފައި ހުންނެވި ބޭފުޅެއް ނޫނެވެ. އެއާ ޚިލާފަށް، ނަޝީދަކީ ކުރެއްވި ބޮޑު ކުށެއް ޝަރީޢަތަށާއި، މުޅި ޤައުމަށް ސާބިތު ވެ، ޖަލު ޙުކުމެއްގައި ހުންނެވި ބޭފުޅެކެވެ. ރާއްޖެއިން ބޭރުގައި މިހާރު އެ ހުންނެވީ ދޮގާއި މަކަރު ހައްދަވައިގެން، ޤާނޫނަށާއި ޢަދުލުއިންޞާފަށް ފިއްލަވައިގެން ވަޑައިގެންނެވެ. މި ކަންކަން މިހެން އޮތް އިރު، ދިވެހި ރައްޔިތުންގެ ނަމުގައޭ ވިދާޅުވެ އެއްވެސް ފަރާތަކުން އެއްވެސް ކަމަކަށް އެދިވަޑައިގަތުމުން، ދޭހަ ވެގެން ދަނީ ނަޝީދުގެ ދޯދިޔާކަމާއި ވިސްނުންކޮށިކަން ފިޔަވައި ދެން އެހެން ކޮން ކަމެއްތޯއެވެ؟

ދެން އޮތް ސުވާލަކީ، ބޭރުގެ ޢަސްކަރީ ބާރެއް ދިވެހިރާއްޖެއަށް ގެނައުމުން، ދެން ދިވެހި ޤައުމުގެ މުސްތަޤުބަލަށް ވެގެން ދާނޭ ގޮތަކާ މެދު އުފެދޭ ސުވާލެވެ. ނުވަތަ އެތައް ސުވާލެކެވެ. އިންޑިޔާ ވިޔަސް އަދި އެހެން ޤައުމަކަށް ވިޔަސް ދިވެހިރާއްޖޭގެ ދާޚިލީ ސިޔާސީ ކަންކަމުގެ ތެރެއަށް ވަނުމުގެ އެއްވެސް އިޚްތިޔާރެއް ނޯންނާނެއެވެ. ދިވެހީންގެ މައްސަލަތައް ޙައްލު ކުރާނީ ދިވެހީން އަމިއްލަޔަށެވެ. ހެޔޮ އެދޭ ބަޔަކު ނަމަ، ފެންނަ ލަފައެއް ރިވެތި ގޮތުގައި ދޭން ވީއެވެ. ނަމަވެސް އަޅުގަނޑުމެންގެ ކަންކަމުގެ ތެރެއަށް އަތް ބާނާކަށް ބިދޭސީ އެއްވެސް ބަޔަކަށް ފުރުޞަތެއް ނޯންނާނެއެވެ. އެ ފުރުޞަތު ދެވިގެން ވެސް ނުވާނެއެވެ.

