ދީނީ އެއްބައިވަންތަކަމުގެ ގަވައިދު ދެހަފުތާގެ ތެރޭ ގެޒެޓުކުރާނެ: ޕްރެސް ސެކްރެޓަރީ

    16 އޯގަސްޓް 2011 - 9 މަސް 3 ދުވަސް ކުރިން
    13 ކޮމެންޓު

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިޔާމަތްކުރުމާ ބެހޭ ގަވާއިދު އިސްލާހުކޮށް ނިންމައި ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ގެޒެޓް ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީ އިން އިސްލާހުކޮށް ގެޒެޓް ކުރަން ފޮނުވި ނަމަވެސް ދެ ވަނަ ވިސްނުމަކަށް ދިޔުމަށް ރައީސް އޮފީހުން ކުރިން އެންގި ގަވައިދު ގެޒެޓް ކުރަން ނިންމީ، ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހައިރު މިއަދު ވިދާޅުވި ގޮތުގައި، ރައީސް އޮފީހާއި އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރި އިސްލާހުތަކަށް ފަހު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު ކުރިއަށް ދަނީ ގަވައިދުގެ ލޭއައުޓްގެ މަސައްކަތެވެ.

"ގިނަ ބަޔަކު އިންތިޒާރު ކޮށްގެން ތިބި ގަވާއިދެއް މިއީ. ގިނަ ސަބަބުތަކަކާ ހުރެ ލަސްވެގެން ދިޔައީ. އެއީ ކުރިން އެ ގަވާއިދު އިސްލާހު ކުރުމުގައި ކުރީގެ ސްޓޭޓް މިނިސްޓަރު ]މުހައްމަދު[ ޝަހީމް އުޅުއްވަމުން ގެންދަވާފައި އެހެން ސަބަބަކާ ހުރެ އިސްތިއުފާދެއްވުމާއި އައު ބަންޑާރަ ނައިބެއް އައްޔަން ކުރުމާ އެކު އޮތީ މަޑުޖެހިފައި. އެހެން އޮއްވައި ހުސައިން ރަޝީދާއި ޝެއިހު ]މުހައްމަދު[ ގުބާދު އަދި ބަންޑާރަ ނައިބުވެސް ބައްލަވައިގެން އިސްލާހުކޮށް ނިންމަވާފައި ފޮނުވާފައި އޮތީ. ލޭއައުޓް ހަދައި ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭގައި ގެޒެޓް ކުރެވޭނެ،" ޒުހައިރު ވިދާޅުވި އެވެ.

ފުލުހުންނާއި ހޯމް މިނިސްޓްރީ އާއި އަދި ސަރުކާރުގެ އެހެނިހެން ވެސް ކަމާ ބެހޭ މުއައްސަސާތަކުގެ މަޝްވަރާގެ މަތިން އިސްލާމިކް މިނިސްޓްރީން ފުރަތަމަ އިސްލާހު ކުރި ގޮތަށް އެ ގަވާއިދު ގެޒެޓް ނުކުރެވުނީ އެ ގަވާއިދަށް އަމަލުކުރުމުގައި ސިޔާސަތުތައް ހިންގާ ތަންފީޒު ކުރުމުގައި ދަތިތަކެއް ދިމާވާނެތީ ކަމަށް ޒުހެއިރު ވިދާޅުވި އެވެ.

"މީގެ ކުރިން އެ ގަވާއިދުގައި އެ މިނިސްޓްރީގެ މެންޑޭޓާ ނުގުޅޭ ކަންތައްތަކެއް ހުރުމާއި ގާނޫނުތަކުން ބެލެނިވެރިކަން ލިބެން ޖެހޭ ކަންތައްތަކެއް ވެސް ހުރިކަން ފާހަގަވެ، އެކަމުން ސިޔާސަތުތަކަށް ބުރުލެއް އަރާފާނެ ކަމަށް ލަފާ ލިބުނީމާ އަލުން އިސްލާހުކުރީ. އެ ފާހަގަކުރެވުނު ކަންކަން ރަނގަޅު ކުރުމަށް ފަހު މިހާރު މި ގެޒެޓް ކުރެވެނީ،" ޒުހައިރު ވިދާޅުވި އެވެ.

އެފަހަރު އެ ގަވާއިދު ފޮނުވި ގޮތަށް ގެޒެޓް ނުކުރުމަށް ދީނީ ކަންކަން ކުރިއަރުވަން ހަރަކާތްތެރިވާ ބައެއް މަދަނީ ޖަމްއިއްޔާތަކުން ވެސް ގޮވާލާފައިވެ އެވެ. ނަމަވެސް، ގަވައިދު ގެޒެޓް ނުކުރެވި ލަސްވުމާ ގުޅިގެން ސަރުކާރަށް ވަނީ ގިނަ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

ކިޔުންތެރިންގެ ޚިޔާލު

ކޮމެންޓު ލޯޑުވަނީ

ކޮންމެ ހިޔާލެއް ވެސް ޝާއިއު ކުރެވޭނެތަ؟

ކިޔުންތެރިންގެ ހިޔާލު ގިނަވުމަކީ ސަން އެދޭ ގޮތެވެ. ސަންގެ ކިޔުންތެރިންގެ ހިޔާލާއި ކުރެހުމާއި ފޮޓޯ އާއި ލިޔުމާއި ވީޑިއޯ އަށް ސަންގެ ސޮފުހާތައް ވަނީ ހުޅުވައިލައިފަ އެވެ. ސަން ގަބޫލު ކުރާ އުސޫލަށް ކިޔުންތެރިން އެއްބަސްވާ ގޮތަށެވެ.
ޕޯސްޓްކުރާ ހިޔާލުތަކުގެ ތެރެއިން ހިޔާލެއް ވިޔަސް ލިޔުމެއް ވިޔަސް ކޮމެންޓެއް ވިޔަސް ފޮޓޯ އާއި ވީޑިއޯ ވިޔަސް ސަން އިން އެއަށް ސަމާލުކަން ދޭނެ އެވެ. ހުރިހާ ހިޔާލެއްގެ ތެރެއިން ޝާއިއު ކުރާނީ ސަން އިން ފުރާނާ މިންގަނޑަށް ފެތޭ ލިޔުންތަކާއި ހިޔާލުތަކެވެ. ޝާއިއު ކުރުމާއި ނުކުރުމުގެ ގޮތާއި ހަމަ ކަނޑައަޅާނީ ސަން އެވެ.

ޚިޔާލު ފާޅުކުރައްވާ!