ސުޕްރީމް ކޯޓުގެ އަމުރު ބާތިލު ކޮށްދޭން ރައީސް އެދިވަޑައިގެންފި

ރައީސް އޮފީހުގެ ލީގަލް އެެފެއާޒް މިނިސްޓަރު ކަމުގެ ލިޔުން ރައީސް އާޒިމާއާ ހަވާލު ކުރައްވަނީ ---

ސިޔާސީ ބައެއް ކުށްވެރީން ދޫކޮށްލުމަށާއި އެހެން ބައެއް ކަންކަން ކަނޑައަޅުއްވައި ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ކުރި އަމުރު ބާތިލުކޮށްދޭން އެދި ރައީސް ޔާމީން ކޯޓަށް ހުށަހަޅުއްވައިފި އެވެ.

ރައީސް ޔާމީން އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވި އެވެ.

ރައީސުލްޖުމްހީރިއްޔާއަށް ލިބިގެންވާ ބާރުތައް ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ހ)

  • މި ގާނޫނުއަސާސީ އާއި ގާނޫނުން ކަނޑައަޅަފައިވާ ކަންތައްތައް އިހުލާސްތެރިކަމާ އެކު ތަންފީޒުކޮށް ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން ގާނޫނު އަސާސީ އާއި ގާނޫނާ އެއްގޮތަށް އަމަލު ކުރުމަށް ބާރު އެޅުން
  • ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ނ) - ގާނޫނުގެ ވެރިކަން ކުރިއަރުވައި އެންމެންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކޮށްދިނުން

ސުޕްރީމް ކޯޓުގެ އަމުރު ބާތިލުކޮށްދޭން އެދުނު ސަބަބެއް ކަމަށް ރައީސް ވިދާޅުވެފައި ވަނީ ދައުލަތުގެ ހިންގުމުގެ ބާރުތައް އޮޅުން ބޮޅުންވެ ގާނޫނު އަސާސީން ދައުލަތް ހިންގުމުގެ ވަކިވަކި ބާރުތައް ލިބިދީ އުފައްދާފައިވާ މުއައްސަސާތަކުގެ ހިންގުމަށް ބުރުއަރާފައިވާތީ އެވެ.

އަދި އޭގެ އިތުރުން އެ އަމުރުގެ ސަބަބުން ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާއި ގުޅިފައިވާ އެތައް މަސްލަހަތުތަކެއް ގެއްލޭ ހިސާބަށް ގޮސްދާނެ ކަމަށް ރައީސް ޔާމީން ހުށަހެޅުއްވި މައްސަލާގައި ވަނީ ބުނެފަ އެވެ.

މައްސަލާގައި އިތުރަށް ބުނެފައި ވަނީ ކޯޓު އަމުރުގެ ދަވަނަ ނަމްބަރުގައި ޖޭއެސްސީގެ ބާރު ކަނޑުވާލައި ގާނޫނު އަސާސީގެ 157 ވަނަ މާއްދާގެ (ށ)ގެ ބާރު ކަނޑުވާލައި ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

ގާނޫނު އަސާސީގެ 157 ވަނަ މާއްދާގެ (ށ)

  • ޖުޑީޝަލް ސާވިސް ކޮމިޝަނަކީ ވަކި ފަރާތަކަށް ބުރަނުވާ މުސްތަގިއްލު މުއައްސަސާއެކެވެ. އަދި އެ ކޮމިޝަނުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރައްވާނީ ގާނޫނު އަސާސީއާ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުގައި ހިމެނޭ އެންމެހާ މީހުންނާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ކޮންމެ ފަރާތެއްގެ މައްޗަށް ޖޭއެސްސީގެ އިހުތިސާސް ހިގާނެ އެވެ.

"މިއީ ސުޕްރީމް ކޯޓަށް ވިޔަސް ލިބިދީފައިވާ ބާރަކަށް ނުވާތީ ޖުޑިޝަލް ސާވިސް ކޮމިޝަނުގެ މަސައްކަތް ކުރެވޭނެ ގޮތެއްގެ މަތިން ކޯޓުގެ އަމުރު ބަދަލު ކުރެއްވުމަށް ދަންނަވަން،" ރައީސް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވެ އެވެ.

ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގައިވާ ތިން ނުކުތާ

(ހ) - ސުޕްރީމް ކޯޓުގެ އަމުރު ނެރުމާ އެކު ދައުލަތުފެ ބަންޑާރަ ނައިބުގެ ފަރާތުން ވަނީ މަނިކުފާނާ މަޝްވަރާ ކުރެއްވުމަށް އެދިވަޑައިގެންފައި. އަދި މި މަޝްވަރާގައި މައްސަލަތަކުގައި ހުރި ކަންބޮޑުވުންތައް ޕީޖީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމަށް މަނިކުފާނު ވަނީ އިރުޝާދު ދެއްވާފައި

(ށ) - މި އިރުޝާދާއި އަދި ސީދާ ޕީޖީއަށް މަނިކުފާނު ދެއްވި އިރުޝާދުގެ ދަށުން އެކަމަނާ ހުށަހެޅުއްވި ކަންކަމަށް ހައްލެއް ހޯއްދަވައި ނުދެއްވާ އެކަމަނާ ހުށަހެޅުއްވި މައްސަލަތަކުގެ ޖަވާބުގައި ކުރީގައި ނެރުއްވި ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ނިންމާފައި ވުމުން އެކަންކަމަށް ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ގާނޫނީ ފަރުވާއެއް ހޯދައި ދިނުމަށް ޕީޖީ ވަނީ އަޅުގަނޑަށް އިލްތިމާސެއް ހުށަހަޅުއްވާފައި

(ނ) - ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވާފައިވާ އަމުރުގެ ސަބަބުން ގާނޫނު އަސާސީންނާއި ގާނޫނުތަކުން ކަނޑައަޅާދީފައިވާ ކޯޓުތަކުގެ އޮނިގަނޑާއި ކޯޓުތައް ތަރުތީބު ކުރެއްވިފައިވާ ގޮތަށް ބާރުތަކުގެ ހަމަތައް ގެއްލި ޝަރުއީ މަރުހަލާގެ ހުރިހާ ކޯޓަކުން ނިންމާ ހުކުމް ކޮށްފައިވާ މައސަލަތަކެއް، އެމައްސަލަތަކުގެ ހުކުމްތައް ބާތިލު ކުރެއްވުމެއް ނެތި ދަށުކޯޓަކުން ބެލުމަށް އަމުރުކޮށް އެކަން ނުކޮށްފި ނަމަ ޖިނާއީ ކުއްވެރިން ކަމުގައި ދޭހަވާގޮތަށް ކަނޑައަޅުއްވައި ޝަރުއީ ފަހު މަރުހަލާއާ ހަމައިން ހުކުމް ކޮށްފައިވާ މީހުންނާއި އަދި ޝަރުއީ އެކި އެކި މަރުހަލާގައި މައްސަލަތައް ހުރި މީހުންނާއި ތަހުގީގުގެ މަރުހަލާގައި މައްސަލަތައް ހުރި މީހުން ހިމެނޭ ގޮތުން އެތައް ކުށްވެރިންނެއް ވަގުތުން މިނިވަން ކޮށްދޫކޮށްލުމަށް އަމުރުކޮށްފައި ވުމުން

"މިކަމުގެ ސަބަބުން ޖިނާއީ އަދުލުގެ ނިޒާމުގައި ހުކުމް ކުރެވިފައިތިބި އެތައް ބަޔަކަށާއި ގާނޫނި އިޖުރާއަތުގެ މަރުހަލާގައި ތިބި އެތައް ބަޔަކަށް ގާނޫނު އަސާސީގެ 20 ވަނަ މާއްދާއިން ހަމަ އެފުރުސަތު ލިބިދެވާ ކަމަށް އަޅުގަނޑަަށް ގަބޫލު ކުރެވޭތީ ޕީޖީ ހުށަހަޅުއްވާފައިވާ ވަކި ވަކި މައްސަލަތަކަށް ގޮތް ކަނޑައަޅުއްވައި ދެއްވުމަށް އެދެން،" ރައީސް ހުށަހެޅުއްވި މައްސަލާގައި އެދިފައިވެ އެވެ.

އޭގެ އިތުރުން ވެސް ރައީސް ޔާމީން ވަނީ އިތުރު ދެ މައްސަލައެއް ހުށަހަޅުއްވާފަ އެވެ. އެއީ ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހުސައިން ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލު ކުރުމުން އެ އަމުރު ސައްހަ ކަމަށް ކަނޑައަޅައި ދިނުމަށް އެދި އެވެ.

comment ކޮމެންޓް