އެކަން އެހެން އޮތް އިރު، ބިދޭސީ އެއްވެސް ޤައުމެއްގެ ޢަސްކަރިއްޔާއަށް ދިވެހި ޤައުމަށް ވަދެގަންނާން ދެވޭ ދަޢުވަތެއް އެއީ ބަހަނާއެއް ކަމަށް ބަލައިގެން ބަޔަކު އެހެން ހަދައިފި ނަމަ، ދެން މި ޤައުމު ދިވެހީންނަށް އޮންނާނެތޯ މިއީ ހުރިހާ ދިވެހީން ވިސްނާން ޖެހޭ ކަމެކެވެ. އެފަދަ ޙާލަތެއްގައި ދިވެހި ޤައުމުގެ އިޤްތިޞާދު ހަލާކު ވެގެން ދިޔުމުގެ ޒިންމާ ނަންގަވާނީ ނަޝީދުތޯއެވެ؟ ނަޝީދަށް އިނގިރޭސި ވިލާތުން ބޭނުންފުޅު ޢަދަދަކަށް ޕައުންޑު ލިބިވަޑައިގަންނަވާ ކަމަށް ވެދާނެ އެވެ. އެކަމަކު އަޅުގަނޑުމެން ނިކަމެތި ދިވެހި ރައްޔިތުންގެ ސޭވިންގގައި ހުރި ހަމައެކަނި އެއްޗަކީ ދިވެހި ފައިސާއިން އަޅުގަނޑުމެންނަށް ލިބޭ މުސާރައިން، ނުހަނު އުނދަގުލުން ރައްކައު ކޮށްފައި ހުރި ކުޑަ އެތިކޮޅެކެވެ. އަޅުގަނޑުމެންނަށް ޕައުންޑާއި ޑޮލަރު ދޭނެ "ދޮން އެކުވެރީންނެއް" ނެތެވެ. ބޭރުގެ ޢަސްކަރީ ބާރަކުން ރާއްޖެއަށް އަރައިގަނެގެން ދިމާ ވާ ނިކަމެތިކަމުގައި ދިވެހި އިޤުތިޞާދު އަޑި އަޅައިލައި، ދިވެހި ފައިސާގެ އަގު ދަށް ވެ، ދިހަ އަހަރުން ވިހި އަހަރުން އެއްކޮށް ބޭންކުގައި ރައްކާ ކޮށްފައި ހުރި ފައިސާކޮޅުން، ޕާނެއް ގަންނާން އެއް ލައްކަ، ފެން ބިލަށް ތިން ލައްކަ ދައްކާން ޖެހޭ ދުވަހެއް އަތުވެއްޖެ ނަމަ، ދިވެހި ނިކަމެތި ރައްޔިތުންނަށް ކާން ދެއްވާނީ، ބޭސްފަރުވާ ކޮށްދެއްވާނީ ނަޝީދުތޯއެވެ؟ ހަނދުމަފުޅު ކުރައްވައްޗެވެ. މި ފަދަ މައްސަލަތަކުގެ ސަބަބުން ޤައުމުގެ ފައިސާގެ އަގު ދަށް ވެ، މި ދެންނެވި ފަދަ ޙާލަތަށް ޤައުމުތައް ދިޔުމަކީ ދުނިޔޭގެ ތާރީޚުން މަދުން ފެންނަ މަންޒަރެއް ނޫނެވެ.

މި މައްސަލަޔާ ގުޅިގެން، އިންޑިޔާގެ ނޫހެއް ކަމަށް ވާ ދި އިންޑިޔަން އެކްސްޕްރެސް ގައި 7 ފެބުރުވަރީ 2018 ވީ ބުދަ ދުވަހު "މޯލްޑިވްސް ކްރައިސިސް: އިންޑިޔާ ލުކްސް އެޓް ސޭންކްޝަންސް، ނޮޓް ބޫޓްސް އޮން ގްރައުންޑް" މި މައުޟޫޢުގައި ޝާއިޢު ކުރި ލިޔުމެއްގައި ވަރަށް މުހިއްމު ވާހަކައެއް ބަޔާން ކޮށްފައި ވެއެވެ. ނިރޫޕަމާ ސުބްރަމާނިއަން އާއި ޝުބަހޖީތު ރޯއި ލިޔެފައި ވާ އެ ލިޔުމުގެ ހަތް ވަނަ ޕެރެގުރާފުގައި ބުނެފައި ވަނީ، އިންޑިޔާ ސަރުކާރުގެ އިސް ވެރީން ނަޝީދު ދެކެވަޑައިގަންނަވަނީ "ތަޞައްރަފު ނުފުދޭ" އަދި "ސުލޫކެއް އަޚްލާޤެއް ނެތް ބީދައަކުން ހަރުކަށިކަމާ އެކު، ތިމާ ވަރުގެ މުހިއްމު އަދި ބޮޑު މީހެއް ނެތް ކަމަށް ޤަބޫލު ކުރައްވާ" ބޭފުޅެއްގެ ގޮތުގައި ކަމުގައެވެ. އެ ލިޔުމުގައި ވާ އިނގިރޭސި ދެ ލަފުޒު ކަމުގައި ވާ "އިމެޗުއަރ" އަދި "ބްރޭޝް" ލިޔެފައި ވަނީ ކޮމާކޯޅީގެ ތެރޭގައި ކަމުން، އެއީ އާޓިކަލް ލިޔުނު ލިޔުންތެރީން އިންޑިޔާ ސަރުކާރުގެ އިސް އޮފިޝަލަކާ ވާހަކަ ދައްކައި، އެ އޮފިޝަލަކު ދެއްކި ވާހަކައިގައި ބޭނުން ކުރުމުން "ކޯޓް" ކޮށްފައި ވާ ބަސްތަކެއް ކަން އެނގެއެވެ. ވީމާ، އިންޑިޔާއިން ނަޝީދު ގާތް ކޮށްގެން އުޅެނީ އޭނާއަށް ކުރާ އިޙުތިރާމަކުން، އޭނާ އަކީ މާ ރަނގަޅު ލީޑަރެއް ކަމަށް ޤަބޫލު ކުރާތީ ނޫން ކަން މިއޮތީ ސާބިތު ވެފައި ނޫންތޯއެވެ؟

މިއީ ހައިރާން ވާން ޖެހޭ ކަމެއް ވެސް ނޫނެވެ. ނަޝީދުގެ ދިގު ތާރީޚަށާއި، ނަޝީދުގެ ވެރިކަމުގެ ކަންކަން ހިނގައިދިޔަ ގޮތަށާއި، ނަޝީދުގެ ކަންކަން ހުންނަ ގޮތަށް ބެލުމުން، ނަޝީދަކީ ޤައުމެއްގެ ވެރިކަން ކުރެއްވުމުގެ އެއްވެސް ޤާބިލުކަމެއް ނެތް، ދިވެހިރާއްޖޭގެ ދީނާއި ޤައުމިއްޔަތަށް ޙަސަދަ ލައިގެން ތިބި ބަޔަކު، މި ޤައުމު ހަލާކު ކޮށްލުމަށް ޓަކައި ބޭނުން ކުރާ ހަތިޔާރެއް ކަން އެއީ ޙަޤީޤަތުގައި ވިސްނާ ކޮންމެ މީހަކަށް ވެސް ވަރަށް ސާފު ވާނެ ކަމެކެވެ. އެހެންކަމުން، ދިވެހި ރައްޔިތެއްގެ ޙައިސިއްޔަތުން އަޅުގަނޑު ދަންނަވައިލާން އޮތް ވާހަކަ އަކީ، 06 ފެބުރުވަރީގައި ކުރެއްވި ޓުވީޓުގައި ދެއްކެވި ފަދަ ޤައުމަށް ޚިޔާނާތްތެރި، ޣަދަރުވެރި ވާހަކަ އަޅުގަނޑުގެ ނަމުގައި ނުދެއްކެވުން އެދި ނަޝީދަށް ދަންނަވާ ދެންނެވުމެވެ. އަޅުގަނޑަކީ ވެސް ދިވެހި ރައްޔިތަކީމެވެ. ތިޔަ ފަދަ ވާހަކަ އަޅުގަނޑުގެ ނަމުގައި ދެއްކެވުމުގެ އެއްވެސް އިޒުނައެއް ބާރެއް އަޅުގަނޑު ނަޝީދަކަށް އަރުވައިފައެއް ނުވާނެއެވެ. ނަޝީދުގެ "ތަޞައްރަފު ނުފުދުމާއި" ނަޝީދު "ސުލޫކެއް އަޚްލާޤެއް ނެތް ބީދައިން ހަރުކަށިކަމާ އެކު، ތިމާ ވަރުގެ މުހިއްމު އަދި ބޮޑު މީހެއް ނެތް ކަމަށް ޤަބޫލު ކުރައްވާ" ކުރެއްވުމުގެ އަގު ދައްކާން ޖެހެނީ މި ޤައުމާއި މި ޤައުމުގެ ދަރީންގެ މުސްތަޤުބަލުން ކަމުގައި ވެގެން ދިޔުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫނެވެ.

comment ކޮމެންޓް